އުރީދޫގެ "ފުޓްބޯޅަ ފޯރި" ސްޓިކާޕެކް: މީގެ ކުރިން ވެސް އުރީދޫ އިން ވަނީ ދެ ސްޓިކާޕެކެއް ތައާރަފް ކޮށްފައި.
03 މެއި 2018 - 21:25
އުރީދޫގެ "ފުޓުބޯޅަ ފޯރި" ގެ ނަމުގައި އުރީދޫން ވައިބާ ސްޓި ޕެކެއް ނެރެފި އެވެ.
ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިން ބުނީ މި ފަހަރު ނެރުނު ސްޓިކާ ޕެކްގައި ހުންނާނީ ފުޓުބޯޅައާ ގުޅުން ހުރި "ގޮވެލި"ތައް ކަމަށެވެ.
"[ފުޓްބޯޅަ ފޯރި] ސްޓިކާ ޕެކް މެދުވެރިކޮށް، ވައިބާ އަށް [ފުޓުބޯޅައިގެ ފޯރިގަދަ ގޮވެލިތައް] ގެނެސް ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސްޓިކާތަކުގެ ސަބަބުން ފުޓުބޯޅައިގެ ވާހަކަތައް ވަރަށް ތަފާތު ގޮތަކަށް ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޔަގީން ކުރަން،" ސްޓިކާ ޕެކާ ގުޅޭގޮތުން އުރީދޫ އިން ނެރުނު ބަޔާނެއްގައި، އެ ކުންފުނީގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވި އެވެ.
މި ފަހަރުގެ ސްޓިކާ ޕެކް ވެސް މައިގަނޑު ގޮތެއްގައި ތައްޔާރު ކޮށްފައި ވަނީ ދިވެހި ބަހުންނެވެ. އެގޮތުން އެ ސްޓިކާ ޕެކްގައި "ގޯލް"، "ހިނގާ ކުޅެން ދާން؟"، "އަދި ޖަހާނެ"، "ފައިބާ"، "ބޮޑު ބޯޅަ"ގެ އިތުރުން "ތަށި ނަގާނަން މި ފަހަރު" ފަދަ ލަފްޒުތައް ހިމެނެ އެވެ.
ވައިބާ ބޭނުންކުރާ މީހުންނަށް އުރީދޫ އިން މިއަދު ނެރުނު ސްޓިކާޕެކް މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މަގްބޫލު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ބަހުރުވަ އާއި އާދަކާދަތަކާއި ދިވެހިންނާ ގުޅުން ހުރި ތަފާތު ކޮންޓެންޓް ހިމެނުމަކީ އުރީދޫ އިން ވަރަށް އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން، ވައިބާ އަދި އެހެނިހެން ޕާޓްނަރުންނާ ގުޅިގެން، ދިވެހި ރަހަތައް ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކަށް ގެނައުމަށް ކުރިމަގުގައި ވެސް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy