ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މުޒާހަރާއެއްގައި. -- ފޮޓޯ: މިހާރު
15 މާޗް 2018 - 14:24
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތައް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނިކޮށް، މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ގޮތްތަކެއް ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލްގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގައި އާދީއްތަދުވަހަށް ތާވަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބަލަނީ މިއީ ގާނޫނުއަސާސީއާ ޚިލާފް ގާނޫނެއް ކަމަށް ބުނެ އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ތާވަލްކޮށްފައި ވަނީ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށެވެ.
އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.
ނަމަވެސް ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ބައެއް ނުހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ_
15 March 2018
މިއީ ހަގީގަތުގައި ތިޔަ ކޯޓުގެ މިނިވަންކަން އޮތް ވަރު ދުނިޔޭގެ ކުރިމަތީގައި ސާބިތުކުރާ ޝަރީއަތް.
މޫސައި
15 March 2018
ފަނޑިޔާރުން މަޤާމުން ވަކިވަނީ ދަށުކޯޓުން ކުށް ސާބިތު ވުމުން ކަމުގައި ވާނަމަ، އިސްތިއުނާފުގެ މާނައެއް ނެތް. ޤާނޫނުން ސާފުވާންޖެހޭ ކަންކަން: 1. މަޤާމު ގެެއްލެނީ ކޮން މަރުހަލާގެ ކޯޓަކުން ހުކުމް ކުރުމުންކަން. 2. ފަނޑިޔާރުގެ އެ މަޤާމަށް އެހެން މީހަކު ހަމަނުޖައްސާ މަޑުކުރަންވީ ކޮން މަރުހަލާއަކުން މައްސަލަ ނިމެންދެންކަން. 3. ސްޕްރީމް ކޯޓުން ފަނޑިޔާރުގެ މައްޗަށް ކުށް ސާބިތު ނުވާނަމަ އަލުން އޭނާގެ މަޤާމު ލިބޭނެކަން ނުވަތަ ނޫންކަން.
ފޫހޖ
15 March 2018
ފަޑިޔާރުން އިމްތިހާނު ކޮށްލަން ރަނގަޅު ކަމެއް.
ބޭރު
15 March 2018
ގާނޫނު އަސާސީގައި ނުވަތަ ގާނޫނުގައި ނުވަތަ އާންމު އުސޫލްގައި ނުވަތަ ބުއްދީގެ ހަމަތަކުން ބަލާއިރު ކޮންމެ ގޮތަކަށް އޮތަސް އުއްމީދު ނުކުރާ ކަހަލަ ހުކުމެއް ކޮށްފިނަމަ ދޫނިދޫ ނޫން ތަނެއް ނެއްކަށް ކަށަވަރުވާއިރު ކިހިނެތްތޯ އެހެން ހުކުމެއް ނެރެވޭނީ.
އަހުމަދުބެ
15 March 2018
ސްޕްރީމް ކޯޓުން ހިއްވަރު ދައްކަން ވީ ވަގުތެވެ. ރާވަމުން ދަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރުމަށެވެ. 12 ގޮނޑި ނުގެއްލޭ ކަމަށް ނިންމައިފިނަމަ ސްޕްރީމް ކޯޓް ގެ ފަނޑިޔާރުން ބަދަލު ކުރަން އުނދަގޫ ވާނެއެވެ.
މަންނާނު
15 March 2018
އަދުލަށް ހުކުމް ނުކުރެއިގެން ދިވެހިރާއްޖެ މީހާބޮޑު އަދަވަޅަކަށް ވެއްޓިގެން މިދަނީ