މާފުށީ ޖަލު ކުރިމަތީގައި އާއްމުންގެ ބަޔަކު ނުރުހުންފާޅުކުރަނީ: ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމުގެ ޝަކުވާ ބޮޑު.
10 ޖުލައި 2018 - 08:52
ޖަލުގައި، އެކަށީގެންވާ "ފަރުވާ ނުދީ މަރާލީ" އެވެ؛ މިއީ، އާދައިގެ ތުހުމަތެއް ނޫނެވެ. ހުކުމް ތަންފީޒުކުރާ ގައިދީންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅިގެން ކުރާ މި ތުހުމަތު، އިންތިހާ އަށް ސީރިއަސް އެވެ. އެންމެ މަރެއްގައެއް ނޫނެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގި އެތައް މަރެއްގައި، ޖަލު ބަލަހައްޓާ އިދާރާތަކުގެ ފަރުވާކުޑަވުމާއި އިހުމާލުވުމުގެ ޝަކުވާ އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ، ގ. ކީމާ، އަބްދުﷲ ރަޝީދަށް ސިއްހީ ފަރުވާ ލިބުން ލަސްވެ، ޖަލުގައި ތަހައްމަލްކުރަން ޖެހުނު ވޭންތަކުގެ މަތިން އާއިލާ އަދިވެސް ހަނދާނެއް ނުނެތެ އެވެ. އެ ކަންބޮޑުވުމާއި އިންސާފަށް އެދި ކުރާ އާދޭހަށް ވެސް ނިމުމެއް ނާދެ އެވެ. ސަރުކާރާ ދެކޮޅަށް 2015 ގައި ކުރި މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދީގެން ޖަލަށް ލި އަބްދުﷲގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި، އޭނާއަށް ފަރުވާ ނުދީ ކަރެކްޝަނަލް ސާވިސް އިން ގަސްތުގައި އިހުމާލުވީ އެވެ. ހޭނެތިގެން ގޮޅިތެރެ އަށް ވެއްޓިފައި އޮއްވައި، އައިޖީއެމްއެޗާ ހަމައަށް ގެނައި އިރު، ހަށިގަނޑުގެ ބައެއް ގުނަވަންތައް ފޭލްވެފައިވާ ކަން ޑޮކްޓަރުގެ ލިއުންތަކުން ސާބިތުވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެއާ އެކު، އޭނާގެ ހާލު ގޯސްވެގެން ދިޔައިރު ވެސް ކަރެކްޝަނަލް ސާވިސް އިން އަޅާނުލައި ތިބި ކަމަށް އެހެން ގައިދީން ދައްކާ ވާހަކަތަކާއި ކަރެކްޝަނަލް ސާވިސް އިން އަމަލުކުރި ގޮތް އެއީ، އެ މަރުގައި އިހުމާލު ހިމެނޭ ކަމަށް އާއިލާ އިން ތުހުމަތު ކުރާ ސަބަބުތަކެވެ.
ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އަށް މަސް ފާއިތުވިއިރު ވެސް އާއިލާ އަށް އިންސާފެއް ނުލިބެ އެވެ.
އޭގެ ފަހުން ވެސް ގައިދީންގެ އާއިލާތަކާއި ވަކީލުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖަލުތަކުގައި މީހުން ބަންދުކޮށްފައި ތިބޭއިރު ކުރިމަތިވާ ސިއްހީ ކަންކަމަށް އަޅާނުލައި ފަރުވާކުޑަ ކުރާ މައްސަލައިގަ އެވެ.
އެ ޝަކުވާތައް ނުނިމި ވަނިކޮށް، އަނެއްކާވެސް މަރެއްގެ ތުހުމަތެވެ. ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގދ. ތިނަދޫ ސިލްވާ، ހަމްޒަތު އަހުމަދު، 38، މަރުވީ، އޭނާގެ އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި، ފަރުވާ ދިނުން ލަސްކޮށް، އިހުމާލުވުމުންނެވެ.
ހަމްޒަތު: އޭނާގެ މަރުގައި ކަރެކްޝަނަލް ސާވިސްގެ އިހުމާލު ހިމެނޭ ކަމަށް އަންނަނީ ތުހުމަތުކުރަމުން. --
މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންޒީފު ކުރަމުން ދިޔަ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒަތަށް ސްޓްރޯކް ޖެހުނީ މިިދިޔަ ބުދަ ދުވަހު ހަވީރު އެވެ. އެކަމަކު އޭނާ މާލެ ގެނެސް އަޖީއެމްއެޗަށް ގެންދިޔައީ ހަތަރު ފަސް ގަޑިއިރެއް ފަހުން، އެރޭ ކަމަށް އާއިލާ އިން ބުނެ އެވެ.
"ކަރެކްޝަންސް އިން ގުޅާފައި ބުނީ، ހަމްޒަތު ވާގި ނެތިގެން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވެއޭ. އާއިލާ އަށް އެންގިތާ 15 މިނެޓުގެ ތެރޭގައި އެތަނަށް އަޅުގަނޑުމެން ދިޔައީ. އަޅުގަނޑުމެން ބޭނުންވީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ދިނުމަށް. ނަމަވެސް އެ ފުރުސަތެއް ކަރެކްޝަންސް އިން ނުދީ ކަންތައްތައް ކުރީ ވަރަށް އިހާނެތިކޮށް،" ހަމްޒަތުގެ ބައްޕަ، އަހްމަދު ފަތުހީ ބުންޏެވެ.
އޭނާ ބުނިގޮތުގައި ހަމްޒަތާ މެދު ކަރެކްޝަންސް އިން އަމަލު ކޮށްފައި ވަނީ އިންސާނުންނާ ދޭތެރޭ އަމަލުކުރަން ޖެހޭ ގޮތަކަށް ނޫނެވެ.
"މިވަރުގެ ބޮޑު ކަމެއް ވެގެން ދިޔައިރު ފަރުވާ ދިނުން ލަސްވެގެން ދިއުމަކީ އިހުމާލު ވުން. އަޅުގަނޑު ބުނާނީ [ކަރެކްޝަންސް] އިން ދަރިފުޅު ގަސްތުގައި މަރާލީއޭ ހަމަ ފަރުވާ ދިނުން ލަސްކޮށްގެން،" ނިއު ރޭޑިއަންޓަށާއި ވެލެންސިޔާ އަށް ފުޓްބޯޅަ ކުޅުނު ހަމްޒަތުގެ މަރާ ބެހޭ ގޮތުން އޭނާގެ ބައްޕަ ބުންޏެވެ.
ހަމްޒަތުގެ ފަރުވާ އަށް އިހުމާލުވެފައިވާ ކަމަށް ކުރާ މި ތުހުމަތުތައް ކަރެކްޝަނަލް ސާވިސް އިން މިހާތަނަށް ދޮގުކޮށްފައެއް ނުވެ އެވެ. އެތަނުގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ، މި ތުހުމަތުތަކާ ގުޅިގެން އެތަނުގެ ބަހެއް ނުލިބުނެވެ.
އެކަމަކު މީގެ ކުރިން، ހިނގައިދިޔަ މިފަދަ މައްސަލަތަކާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވަނީ، ގައިދީންގެ ސިއްހީ ފަރުވާގެ ކަންކަމުގައި އިހުމާލުވެފައި ނޯންނާނެ ކަމަށެވެ. ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން، ފަރުވާގެ ކަންކަން ފުރިހަމަކޮށްދެމުން އަންނަ ކަމަށް ވެސް އެތަނުން ބުންޏެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށް ލީ އަބްދުﷲ ރަޝީދު: އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކުރޭ. ---
Jaluga gaidheen maruvaneekee noon,ekasheegenvaa faruvaa nudhee maraalanee.
— 𝐀𝐡𝐦𝐞𝐝 𝐌𝐚𝐡𝐥𝐨𝐨𝐟 (@AhmedMahloof) July 9, 2018
2 aharu therey 14 meehun maruvumakee ihumaaleh vaakan kashavaru kohdhey kankan.
Jalah liyas mivaahaka dhakkaanan.Gaidheenge aailaa,officerun,gaidheen adhi alhuganduge amilla thajuribaa inn mikan ingey.
ޖަލުތަކުގައި ފަރުވާ ނުދޭ މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއް.
އެ މީހެއްގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ ކުށް ސާބިތުވެ، ޖަލަށް ލުމަކީ ދޭ އަދަބެކެވެ. އެ އަދަބުގައި ހުއްޓައި، ސިއްހީ ފަރުވާ އަށް އިހުމާލުވުން ފަދަ ކަންކަން ހިންގުމަކީ ގާނޫނުތަކާއި ގަވާއިދުތައް ހުއްދަކުރާ ކަމެއް ނޫނެވެ. އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު ކަށަވަރުކޮށްދެ އެވެ.
ޖަލުތަކުގައި ގައިދީންނާ މެދު އަމަލުކުރަން ޖެހޭ ގޮތާއި އެ މީހުންގެ ސިއްހީ ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ގޮތް، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
ފަރުވާގެ ވަރަށް ކުޑަ މިންވަރެކެވެ. މަސައްކަތް ނުކުރާ ގައިދީން، ކަސްރަތު ކުރުމަށް ދުވާލަކު މަދުވެގެން އެއް ގަޑިއިރަށް، ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެން ޖެހޭނެ ކަމަށް ޕެރޯލްގެ ގާނޫނުގައި ކަނޑައަޅާފައި ވެ އެވެ. އެކަމަކު މި އެއް ގަޑިއިރުން ވެސް ގައިދީން މަހްރޫމްކޮށްފައިވާ ކަމުގެ ޝަކުވާ ބޮޑެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކޮންމެ ޖަލެއްގައި ވެސް އެ ޖަލެއްގެ އާބާދީގެ ނިސްބަތުން މެޑިކަލް އޮފިސަރުންނާއި ސައިކޭޓްރިކް އޮފިސަރުން ތިބެން ޖެހެ އެވެ. އަދި އެއީ، މެޑިކަލް ކައުންސިލުން ގަބޫލުކުރާ ތައުލީމާއި ތަޖުރިބާ ހުރި ބަޔަކަށް ވެސް ވާން ޖެހެ އެވެ. ޖަލުގައި ތިބޭ ގައިދީންގެ ސިއްހީ އަދި ނަފްސާނީ ހާލަތު ދެނެގަންނަން، އެސެސްމަންޓް ރިޕޯޓް ހެދުމާއި ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ލަސްނުކޮށް ފަރުވާ ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
ގައިދީންގެ ހައްގުތައް، ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާ އެވެ. އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން އެ ކޮމިޝަނުން ކުރާ ތަހުގީގު އަށް މަސް ވިއިރު ވެސް ނުނިމެ އެވެ. އެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު މަޝްވަރާކުރިކަން މީޑިއާ އަށް ތިލަވުމުން، އެކަން ވެސް ދޮގުކުރީ އެވެ.
ޖަލުތަކުގެ ހާލަތާ ގުޅޭ ގޮތުން އެކި ފަހަރު މަތިން، ކަމާ ބެހޭ އިދާރާތަކަށް ޝަކުވާ ހުށަހެޅުއްވި ގާނޫނީ ވަކީލް، މަހްފޫޒް ސައީދު ވިދާޅުވީ ޖަލުތަކުގައި މީހުން މަރުވުމުގެ ގިނަ މައްސަލަތަކުގައި ކަރެކްޝަނަލް ސާވިސަސްގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތުކުރާނެ ޖާގަ އެބަ އޮތް ކަމަށެވެ. ސިއްހީ ފަރުވާ ނުލިބިގެން ގިނަ ފަހަރަށް އާއްމުންގެ ސަމާލުކަމަށް އަންނަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ބޭފުޅުންނެވެ.
Jaluthakugai meehun maruvumuge gina massalathah hinganee bodethi ihumaaluge sababun. Kureege VP Ahmed Adeeb, Raees Maumoon, CJ, fandiyaaru Ali Hameed mihaaru ves e thibbevee ekasheegenvaa faruvaa nulibi furaanayah nurakkaa vedhaane fadha haalathehga. HRCM adhives othee nidhaafa. pic.twitter.com/XiIpx3M17t
— Mahfooz Saeed (@MahfuzSayd) July 9, 2018
މަހްފޫޒްގެ ޓުވީޓެއް.
ޖަލުގައި ވޭން ތަހައްމަލްކުރާ، އާދައިގެ ރައްޔިތުންގެ ސިއްހީ ކަންކަން ގިނަ ފަހަރަށް، އާއްމުވަނީ ވަރަށް ބޮޑުވަރުވުމުން ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
"މިސާލަކަށް، އަޅުގަނޑުގެ މުވައްކިލެއް ކަމަށްވާ، އަހްމަދު އަދުހަމް ދޫނިދޫގައި ހުއްޓައި، ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާދޭން އެކަށީގެންވާ ޑޮކްޓަރެއް ނޫން އޭރު ދޫނިދޫގައި ހުރީ. އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ގޮތުގައި ފަރުވާދެވޭނެ ރަނގަޅު އިންތިޒާމެއް ނެތްއިރު، ފަރުވާ ދެއްވަން ހުންނެވީ ވެސް ތަޖުރިބާކާރު ޑޮކްޓަރެއް ވެސް ނޫން. އެ ޝަކުވާ ވެސް ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅިން،" މަހްފޫޒް ވިދާޅުވި އެވެ.
"ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން، ބައެއް ފަހަރަށް ގޮޅިން ބޭރަށް ނުކުންނަން ފޭކު ޖައްސާ ހަދާ ކަމަށް ވޭ. އެހެންވެ، ބައެއް ފަހަރަށް އެޓެންޝަނެއް ނުދޭ އެ މީހުންނަކަށް. އެކަމަކު ގައިދީންނާ ހަވާލުވެ ތިބޭ މީހުން އެއީ މަކަރެއް ކަމަށް ދެކިގެން ފަރުވާކުޑަކޮށްގެން ނުވާނެ."
މަހްފޫޒް ވިދާޅުވި ގޮތުގައި ޖަލުތަކުގެ އިހުމާލުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެކަށީގެންވާ ގޮތެއްގައި އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިފައެއް ނުވެ އެވެ. އަބްދުﷲ ރަޝީދުގެ މަރުގައި ބަޔަކު އިހުމާލުވޭތޯ ބަލަން ކުރާ ތަހުގީގު ދިގުދެމިގެން ދިއުމަކީ އޭގެ ހެއްކެކެވެ.
މި މަރުގައި ބައެއްގެ އިހުމާލުވޭތޯ ނޫންތޯ ކަނޑަނޭޅި އުޅެނިކޮށް އަނެއްކާވެސް ކުރިމަތިވި މަރެއްގެ ތުހުމަތު، މިއޮތީ ސީރިއަސްކޮށް ތަހުގީގު ކުރަން ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިކިލޯ ހަނޑޫ
10 July 2018
އެތައް ދުވަހަކު ޖާހިލު ކަންމަތީ އެހެން މީހުން ނަށް ދުއްތުރާކޮށް މަގުފޭރި ވަށްކަންކޮށް މާރާމާރީ ހިންގާފައި އުޅޭއިރު އެމީހާއަށް ހެޔޮއެދިގެން ރަގަޅު ކުރަން މަސައްކަތް ކުރާތަން މުޖުތަމައުން ނުފެނޭ... ނަމަވެސް ޖަލަށް ލުމަށް ފަހު ގައިދީ އަކަށް މެންދުރު ކެއުމަށް ކުކުޅު މަސްބުރިއެއް ނުދިނަސް އެވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތްތޯ؟ ކޮންމެ މީހަކަށް ވެސް ހެވާނުބައި ވަކިކުރަން ބުއްދި ދެއްވާފައިވޭ ނޫންތޯ
އަތްފުނާ
10 July 2018
ޖަލަށް ލީމާ ވަރަށް ގިނަ ދުނިޔަވި ކަންކަމުން ބޮޑުތަނުން މަހްރޫމް ވެގެންދާންޖޭހޭނެ.މީރުކޮށް ކެއުން ، ރައްޓެހިން އަދި އާއިލާ މީހުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ، ބޭސްފަރުވާ އަދި މުނިފޫހިފިލިވުމުގެ ކަންކަން އަދި އާމްދާނީ ހޯދުމާއި ކުރާ ފިޔަފާރި.އެއީ އެހެން މީހުންނަށް ހުރި އިބުރަތެއްކަމުގައި ދެއްކުމަ.
ހުތާ
10 July 2018
ތިޔަތަނުގެ މަތީ ފަޑީގައިތިބި ގިނަ މީހުންނަކީ ވައިޖަހައިގެން އެހިސާބަށް ގޮސްފައިވާ މީހުންނެވެ. ތަނުގެ ވެރިމީހާއަކީ މަހަށްދާން ހުރި މީހެކެވެ. ނުވިތާކަށް އެހާމެ ފޮނި އަދި ކިބުރުވެރިވެސްމެއެވެ.
އެދުރުބެ
10 July 2018
މަސްތުވާތަކެތި ބޭނުން ކޮށްފައި ތިބޭމީހުންނަށް ސްޓްރޯކްވެސް އަދި އެހެންބަލިތައްވެސް ޖެހޭނެ ، ޖަލުގައި އޮވެ އެފަދަކަމެއް ވީމަ އިހްމާލު ވިއްޔޭ ކިޔާފައި ނިކުތުމަށް ވުރެކުރިން މުޖުތަމަޢުގައި ހުރެ މަސްތުވާ ތަކެތީގެ ވަބާގައި ޖެހުނީ އާއިލާގެ އިހްމާލް އޮވެގެންތޯ ބަލުން މާފައިދާ ބޮޑުވާނެ.
ނިކަމެތިސޮރު
10 July 2018
މިހާރު މިރާއްޖެގެ ޖަލަށް ލައިފިތަ އެމީހާ އެބުރިއަންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއްނެތް...އަދިނުވީތާކަށް ނިކަމަށްޗަށް ވެއްޖެއްޔާ އާއިލާގެ މީހުންނަ ދޮންކަޅުވެސް ނާންގާނެ....މިހެން މިބުނީ އަޅުގެ ދަތްތައެއްގެ ފިިރިހެންދަރިފުޅު ޖަލުގެ ހައްޔަރުހުރެގެން ނުބައިބޭހެއްދީގެން ހަމަކިރިޔާ ސަލާމަތްވީ...އަދިބުނަންތަށް ބޭސް ވެސް ނުދޭކަމަށް ހަދަން އުޅުނީ.....ރާއްޖޭން ބޭރަށް ގެންގޮސްގެން ރަގަޅުވީ އެތަށް ދުވަހެއވަންދެން އިންޑިޔާގެ ިބެގެން. އެކޮޅު ޑރ.ބުނީ ދެތިން ދުވަސް ލަސްވިނަމަވެސް މީހާ ފުރާނަ ސަލާމަތްނުކުރެވުނީސް!!!
ޕީޕީ
10 July 2018
މިހާރު މިހުންނެވި ރައީސް ޔާމީން މިނިވަން 26 އަށް ބޮޑެތި ކުތް ތަށް ފިޔަވާ ކުދި ކުށް ތަކުގެ މީހުން ނަށް އައްފައާމް ދޭން ވެސް ނުއުޅޭ،ގައިމް އެހެން ރައީސުން ކުރާކަމެއް،މަގޭ އާއިލާ އެކަކުވެސް ނުދޭނެ މީނަޔަކަށް ވޯޓެއް.
ސޯބު
10 July 2018
ކުށްވެރިނުވެ ޖަލުން ބޭރުގައިތިބި ރައްޔިތުންގެ ތެރެއިން ކިތައްމީހުން އެކި ސިއްހީ މައްސަލަތަކުގައި އެކަށީގެންވާ ފަރުވާނުލިބި އަހަރެއްގެ ތެރޭގައި ނިޔައުވެގެން ދޭތޯ. ފޭސްބުކް ޕޭޖުތައް ފުރިފައިވަނީ މިހާރު އެފަދަ މީހުންގެ އެހީގެ އާދޭސްތަކުން. އެކަމަކު "ހުސްނުވާ އާސަންދަ" ޔަގީން.
މޯޑް
10 July 2018
މަގުމަތީގަ މާރާމާރީ ހިންގަން އުޅޭ މީހުންވެސް ނިކުމެ ހަޅޭއްލަވާނެ ހައްގޭ..އިޙްމާލޭ ކިޔާފަ...
ސާމު
10 July 2018
އަޅެފަހެ ޖަލުގައި ތިބޭ މީހުން މަރުވެގެން ނުވޭތަ. އެމީހުންވެސް މަރުވާނެ، އެހެން މީހުންވެސް މަރުވާނެ އަދި ކިތަންމެ ގަދަފަދަކަން ދަށްކާ ހިތުހުރިގޮތަކަށް އުޅުނަސް މަރުވާނެ. މަރު ކޮންމެ މީހަކާވެސް ބައްދަލުކުރާނެކަމީ ވާނެކަމެއް
ސަމްވަން11
10 July 2018
އެހެންވިއްޔާ އެކްސިޑެންޓް ވެގެން މީހުންގެ ފުރާނަ ސަލާމަތް ކުރަން އަވަސް ފަރުވާ ވެސް ދިނުމުގެ ބޭނުމެއް ނެތް. މަރުވާނެ އޭ ކިޔާފަ އަޅާނުލަންވީ؟ ކޮންމެ ގޮތެއްވިޔަސް ބަލި މީހަކަށް އެކަށީގެންވާ ފަރުވާ ދޭން ޖެހޭނެ. ކަރެކްޝަންސް ގެ އިހުމާލު ވަރަށް ބޮޑު.!
އުރައްޕެއްނެތް ވިސްނުން
10 July 2018
ގަތުލެއް ހިންގިއަސް ކޮއްކޮ ބުނާނި ތިހެން.؟
ޕީކީ ބްލައިންޑާރ
10 July 2018
ކޮންމެ ކަމެއް ސިޔާސީ ކުރުން ދިވެހިންނަށް އިނގޭ ހަމައެކަނި ކަމަކީ.
މެސީ
10 July 2018
ޖަލުތަށް ހިންގަން ހަވާލުވެގެން ތިބި ބޮޑެތި މީހުން އުޅެނީ ކުޅިވަރު ކުޅެވޭތޯ. އެއްވެސް ވަރަކަށް އަސްލު މުައައްސަސާގަ ހުރި ކަންކަން ރަނގަޅުކޮށް އިސްލާހުކުިރާކަށް ނޫޅޭ، ގޮނޑިހޫނުކުރަން ތިބެނީ