ނޭޕާލުގައި ބޯޓު އެކްސިޑެންޓްވި ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
03 އެޕްރީލް 2018 - 13:50
ނޭޕާލުގެ ކަތަމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅެނިކޮށް މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި ޒަޚަމްވި ދިވެހި ޑޮކްޓަރަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
މި ހާދިސާގައި ޒަޚަމްވީ ނޭޕާލްގައި މެޑިސިންގެ ދާއިރާ އިން އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވަމުން އަންނަ ޑރ. ރިޒާނާ އަބްދުﷲ، 38، އެވެ. އޭނާ ދޫކޮށްލީ ކަތަމަންޑޫގެ ނޯވިކް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ނޭޕާލްގައި މެޑިސިންގެ ދާއިރާ އިން ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކު "މިހާރު" އަށް މިއަދު ބުނީ ރިޒާނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ. އަދި ރިޒާނާ، ދޭއް ނޫނީ ތިން މަސް ވަންދެން އަރާމް ކުރަން ޑޮކްޓަރު އަންގަވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ބޯޓު ވެއްޓުނު ހާދިސާގައި ރިޒާނާގެ މައިބަދައިގައި ވަނީ ރެނދުލައިފަ އެވެ. އަދި ރިޒާނާގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދިކުދި ޒަޚަމްތައް ލިބުނެވެ.
ކަތުމަންޑޫ ބީރު ހޮސްޕިޓަލްގައި ތައުލީމް ހާސިލް ކުރާ ރިޒާނާއަކީ މި ހާދިސާގައި ސަލާމަތްވި 22 މީހުންގެ ތެރެއިން އެކަކެވެ. ބަނގްލަދޭޝް އެއާލައިންސްގެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭން 49 މީހުން ވަނީ މަރުވެފަ އެވެ. މި ބޯޓުން ދަތުރު ކުރީ 71 މީހެކެވެ.
ބަނގްލަދޭޝް އިން ފުރައިގެން ނޭޕާލަށް ދަތުރު ކުރި ފްލައިޓް ބީއެސް 211 ވެއްޓުނީ މިދިޔަ މާޗް 12 ގަ އެވެ. އެ ހާދިސާގެ ތަހުގީގު ނޭޕާލް ފުލުހުން ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy