ޚިޔާލު / ޕްރެސް ފްރީޑަމް ޑޭ

ވިސްނާ! ނޫސްވެރިން ބަސްއަހާނެ ކަމެއް ނެތް!

ރައީސް އޮފީހުގައި 2016ގައި ބޭއްވި ސަރުކާރުގެ ނިއުސް ކޮންފަރެންސެއްގައި ނޫސްވެރިން ބައިވެރިވަނީ: ގިނަ، މުހިއްމު ޕްރެސް ކޮންފަރެންސްތަކުގައި، ސުވާލުކުރުމުގެ ފުރުސަތެއް ނޫސްވެރިންނަކަށް ނުލިބޭ. ފައިލް ފޮޓޯ: ރައީސް އޮފީސް

ވައިޓް ހައުސް އިން އާއްމުކޮށް ދުވާލަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ވަގުތުން ދެއްކުން މަނާކުރި ދުވަހެއްގައި އެމެރިކާގެ ޓީވީ ޗެނަލްތަކުން އެކަމާ ނުރުހުން ފާޅުކުރި އެވެ؛

"މިފަދަ މުހިއްމު ދުވަހެއްގައި، އެމެރިކާގެ ރައްޔިތުންނަށް މި ކަންތައް ވަގުތުން ފެންނަން އެ މީހުން ބޭނުން ނުވަނީ ކީއްވެގެންކަން އެއީ، ޚާއްސަކޮށް ވައިޓް ހައުސްގެ ކުރީގެ ކޮރެސްޕޮންޑެންޓެއްގެ ހައިސިއްޔަތުން، އަހަންނަށް ވަރަށް އާދަޔާޚިލާފު ކަމެއް،" ޕްރެސް ބްރީފިން ފެށިތަނާ ސީއެންއެން އިން ލައިވް ފީޑް ކަނޑާލުމުން ވާހަކަދައްކަން ފެށި އެންކަ ވުލްފް ބްލިޓްޒް ބުނެލި އެވެ.

"ނިއުސް ކޮންފަރެންސްތައް ކުރިއަށް ގެންދަން ޖެހޭނީ ލައިވްކޮށް،" ފޮކްސް ނިއުސްގެ ހޯސްޓް މާތާ މެކްކެލަމް ފާހަގަކުރި އެވެ.

އެހެން ދުވަހެއްގައި، ޕްރެސް ސެކްރެޓަރީގެ ޕްރެސް ބްރީފިންގެ ވީޑިއޯ ނުވަތަ އޯޑިއޯ ވެސް ނުނެގޭނެކަން އެންގި މައްސަލަ ހޫނުވެ، ތަޖުރިބާކާރު ބައެއް ނޫސްވެރިން ވަނީ މީޑިއާ އިން އެ ބައްދަލުވުންތައް ބޮއިކޮޓްކުރަން ގޮވާލައިފަ އެވެ. އޭގެ ތެރޭގައި އެމްއެސްއެންބީސީގެ ހޯސްޓް ޖޯއީ ރީޑް އާއި ސީއެންއެންގެ ސީނިއާ ވައިޓް ހައުސް ކޮރެސްޕޮންޑެންޓް ޖިމް އެކޯސްޓާ ހިމެނެ އެވެ. މީޑިއާއަކީ "ދުޝްމަނެއް" ކަމަށް ކަނޑައަޅުއްވައި، ކޮންމެ ފާޑުކިޔުމަކީ "ފޭކް ނިއުސް" ކަމަށް ވިދާޅުވުމުގެ އިތުރުން ވަކިވަކި ނޫސްވެރިންނަށް ތާއަބަދު ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕްގެ ހަތުރުވެރިކަމުން އެމެރިކާގެ މީޑިއާ އަށް ކުރިމަތިވެފައިވާ ވަރުގަދަ އިމްތިހާނުގައި، އެކޯސްޓާގެ ސުވާލަކަށްވީ، މީޑިއާ އަށް ކުރިމަތިކުރާ ހުރަސްތައް ތަހައްމަލްކޮށްލައިގެން ނޫސްވެރިން ތިބެނީ ކީއްވެގެންތޯ އެވެ. މިއީ، ރާއްޖޭގައި ކަން ހިނގަމުންދާ ގޮތާ މެދު، ދިވެހި ނޫސްވެރިން ވެސް ފަހަރުގައި ކުރަން ޖެހިއްޖެ ސުވާލެކެވެ.

"މީޑިއާއާ ކުރިމަތިލާނެ ގޮތް ނޭނގެންޏާ ނުވަތަ އުނދަގޫ ސުވާލުތަކަށް ޖަވާބު ދެވޭ ފެންވަރު ނެތިއްޔާ އެ ގާބިލްކަން ހޯދަންވީ އެވެ. މީޑިއާގެ ދައުރާއި ނޫސްވެރިންގެ ޒިންމާ އަށް ހުރަސް އަޅަންވީއެއް ނޫނެވެ."

ސަރުކާރުން ގެންގުޅޭ، ހާމަކަމާއި ޖަވާބުދާރީވުން ކުޑަ ސަގާފަތުގައި "ޕްރެސް ކޮންފަރެންސް"ގެ މާނަ ވެސް އޮޅުވާލައިފި އެވެ. ނޫސްވެރިންނަކީ ބުދުތަކެއް ހެން ގޮނޑިތަކެއްގައި ބައިތިއްބައިގެން ސަރުކާރުން ދައްކަން ބޭނުންވާ ވާހަކައެއް ދައްކާފައި ފޮނުވާލަން ތިބޭ ބަޔަކަށް ހަދައިފި އެވެ. ނިއުސް ކޮންފަރެންސަކަށް ނޫސްވެރިން ދާނީ ސުވާލުކުރާށެވެ. މުހިއްމު ކަންކަމުގައި ނުވަތަ އެ ނިއުސް ކޮންފަރެންސެއްގައި ދައްކާ ވާހަކައަކާ ގުޅިގެން އާއްމުން ބޭނުންވާނެ ޖަވާބުތައް ހޯދާށެވެ. އެ ފުރުސަތު ބަންދުކޮށް، ސުވާލުކުރުން މަނާކުރުމަކީ ނިއުސް ކޮންފަރެންސެއްގެ އެންމެ އަސާސީ ސިފަ ގެއްލުވައިލުމެވެ. ބޮޑެތި އަދި ސީރިއަސް ކަންކަމުގައި ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުން މިހާރު މިކަން އާދައަކަށް ހަދައިގެން އުޅުމަކީ މީޑިއާގެ ދައުރަށް އަޅާ ވަރަށް ބޮޑު ހުރަހެކެވެ.

ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ވިއްދައިގެން ގެނައި 45 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ސަރުކާރުގެ ނިއުސް ކޮންފަރެންސްތަކުގައި ނޫސްވެރިންނަށް ޖެހުނީ ދެއްކި ވާހަކަތައް އަޑުއަހާލާފައި ނުކުންނާށެވެ. ފުލުހުންގެ ޕްރެސް ކޮންފަރެންސްތައް މި ތައްގަނޑަށް އަޅައި ވިރުވާލިތާ ކިތަންމެ ދުވަހެކެވެ. ލިޔެފައި އޮންނަ ބަޔާނެއް އަޑުއިއްވާލާފައި ދަނީ އެވެ. ފްލެޓް ދިނުމާ ބެހޭގޮތުން ހައުސިން މިނިސްޓަރު ނިއުސް ކޮންފަރެންސެއް ބޭއްވިޔަސް ހަމަ އެފަދަ އެވެ. މި ތަންތަނަށް ދާ ނޫސްވެރިން ހިތްހަމަނުޖެހުންތައް ފިއްތާލައިގެން އެނބުރި ދަނީ އެވެ.

"ސުވާލު ނުކުރެވޭނެއޭ ބުންޏަސް، ބަސް ނޭހުމުގެ ހައްގު ނޫސްވެރިންނަށް އެބަ އޮތެވެ. ހުރިހާ ނޫސްވެރިން އެކައްޗެއް ކިޔައި ސުވާލުކުރުމުގެ ޒިންމާ، ޕްރޮފެޝަނަލްކަމާއި އަދަބުވެރިކަމާ އެކު، އަދާކުރެވިދާނެ އެވެ."

ޑިމޮކްރެސީއެއްގައި މީޑިއާ އަށް ޖަވާބުދާރީވުމަކީ ވެރިން އަދާކުރަން ޖެހޭ ޒިންމާއެކެވެ. ރައްޔިތުންނަށް އެނގެން ޖެހޭ ކަންކަމާއި އެނގެން ނުޖެހޭ ކަންކަން ކަނޑައެޅުމަކީ ސަރުކާރުގެ އޮފިޝަލުންގެ އަތްމަތީގައި އޮންނަން ޖެހޭ ކަމެއް ނޫނެވެ. އެ މީހުންގެ ޒިންމާއަކީ ނޫސްވެރިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ. ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން، މައުލޫމާތަށް އެދި ކުރާ ކޮންމެ ސުވާލަކަށް ކޮންމެވެސް ޖަވާބެއް ދިނުމަކީ، އެ މީހުން ކުރަން ޖެހޭނެ ކަމެކެވެ. ދޭ ޖަވާބަކަށް ވުރެ ވެސް މުހިއްމު ވަނީ ސުވާލު ކުރުމުގެ ދޮރު ހުޅުވާފައި ބެހެއްޓުމެވެ. ނިއުސް ކޮންފަރެންސްތަކުން ވެސް ފެންނަން ޖެހެނީ އެ މަންޒަރެވެ. މީޑިއާއާ ކުރިމަތިލާނެ ގޮތް ނޭނގެންޏާ ނުވަތަ އުނދަގޫ ސުވާލުތަކަށް ޖަވާބު ދެވޭ ފެންވަރު ނެތިއްޔާ އެ ގާބިލްކަން ހޯދަންވީ އެވެ. މީޑިއާގެ ދައުރާއި ނޫސްވެރިންގެ ޒިންމާ އަށް ހުރަސް އަޅަންވީއެއް ނޫނެވެ.

ޕްރެސް ކޮންފަރެންސްތަކުގައި ސުވާލުކުރުން މަނާކުރުމާއި ވަކި މައުލޫއުއަކާ ގުޅޭ ގޮތަށް އެކަނި ސުވާލުކުރަން ޝަރުތުކުރުމަކީ ދިވެހިން ބަލައިގެންފައިވާ ޑިމޮކްރެސީގެ ރޫހެއް ނޫނެވެ. އެފަދަ އެންގުންތަކަށް ބޯނުލަނބައި ނޫސްވެރިން އެ މީހުންނަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފުމަކީ ޑިމޮކްރެޓިކް ގައުމުތަކުގައި އާއްމު އަދި އާދައިގެ ކަމެކެވެ. ސަރުކާރުގެ އޮފިޝަލުން ގަބޫލުކުރަންވީ އެއީ މީޑިއާގެ މިނިވަންކަމުގެ ބައެއް ކަމެވެ. އަދި ތިމަންނާމެން އެ ގޮތް ކިތަންމެ ބޭނުން ނުވިޔަސް، އެކަމަށް ހުރަސް އަޅައިގެން ނުވާނެ ކަމެވެ. ނޫސްވެރިންނަށް ސަރުކާރުގެ ވެރިންނާ ސީދާ ވާހަކަދައްކާކަށް އަބަދަކު ނުލިބެ އެވެ. ފުލުހުން ބަލަމުންދާ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކުރާކަށް ވެސް އަބަދު ނުލިބެ އެވެ. އެފަދަ ފުރުސަތެއް ލިބޭ ފަހަރަކު، އޭގެ ބޭނުން ހިފަން ނޫސްވެރިން ބޭނުންވާނެ އެވެ.

ދިވެހި ނޫސްވެރިންނަކީ މީހުންނަށް "އުނދަގޫ"ކުރާ ބައެއް ނޫނެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ނޫސްވެރިން އުޅޭ ގޮތަށް ކެމެރާ ހިފައިގެން ސުވާލުތައް ކުރަމުން ވެރިން ފަހަތުން ދުވެއެއް ނަހަދަ އެވެ. މީޑިއާ އަށް ފިލައިގެން އުޅޭ މީހުންނަށް ގޭގެ އާއި އޮފީސްތަކުގެ ދޮރުމަތިން ފާރަލައި ދިމާކޮށެއް ނޫޅެ އެވެ. ނިއުސް ކޮންފަރެންސްތަކުގައި ސުވާލު ނުކުރަން އަމުރުކުރީމާ ބަސް އަހައިގެން ތިބެނީ ވެސް މި "އަޚުލާގު"ގެ ސަބަބުން ކަމަށް ވެދާނެ އެވެ. ނުވަތަ ރާއްޖޭގައި ނޫސްވެރިކަން އަދި އެ ހިސާބަށް ނުދަނީ އެވެ. އެހެން ނޫނީ، ސުވާލު ނުކުރަން ކުރި އަމުރަކަށް ނުކިޔަމެންތެރިވި ނޫސްވެރިއަކަށް ސަރުކާރުގެ އޮފިޝަލަކު އިންޒާރުދިނުން ފަދަ ކަންކަން ހިނގާތީ ފަސްޖެހެނީ އެވެ. އެކަމަކު، ސުވާލު ނުކުރެވޭނެއޭ ބުންޏަސް، ބަސް ނޭހުމުގެ ހައްގު ނޫސްވެރިންނަށް އެބަ އޮތެވެ. ހުރިހާ ނޫސްވެރިން އެކައްޗެއް ކިޔައި ސުވާލުކުރުމުގެ ޒިންމާ، ޕްރޮފެޝަނަލްކަމާއި އަދަބުވެރިކަމާ އެކު، އަދާކުރެވިދާނެ އެވެ.

ނިއުސް ކޮންފަރެންސްތަކުގައި ސުވާލުކުރުން މަނާކުރުމަކީ ރާއްޖޭގެ ނޫސްވެރިން ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލަ އެވެ. އެހެން ނޫނީ، މިއީ ކިހާ ވަރެއްގެ ކަމެއް ކަން އާއްމުންނަކަށް އޮންނާނީ ނޭނގިފަ އެވެ. އަދި އިސާހިތަކު މި ސަގާފަތް ހަރުލައި މޫލައި އާދައިގެ ކަމަކަށް ވެދާނެ އެވެ.

ވައިޓް ހައުސްގެ ޕްރެސް ބްރީފިންތަކާއި މީޑިއާއާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ މެދު އެމެރިކާގެ ނޫސްވެރިން ނުރުހުން ފާޅު ނުކުރާ ނަމަ އެކަންކަން ވެސް އެންމެ ފަހުން ވެގެންދާނީ އެންމެން ބަލައިގަންނަ، އާދައިގެ ކަމަކަށެވެ. ސީއެންއެންގެ ޖިމް އެކޯސްޓާ ބުނި ގޮތަށް، އެ ހިސާބަށް ދަންދެން ބަލަހައްޓައިގެން ނޫސްވެރިން ތިބެގެން ނުވާނެ އެވެ.

7 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 0%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަރާދު

05 May 2019

ސުވާލުކުރަން ފުރުޞަތު ނުދިނުމަކީ ލިބިގެންވާ ހައްގެއް، އެހެން ގޮތްގޮތުން މައުލޫމާތު ހޯދައިގެން މަޢުލޫމާތު ފޯރުކޮށްދޭން ނޭންގޭ ނޫސްވެރިންޏަނަކީ ނޫސްވެރިންތަ

The name is already taken The name is available. Register?

ހަސަނުގެ ހިޔާލު

03 May 2018

ރާއްޖޭގަ އުޅެނީ ނޫސްވެރިންތަ؟. ނޫނީ ނޫސް ވެރިން ނަމުގައުޅޭ ސިޔާސީ އެކްޓިވިސްޓުންތަ؟

The name is already taken The name is available. Register?

މިތަނަކަށްނުފެތޭ

03 May 2018

ކޮންއިރަކުބާ ތިނޫސްވެރިން ބަސްއެހީ. އެގުނަސް ނޭގުނަސް ހިތްރުހޭގޮތަކަށް ސުރުޙީއަޅާ ލިޔަނީ.. ނުރުހޭމީހާ ގަންހިންގަނީ ނޫސްވެރިން... ރުހޭމީހާގެ ދެފުށުން ހިރަފުސްފޮޅާ ސާފުކޮށް ރައްޔިތުންނަށްދައްކަނީ.. މިއީ ޒިންމާދާރު ނޫސްވެރިކަންތަ.. ތިބުނިވައްތަރުގެ ނޫސްވެރިކަން އެމެރިކާ ހުޅަގުގެ ގައުމުތަކުގަ އޮތީމައެތަނުގަ ތިކަންކުރޭ. މިތަނުގަ ތިކަންނުކުރެވޭނެ.. އިސްލާމްދީނުގަ ތިބުނާގޮތަށް ފާރަލުމެ ނުކިޔަމަންތެރިވުމެ ދޮގުހެދުމެ ފަސާދަކުރުމެނުވޭ ޑިމޮކުރަސީ ކިޔަވަދޭން އެތަނަށްދޭ... ޒިންމާއަކީ ހަމައެކަނި ސަރުކާރުގަތިބޭބަޔަކު އަދާކުރަން އޮތްއެއްޗެނޫން... ނޫސްވެރިކަން ތިކުރަނީ ޒިންމާދާރުކޮށްތޯ ވިސްނަބަލަ ނޫސްވެރިން... މިގައުމުގަ ސިޔާސީނޫން ކަންކަންނެތްތަ.. އިޖުތިމާއީ ފަރުދީ ކަންކަންވެސް ނޫސްވެރިން ސިޔާސީކުރަނީ ޑިމޮކުރަސީގެދަށުންތަ..

The name is already taken The name is available. Register?

ްނަޖީބު

03 May 2018

ސުވާލުކުރުމުގެ ފުރުސަތު ނުދޭނަމަ ކޮންމެހެން ސިޓީއެއްކިޔަން ވަގުތު ނަގާނުލާ ބުނަންބޭނުން އެއްޗެއް ލިޔެފަ ނޫސްތަކަށް ފޮނުވާލިޔަސް އެންމެ ރަނގަޅުވާނެ.

The name is already taken The name is available. Register?

ފާތުން އަހުމަދު

03 May 2018

މިކަން ކުރަން މާ ލަސްވެސް ވެއްޖެ! ހުރިހާ ނުސްވެރިންނަށްވެސް ވިސްނޭނަމަ! ....

The name is already taken The name is available. Register?

ށަސހި

03 May 2018

ޕޮލިސްގެ ބަޔާންތައް މިހާރު އެ ހުންނަނީ އޮޅިގެންވެސް އެއްޗެއް ބުނެވިދާނެ ކމަށް ލިޔެފަ. އެހާވެސް ސިއްރުވެރި ކޮށް ކަންކަން މިދަނީ

The name is already taken The name is available. Register?

އެފް އެމް

03 May 2018

އެއްގޮތަކަށްވެސް ބަސްއަހާނެކަމެއް ނެތް އަހާކަށްވެސް ނުޖެހޭ އެކަމަކު ޒިންމާދާރު ނޫސްވެރިކަމެއް ކުރާތި ނޫސްވެރިޔަކަށްވީތީ ލިބިދޭ ހައްގުތަކުގެ ބޭނުން ހިއްޕެވުމަށްފަހު ޒިންމާއިން ބަރީއަނުވާތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454