ކެޓުރީނާ އާއި ރަންބީރު "ޖައްގާ ޖާސޫސް"ގެ މަންޒަރެއްގައި
25 މެއި 2016 - 06:36
ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ ހަ އަހަރުވީ ލޯބީގެ ގުޅުން ކުއްލިއަކަށް ކެނޑިގެން ދިއުމުގެ ސަބަބުން އެ މީހުން އެކުގައި ކުޅެން ސޮއިކޮށްފައި އޮތް "ޖައްގާ ޖާސޫސް" އަށް ލިބުނު ގެއްލުން އިންތިހާ އަށް ބޮޑެވެ.
ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވާތީ ފިލްމުން ވަކިވެވެން ނެތިގެން ކެޓުރީނާ އާއި ރަންބީރު ވެސް ފިލްމު ޝޫޓިން އަށް ގަވާއިދުން ދެ އެވެ. ނަމަވެސް އެ ދެ ތަރިންގެ މެދުގައި އޮތް ނުތަނަވަސްކަމާއި ދެ މީހުން އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާތީ ފިލްމު ޝޫޓްކުރަން ޑައިރެކްޓަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވި އެވެ.
އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ރަންބީރު އާއި ކެޓުރީނާ އަށް ވެސް އެކުގައި މަސައްކަތްކުރުން މިހާރު ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ.
ދާދި ފަހުން މި ދެ ތަރިން ވަނީ "ޖައްގާ ޖާސޫސް"ގެ ލަވައެއް މޮރޮކޯގައި ޝޫޓްކޮށްފަ އެވެ. މި ލަވައިގެ ޝޫޓިން ކުރިޔަށް ދިޔައިރު ވެސް ދެ މީހުން އެކަކު އަނެކަކާ ހަތަރުކަޅި ވެސް ހަމަ ނުކުރާ ކަމަށް ވެ އެވެ.
އެކަމުގެ ސަބަބުން ލަވަ ނެގުމުގައި ވެސް ބޮޑެތި މައްސަލަތައް ފިލްމު ކުރޫ އަށް މެދުވެރިވިކަމަށް ވެ އެވެ. ލަވައިގެ ޝޫޓިން ނިމުމާ އެކު ރަންބީރު އެނބުރި މުމްބާއި އަށް ގޮސްފައިވާ އިރު ކެޓުރީނާ ދިޔައީ އޭނާގެ އާއިލާގެ ކައިރި އަށް ލަންޑަނަށެވެ.
ރަންބީރާއި ކެޓުރީނާ އެކުގައި ދެކެން ބޭނުންވާ އެ ދެ ތަރިންގެ ފޭނުން އުންމީދުކޮށްގެން ތިބީ މޮރޮކޯގައި ލަވައިގެ ޝޫޓިންގެ ތެރޭގައި މި ދެ ތަރިންގެ ގުޅުން ބަދަހިވެގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް އުންމީދުކުރި ގޮތާ ޚިލާފަށް އެމީހުން ގުޅުން އިތުރަށް ގޯސްވުން ފިޔަވައި އެހެން ކަމެއް ނުވެ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ދެ މީހުން އެކުގައި ފިލްމެއް ކުޅެން ސޮއިކޮށްފާނެ ކަމާ ދޭތެރޭ ވެސް ޝައްކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy