5ޖީ: އިންޓަނެޓް އަގު ހެޔޮކުރަން ހުރަހަކަށް ވެދާނެތަ؟

ދުނިޔެ އަށް 5ޖީ މުއާސަލާތީ ޓެކްނޮލޮޖީ ތައާރުފުކޮށް އޭގެ ފަސޭހަ އެއްބަޔަކު ހޯދަން ވެސް ފަށައިފި އެވެ. ބައްރުތަކަށް މި ޓެކްނޮލޮޖީ ގެނައުމަށް، ގައުމުތަކުން ކުރަން އޮތީ ބުރަ މަސައްކަތްތަކެކެވެ. އިންޓަނެޓް ޚިދުމަތްދޭ ކުންފުނިތަކަށް މިއީ ނުހަނު ބޮޑު ހޭދައެކެވެ.


އޭޝިއާގައި އެންމެ ފުރަތަމަ 5ޖީ ތައާރުފުކުރި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ މި އޮތީ ހިމެނިފަ އެވެ. މިއީ، ރަސްމީ މާނާގައި، އަދި ހަމައެކަނި މާލެ ސަރަހައްދަށް ލިބޭ ޚިދުމަތެއް ނަމަވެސް، ބައެއް އެހެން ސަރަހައްދުތަކަށް ލިބޭނެ ކަމަށް ބުނާތީ އަޑުއެހީމެވެ.

އޭޝިއާ ބައްރުގައި އިންޓަނެޓް އެންމެ އަގުބޮޑު ގައުމަކީ ދިވެހިރާއްޖެ އެވެ. އެކަމަކު މިއީ ކިހިނެއް ބުނެވޭ ބުނުމެއްހެއްޔެވެ؟ މިއީ ބަހުސަށް ހުޅުވާލެވިދާނެ ބުނުމެއް ކަމަށް ދެކެމެވެ.

ދިވެހިރާއްޖޭގައި އާބާދީ މަދެވެ. މުޅި ރާއްޖެ އަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ހޯދަން ޖެހެނީ، އާބާދީ ބޮޑު ގައުމުތަކުގައި ވެސް ބޭނުންކުރާ ފެންވަރުގެ އާލާތްތަކެވެ. މި ކަމަށް ކުރަންޖެހެނީ ނިސްބަތުން ބޮޑު ހޭދައެކެވެ. އާބާދީ ބޮޑު ގައުމުތަކުގައި ކުރާ ހޭދައިން ފައިދާވާހާ އަވަހަށް ދިވެހިރާއްޖޭގައި ކުރާ ވިޔަފާރިތަކުން ފައިދާއެއް ނުވާނެ އެވެ.

މި އަހަރު ނިމި އަންނަ އަހަރު ތެރޭގައި 5ޖީ ފޯރި އަދި ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. ސެލިއުލާ މުއާސަލާތީ ގުޅުންތައް 5ޖީ އަށް ބަދަލުކުރުމަށް، އިންޓަނެޓް ކުންފުނިތަކުން ޖުމުލަކޮށް މަސައްކަތް ފަށާނެ އެވެ. މުޅި ދުނިޔެ އެއް ބަހުރުވައަކުން މުއާސަލާތުކުރުމަށް ގައުމުތަކުން ވެސް 5ޖީ އަށް ބަދަލުވުން އަވަސްކުރާނެ އެވެ.

ދިވެހިރާއްޖޭގައި އިންޓަނެޓް އަގުހެޔޮކުރަން އަބަދު އެ ވާހަކަ ދައްކަމުން އަންނައިރު، 5ޖީ އަށް ކުރަން އޮތް ހޭދަ އަށް ވެސް ވިސްނަން ޖެހެ އެވެ. ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ޓެކްސް ދައްކަމުން އަދި ލިބޭ ފައިދާ އިން ބައެއް ދައުލަތުގެ ބައިތުލްމާލަށް ދޭއިރު، އިންޓަނެޓް އަގުހެޔޮކުރުން މާނަކުރެވޭ ގޮތެއް ވެސް ބުނެދޭން އެބަ ޖެހެ އެވެ.

އެއް ގޮތަކީ އިންޓަނެޓް އަގުހެޔޮކުރުމުން ޚިދުމަތްދޭ ކުންފުނިތަކަށް ވާ ގެއްލުމުގެ ބަދަލުގައި، ބައިތުލްމާލަށް ދޭ ބައިން އެ މިންވަރު އުނިކުރުމެވެ. އަނެއް ގޮތަކީ 5ޖީ ތަރައްގީކުރަން ކުރަންޖެހޭ މަސައްކަތްތައް އަހަރުތަކަކަށް ދިގުދަންމާލުމެވެ.

ދިވެހިރާއްޖޭގައި 5ޖީ ފުޅާކުރުމަކީ ސަރުކާރުން ބަދަލުދީގެން ކުރެވޭ މަސައްކަތްތަކެއް ނޫން ނަމަ، އެކަަން އޮންނާނީ ޚިދުމަތްދޭ ކުންފުނިތަކުގެ ވިސްނުމަށް ދޫވެފަ އެވެ. މާނަ އަކީ 5ޖީ ފެންވަރަށް ނެޓްވޯކްތައް ހަރުދަނާކުރުމަށް އަހަރީ ބަޖެޓްގައި ހިމެނޭ ވަރަކުން އެ އަހަރަކަށް މަސައްކަތް ނިންމާލުމެވެ. ބާކީ ބައި، ދެން އޮތް އަހަރު އެވެ.

އެހެންވެ، އިންޓަނެޓްގެ އަގާ 5ޖީ އާ ބޮޑު ގުޅުމެއް އެބަ އޮތެވެ. އަގު ހެޔޮކުރުމަށް 5ޖީ އަކީ ހުރަހަކަށް ވެދާނެ އެވެ.