މަގުބޫލް މިއުޒިކް އެޕް ހަންގާމާ އުރީދޫން ރާއްޖެ އަށް ތައާރަފްކޮށްފި

އިންޑިއާގެ އެންމެ ބޮޑު ޑިޖިޓަލް އެންޓަޓެއިންމެންޓް ކުންފުނި ކަމަށްވާ ހަންގާމާއާ ގުޅިގެން، އެ ކުންފުނީގެ މަގުބޫލް މިއުޒިކް އެޕް، ހަންގާމާ މިއުޒިކް ޕްރޯ މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.


އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް، ބޮލީވުޑާއި ބައިނަލްއަގުވާމީ ޗާޓުތަކުން ހޮވާލެވިފައިވާ 3.5 މިލިއަނަށް ވުރެ ގިނަ ލަވަ ހައި ކޮލިޓީކޮށް އަޑުއަހައި އެ ލަވަތައް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި އެއްވެސް އިޝްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލާ މިއުޒިކް އަޑުއަހާލުމުގެ ފަސޭހަކަން ހަންގާމާ ޕްރޯ އިން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

"އެޕްގެ އެޑެޕްޓިވް ސްޓްރީމިން ފީޗާ މެދުވެރިކޮށް، ސްމާޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވޯކުގައި މިއުޒިކް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޑުއަހާލުމުގެ އުފާވެރިކަން ލިބިގެން ދާނެ އެވެ،" ބަޔާނުގައިވެ އެވެ.

ދުނިޔޭގެ ނިސްބަތުން ވެސް އެންމެ މަގުބޫލް މިއުޒިކް އެޕްތަކުގެ ތެރޭގައި ހިމެނޭ ހަންގާމާ ބޭނުންކުރުމަށް އުރީދޫން ވަނީ ތިން ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެއީ ދެ ރުފިޔާ ދައްކާ އެއް ދުވަހު ގެ ޕެކޭޖަކާއި އަށް ރުފިޔާ ދައްކާ ހަފުތާއެއްގެ ޕެކޭޖެއްގެ އިތުރުން، 25 ރުފިޔާ ދައްކާ އެއް މަސްދުވަހުގެ ޕެކޭޖެކެވެ. އެ ގޮތުން، ފުރަތަމަ ޕެކޭޖަށް SUB H1، ދެވަނަ ޕެކޭޖަށް SUB H2 އަދި ތިންވަނަ ޕެކޭޖަށް SUB H3 ޖެހުމަށް ފަހު 4725 އަށް އެސްއެމްއެސް ކުރުމުން އެ މީހަކު ބޭނުންވާ ޕެކޭޖެއް ނެގޭނެ އެވެ.

އުރީދޫން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ބައިނަލްއަގުވާމީ ޑިޖިޓަލް ކޮންޓެންޓް ރާއްޖެ އަށް ތައާރަފް ކުރާނެ ކަމަށެވެ.