ރިޕޯޓް / މަތީ ތައުލީމު

މަތީ ތައުލީމުގެ ފެންވަރާ މެދު ސުވާލު!

ދަރިވަރުންތަކެއް ދަސްވެނިވުމުގެ ހަފުލާއެއްގައި: މަތީ ތައުލީމުގެ ފުރުސަތުތައް މިހާރު ގިނަ -- މިހާރު ފޮޓޯ

އާބާދީ މަދު މި ރާއްޖޭގައި ޑިގްރީ އާއި މާސްޓާސް އިން ފެށިގެން ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. އެއްގޮތަކުން އުފާވެރި ކަމެކެވެ. ނަމަވެސް އުފެދޭ ސުވާލުތައް ގިނަ އެވެ. މަތީ ފާސް ނަގައިގެން މަސައްކަތު މާހައުލުގައި ތަފާތު ދެއްކޭތޯ އެވެ؟ ވިސްނުން ތޫނު، ހީވާގި ގިނަ ސިކުނޑިތަކެއް އުފެދިއްޖެތޯ އެވެ؟ އެކި މީހުންގެ ޖަވާބު ތަފާތެވެ.

ވަރަށް ރަނގަޅަށް ހިންގާ އަދި ދަރިވަރުންގެ ފެންވަރު ރަނގަޅަށް ވަޒަންކޮށްގެން ސަނަދު ދޭ ކޮލެޖުތަކާއި ޔުނިވަސިޓީތައް ރާއްޖޭގައި ވެސް އެބަ ހުއްޓެވެ. ހަމަ އޭގެ އަނެއް ކޮޅުވެސް އެބަ އޮތެވެ. މަތީ ތައުލީމު ދިނުމަކީ ހަމައެކަނި ފައިސާ ހޯދަން ކުރާ ވިޔަފާރިއަކަށް ހެދުމުން އޭގެ ނުރަނގަޅު އަސަރު ރާއްޖޭގެ މަތީ ތައުލީމަށް ފޯރަމުން ދާކަމުގެ ޝަކުވާގެ އަޑު ވެސް އިވެ އެވެ.

ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮލެޓީއަށް ބެލުމެއް ނެތި، ކަމަކަށް ކަމެއް ކުރާ އުސޫލުން މަތީ ތައުލީމުގެ ކަންކަން ކުރިއަށް ގެންދާ ތަންތަން އިތުރުވުމެވެ. އެ ބޭފުޅުން ގަބޫލުކުރައްވަނީ ކޮލެޖްތަކުގެ ވާދަވެރިކަން ބޮޑުވެ، ގިނަ ދަރިވަރުން ހޯދަން ކޮލެޓީ ދޫކޮށްލާފައިވާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް ކްލާހެއްގައި-- މިހާރު ފޮޓޯ

ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތަށް ބަލާއިރު ވީހާވެސް ގިނަ ބަޔަކަށް މަތީ ތައުލީމުގެ ސެޓްފިކެޓް ހޯދައިދިނުމަކީ އަމާޒެކެވެ. އެގޮތުން ކްލާހަށް ހާޒިރުނުވެ ފަސޭހައިން ކިޔެވޭނެ ގޮތްތައް ހަދާފައިވެ އެވެ. މިސާލަކަށް ބްލޮކް މޯޑެވެ. އެ އުސޫލުގެ ދަށުން ކިޔަވާ މީހުން ކޮލެޖަށް ނުވަތަ ޔުނިވާސިޓީއަށް ހާޒިރުވާން ޖެހެނީ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. އަމިއްލަ ކޮލެޖްތަކުން ރަށްރަށުގައި ހިންގާ ވާޗްއަލް ކޯސްތަކަކީ ވެސް އެކަހަލަ ފުރުސަތެކެވެ.

މިއީ ހަގީގަތުގައި ވެސް ކާމިޔާބު ނިޒާމުތަކެއްތޯ ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަވަ އެވެ. މަތީ ތައުލީމާ ގުޅުން ހުރި ދާއިރާއަކުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅަކު، ހުންނެވި މަގާމުގެ ގޮތުން ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ ބްލޮކް މޯޑަކީ ފެންވަރު ރަނގަޅު މަތީ ތައުލީމު ދޭ ގައުމުތަކުގައި ބަލައި ގަންނަ ނިޒާމެއް ނޫން ކަމަށެވެ.

މަތީ ތައުލީމަށް އުނގެނޭއިރު އޭގެ އެންމެ މުހިންމު އެއް ކަމަކީ ޔުނިވާސިޓީގައި ހޭދަކުރާ ވަގުތުތަކުގެ ތެރެއިން ދަސްވާ ކަންކަން ކަމަށް ވާއިރު ބްލޮކް މޯޑާ އެކު އެ ފުރުސަތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި ބޭނުންވަނީ ޔުނިވާސިޓީގެ ކަލްޗާގެ ތެރެއިން ތައުލީމު އުނގެނުން. ވީކެންޑުގައި ދަރިވަރު ކްލާހަށް އައިމަ އެއް މަސް ދުވަހަށް ވާ ވަރަށް ދަރިވަރުގެ ބޮލަށް ހުރިހާ އެއްޗެއް އަޅައިދޭންވީމަ ދަރިވަރަށް އެއްޗެއް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.

ހަމަ އެފަދަ އެހެން މައްސަލައެކެވެ. ފުލް ޓައިމްކޮށް ވަޒީފާތަކުގައި އުޅެމުން "ފުލްޓައިމް ކޯސްތަކުން" ކިޔެވުމެވެ. ދިރިއުޅުމުގެ ކަންކަމާއި ވަޒީފާގެ ބުރައާ އެކު ދަރިވަރު އައިސް ކްލާހުގައި ހޭދަކުރާ ދެ ތިން ގަޑިއިރުގެ ތެރޭގައި ރަނގަޅު ތައުލީމެއް އުނގެނުމުގެ ފުރުސަތު ކުޑަވާނެ ކަމަށް، ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

"މަތީ ތައުލީމު އުނގެނުމަށް ރިސާޗްތައް ހަދަން ޖެހޭ. ފޮތްތައް ކިޔަން ޖެހޭ. ފުލް ޓައިމްކޮށް ވަޒީފާގައި އުޅެމުން، ފުލް ޓައިމްކޮށް ދިރިއުޅުމެއް އުޅެމުން، ފުލް ޓައިމްކޮށް ކިޔަވަންވީމާ އެކަމެއް ނުވޭ،" ޔުނިވާސިޓީއެއްގެ ލެކްޗަރާއަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ހުރި އެހެން ގޮންޖެހުންތަކަށް ބަލާއިރު ރަނގަޅު ލެކްޗަރާއިން ނެތުމުގެ މައްސަލައަކީ ވެސް ރާއްޖޭގެ މަތީ ތައުލީމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރާއްޖޭގައި ޕީއެޗްޑީއަށް ކިޔަވައިދެ އެވެ. އެކަމަކު ޕްރޮފެސަރުންނެއް ނެތެވެ. ޕީއެޗްޑީ ފަދަ އެންމެ މަތީ ފަންތީގެ ތައުލީމު ދޭއިރު ރާއްޖޭގައި މޮޅު ޕްރޮފެސަރުންގެ އެހީތެރިކަން ބޭނުންވެ އެވެ.

ދެން އޮތީ ޕާޓް ޓައިމް ލެކްޗަރާއިންގެ ވާހަކަ އެވެ. ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވައިދޭ ތަންތަނުގައި ގިނައިން މަސައްކަތް ކުރަނީ ޕާޓް ޓައިމް ލެކްޗަރާއިންނެވެ. އެހެންކަމުން ކިޔަވައި ދިނުމުގެ ފެންވަރު، ގިނަ ފަހަރަށް، ދަށްވާ ކަމަށް ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"ކޮންމެވެސް ކަމެއްގައި ނޫނީ ވަޒީފާއެއްގައި އުޅެފައި ލެކްޗަރާ މިއަންނަނީ. އެހެން އަންނައިރު ގިނަ ފަހަރަށް ރަނގަޅަށް ތައްޔާރުނުވެ ހުންނާނީ. ފައިސާ ލިބޭތީ އެ އަންނަނީ އެކަމަށް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، ކޮލެޖެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"ތައްޔާރުނުވެ އައިސް ކްލާހުގައި ވާހަކަތަކެއް ދައްކާފައި ދިއުމަކުން ކުދިންނަށް އޭގެ އެންމެ ރަނގަޅު އެއްޗެއް ބުނެއެއް ނުދެވޭ."

ފުލް ޓައިމް ލެކްޗަރާ އިން ނުލިބުމުން އެތަންތަން ފޫބައްދަން ދެން ބޭނުންކުރަނީ ތަޖުރިބާ ކުޑަ ލެކްޗަރާއިންނެވެ. ޑިގްރީ ނުވަތަ މާސްޓާސް ނިންމާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑިގްރީ ކްލާސްތަކަށް ކިޔަވައިދޭން ދާ ލެކްޗަރާއިން އުޅެ އެވެ.

މަތީ ތައުލީމަށް ކިޔަވައިދިނުމުގައި ބައެއް ތަންތަނުން ދެން ގުޅޭ އުސޫލާ މެދު ވެސް، ބައެއް ތަޖުރިބާކާރުން ކަންބޮޑުވެ އެވެ. އެގޮތުން ފާސްކުރަން ފަސޭހައަކަށްޓަކައި ގިނައިން މާކްސް ލިބޭ ގޮތަށް އެސައިންމަންޓްތައް ދެ އެވެ. ބައެއް ދަރިވަރުން އެކި މީހުން ލައްވާ އެސައިންމެންޓްތައް ހަދައިގެން ހުށަހަޅަ އެވެ. ނަމަވެސް އެއީ ދަރިވަރުގެ އަމިއްލަ އެއްޗެއްތޯ ކަށަވަރެއްނުކުރެ އެވެ.

އެސައިންމަންޓް ހަދައިދޭ ކަމަށް ރާއްޖޭގެ ވެބްސައިޓެއްގައި އިއުލާންކޮށްފައި---

ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ދިވެހި ގިނަ ދަރިވަރުން ފޮތް ކިޔަން ޝައުގުވެރިކަން ނުހުންނާތީ އެސައިންމަންޓަށް ރިސާޗް ކުރުމާ ދަރިވަރުން ދުރެވެ. ދެން އޮތީ ވަޒީފާގެ ސަބަބުން އެކަށީގެންވާ ވަގުތު ނުލިބުމެވެ. މިފަދަ ދަރިވަރުންގެ އަތުން އަގު ނަގައިގެން އެސައިންމަންޓް ހަދައިދޭ މީހުން އެކަން ސޯޝަލް މީޑިއާގައި އިސްތިހާރުކުރެ އެވެ. އެހެންކަމުން ސެޓްފިކެޓް ހޯދަން އެހެން މީހުން ލައްވާ އެސައިންމަންޓް ހެދުން އާންމުވަމުން ދާކަމަށް ބެލިދާނެ އެވެ.

ފާރަވެރިންގެ ހާލަކީ ކޮބާ؟

ރާއްޖޭގައި ހިންގާ ހުރިހާ ކޯހަކަށް ވެސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ހުއްދަ ލިބެން ޖެހެ އެވެ. އެ ކޯސްތަކުގެ ފެންވަރާއި ކޯސް ހިންގަން ޖެހޭނެ މިންގަނޑު ކަނޑައަޅައި މޮނީޓާ ކުރުމަކީ އެމްކިޔުއޭގެ ޒިންމާ އެވެ.

އެމްކިޔުއޭގެ ފެންވަރާ މެދު ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަވަ އެވެ. އެއީ އެ އޮތޯރިޓީގައި މަތީ ތައުލީމުގެ ކޮލެޓީއާ ގުޅޭ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ މީހުން މަދު ވުމެވެ. އެ އޮތޯރިޓީގެ ގަވަނިން ބޮޑީގައި ޕީއެޗްޑީ ބޭފުޅުން ތިއްބެވި ނަމަވެސް އޮތޯރިޓީ ހިންގުމުގެ ކަންކަމުގައި އެބޯޑަށް ބާރެއް ނެތެވެ.

އެމްކިޔުއޭއިން ކޯސްތަކަށް ހުއްދަ ދޭއިރު ފާރަވެރިވާނެ ތައުލީމީ އަދި ތަޖުރިބާކާރު ބަޔަކު ތިބުން ވަރަށް މުހިންމެވެ. މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކުރަން ބޭނުން ނަމަ ވަކި ކޮޅަކަށް ނުޖެހޭނެ އަދި ވަކި ކޮލެޖަކާ ގުޅުމެއް ނެތް ތަޖުރިބާކާރުންގެ ބައެއްގެ ލަފާ އަބަދު ވެސް ހޯދުން މުހިންމެވެ.

ނަތީޖާ އަކީ ކޮބާ؟

ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވާ ނިންމާ ދަރިވަރުންގެ ފެންވަރާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު މިވަނީ ބޮޑުވެފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ މަތީ ތައުލީމުގެ ސެޓްފިކެޓުގެ އަގު އެ ދަނީ ވެއްޓެމުންނެވެ.

ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި ގޮތުގައި ސެޓްފިކެޓް ލިބިފައިވާ މީހުން އިތުރު ކުރަން ގެންގުޅޭ ވިސްނުމުގެ ބަދަލުގައި ރާއްޖޭގައި ދޭ މަތީ ތައުލީމުގެ ކޮލެޓީއަށް ސަރުކާރުން މިވަނީ ވިސްނަން ޖެހިފަ އެވެ.

"ރާއްޖެއަކީ ކުޑަ ގައުމެއް ވީމަ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން ދާންވާނީ. އިންޑިއާގައި ހެން މާސް އެޑިއުކޭޝަން ސިސްޓަމަކަށް ނޫން. އޭރުން ކޮލެޓީ ހުރި މީހުން އުފެދޭނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވާ ހިސާބަށް ކަންތައް އެބަ ދާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. އެ ޒިންމާ އޮތީ ސަރުކާރުގެ ކޮޅުގަ އެވެ.

73 ކޮމެންޓް, 137 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 19%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްއުސްތާޛު ދަންނަނުދަން

19 May 2018

ކިޔެވުމަކީ ފެޝަނެއް މިހާރު

The name is already taken The name is available. Register?

ކުޑަމުއާ

19 May 2018

ކިޔަވަނީ ފޮނި ދެއްކެން މިހާރު ތިކަން ވެސް ފެޝަނަކަށް މިހާރު ވެއްޖެ.......ޑިގްރީ ހަދާފައި ފާޑު ފާޑަށް ފޮޓޯ ނަގައި އެފް ބީ އަށް ލުން.. އެ އޯކޭ އެއްޗެއް ނޭނގުނަސް

The name is already taken The name is available. Register?

ޓައްޚާނު

18 May 2018

މިއުޅެނީ މޯޑުގެ މައްސަލައަކަށް ވުރެ ބޮޑަށް ކުދިންގެ މަސައްކަތާއި ފެންވަރު ބެލުމުގެ މައްސަލައެކެވެ. ކޮންމެ މޯޑަކަށް ކިޔަވައިދިނަސް އަމިއްލަ މަސައްކަތް ކޮށްގެން އިލްމީ ޤާބިލުކަން ވަޒަންކުރެވޭ ގޮތަށް ސަނަދު ދެވިދާނެއެވެ. ޤަބިލުކަން އަމިއްލަ މަސައްކަތުން ކުރެވޭއިރު މޯޑު މަތީ އެޅުވުން އެއީ އަދި ތިބޭފުޅުން ވިސްނާލަން ޖެހޭ ކަމެކެވެ. މިސާލަކަށް އޭލެވެލް އޯލެވެލް ފޮތުން އަމިއްލަޔށް ކިޔަވައިގެން އެންމެ މަތީ ފާސް ގެނެވިދާނެއެވެ. ދުވަހަކު ޓީޗަރަކު ނުލައި އެކަން ނުވާނެ އޭ ބުނާނީ ތައުލީމު އުގެނުމަކީ ކޮންޗެއް ކަމެއް ނޭގޭ މީހެކެވެ. އެކަހަލަ މީހުން މިޤައުމުގުގައި ހިންގުމުގައި އުޅޭ އިރު ކަންކަން ރަނގަޅު ވާނެތޯއެވެ.

The name is already taken The name is available. Register?

ހަބީބު

18 May 2018

ރާއްޖޭގެ ކޮލެޖު ޔުނިވަސިޓީތަކުގައި 2000 ރުފިޔާއަށް ކޯސް ހިންގައިގެން މޮޅެތި ލެކްޗަރާއިން އަދި މޮޅެތި ކޯސްތަކެއް ނުހިންގޭނެ، ކުދިންގެ ފެންވަރުގައި ކޯސް ހިންގަންޖެހެނީ، ކުދިންނަށްވެސް ނޮއޮވޭ 2000 ރުފިޔާގަނޑުވެސް ދެއްކޭކަށެއް، މަތީތައުލީމް ރާއްޖޭގައި ހާސިލްކުރަނީ ވަރަށް ފަގީރު އާއިލާތަކުން، ރާއްޖެއިން ބޭރުން ކިޔަވަނީ މަހުޖަނުން އެމީހުންގެ އެއްވެސް އުފެއްދުންތެރިކަމެއްނެއް، ރާއްޖޭގައި ތިބެގެން ކިޔަވާކުދިން އެކުދިން ކިޔަވާފައި އެކުދިން އޮފީސްތަކުގައި މަސައްކަތްކޮށް ގައުމު ހިންގުމުގައި ހުނަރުވެރިކަމާއި އެކުގައި މަސައްކަތްކުރޭ، މީގެ ކުރީގައި ގްރޭޑް 7 ނިންމާފައި ވަޒީފާއަށް ނިކުތީ، މިހާރު އެހުރިހައި މީހުން ކޮލެޖުތަކަށްގޮސް ކިޔަވަން ފެށީމަ އެއްކަލަ ވަކި ބަޔަކަށް މަތީތައުލީމް ފޯރުކޮށްދޭން ސިޔާސަތު ރާވައި ހިންގި މީހުން ކަންބޮޑުވަނީ

The name is already taken The name is available. Register?

ހަނދުކޭތަ

18 May 2018

ރާއްޖޭގެ ތައުލީމު ދަށަށް ދިޔުމުގެ އެންމެ ބޮޑު އަސްލަކީ މެލޭޝިޔާ އަދި ސްރީ ލަންކާއިން ޑިގްރީ ނޫނީ މާސްޓަރ ހަދަން ފެށުމަކުން ނޫން، ނޫނީ ބުލޮކު މޯޑަށް ކިޔަވަން ފެށުމަކުންވެސް ނޫން. ކިޔަވަން ދިޔުމުގެ ކުރިން ކިޔަވަންދާ ޔުނިވަރސިޓީއަކީ ދުނިޔޭގެ ރޭންކިންގައި ކިހާ ފެންވަރެއްގެ ޔުނިވަރސިޓީއެއްތޯ ބަލަން ނޭގުން ، އަދި ތިމާ ކިޔަވަން އުޅޭ ދާއިރަާއިން އެޔުނިވަރސީޓީ ހިމެނެނީ ކޮން ދަރަޖެއެއްގެ ތޯ. ގަދަ 100 އެއީ އެއްމެ ރަނގަޅު

The name is already taken The name is available. Register?

ހާސަރު

18 May 2018

ގައުމީ ޔުނިވަރސިޓީ ސިޔާސީ ކޮށް އެޑިއުކޭޝަނުން ކުރާހުރިހާކަމެއް ސިޔާސީކޮށް މުސްތަގްބަލަށް ލިބޭ ގެއްލުމަށްވުރެ ބޮޑަށް ލިބޭސިޔާސީ ފައިދާއަށް ހުރިހާކަމެއް ބައްޓަންކުރީމަ ކޮލިޓީ ތައުލީމެއް ނުލިބޭނެ. މިއީ މިގައުމުގެ މަތީތައުލީމަށް ދެވޭ ވަރަށްބޮޑުދެރައެއް. ދެރަކަމަކީ މިހުރިހާކަމެއް ނިންމަންވެސް ހަމަރަގަށް ކިޔަވައިގެންތިބި މީހުންތިބީމަ! މިކުރެވެނީ ކީއްކަން އެގޭއިރު ކިޔެވި އެއްޗަކާދިމާ އިދިކޮޅަށް ވިދާޅުވީމަ ކަންކަން ކުރާތީ.!

The name is already taken The name is available. Register?

ނިއުމާ މޫސާ

18 May 2018

މަތީތައުލިމުގެ ފެންވަރު ދަށްނަމަ މަތީތައުލީމް ހާސިލްކުރަން ކުދިން ކޮލެޖުތަކަށް އަދި ޔުނިވަސިޓީއަށް ނުދާނެ، މިހާރު އެންމެ ފެންވަރުދަށީ ސިރީލަންކާ އަދި މެލޭޝިއާގައި ކިޔަވާކުދިންގެ، އެކުދިންގެ ވާހަކަ ތިޔަދައްކަނީ، މަތީތައުލީމަކީ މަޑުމަޑުން ކުރިއަރަމުންދާ ދާއިރާއެއް، އަދި ރަނގަޅުވާނެ، މަތީތައުލީމް ރަނގަޅުވާނި ވިޝަނަރީ ވެރިޔަކު ޤައުމާއި ހަވާލުވެގެން، ހަމަ އެކަނި ވޯޓްހޯދަން ފްޓްސަލް ދަނޑުހަދައި، ބިންހިއްކައިގެން ޤައުމު ތަރައްޤީކުރަން އެނގޭ ބަޔަކަށް ކިހިނެއް މަތީތައުލީމުގެ ފެންވަރު ރަނގަޅުކުރެވޭނީ، އެޑިއުކޭޝަން މިނިސްޓަރު ފުރަތަމަ 2 އަހަރުގެ ޑިޕްލޮމާއެއް 1 އަހަރަށް ބަދަލުކޮށް އެޑިއުކޭޝަން މިިނިސްޓްރީގެ ދަށުގައިތިބި ހުރިހައި ޓީޗަރުންނަށް އޮންލައިކޮށް ޑިޕޮލޮމާ ހަަދައިދިނީ، ދެން އެއީ ރާއްޖޭގެ ކޮލެޖުތަކުގެ މައްސައެއްނޫން، މިހާރު ދެން ބަލާ އެއްވެސް ކުއްޖަކު ބާކީ ނުކުރާނަމޭ ކިޔައިގެން ބީޓެކް ދީފައި މިބުނަނީ އެއީ ސެޓްފިކެޓް 3 ގެ ފެންވަރޭ ނުވަތަ 4 ގެ ފެންވަރޭ

The name is already taken The name is available. Register?

ކެޕްރިކާ

18 May 2018

ދެރަކަމަކީ މިކަމަށް ފާޑުކީ ބޭފުޅުން އިސްކޮށް ތިއްބަވާ ތަންތަނުންވެސް ފާޑުކިޔުނުގޮތަށް ކަންކަންވާތީ.

The name is already taken The name is available. Register?

ދަރީ

18 May 2018

ހުރިހާ ގައުމެއްގަ ވެސް ކަންއޮންނަނީ ތިގޮތަށް. ޕާޓްޓައިމް ލެކްޗަރަރސް އަކީ ވެސް ހަމަ އާއްމުކަމެއް. ޑިގްރީގެ ފެންވަރުދަށްވަނީ ފެންވަރުދަށް ކޯސްތައް ރާއްޖޭގެ ޔުނިވާސިޓީ/ކޮލެޖްތަކުން ހިންގާތީ. ފެންވަރު ރަގަޅު ޔުނިވަރސިޓީ ތަކާ ގުޅިގެން ފެންވަރު ރަގަޅު ކޯސްތައް ހިންގާނަމަ ހީވަނީ ރަނގަޅުވާނެހެން. ޙަރަދަށް ބަލާފަކަމަށް ވެދާނެ ތަންކޮޅެއް އާދައިގެ ފެންވަރުގެ ކޯސްތައް ހިންގަން ޖެހެނީ

The name is already taken The name is available. Register?

މުހައްމާ

18 May 2018

ބްލޮކް މޯޑުގައި ކިޔެވިޔަސް ކްލާހުގައި އިދެގެން ކިޔެވިޔަސް ފެންވަރެއް ނެތްކަން ޔަގީނެވެ. އައިބޭގައި އެސައިންމެންޓް ހަދައިދޭ ތަންތަން އެއޮތީ ފުނިޖެހިފައެވެ. ކޮންމެ ތާކުން ކިޔެވިޔަސް މިއަދު އޮތް ހާލަކީ މިއީއެވެ. ބޭރުން ކިޔެވިޔަސް ރާއްޖެއިން ކިޔެވިޔަސް ކަން އޮތީ މިހެންނެވެ. ސަލާހުއްދީނު ބޭރުން ކިޔަވާ ވިދާޅުނުވިޔަސް ކުރެއްވި މަސައްކަތްތައް އެހުރީ ފެންނާށެވެ. އުސްތާޛު ޖަމީލަކީ ޑިގްރީ ހޯލްޑަރަކަށް ނުވިނަމަވެސް ކުރެއްވި މަސައްކަތްޕުޅުގައި އެކަމެއް ފެންނާކަށް ނެތެވެ. ހިސާބުގެ އެކިއެކި ބައިތަކުގެ ޓެކްނިކަލް ކަމާހެދި ދިވެހިބަހުން އެނަންތައް ލިޔަން ނޭގިގެން ތުއްތު ސާހަބު ނޫޅުއްވައެވެ. މިހާރަކަށް އައިސް ސެޓުފިކެޓުތައް ގިނަވިވަރަކަށް މިއުޅެނީ ޓެކްނިކަލް ވެގެން އެއްޗަކަށް ކިޔާނެ ނަމެއްވެސް ނޭނގިގެންނެވެ. ދިމާވެގެން މިއުޅޭ ކަމަކީ ނުކިޔަވައި މަކަރާއި ހީލަތުން ސެޓުފިކެޓް ހޯދާތީއެވެ. ފަރުވާކުޑަކަމާއި ކަންނެތް ކަމެވެ. އިނގިރޭސި ބަހަކީ މާމޮޅު ބަހެކޭ ހިތައި ދެލަފުޒެއް އެނގޭއިރަށް ރޯނުއެދުރަކަށްވުމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454