ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވި އައުޓްޑޯ ކްލާސްރޫމުގައި ޓީޗަރަކު ކިޔަވައިދެނީ: ހުރިހާ ގްރޭޑެއްގެ ދަރިވަރުން ވެސް އެ ތަން ބޭނުންކުރާނެ ކަމަށް ބުނި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 މެއި 2018 - 13:10
ވަރަށް ހިތްގައިމު، ރީތި އައުޓްޑޯ ކްލާސްރޫމެއް ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވައިފި އެވެ. މިއީ މާލޭގެ ސްކޫލެއްގައި ހުޅުވި މިފަދަ ފުރަތަމަ ކްލާސްރޫމެވެ.
އެ ސްކޫލުގެ ބަގީޗާ ކުރިން ހުރި ތަނުގައި "ޖަމާލުއްދީން ދާލަ"ގެ ނަމުގައި ހެދި އެ ތަން ހުޅުވައިދެއްވީ، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި، ދެ ލައްކައެއްހާ ރުފިޔާ ހަރަދު ކޮށްގެން އެފަދަ ކްލާސްރޫމެއް ހެދީ، ތަފާތު މާހައުލެއްގައި ދަރިވަރުންނަށް ކިޔެވުމަށް ފުރުސަތު ދިނުމަށެވެ. އެހެން ކްލާސްރޫމްތަކާ އެއް ވަރަށް، އައުޓްޑޯ ކްލާސްރޫމުން ވެސް ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.
ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވި އައުޓްޑޯ ކްލާސްރޫމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައްލަވައިލައްވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައިި، އެ ކްލާސްރޫމް ހުރިހާ ގްރޭޑެއްގެ ދަރިވަރުން ވެސް ބޭނުންކުރާނެ އެވެ. އެގޮތުން އެކި މާއްދާތައް އެ ކްލާސްރޫމުގައި ނަގާއިރު، އެތަން ބޭނުންކުރުމަށް ޖެހޭނީ ބުކް ކުރާށެވެ.
ހަސަން ވިދާޅުވީ، މިހާރު ކްލާސްރޫމުތައް ހުންނަ ގޮތުން، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން އެންމެ ފުރިހަމައަށް ނުދެވެ އެވެ.
"ބަންދު ތަނެއްގައި ދަރިވަރުން ކިޔަވަން ތިބޭއިރު، އެ ސަމާލުކަން ދޭންޖެހޭ ވަރަށް ނުދެވޭ. އޯޕަން ތަނަކަށް ނުކުމެލާ ގަޑީގައި އެބަ ފެނޭ އެ ކުދިންގެ މޫނުމަތިން ފެންނަ ހިނިތުންވުމާއި ލިބޭ ހިތްހަމަޖެހުން. އެހެންވެ އޯޕަން ކްލާސްރޫމެއް ހުޅުވި އެންމެ ބޮޑު ބޭނުމަކީ، ހިތްގައިމު ރީތި މާހައުލެއްގައި ކިޔަވައިދޭނެ ޖާގަ ހޯދައިދިނުން،" ހަސަން ވިދާޅުވި އެވެ.
ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވި އައުޓްޑޯ ކްލާސްރޫމްގައި، ދަރިވަރުންތަކެއް ކިޔަވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ބަގީޗާގައި ހުރި ގަސްތައް މިހާރު ވަނީ، ހިޔާކޮށްފައި ހުރި ދާލައިގެ މައްޗަށް ބަދަލުކޮށްފަ އެވެ. އަދި އެ ތަނުގެ ބޭރުގައި ބޮޑު ގަހެއް ހުރުމުން، ދަރިވަރުންނަށް ލިބޭ ހިތްފަސޭހަކަން ބޮޑުވެގެން ދެ އެވެ.
ޖަމާލުއްދީން ދާލަ ހަދާފައިވަނީ، ދަރިވަރުން އިށީނުމަށް ތިން ބެންޗަކާއި ޓީޗަރަށް ކުޑަ އުނދޯއްޔެއް ހާއްސަކޮށްގެންނެވެ. އަދި އެ ތަނުގެ ވަށައިގެން ވެސް، އިށީނދެވޭނެ ގޮތަށް ބެންޗު ހަދާފައި ވެ އެެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ޖަމާލުއްދީން ސްކޫލުގައި މިއަދު ވަނީ ގިނަ ހަރަކާތްތަކެއް ބާއްވައިފަ އެވެ. އެގޮތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ވަނީ އެ ސްކޫލުގައި ތިބޭ، އަޑުއިވުމުގެ މަހުރޫމު ވެފައި ތިބި ދަރިވަރުންނަށް، ފްރިކުއެންސި މޮޑިއުލޭޝަން ސިސްޓަމެއް (އެފްއެމްސީ) ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުވެސް
11 May 2018
ތިތަނުގައި ކޮށްފައި ތިޔަހުރި މަސައްކަތާ ބަލާއިރު 2 ލައްކަ ރުފިޔާ މާބޮޑު. އަނެއްކާ ކޮރަޕްޝަންގެ ކަމެއް އުޅެނީބާ؟
ނަންނުބުނެވޭނެ
12 May 2018
މަސައްކަތުގެ އަގު އެނގޭނީ މަސައްކަތެއް ކުރަނ ފެށީމަ
ހަމަ ޚިޔާލު
11 May 2018
އަހަރުމެން ކުޑައިރު އައުޑްޑޯ ކަލާސްރޫމްގަ ކިޔެވީ ހިތްހަމަ ޖެހުމާއި ހިނިތުންވުން މަތީގަ، މި ފޮޓޯތަކަށް ބަލާފަ ހީވަނީ ރޮބޮޓްތަކެއް ބަހައްޓާފަހުރިހެން.....
ލާލާ
10 May 2018
ދުނިޔެ އަށް މިކަހަލަ ކަންތައްތަކަކީ ގިނަފަހރަށް ޕީޓީއިން ހޯދާ ފައިސާ އިން ކުރާ ކަންތައްތައް
ޓީޗަރ
10 May 2018
ޢަޅުގަޑުމެން މިއުޅެނީ ސެން ކުދިންނަށް ކިޔަވާދޭނެ ތަންކޮޅެއްގެ ޕާޓިޝަންވެސް ޖަހާލަދޭނެ ވަރު ނެތިގެން.
ހުރަސް
11 May 2018
ކީއްކުރާ ޕާޓިޝަނެއް، އައުޓްޑޯ އެއްނު އެއްޗަކީ.. ދުވަސްކޮޅަކުން ތިބޭނީ މޫދުގަ. މީތަރަށްގި އަކީ..
ޝަވޫތު
10 May 2018
"އައުޓް ޑޯ" ކްލާސްރޫމްގެ ވެޔޮގަނޑު އަސްލު ނަމަ އިތުރަށް ފުރިހަމަވެ ހިތްފަސޭހަވީސް. ޗާލު ގަސްތައް ހައްދަމާ. މިގޮތުން ވަރަށް ފާހަގަކޮށްލެވޭ ހިރިޔާ ސްކޫލް
މުހައްމަދު.ނ
10 May 2018
އަހަރެން 1988 އިން 1990 އަށް ގއ.ކޮޅަމާފުށީ އަތޮޅު މަދަރަސާގަ ކިޔެވިއިރު ކޮންމެ ދުވަހަކު ކޮންމެވެސް އެއްގަޑިއެއްގައި ކިޔަވަނީ ސްކޫލުގައި އޭރު ހައްދާފައި ހުންނަ ބަގީޗާތަކުގެ ތެރެއިން ކޮންމެވެސް އެއްބަގީޗާއެއްގައި. އެ ބަގީޗާތަކަށް ދަނީ ކޮންމެ ކުއްޖަކުވެސް ކުލާހުގަ ހުންނަ އެ ކުއްޖެއްގެ ގޮނޑި ހިފައިގެން.
އަހްމަދު
11 May 2018
އޭރުގަ އައުޓްޑޯ އޭ ނުކިޔައެއްނު؟ އިންގެރޭސިން "އައުޓްޑޯ" މިހިން ކީމާ "ކޫލްވެސް" ވާނީ.. އެހެންވީމާ ތެއެއްގަބޫލެއް ނުކުރެވޭނެ.
ލަތީ
10 May 2018
އަހުރެމެން ކުޑައިރު ސްކޫލުގައި ކިޔެވިއިރު ގިަނައިން ތިބެނީ ބޮޑެތި ގަސްތަކުގެ ހިޔަލުގައި ގުތުރަތީ ވައިގެ ތެރޭގައި އުފާވެރިކަމާއެކު، ކުލާސްރޫމުގައި ތިއްބަސް، މުޅި ޖައްވު ފެންނަން އޮވޭ.
އައިންތު
10 May 2018
ދެން ހުރިހާ ސްކޫލަކުން މީގެ ކްލާސް ހަދަން އުޅޭނީ އެހެން ކަމެއް ނުކޮށް
ދުނިޔެ
10 May 2018
މާލޭގެ ސްކޫލްތަކަށް މިފަދަ ތަންތަން ހަދަން ވަރަށް ބަޖެޓް ތަނަވަސް. ރާއްޖެތެރޭ ސްކޫލަށް އޭ4 ރީމެއް ގަނެވޭނީ މާލެއަށް ދެތިން ސިޓީން ދަންނަވައިގެން.
Abdulsattar
10 May 2018
ތިކަން ނިމުމަކަށްގެންނަންޖެހޭނެ
ޝިން
10 May 2018
އެސްކޫލުން މިކަހަލަ ކަންތައް ކުރަނީ ސަރުކާރުން ބަޖެޓް ދީގެން ނޫން.ވަރަށްގިނަ މަސައްކަތް ކުރޭ ލާރި ހޯދަން .ދިވެހިންނަށް މާބޮޑަށް އެގޭތީ މި ގޯސްވަނީ
އަހްމަދު
11 May 2018
ވޮޝުފިލާ އަށް ބަދަލު ކުރޭ.. އައުޓްޑޯ ކުރި ގޮތަށް ވޮށު ފިލާއަށް ވެސް ބަދަލް ކުރެވިދާނެ އެއްނު؟
ޝިންއަށް
11 May 2018
ބަޖެޓް ތަނަވަސް ވާހަކަ ބުނެފަ އޮތީ، ސަރުކާރުގެ ބަޖެޓުން އެތަން ހެދި ވާހަކަ އެއް ނޫން. ވިޔަފާރިވެރިންވެސް ސަރުކާރުން ވެސް މާލޭގެ ސުކޫލްތަކަށް ދޭ އެހީ ބޮޑުތަނުން ގިނަވާނެ ރާއްޖެތެރެއަށްވުރެ. ލިޔެފަ ހުންނަ އެއްޗެހި ރަގަޅަށް ނުކިޔާ ރައްދު ދިނުން ދިވެހިންގެ އާދައެއް.