މަޝްހޫރު މޯބައިލް އެޕްލިކޭޝަން ވައިބާގެ ޕަބްލިކް ޗެޓް ހެދި ރާއްޖޭގެ ފުރަތަމަ ކުންފުންޏަށް އުރީދޫ މޯލްޑިވްސް ވެއްޖެ އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުރީދޫގެ ޕަބްލިކް ޗެޓް މެދުވެރިކޮށް، ސްޓަމަރުންނަށް މުހިއްމު ޚަބަރުތަކާއި ރާއްޖޭގެ އެކި ހިސާބުތަކުން ޝައުގުވެރި ކުރުވާ ފަދަ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

ޕަބްލިކް ޗެޓް ތައާރަފް ކުރުމާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ޑިޖިޓަލް ދުނިޔޭގައި، ރައްޔިތުންނާ ގުޅުން ބަދަހިކޮށް، އެންމެ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގައި ސޯޝަލް މީޑިޔާއިން ވަރަށް ފުރިހަމަ ފުރުސަތުތަކެއް ހުޅުވާލަައި ދީފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހިން ވައިބާ ބޭނުންކުރާއިރު، އެ ފަރާތްތަކާ މުއާމަލާތް ކުރުމަށް އުރީދޫގެ ޕަބްލިކް ޗެޓް އެހީތެރިވެދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މުޖުތަމައާ އިތުރަށް ގުޅުވާލަދޭނެ އުފެއްދުންތެރި ގޮތްތައް ހޯދުމަކީ އުރީދޫ އިން އަބަދުވެސް ކުރަމުންދާ ކަމެއް،" ވިކްރަމް ވިދާޅުވި އެވެ.

އުރީދޫގެ ޕަބްލިކް ޗެޓަށް ވަދެވޭނީ viber.com/ooredoomaldives އިންނެވެ.

ވައިބާ ޕަބްލިކް ޗެޓަކީ މަގުބޫލް ފަންނާނުންނާއި ބްރޭންޑްތައް ވައިބާ ބޭނުންކުރާ ފަރާތްތަކާ ގުޅުވާލައިދޭ ޕްލެޓްފޯމެކެވެ. ވައިބާގައި ހަދާފައި ހުންނަ ޕަބްލިކް ޗެޓްތަކަށް، އެ އެޕްލިކޭޝަން ބޭނުންކުރާ ކޮންމެ މީހަކަށް ވެސް ވަދެވޭނެ އެވެ.