އުރީދޫން ތައާރަފްކުރި ވައިބާ ސްޓިކާ ޕެކް، "އޮލަ ވާހަކަ" މަސްދުވަހުގެ ތެރޭގައި ދެ މިލިއަން ފަހަރު ބޭނުންކޮށްފި އެވެ.
ރާއްޖެ އަށް ހާއްސަ ދެވަނަ ވައިބާ ސްޓިކާ ޕެކް ކަމަށްވާ "އޮލަ ވާހަކަ" އުރީދޫން ތައާރަފްކުރީ މިދިޔަ މަހުގެ 22 ގަ އެވެ.
މި ސްޓިކާ ޕެކަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅޭ ގޮތުން، އުރީދޫގެ އެސިސްޓެންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު މިރޭ ވިދާޅުވީ އުރީދޫން ވައިބާ ސްޓިކާ ޕެކެއް ފަރުމާކުރީ މަގްބޫލު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ބަސް ބޭނުންކުރުމުގެ ފުރުސަތު ފުޅާކޮށް ދޭން ކަމަށެވެ. މި ސްޓިކާތައް މެދުވެރިކޮށް ދިވެހިންގެ އަމިއްލަވަންތަކަމާ އެކު، އަމިއްލަ ބަހުން މުއާމަލާތް ކުރުމުގެ ފަހުރު ލިބިގެން ދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ޝުކުރު އަދާކުރަމުން، މި ފަދަ ދިވެހިވަންތަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރި އަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން އަރުވަން،" ނޫރާ ވިދާޅުވި އެވެ.
"އޮލަ ވާހަކަ" ސްޓިކާ ޕެކް ބިނާކޮށްފައި ވަނީ ދިވެހި މުޖުތަމައު އާއި އާދަކާދައިގެ ތެރޭގައި ހިމެނޭ ބަހުރުވަ އަސްލަކަށް ބަލައިގެން، ރަށްޓެރިންނާއި އާއިލާގެ މެމްބަރުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް އިތުރަށް ފުރިހަމަވާނެ ގޮތަކަށެވެ. އެ ގޮތުން، މައިގަނޑު ގޮތެއްގައި ދިވެހި ބަހުން ޑިޒައިންކޮށްފައިވާ މި ސްޓިކާ ޕެކުގައި މިހާރުގެ މުޖުތަމައުގައި ގިނައިން ބޭނުންކުރާ ބައެއް އިބާރާތްތައް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި "އިރާދަ ކުރެއްވިއްޔާ"، "ކޮބާ ކިހިނެއް؟"، "އުފާވެރި އުފަންދުވަހެއް"، "ނާހަމަ ތެދެއް؟" ފަދަ ލަފްޒުތައް ހިމެނެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ވައިބާ ބޭނުން ކުރަމުން އަންނައިރު، އުރީދޫން ވަނީ މީގެ ކުރިން ވެސް ދިވެހި ބަހުން ސްޓިކާ ޕެކެއް ވައިބާގައި ތައާރަފްކޮށްފަ އެވެ. އެއީ ވައިބާ އަށް އައި ފުރަތަމަ ދިވެހި ސްޓިކާ ޕެކެވެ. މި ދެ ސްޓިކާ ޕެކް ވެސް، ވައިބާގެ ސްޓިކާ މާކެޓުން ހިލޭ ޑައުންލޯޑް ކުރެވެ އެވެ.
މީގެ އިތުރުން، އުރީދޫން ވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުން ކުރެވޭ ޗެޓް ޕެކުތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް ތައާރަފްކޮށްފައިވާ "ވައިބާ5" އިން ފަސް ރުފިޔާ އަށް، 30 އެމްބީއާ ހަމަ އަށް ވައިބާ ބޭނުން ކުރެވެ އެވެ. އަދި "ވައިބާ11" ޕެކޭޖުން 11 ރުފިޔާ އަށް، ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމަ އަށް ވައިބާ ބޭނުންކުރެވެ އެވެ.