ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
13 މާޗް 2018 - 20:13
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ކޮންމެ ގާނޫނެއް ވެސް އިސްލާހުކުރަން ތައްޔާރަށް ހުންނެވި ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރާ ކޮންމެ މީހަކާ ދެކޮޅަށް ޕީޕީއެމުން ވެސް މަސައްކަތް ކުރާނީ "ފިސާރި ކެރިގެން" ކަމަށެވެ. އަދި ޕީޕީއެމް މެމްބަރުންނަށް ދައްކާ ބިރަކަށް ޖެހިލުން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް/އެމްޑީއޭ ގެ މެމްބަރުންނަކީ މި ގައުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ތިއްބެވި މެމްބަރުންތަކެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަމަކު، ހަމަ އެ ނޭވާގައި އަބްދުއްރަހީމް ވަނީ މި އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.
"ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން އިސްލާހު ކުރަން ޖެހޭ ކޮންމެ ގާނޫނެއް، ފާސް ކުރަން ޖެހޭ ކޮންމެ ގާނޫނެއް ފާސް ކުރާނީ އިދިކޮޅު މީހުން ދައްކަފާނެ ވާހަކައަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ،" ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ބަލިކަށި ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރަނީ އަމިއްލަ ބޭނުމެއްގައި ނޫން ކަމަށާއި އެއީ ދިވެހި ގައުމާއި ރައްޔިތުންގެ ބޭނުމަށް ކުރާ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް އިސްލާހު ކުރުމަށް ފަހު، މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އަބްދުއްރަހީމް ވަނީ ގައުމަށް މުހިންމު ކޮންމެ ބިލެއް ފާސް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
ގޮނޑި ގެއްލުނު 12 މެމްބަރުންނަށް އިޝާރާތް ކުރައްވައި، އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކުން އެ ބޭފުޅުންނަށް ކޮށްދިނީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން 12 ބޭފުޅުންގެ ހައްގު ހޯއްދަވައިދެއްވުމަށް މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު، މި ބިލު ފާސް ކުރިއިރު، އަނެއްކާ ވެސް އެ ބޭފުޅުންނަށް ކުރިމަތިލެވޭނެ ފުރުސަތު އޮންނާނީ ބިލުގެ ތެރެއިން ފަހިކޮށްދީފައި. މި މަސައްކަތް މި ކުރަނީ ގައުމުގެ ހައްގުގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ވިދާޅުވީ ގޮނޑި ވިއްކުމަށް ނޫނެކޭ ބުނަން ކެރުނު ހަމައެކަނި އަންހެން ބޭފުޅަކީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ކަމަށެވެ. އަދި މަޖިލީހުގައި ދެން ތިއްބެވި އެހެން އަންހެން ބޭފުޅުންނަށް އޭނާ ފާޑު ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ގޮނޑި ވިއްކާލުމަށް ނޫނެކޭ ބުނަން ކެރުނު 36 މެމްބަރުންގެ ނަން ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ލިޔެ ލެވޭނެ ކަމަށެވެ. އަދި ނިހާނު ވަނީ އެންޓި ޑިފެކްޝަން ބިލާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވައި، ބިލު ވަރަށް ބޮޑަށް ދިފާއު ކުރައްވައިފަ އެވެ.
އަބްދުއްރަހީމް ވަނީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް އަންނަ ހުކުރު ދުވަހު ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން ނިކުތް ބަޔަކާ ދެކޮޅަށް ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާދިރު
16 March 2018
ދެން ޔާމީނުގެ އުމުރައްވެރިކަމުގަހުރެވޭގޮތައްބިލެއްހުށަހަޅަންވީނު
އަބްދު
15 March 2018
ގާނޫނު ބަދަލު ކުރާ ބަޔަކު ގާނޫނު ހަމަކުރާވާހަކަ ދައްކަން ލަދު ކޮބާ.. މިތާ މިހިރަ ކޮމެންޓްތައް ކިޔާލާފަ ލައިކް ބަލާލީމަ އަދުރޭއަކީ ކާކުކަމާއި މިސަރުކާރުގެ ތާއީދު އެނގިދާނެ.
ތިކަހަލަ އެންމެންގެ
14 March 2018
ތިކަހަލަ އެންމެންގެ ތަފްސީލް ފޮޓޯއާއި އެކޮށް ޔޫރަޕިއަން ޔުނިއަން އަށް
މުޙުއްމާ
14 March 2018
އެކަމަކު އަދުރޭ ހުވާކުރީ ޤާނޫނު އަސާސީއަށާއި ރައްޔިތުންގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް. ކެމްޕޭއިން ކުރިއިރުވެސް ފުނަދޫ ރައްޔިތުންކާރީގަ ނުބުނޭ ޔާމީނުގެ ވެރިކަން ދިފާޢުކުރަން ކޮންމެ ޤާނޫނަކަށް ވެސް އިސްލާހު ގެންނަވާހަކައެއް. އަދީބަށް ރައީސް ކަން ހޯދާދޭން އުޅެފަ އަދީބު ޖަލަށްލީމަ ސަލާމަތް ހޯދަން ދައްކާ ވާހަކަހެން ހާދަ ހީވެއޭ. ރައީސު ޔާމީނު އަދުރޭއަކަށް އިތުބާރެއް ނުކުރާނެ. ހަމަ ގޮޑި ގެއްލޭއިރަށް ޖަލަށް. އަދީބު ވަރަށް ސަލާމް ބުނި.
35509
14 March 2018
ޔާމީނު މުޅިއުމުރު ވެރިކަމުގަ ހުރެވޭ ގޮތަށް ޤާނޫނު ފާސްކުރަން ފެނޭ
އަހަމަދޫ
14 March 2018
އަދުރޭ އެކަމަކު ތިޔަކަން ކުރަންވާނީ ހެޔޮވެރިކަމެއް ދިފާއު ކުރަން.
ބާރި
14 March 2018
ހިތި ހިތި ގޮތކަށް ނިމިގެން ދާނެ ސޮރެއް މި އަދުރެއަކީ ، އިންޝާﷲ
ޕާޓީބޭބެ
14 March 2018
އަދުރޭ މީތި ކަޑައޭ. ބާރު އޮންނަ މީހުން ތިބޭނީ މަޑުން. ދެން ތިކަހަލަ ބޮޑެތި ވާހަކަ ނުބުންޏަސް މީތި ނިމޭނޭ. އަހެރެމެން ސާބިތުވެ ހެޔޮހިތުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދީ ގައުމު ކުރިއަރުވަން މަސައްކަތްކުރަމުންދާތަން އެންމެނަށް އެބަފެނޭ. ރާއްޖޭގެ މަލަމަތި ވަރަށް ސާފު. މި ސާފުކަންމަތީ ގޮސް 2018 ނިންމާލެވޭނެ. ކުޑަކޮން އިދިކޮޅު މީހުން ކިޔާއެއްޗެއް ކިޔަން ދޫކޮއްލަބަލަ،. ސިންގާ އެއް ވައްވައް ނުޖަހާނެ. ވިސްނާ
ގާނީމް
14 March 2018
ގާނޫނެއް ހަދާކަށްވެސް ނުފެނޭ...ހަމަ ހަވާލުވެލައިގެން ވަގުތު ޖެހެންދެން ތިއްބަވާ...ފިލަން ދާނެ އެްްވެސް ތަނެއްނެތް...ޓިނުތައް ފަހަތުން ދުވާނެ....
ގާނީމް
14 March 2018
ގާނޫނެއް ހަދާކަށްވެސް ނުފެނޭ...ހަމަ ހަވާލުވެލައިގެން ވަގުތު ޖެހެންދެން ތިއްބަވާ...ފިލަން ދާނެ އެްްވެސް ތަނެއްނެތް...ޓިނުތައް ފަހަތުން ދުވާނެ....