ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
11 މެއި 2018 - 23:28
މި ސަރުކާރަށް ނިސްބަތްކޮށް، އަޑުހަރުކޮށް ކޮރަޕްޝަންގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު އެންމެ ކޮރަޕްޓް މީހުން ތިބީ އިދިކޮޅު ޕާޓީތަކުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމުން އަލިމަސް ކާނިވަލުގައި ބޭއްވި "ހެސްކިޔާފައި" ޖަލްސާގައި، ސިޔާސީ ގޮތުން އެމަނިކުފާނަށް އަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަންގެ ވާހަކަ ދެއްކޭ ވަރުގެ އެއްވެސް ލީޑަރަކު އިދިކޮޅުގައި ނެތް ކަމަށެވެ. އެ ވާހަކަ ދެއްކޭ ވަރުގެ ލީޑަރެއް އިދިކޮޅުގައި ހުންނެވި ނަމަ، ރާއްޖޭގައި މިހާތަނަށް ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑެތި މައްސަލަތައް ހުންނާނީ ބަލާފައި ކަމަށް ވިދާޅުވި އެވެ.
"އަދި އެ މައްސަލަތަކުގައި އެޅުނު ފިޔަވަޅުގެ ސަބަބުން އިތުރު ކޮރަޕްޝަނެއް ނުހިނގާ ވަރަށް ކަންކަން ހުންނަންވާނީ ތަންފީޒު ކުރެވިފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ކޮރަޕްޝަންގެ "ހަމަލާތަކަށް" ރައީސް ރައްދު މި ދެއްވީ، މިދިޔަ ބުދަ ދުވަހު ބޭއްވި މެލޭޝިއާ އިންތިހާބުން ވެސް ފެނުނީ ކޮރަޕްޝަނަށް އެ ގައުމުގެ ރައްޔިތުން ނޫނެކޭ ބުނި މަންޒަރު ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެ އިން ވެސް އެ މަންޒަރު ފެންނާނެ ކަމަށް އިދިކޮޅުން ބުނެފައި ވަނިކޮށެވެ.
މެލޭޝިއާ އިންތިހާބުގައި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގާ ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އަދި އެ ގައުމުގައި ކުރިން ވެރިކަން ކުރެއްވި މަހާތީރު މުހައްމަދެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކޮރަޕްޝަނޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރައި ސަރުކާރަށް ދަތިކުރަމުން ދަނީ އެންމެ ބޮޑަށް ކޮރަޕްޝަންގެ އަމަލުތައް ހިންގެވި ލީޑަރުންނެވެ. އިދިކޮޅު ޕާޓީތަކުން އެއްބައިވެގެން އުޅެނީ ސަރުކާރުގައި މައްސަލަތަކެއް ހުރެގެން ނޫން ކަމަށާއި އެ މީހުންނަށް މައްސަލައަކަށް ވެފައި ވަނީ އުސޫލްތައް ތަންފީޒުކުރަން މި ސަރުކާރުން ކުރާ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ހިންގުމުގެ ނިޒާމާއި މީހުން އިތުބާރުކޮށްގެން ތިބި ނިޒާމް، އަދުލު އިންސާފުގެ ނިޒާމް ނޫނީ އެހެން ވެސް ނިޒާމްތައް ހަރާބުކުރީ ކޮން ބައެއްތޯ؟ ފައިސާގެ، ކޮރަޕްޝަންގެ ނުފޫޒު، ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން އެ ބޭފުޅުން ދެއްކެވި ވާހަކަތައް، އެއީ އަޅުގަނޑު ދެއްކި ވާހަކައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މާލެ އަށް މިރޭ ވެހުނު ވިއްސާރައާ އެކު، ޕީޕީއެމްގެ ޖަލްސާ އަލިމަސް ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާއިރު، ރައީސް ޔާމީންގެ ދެކަނބަލުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެ ވާހަކަތަކުގައި، ވެރިކަން ބަދަލުކުރަން ފައިސާ ހިމަނާފައި ހުރީ ކިހާ މިންވަރަކަށްތޯ ވެސް އެ ބޭފުޅުން ވާހަކަ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތައް ދައްކައި މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާށެވެ. އެކަންކަމަށް ވިސްނައި، އެ މަޝްރޫއުތައް ނިންމުމުގެ ފުރުސަތު އެމަނިކުފާނަށް ދޭން ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސް ޔާމީން މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ސިޔާސީ އެއްވެސް ލީޑަރަކާ ވާދަކުރައްވާކަށް ނޫނެވެ. އެމަނިކުފާނުގެ ހަމައެކަނި މަގްސަދަކީ، ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އިދިކޮޅު ފަރާތްތަކަށް އެ ތަަރައްގީ ނުފެނުނަސް ރައްޔިތުން އެކަން ބަލައިގަންނަކަން އެނގެނީ، ފެނާއި ނަރުދަމާގެ ނިޒާމާއި ބަނދަރާއި ދެ ރަށް ދެމެދުގައި ވެސް ބްރިޖް އަޅަން އެމަނިކުފާނަށް އަންނަ ހުށަހެޅުންތަކުން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަންތައްތައް ރައްޔިތުންނަށް ފަހިކޮށްދީ، އަމާންކަން ގާއިމްކޮށްދެވޭނީ އެމަނިކުފާނާ އެކު ރައްޔިތުން ތިބެގެން ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބުށެން
13 May 2018
ހުރިހާ ވެރިކަމެއްގައިވެސް ކޮރަޕްޝަން ހިނގައެވެ. ކަންކަމަށް މީހުން ލެއްވީމާ އޭގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ކޮރަޕްޝަން ހިންގާފައިވުމާއި، މުޅި ނިޒާމް ކޮރަޕްޝަނަށް މަގުފަހިވާހެން ބައްޓަންކޮށް، އެކަމަށް އެންމެ ކަމުދާނެ މީހުން ތަންތަނަށް ލެއްވުމާ މިއީ އުޑާބިމާހާ ތަފާތު ކަމެކެވެ.
ކާފަް
13 May 2018
ސިނޯނިމަސް އަހަރުމެންވެސް ކޮރަޕްޓޭ އެކަމަކު އެމީހުން މާބޮޑަށް ކޮރަޕްޓޭ. އަހަރުމެންވެސް ކަމޭ އެމީހުން މާގިނައިން ކެޔޭ.
ހެސްކިޔާފަ ކަރަޕްޝަން
13 May 2018
ކުންފުނިތަކުގެ ވެރިން ވެސް އަޅައެއް ނުލި ދޯ؟ ގަދަކަމުންވެސް ޖަލްސާއަށް ނެރެވުނީ މަދު ބަޔެއް ދޯ؟ ތާޢީދެއް ނެތްކަން އެއިގެންވެސް އިނގެނީ، ކުންފުނިތަކުގެ ވެރިންނަށް ވާވަރަށް ކެވިއްޖެ ދެން ސަނާކިޔާކަށް ނެތީމޯ؟
އުދުހޭ
13 May 2018
ތިމަންނާއަށްވުރެ އެހެންމީހުން މާ ކޮރަޕްޓޭ ބުނަންޏާ ތިޔަ ވެވެނީ އެއްބަސްނޫންތޯ؟
ހާލަތު ޒަރޫރީ.
12 May 2018
އުމަރު މާކުރިން ވަނީ ވަރަށް ފުރިހަމަ ޖަވާބެއް ދީފައެވެ
ހިސާބު
12 May 2018
މައުމޫން ސަރުކާރުގެ ކޮރަޕްޝަން ބަލަން ރިޔާސީ ކޮމިޝަނެއް ހެދީ ނަޝީދުގެ ސަރުކާރުގައި. އެ ކޮމިޝަނަށް ޚަރަދުވީ ވަރެއް އެއީ ކޮރަޕްޝަނެކޭ އެއްވަރުގެ ކަމެއް. ތަހުގީގެއް ކޮޅެއްގަ ނުޖެއްސުނު އެކަމު މައުމޫން ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އެންމެން ގަބޫލުކުރި. ދެން އަދީބު އެންމެ ކޮރަޕްޓް މީހާ ކިތަންމެ އަރިސް މީހަކަސް ޖަލަށްލާ ކޮރަޕްޝަނާމެދު ފިޔަވަޅެއް އެޅުނީ މި ސަރުކާރަށް އެކަނި. ޖަލަށްލުމުން އޭނާ އެމްޑީޕީން ބަލައިގަނެ އޭނާ މިނިވަންކޮށް އޭނާގެ ބޭނުން ހިފަންވެސް އެ ތިބީ ތައްޔާރަށް. މައުމޫންވެސް އެމްޑީޕީން ބަލައިގަނެފަ އޮތީ. އަދި ޚުދު އެމްޑީޕީން ހިންގި ކޮރަޕްޝަންވެސް އެބަ އޮތް ފެންނަން. ވެރިކަން ލިބިއްޖެނަމަ ކޮރަޕްޝަންގެ 3 ބައި އެކުލެވޭ ބަޔަކު ވެރިކަމަށް އެރުމުން އަނެއްކޮޅަށް އޮތް 1 ބައިގެ ކޮރަޕްޝަން އެއްޗަކަށް ނުވާނެތާ.
ކަޅުހުއްތުބެ
12 May 2018
ކޮރަޕްޝަން ރާއްޖެ އަށް ތަޢާރަފް ކުރީ ކޮންބައެއްތޯ؟ ވޯޓް ގަނެ ވިއްކުން ތަޢާރަފް ކުރީ ކޮންބައެއްތޯ؟ މީހުންގައިގަ ހުންނަން ޖެހޭ އިސްލާމީ ރިވެތި އަދަބުތަކާއި ސުލޫކީ މިންގަޑުތަކާއި އަދި އަހުންނާ އުހުތުންގެ އެބައިވަންތަކަން ގެއްލުވާލީ އަދި ގެއްލުވަނީ ކޮންބައެއްތޯ؟ ކޮންކަމަކަޓަކައިތޯ؟ ރައްޔިތުން ހޭލާށ|ޭ، ސިޔާސީ ލީޑަރުން ޖަހާހާ ބެރަކަށް ނުނަށާށޭ...ހުޅަގުގެ ވިސްނުން ގައުމުގައި އަށަގަނެ ނުދޭށޭވެ... އަޅުގަނޑުމެންނަކީ ނުލާހިލު މުއްސަނދި އިސްލާމީ ސަގާފަތެތް އޮށްބައެއް ހުޅަގުގެ މީހުން ގޮތަށް ސަގާފަތެއް ނެތް ބައެއް ނޫން، އެމީހުންގެ ނޯންނާނެ މީހުން ބައިބއި ކުރުން ނޫން ކަމެއް..
އަހްމަދު
12 May 2018
ތީގެ އެންމެ ޖަލްސާޔަކަށް ހަރަދުކުރާވަރު އޭސީސީއިން ބަލާލިޔަސް އެނގޭނެ ކޮރަޕްޓީ ކޮންބައެއްކަން. ހުސް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ އިސްރާފު އަދި ކުޅޭ ކުޅިވަރުތައް.
ބޮޑު އިންޖިނިއަރު ކަޅޭ
12 May 2018
މި ގައުމު ކޮރަޕްސަން ގެ ހާއްޔެކަށް ހެއްދެވީ ހަމަ ތިބޭފުޅާ. ކުކުޅު ހާލަށްވެސް އެވަރު އިނގޭ
ހެހެ
12 May 2018
ދިވެހިރަތްޔިތުންގެ އިދިކޮޅު ޕާޓީ އަކީ ތީ ކަމެއް މަނިކުފާނަށް ނޭގި އޮތްކަމާ ދޭތެރޭ ހިތާމަ ކުރަން.