15 ޖޫން 2018 - 16:36
މޮސްކޯ، ރަޝިއާ (ޖޫން 15) - މި ފަހަރުގެ ވޯލްޑް ކަަޕަކީ މި މުބާރާތުގެ ތަށި އުފުލާލަން ދުނިޔޭގައި މި ވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އަށް ލިބޭ ފަހު ފުރުސަތު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯގެ އުމުރަކީ 33 އަހަރެވެ. މެސީ އަށް މި މަހު 24 ވަނަ ދުވަހު 31 އަހަރު ފުރޭނެ އެވެ.
ރަޝިއާގެ އާރްޓީގެ ޝޯއެއްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ގަތަރުގައި 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި މެސީ އާއި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
"ބެލެވޭ ގޮތުގައި މެސީ އާއި ރޮނާލްޑޯ މި ފަހަރު ކުޅެނީ އެމީހުންގެ ފަހު ވޯލްޑް ކަޕް. މި ދެ ކުޅުންތެރިންނަކީ ފާއިތުވި 10 އަހަރަށް ބަލާއިރު މި ޕްލެނެޓުގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިން. މި ދެ ކުޅުންތެރިންނަށް މަދުވާ އެންމެ ބޮޑު ޓްރޮފީ އަކީ ވޯލްޑް ކަޕް ތަށި. އެ ހޯދަން މި ދެ ކުޅުންތެރިން ތިބޭނީ ކެތްމަދުވެފައި،" ޕޯޗުގަލަށް އުފަން މޮރީނިއޯ ބުންޏެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ފައިނަލުން އާޖެންޓީނާ ބަލިވިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މެސީ އެވެ. ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއިރު، ރޮނާލްޑޯގެ ދައުރު ބޮޑެވެ.
މޮރީނިއޯ ބުނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ކާމިޔާބީ މި ފަހަރުގެ ވޯލްޑް ކަޕްގައި ތަކުރާރު ކުރަން ޕޯޗުގަލް އަށް ހުރިހާ ގޮތަކުން ވެސް އުނދަގޫވާނެ ކަމަށެވެ.
"ރޮނާލްޑޯ ހުރީމަ ޕޯޗުގަލަށް ހުރިހާ ގޮތަކުން ވެސް އެޑްވާންޓޭޖް އެބައޮތް. ރޮނާލްޑޯ އަކީ ސުޕަމޭން އެއް. އެކަމު ޔޫރޯ އާއި ވޯލްޑް ކަޕާ އެއްގޮތް ނުވާނެ. މިއީ ހުރިހާ ގޮތަކުން އުނދަގޫ މުބާރާތެއް،" ރެއާލުގައި ރޮނާލްޑޯ އަށް ތިން އަހަރު ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.
ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. ސްޕެއިނުން ވަނީ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދިން ކޯޗު ޖޫލެން ލޮޕެޓީގު، މުބާރާތް ފެށުމުގެ 24 ގަޑިއިރު ކުރިން ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ ސްޕެއިން ފެޑެރޭޝަނަށް އެންގުމަކާ ނުލައި ރެއާލުގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވުމުންނެވެ.
ވޯލްޑް ކަޕްގައި ސްޕެއިނަށް އިރުޝާދުދޭނީ ކޯޗިންގައި މާ ބޮޑު ތަޖުރިބާއެއް ނެތް ސްޕެއިނުގެ ކުރީގެ ކުޅުންތެރިއާ ފެނާންޑޯ ހިއޭރޯ އެވެ. މޮރީނިއޯ ބުނީ ހިއޭރޯ އަށް ސްޕެއިން ގޮވައިގެން ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް
15 June 2018
މޮޅު ކަމެއް ނޭނގުނެވެ. ދެމީހުން މޮޅު ދެ ގައުމީޓީމް ގަ ހުރެގެން ވޯލަޑަކަޕް އެތައް ފަރަކު ކުޅެ ތައްޓެއް ނުލިބުނެވެ. ކުޅޭޓީމައްބަލާއިރު ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ އަގުބޮޑު ކުޅުންތެރީން ކުޅޭޓީމަކަށް ކުޅެ ކާމިޔާބުލިބޭނެއެވެ. ޓީމަކުން ތާފަތު ކުޅުމެއް ކުޅުންތެރިއަކު ކުޅެލާއިރަށް އަގުބޮޑުކޮށްގަންނަނީއެވެ.
ތެދު
15 June 2018
ރޮނާލްޑޯ އެކަންޏެއްނޫން އަހަރަމެން ދުށީ.. ފީގޯވެސް ލައްކަ މަސަތްކަތްކުރި ޕޯޗުގަލްއައް ވޯލްޑް ކަޕް ހޯދަދޭން... ވީ ކަމެތް ނެތް.. މެސީއައް ޗާންސް ބޮޑު.