މަހަކު އެންމެ 19 ރުފިޔާ ދައްކައިގެން ވައިބާގެ ހުރިހާ ސްޓިކާ ޕެކްތަކެއް ލިބޭ ޕެކޭޖެއް އުރީދޫން ތައާރަފްކޮށްފި އެވެ.

ނޫސްވެރިންނާ ދައްކަވަމުން އެކުންުފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަ ހުސެން ނިޔާޒް ވިދާޅުވީ ދިވެހިންގެ ތެރޭގައި ވައިބާ ވަނީ ވަރަށް މަގުބޫލުވެފައި ކަމަށެވެ. އެގޮތުން ވައިބާގެ ޕްރިމިއަމް ސްޓިކާ ޕެކްތަކުގެ ތެރެއިން ކޮންމެ ޕެކެއް 1.99 ޑޮލަރު (30.6 ރުފިޔާއަށް) ވިއްކަން ހުންނައިރު، ގިނަ ބަޔަކު އަންނަނީ މި ޕެކްތައް ގަންނަމުން ކަމަށެވެ.

ޕްރިމިއަމް ވައިބާ ސްޓިކާގެ ހިދުމަތަކީ އޮންލައިންކޮށް ފައިސާ ދެއްކުމުން ލިބޭ ހިދުމަތަކަށްވާއިރު، އަންލިމިޓެޑް ވައިބާ ސްޓިކާގެ މި ހިދުމަތުން ޕްރިމިއަމް ސްޓިކާ ޕެކްތައް ބޭނުންކުރުމުގެ މަގު އިތުރަށް ފަހިވެގެންދާނެ އެވެ. އަންލިމިޓެޑް ވައިބާ ސްޓިކާގެ ހިދުމަތް ހޯދަން STICKER ޖެހުމަށް ފަހު 4114 އަށް ފޮނުވުމުން ވައިބާގެ ސްޓިކާ މާކެޓުން ބޭނުން ވަރަކަށް ސްޓިކާ ޑައުންލޯޑް ކުރެވޭނެ އެވެ.

މިދިޔަ ހަފުތާގައި ވެސް އުރީދޫއިން ވަނީ އާ ހިދުމަތެއް ތައާރަފްކޮށްފަ އެވެ. އެގޮތުން އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތާއެކު އުރީދޫ ޕޯސްޓްޕެއިޑް އަދި ފިކްސްޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތް އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ 7 ދުވަހު ހިލޭ، އަދި އެއަށްފަހު ފުރަތަމަ 6 މަސްދުވަހު މަހަކަށް އެންމެ 49 ރުފިޔާއަށް ބޭނުންކުރެއްވޭނެ އެވެ.