ޚަބަރު / ސުޕްރީމް ކޯޓް

އެންޓި ޑިފެކްޝަން ގާނޫނުގެ މައްސަލަ އަށް ހޫނު ރައްދެއް!

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންތަކެއް މަގުމަތީގައި. -- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ބިލު ގާނޫނަކަށްވެފައިވާ އިރު، އެއީ ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ކަމަށް ބުނެ، ދައްކަމުން އަންނަ ވާހަކަތަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ރައްދު ދީފި އެވެ. އަދި ދައުލަތުގެ ވާހަކަތަކަށް މައްސަލަ ހުށަހެޅި ފަރާތުން ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.

މައްސަލަ ނުބެލޭނެ ކަމަށް ދައުލަތުގެ ވަކީލާ ފާހަގަކުރެއްވި

އެންޓި ޑިފެކްޝަން ބިލް ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ މާޝާ ލުތުފީ އިޖުރާއީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، މި މައްސަލަ ހުށަހެޅިއިރު އެންޓި ޑިފެކްޝަން "ބިލް" ކަމުގައި ބުނެފައިވާތީ މިއީ ދުސްތޫރީ މައްސަލައިގެ އިހްތިސާސްގެ ތެރޭގައި ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، މައްސަލަ ނުބެލޭނެ ކަން ކަނޑައަޅައި ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެކަމަކު، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިއާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ މައްސަލަ ކޯޓަށް ބަލައިގަތުމާ ގުޅިގެން އެ މައްސަލަ ބެލޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

"މިއީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާނެ ގާނޫނެއް"

މެމްބަރުންގެ ވަކީލު ސަފާ ޝަރީފް ވިދާޅުވީ އެންޓި ޑިފެކްޝަން ބިލު ބަލައިގަނެ، ވޯޓަށް އަހާފައި ވަނީ ގާނޫނުއަސާސީއާ މުޅިން ހިލާފަށް ކަމަށެވެ. އަދި ބިލަށް ވޯޓަށް އެހިއިރު، ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު، މަޖިލީހަށް ހާޒިރު ނުކުރުމަކީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު

ސަފާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުން ވަކިވާ ހަތަރު ހާލަތެއް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. އަދި އެ ހަތަރު ހާލަތް އޮއްވާ، އިތުރު ހާލަތެއް ގާނޫނެއްގެ ތެރެއިން ގެނެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީއަށް މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ގާނޫނުން ދީފައި އޮތީމަ، ސަފާ ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ މެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ދީފައި އޮއްވާ އެންޓި ޑިފެކްޝަން ގާނޫނު އެގޮތަށް ބައްޓަންކޮށްފައި އޮތުމަކީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް ކުރި ކަމެއް ކަމަށް ވެސް ސަފާ ވިދާޅުވި އެވެ. އަދި ގާނޫނު މިހާރު އޮތީ، 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށާއި މެމްބަރުންނަށް ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން މާޒީއަށް ރުޖޫއަވެވޭ ގޮތަށް ގާނޫނުތައް ފާސް ކުރުމަކީ ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ އަމުރާ ހިލާފު ކަމެއް ކަން ސަފާ ފާހަގަކުރެއްވި އެވެ.

އެހެންވެ، ސަފާ އެދިވަޑައިގަތީ، މި ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށާއި މި ގާނޫނުގެ ދަށުން އެއްވެސް މުވައްޒަފަކު، އަމަލުކުރާނަމަ، އެކަން ހުއްޓުވައި ދިނުމަށެވެ.

"ހުރެ ބަހައްޓާފައި ތާރީހެއް ޖެހީކީ ނޫން"

ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަމާ ބެހޭ މުއައްސަސާއަކުން ކަނޑައަޅައިފިނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނު ފަރުމާކޮށްފައި ވަނީ ސުޕްރީމް ކޯޓުން މިދިޔަ ޖުލައި 13 ގައި ކުރި ހުކުމާ އެއްގޮތަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އަދި ގާނޫނުގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ފާހަގަކުރި ކަންކަން ފިޔަވައި، އިތުރު ކަމެއް ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ގާނޫނުގައި ތާރީހު ޖެހީކީ "ހުރެ ބަހައްޓާފައި ނޫން" ކަމަށް ވަކީލާ ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އެ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.

ސުޕްރީމް ކޯޓު. - ފޮޓޯ: މިހާރު

ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުގައި މާޒީއަށް ރުޖޫއަވެވޭ ގޮތަށް މީގެކުރިން ގާނޫނުތައް މަޖިލީހުން ފާސްކޮށްފައި އެބަހުއްޓެވެ. އެގޮތުން އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ޓޫރިޒަމް ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމެވެ.

އަދި ހައި ކޯޓުން ކުރި ހުކުމުގައި ޖިނާއީ އަދަބެއް ދިނުމާ ގުޅޭ ކަމެއް ނެތް ނަމަ، މާޒީގައި ހުރި ކަންކަމަށް ރުޖޫއަވެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އަދި ގާނޫނެއްގައި މާޒީގައި ހުރި ކަންކަންކަމަށް ރުޖޫއަވެވޭ ގޮތަށް ހިމަނައިފިނަމަ، އެއަށް އަމަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވަނީ ސަފާއާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ. އެގޮތުން މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތު ފިޔަވައި އިތުރު ހާލަތެއް ކަނޑައެޅޭނެތޯ ފަނޑިޔާރު އަބްދުﷲ ދީދީ ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި ސަފާ ވިދާޅުވީ މެމްބަރުންގެ ގޮނޑިއާ ގެއްލޭނެ ހާލަތްތައް އިތުރު ކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށާއި އެއީ ގާނޫނަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި މާޒީއަށް ރުޖޫއަވާ ގޮތަށް ކަންކަން ނުކުރެވޭނެ ކަން ބުނެފައި އޮތް ކަމަށާއި ގާނޫނު އޮތީ ގާނޫނުއަސާސީއަށް ބުރޫއަރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަނާރާގެ ވަރުގަދަ ސުވާލެއް ފަނޑިޔާރުންނަށް

މައްސަލަ ހުށަހެޅުއްވި އެއް މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން ޕާޓީގެ ނުފޫޒު މެމްބަރުންގެ މައްޗަށް ގަދަވުމަކީ މައްސަލައެއް ކަމަށެވެ. އަދި މެމްބަރުންނަށް މިނިވަންކަމާއެކު މަސައްކަތްކޮށް، މެމްބަރުން ބޭނުން ގޮތަކަށް ވޯޓު ލެވެން ޖެހޭނެ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި ޖުލައި 13، 2017 އޮތުމުގެ ބަދަލުގައި "ދައުރު ފެށުނު" ފަހުން ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތްނަމަ ވެސް އިންސާފުވެރި ގޮތަކަށް ވާނެ އެވެ. އެއީ ދައުރު ފެށުނު ފަހުން އެތައް މެމްބަރުންނެއް ޕާޓީ ބަދަލުކޮށްފައިވުމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި އަނާރާ ވަނީ ފަނޑިޔާރުންގެ ބެންޗަށް ވަރުގަދަ ސުވާލެއް ކުރިމަތި ކުރުވައިފަ އެވެ. އެގޮތުން ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށް ބުނެފައިވާއިރު، ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ގާނޫނެއް ފާސްކުރުމަކީ ހަމަޖެހޭ އުސޫލެއްތޯ ސުވާލު ކުރެއްވި އެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފަނޑިޔާރުންނާ އެގޮތަށް ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުން ހޯދަން ޖެހޭ މައުލޫމާތުތަކެއް ހުރުމުން، އިތުރު ފުރުސަތެއް ދިނުމަށް ދައުލަތުން އެދިވަޑައިގެންނެވި އެވެ. އަދި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތަށް އިތުރު ފުރުސަތެއް ދީ، އަންނަ އަންގާރަ ދުވަހު ޝަރީއަތް ބާއްވާނެ ކަން އަންގައިފަ އެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަހުމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. ނަމަވެސް ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ބައެއް ނުހިމެނެ އެވެ.

39 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 1%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާލާ މަންނަ

19 March 2018

ޢިނދިކޮޅު ފަރާތަށް ރަގަޅު އެއްގޮތެއްވެސް ނޯންނާނެ.ކައިފިންހޭ އަހައިފިއްޔާ ނުކަމޭ ބުނާނެ،ނުކަންހޭ އަހައިފިއްޔާ ބުނާނެ ކައިފީމޭ.މީދިވާލޭ ބުނެފިއްޔާ ބުނާނެ ރޭގަނޑޭ،

The name is already taken The name is available. Register?

އެޑްމުންޑޯ

19 March 2018

ނިމޭއިރު ފަނޑިޔާރުންގެ އިޚްލާސްތެރިކަން ފެނިގެންދާނެ ، ކޮންމެ ކޮޅަކަށް ނިމުނަސް އިންސާފުން ނިންމާނެކަމަށް މިފަހަރު ބެލެވޭ

The name is already taken The name is available. Register?

ވަކީލު

19 March 2018

ވަކީލާ އަކީ ދިވެހި ބަހެއްތޯ؟

The name is already taken The name is available. Register?

ބެނޭ

19 March 2018

ގޮނޑި ގެއްލިފަކަމަށް ކަނޑައަޅާފަތިބި 12 މެންބަރުންނަކީ އެމީހުން މަޖްލީހަށް އިންތިހާބުކުރަން ވޯޓުދިން ރައްޔިތިންނަށް ހަރާންކޯރުވެފަތިބި މެންބަރިންތަކެއް. ރިސްވަތުހިފާ ޕާޓީ ބަދަލުކުރާ މެންބަރުންނަށް ހައްގު އަދަބު ލިބެންޖެހޭނެ. އެމެންބަރުންނަށް ރައްޔިތުން ވޯޓުދިނީ ވިޔަފާރި އިސޫލުން މަޖްލިސް ތެރޭގަ ގޮނޑި ވިއްކާކަށްނޫން.

The name is already taken The name is available. Register?

ބޫމް

19 March 2018

ބޭފުޅާ ޕީޕީއެމްގައި ގިނަވާނީ ތިޔަބުނާޒާތުގެ މެންބަރުން. މެޖޯރެޓީ ހޯދީ އެގޮތަށް. ކިތައް ޖަލްސާގަ އެހެން ގޮވައިފި. ފައިސާ ދިންވާހަކަޔާ ބެހި ވާހަކޔާ ހިފި ވާހަކަ.

The name is already taken The name is available. Register?

ފަސީ

19 March 2018

ދެން މައްސަލައެއްނެތޭ. މެމްބަރުން ވަކިކުރެވިއްޖެއެއްނު. ދެންވެސް ގާނޫނު އަސާސީގަ ބުނާ މުއްދަތުގެތެރޭގައި، ނިކަން ހިއްވަރެއް ހުރިއްޔާ، ބައި އިލެކްޝަން ބާއްވަބަލަ

The name is already taken The name is available. Register?

މަގޭގޮޑި

19 March 2018

ޕާޓީގެ ކޮމެޓީއަކުން މެމްބަރުންގެ ގޮޑި ގެެއްލުވާލެވޭ ގޮތަށް އޮތްބައި އުނިކުރަން ފެނޭ. ގޮޑި ގެއްލެން ޖެހޭނީ މެމްބަރަކު އަމިއްލައަށް ޕާޓީއިން ވަކިވުމުން. ސަބަބަކީ މިރާއްޖޭގައި ކަންކަން އޮންނަ ގޮތުން ޕާޓީގެ ބޮޑުންގެ ނުފޫޒު ގަދަވެދާނެތީ. އަދި ދައުރުގެ މެދުތެރެއިން ވަކި ބައެއްގެ ގޮޑި ގެެއްލުމަކީވެސް އިންސާފެއްނޫން. އިންސާފަކީ މި ދައުރުގައި ޕާޓީ ބަދަލުކުރި އެންމެންގެ ގޮޑި ވެސް ގެއްލޭގޮތަށް އޮތުން.

The name is already taken The name is available. Register?

އާދަމް ޝަރީފް

19 March 2018

ތި ގާނޫނަކީ އެންމެ އާދައިގެ ވިސްނަމަކުން ވިސްނި ނަމަވެސް ގާނޫނު އަސާސީއާއި ޚިލާފް ގާނޫނެއްކަން އެގޭނެ. ދައުރުގެ މެދުތެރެއިން ތިފަދަ ގާނޫނެއް ހެދުމަކީ އެތައްބައެއްގެ ހައްގު ގެއްލޭނެކަމެއް. މެޗްފެށުމަށްފަހު ކުރިން ޖެހި ގޯލް ބާތިލުވާގޮތަށް ގަވާއިދު ބަދަލުކުރުން ކަހަލަކަމެއް. ދައުރުގެ މެދުތެެރެއިން ބަދަލުވާނަމަ ފުތަމަޖެހޭނީ މެމްބަރުން ހޮވުނު އިރު ހުރި ޕާރޓީއަކަށް ރުޖޫޢުވާން. އެއަށްފަހު ޕާރޓީ ބަދަލުކޮށްފިނަމަ ގޮޑި ގެއްލޭގޮތަށް ހެދިނަމަ ކޮންމެވެސް ވަރަކަށް ތި ގާނޫނަކީ ދެކޮޅު ޖެހޭ އެއްޗަކަށްވާނެ. އެހެންކަމުން ގާނޫނު ތަސްދީގު ކުރާވަގުތުން ފެށިގެން އެމީހަކު ހޮވުނު ޕާރޓީއަކަށް އޮޓްމެޓިކޮށް ބަދަލުވާގޮތަށް . ވަކީލުން މި ނުކުތާ ފާހަގަކުރައްވާނެ ކަމަށް ހީކުރަން. މަގޭ މެއިން ޕޮއިންޓަކީ ގާނޫނު އަސާސީ ގައި މެމްބަރުންގެ ގޮޑި ގެއްލޭނެ ހާލަތު ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް ތިގޮތަށް ގާނޫނެއް ނެހެދޭނެ.

The name is already taken The name is available. Register?

މާރިޔާ

19 March 2018

12މެންބަރުން ދެން ރާކަނިމަސް ކާ ތިތިބީ ރަގަޅައް ބޮޑި ބޮޔެފައި ނަސޭހަތެއް ދެން ތޯ އަހައް ރައީސް ޔާމިން އަރިހައް ވަޑާގަންނަވާ

The name is already taken The name is available. Register?

ނަސޭހަތް

19 March 2018

ތިޔަ ފަޑިޔާރުން އަމިއްލަ ލޮލުން މިހިނގާކަންކަމާއި މިކަންކަމުގެ މަޤްޞަދު އެނގިއެނގި ތިބެ، ދައުލަތުން އެދޭގޮތަށް ހުކުމްތައް ކުރުމަކީ ކޮންފަދަ ބިރުވެރިކަމެއް. މިއަދު ވިސްނަންވީ މަޤާމަކަށްނޫން. ޖަލަށްދާންޖެހިދާނެތީއެއްނޫން. މިއަދު ވިސްނަންވީ ޢަދުލުވެރި ޝަރީޢަތެއް ރައްޔިތުންނަށް ލިބޭނޭކަމުގެ ކަށަވަރުކަން ދިނުމަށް. އާދޭސްކޮށްފަބުނަން ޤައުމު ހަމަމަގަށް އަޅުވަދީ. ތިޔަ ތުރުކުރައްވާފައިވާ ކޯޓްގެ އަގުވެސް ހިފެހެއްޓޭނީ އޭރުން. އިއްޔެމެންދުރު ތިޔަ ބާރުވެރިކަމުގައި އެކުގައި މަސައްކަތްކުރެއްވި ދެ ބޭފުޅުން މިއަދު އެތިބީ އިންސާފުން ބޭރުން ޖަލަށްލާފަ. ވިސްނާފިކުރުކުރޭ.

The name is already taken The name is available. Register?

އރ...

19 March 2018

އެންމެ ފަހުން ތިގާނޫން ވެސް ތި އޮތީ ޕޕ އަތައް ގޮއްވާލާފަ. ތިގާނޫން ގަ ވެސް އެބަ އޮތް 13ޖުލައިގެ ފަހުން މެންބަރަކު އަމިއްލައައް ޕާރޓީން ވަކި ވިޔަސް ގޮނޑިގެއްލޭނޭ. އޭގެމާނައަކީ މެންބަރުންނައް އަމިއްލައައް ވެސް ވަކިވެވޭނޭ ޕާރޓީން. އެހެން ވީމާ ކުރިން ތި 12 މެންބަރުން ވަނީ 13ޖުލައިގެ ކުރިން ޕާރޓީން އަމިއްލައައް ވަކިވެފަ.އެހެން ވީމާ 12މެންބަރުންނައް ތި ގާނޫން އެޕްލައި ނުކުރެވޭނެ އެޢީ މާކުރިން އަމިއްލައައް ވަކިވެފައިވާތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454