ރާއްޖެ އަށް ހާއްސަ ދެވަނަ ވައިބާ ސްޓިކާ ޕެކް، "އޮލަ ވާހަކަ"އިގެ ނަމުގައި އުރީދޫން މިއަދު ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި މުޖުތަމައު އާއި އާދަކާދައިގެ ތެރޭގައި އެކުލެވޭ ބަހުރުވައިގެ މައްޗަށް ބިނާވެފައިވާ ސްޓިކާ ޕެކް ޑިޒައިންކޮށްފައި ވަނީ ރަށްޓެރިންނާއި އާއިލާގެ މީހުންނާ ކުރެވޭ މުއާމަލާތްތައް އިތުރަށް ފުރިހަމަވާނެ ގޮތަށް ކަމަށެވެ.
"އެންމެ އިހުއްސުރެ ދިވެހިންނަކީ 'އޮލަ ވާހަކަ'ތަކަށް ވަރަށް ފޯރި ހުންނަ ބައެއް. ހޮޅުއަށިތަކުގަ އާއި ޖޯލިފަތި ތަކުގަ އާއި އުނދޯލިތަކުގައި އަދި މިހާރު ކޮފީ މޭޒުތަކުގައި ވެސް މިކަން ކުރިއަށް ދޭ. މި ހުރިހާ 'އޮލަ ވާހަކަ'އެއް، ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރައްވާ ބޭފުޅުންގެ ފޯނުތަކަށް ވައިބާ މެދުވެރިކޮށް އިތުރަށް ފުރިހަމަ ކޮށްދިނުމަށް އުރީދޫން މިއަދު މި ތައާރަފް ކުރާ ސްޓިކާ ސެޓް އެހީތެރިވެދޭނެ،" އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވި އެވެ.
އުރީދޫގެ މާކެޓިން ކޮމިއުނިކޭޝަން އެގްޒެކްޓިވް އިސްމާއިލް މަޒްހަމް ވިދާޅުވީ "އޮލަ ވާހަކަ" ވައިބާ ސްޓިކާ ޕެކް އުފެއްދުމުގައި އިސްކަންދީފައި ވާނީ ދިވެހިންގެ މެދުގައި ދެކެވޭ ވާހަކަ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، މުޖުތަމައު އާއި ސަގާފަތާއި ގުޅުންހުރި ބަސްމަގު އެކުލެވޭ ގޮތަށް ބައްޓަން ކުރުމަށް ކަމަށެވެ.
އުރީދޫން ބުނީ މައިގަނޑު ގޮތެއްގައި ދިވެހި ބަހުން ޑިޒައިންކޮށްފައިވާ ސްޓިކާ ސެޓުގައި މިހާރުގެ މުޖުތަމައުގައި ގިނައިން ބޭނުންކުރެވޭ ބައެއް އިބާރާތްތައް ވެސް ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި "އިރާދަ ކުރެއްވިއްޔާ"، "ކޮބާ ކިހިނެއް؟"، "އުފާވެރި އުފަންދުވަހެއް"، "ނާހަމަ ތެދެއް؟" ފަދަ ލަފްޒުތައް ހިމެނެ އެވެ.
އެ ކުންފުނިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އުރީދޫން ވައިބާގައި ދިވެހި ބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކާތައް ތައާރަފް ކުރާނެ ކަމަށެވެ.
މި ސްޓިކާ ޕެކް އިތުރު އެއްވެސް އަގަކާ ނުލައި ވައިބާ ސްޓިކާ މާކެޓުން، ޑައުންލޯޑު ކުރެވެ އެވެ.
ރާއްޖޭގެ ގިނަ ބަޔަކު ވައިބާ ބޭނުން ކުރާ އިރު، އުރީދޫން ވަނީ މީގެ ކުރިން ވެސް ދިވެހި ބަހުން ސްޓިކާ ޕެކެއް ވައިބާގައި ތައާރަފްކޮށްފަ އެވެ. އެއީ ވައިބާ އަށް އައި ފުރަތަމަ ދިވެހި ސްޓިކާ ޕެކެވެ.
މީގެ އިތުރުން، އުރީދޫންވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުން ކުރެވޭ ޗެޓް ޕެކުތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް ތައާރަފްކޮށްފައި ވާ "ވައިބާ5" އިން ފަސް ރުފިޔާ އަށް، 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވެ އެވެ. އަދި "ވައިބާ11" ޕެކޭޖުން 11 ރުފިޔާ އަށް، ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމައަށް ވައިބާ ބޭނުންކުރެވެ އެވެ.