އަބްދުﷲ ރަޝީދު: އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުން ކަމަށް އާއިލާއިން ބުނޭ---
15 އޮކްޓޯބަރ 2017 - 12:40
ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ރަޝީދުގެ މަރާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ކުރަމުން ދަނިކޮށް އެކަމަށް ބާރު ލިބޭ ވާހަކަތަކެއް އޭނާއާ އެކު ޖަލުގައި ހުރި ގައިދީއެއްގެ ފަރާތުން ހާމަވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން، 2015 ގެ މެއި 1 ގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ ހޯމަ ދުވަހެވެ. އޭނާ މާލެ ގެނައީ ވެސް، ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން، ހާލު ވަރަށް ސީރިއަސްވުމުންނެވެ.
މާފުށީ ޖަލުގައި ހުރި ގައިދީއަކު އެހެން މީހަކަށް ފޮނުވި މެސެޖެއްގައި ބުނީ އަބްދުﷲ މަރުވީ ޖަލު ގޮޅީގައި ވޭންތަކެއް ތަހައްމަލްކުރަމުން ގޮސް ކަމަށެވެ. އޭނާއަށް އެކަށީގެންވާ ފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވެފައިވާ ކަމަށް، އަަބްދުﷲގެ ހާލަތަށް އަންނަމުން ދިޔަ ބަދަލުތަކުން އެނގޭ ކަމަށް ވެސް ގައިދީ ބުނެ އެވެ.
އެކަމަކު އަބްދުﷲގެ މަރާ ގުޅިގެން ކުރާ ތުހުމަތުތައް ކަރެކްޝަނުން ދޮގުކުރެ އެވެ. އަދި އަބްދުﷲގެ މަރުގެ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރާ ނަމަ، އެއްބާރުލުން ދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
ގައިދީ ފޮނުވި މެސެޖުގައި ބުނެފައިވާ ގޮތުގައި، ހޯމަ އާއި ބުރާސްފަތިދުވަހު ގަވާއިދުން ސުންނަތް ރޯދަ ހިފަމުން އައި އަބްދުﷲ ކޮބައިތޯ ބަލަން އޭނާ ދިޔައީ، މި މަހު 9 ވީ ބުރާސްފަތި ދުވަހު ރޯދަ ވީއްލި ވަގުތު އެތަނުން އޭނާ ނުފެނުމުންނެވެ. ގޮޅިން އަބްދުﷲއާ ދިމާވިއިރު އޭނާ އޮތީ ވަރަށް ބޮޑަށް ވަރުދެރަވެފައި ކަމަށާއި ވާހަކަ ވެސް ދެއްކެނީ ވަރަށް އުނދަގުލުން ކަމަށް ބުންޏެވެ.
"ކިހިނެއްވީހޭ އެހީމަ ބުނީ، މި އުޅެނީ ބޮޑުކަމު ދެވޭތީއޭ. މިއަދު 10 ފަހަރަށް ބޮޑުކަމު ދެވިއްޖެއޭ. އަހަރެން ބުނިން އޯއާރުއެސް [ލޮނު ޕެކެޓް] ގެނެސްދެންހޭ. އޭނާއާ އެކުގައި ތިބި އެހެން ގައިދީން ދެއްކި ލޮނު ފުޅިއެއް އެތަނުގައި ހުއްޓައި،" މެސެޖުގައި ވެ އެވެ.
ކާނެ އެއްޗެއް ހޯދައިދޭންހޭ އެހުމުން، އެކަމަށް އިންކާރުކޮށް އަބްދުﷲ ބުނި ކަމަށް ވަނީ ފަހުން ނޫޑްލްސްކޮޅެއް ކާލާނީ ކަމަށެވެ.
އަބްދުﷲގެ ހާލު ސީރިއަސްކަމުން އެރޭ ގޮޅިން ބޭރަށް ނެރެ އައިވީ ގުޅިކަމަށްވެ އެވެ. އައިވީ ގުޅިކަމުގެ ނިޝާންތައް އޭނާގެ އަތުން ފެނުނު ކަމަށް ވެސް ގައިދީގެ މެސެޖުގައި ބުނެފައިވެ އެވެ.
ގައިދީ ކިޔައިދީފައިވާ ގޮތުގައި އަބްދުﷲ ހޮޑުލާއިރާއި ބޮޑުކަމުދާއިރު ލޭ އަންނަން ފެށީ ހުކުރު ދުވަހު އެވެ. ތަކުރާރުކޮށް ލޭ ބޭރުވާން ފެށުމުން، ގޮޅީގައި ތިބި ގައިދީން ޖަލުގެ ގާޑުންނާއި އެ ވަގުތު ޖަލު ބެލެހެއްޓުމާ ހަވާލުވެ ހުރި އޮފިސަރަށް އެކަން އެންގި ކަމަށްވެ އެވެ. އަދި ފާހާނާ ތެރޭގައި ލޭ ހުއްޓައި ޖަލުގެ އޮފިސަރުންނަށް ފެނުނު ކަމަށް ވެސް މެސެޖުގައިވެ އެވެ.
ގައިދީ ކިޔައިދިން ގޮތުގައި އެވަގުތު އަބްދުﷲ އަށް ކޮންމެވެސް ބޭސްތަކެއް ވެސް ދިނެވެ. އެކަމަކު އެ ބޭހުން އަބްދުﷲ އަށް ލުޔެއް ނުލިބި ހާލަތު ދަށްވަމުން ދާތީ، ގައިދީން ވާހަކަ ދެއްކުމަށް ފަހު ނިންމީ ގޮޅިތެރެ ހަލަބޮލިކޮށްލާށެވެ. އެ ގޮތަށް އަމަލްކުރަން ނިންމީ، ގައިދީ ބުނެފައިވާ ގޮތުގައި، އަބްދުﷲ އަށް ފަރުވާ އަށް މާލެ ފޮނުވާނެ އިތުރު ގޮތެއް އެ މީހުންނަށް ނުފެނުމުންނެވެ.
"ގާތްގަނޑަކަށް އެ ދުވަހު [ހުކުރު ދުވަހު]ގެ ހަވީރު 4:30 ހާއިރު އަހަރެމެން ހަޅޭއްލަވަން ފެށީ، ހޭނެތިއްޖެއޭ، މަރުވަނީއޭ، ތަކުރާރުކޮށް ގޮވަން ފެށުމުން އައިސް ނެރުނީ،" މެސެޖުގައިވެ އެވެ.
އެ ފަހަރު ވެސް ބޭސްގުޅައެއް ދީފައި އަބްދުﷲ އަލުން ގޮޅިއަށް ވެއްދީ އެވެ. އެކަމަކު އެރޭ ވެސް އަނބުރައިގަނެގެން އަބްދުﷲ ފާހާނާތެރެއަށް ވެއްޓުނު ކަމަށް މެސެޖުގައި ބުނ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގައި ދެ ދުވަސް ހޭދަވެ އަބްދުﷲގެ ހާލު އިންތިހާ އަށް ސީރިއަސްވުމުން އޭނާ މާލެ ގެނައީ ހޮނިހިރު ދުވަހެވެ. އޭނާ މާލެ ގެންދިޔަކަން އަންހެނުންނާއި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކަށް އެންގީ ވެސް ގޮޅީގައި ތިބި ގައިދީން ކަމަށް އެ މެސެޖުގައިވެ އެވެ. އަބްދުﷲގެ އަތުގައި އެ ނަންބަރުތައް ހުރި ކަމަށް ގައިދީ ބުނެ އެވެ.
ހޮނިހިރު ދުވަހު މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނިކޮށް އޭނާ މަރުވީ އާދީއްތަ ދުވަހެވެ. އައިޖީއެމްއެޗަށް ގެނައިއިރު، އިންފެކްޝަންގެ ސަބަބުން އަބްދުﷲގެ ދެ ކިޑްނީ އާއި ފުއްޕާމޭ ވެސް ވަނީ ހަލާކުވެފައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
މެސެޖްގައި ވާ ގޮތުން، އަބްދުﷲ އޮތް ގޮޅި، އާދީއްތަދުވަހާއި ހޯމަދުވަހު ކުއްލި ގޮތަކަށް ބަލައި ފާސްކުރި އެވެ. އޮފިސަރުން ގޮޅިއަށް ވަދެ ހޯދީ ފޯނުތަކެއް ކަމަށް ވެ އެވެ.
"ފަހުން އެނގުނީ ގޮޅި ރެއިޑްކުރީ އަބްދުﷲގެ މަރާ ގުޅިގެން ކަން،" ގައިދީގެ މެސެޖުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިފުތު
16 October 2017
ފޮޓޯ އިން ދޭހަވަނީ ތިމާ އާ ނުގުޅޭ ތަނެއްގައި ދުވަސް ހޭދަކުރަންޖެހުމުން އެކަމުގެ މާޔޫސްކަން މުޅި މީހާ އަށް ލިބެމުންދާކަން. އެހެންވީމާ ސިއްޙީ މައްސަލަތައް އަދި އެހެންކަންކަން އުފަންވެދާނެ. އެންމެ ރަގަޅުގޮތަކީ ތިމާގެ ޢައިލާ އާއެކު އުފަލުގައި ތިމާ އުޅެވޭގޮތަށް ދިރިއުޅުން ބައްޓަންކުރުން. އަދި ޖިހާދަށް ނުކުމެ ފުރާނަ ދުއްވާލާ ހިސާބަކަށް ކަންކަން ގޯހެއްނުވޭ.
އުުުުއއަަަަަ
16 October 2017
މަރުވީމަތޯ އިނގޭނީ މީކާކުކަންވެސް. ޖަލުގައި ހުރިއިރު ނޭގޭ ޖަލުގައި ހުރިކަންވެސް... މަރުވީމާތޯ ހައްޤުތަކުގެ މަތިން ހަދާންވެ ލޮލަށް ނިދިނާރާ އުޅެނީ... ދުނިޔޭގައި ހުރިއިރު އަޅާނުލެވި ދެން ކިހިނެތް ވެގެންތޯ ހިނިއަރައިގެން އުޅޭހެން ތިއުޅެނީ...... ގޭގައި ނުވަތަ ސަޖިދާގައި އޮއްވާތޯ ބަންދުކޮށް ހުކުމް އިއްވީ....ބާރަށް ތެޅުނު ވަރަކަށް ހުނޅުބު ފައިބާލެއް އަވަސްވާނެ..... އުއްދަނޑި
ސަހުނާ
16 October 2017
މުޒާހަރާގެ ބޮޑު މީހާ ޖަލަށް ލައިގެން ވެސް އޭނަ މާ ބޮޑު ޝަކުވާ އެއް ކުރާ އަޑެއްވެސް ނީވޭ. ރޯދަ މަހު ގެއަށް ދެވޭ. ޝަކުވާކޮށްފިއްޔާ އެހެން މައްސަލައެއްގެ އޮއްބާލެވޭނެ. އެ މައްސަލައަކީ؟ 5 އަހަރު ވީ އިރު ވެސް އޭގެ ހަގީގަތެއް ނޭނގޭ ކަމަށް މިނޫހުގަ އޮތީ.
ރިޔާޒު
16 October 2017
ކޮމިޝަނަރ އޮފް ކަރެކްޝަންގެ ވިސްނުމަކީ މިއީ ޖަލުކަމަށްވާތީ ތިކަހަލަ ކަންކަންވެސް ހިގާނެއޭ. މިފަދަ ވިސްނުމެއް ގެންގުޅޭ ތަނެއްގެ ހާލަތު ވަޒަންކޮށްލާ
އަލްޖިބްރާ
16 October 2017
މިސަރުކާރުގެ ބޭނުން ތިއޮތީ ފުދިފާ ! ދެންކުރެވޭނެ ތަހުޤީޤެއް ނޯންނާނެ ! އެންމެ ހަފްތާއެއް ފާއިތުވާއިރަށް ތިކަން ދެނެހުރި މީހަކުވެސް ނުހުންނާނެ !
ހުމުދު
16 October 2017
މި މަރުގެ ހުރިހާ ޒިންމާއެއްނަގަންޖެހޭނީ މުޒާހަރާރޭވި މީހުން މިބޭގެދަރިންގެ އުމުރުން އަށާރަ އަހަރު ފުރެންދެން އެކުދިންގެ ހުރިހާ ހަރަދެއް މުޒާހަރާ ރޭވި ބަޔަކު މި އާއިލާއަށް ދޭންޖެހޭނެ އަލްއުސްތާޒާ ހިސާން ހުސައިން ވެސް މިކަމުގެ ޒިންމާ ނަގަންޖެހޭނެ އެކަމަނާ މިފަދަ ކަންކަމަށް ހިތްވަރުދޭތި ވ ވެދުން........
ހށ
15 October 2017
ބުނަންތަ އަޒާމެން ކަހަލަ ކޮށިވިސްނުން ހުންނަމީހުންވެސް ތިބޭނެ. ނޭގޭތަ ކުއްވެރިންނައްވެސް ލިބިގެންވާ ހައްޤުތަކެއްވޭ ތިޔަބުނާ ޤާނޫނުގެތެރެއިން. މުޒާހަރާޔައްދާ މީހުންމިހާ ކުއްވެރިކޮއް އިހުމާލުވެ މަރުވާން ދޫކޮއްލާއިރު މީހުން މަރާފަ މަރަން ހުކުމް ކޮއްފަ ތިބިމީހުންވެސް ތި ޖަލުތަކުގަ އެބަތިބި.
ރީމާް
16 October 2017
އެމީހުން ތިބެނީ ހަބަނޑަށް ކައިގެން ފެންވަރުގަ ބޭސްފަރުވާ ކޮށްގެން މޮބައިލްފޯނާ ޓީވީއާ ރޭޑިޔޯ ޖަހާލައިގެން. ޖަލު އޮފިސަރުންނަށް ނޭނގި ވާކަމެއްވެސް ނޫން މީކީ.
ހުސެން
15 October 2017
ސިފައިންގޭ މީހެއްގައިގާ ޖެހުމަށް ވުރެން މާބޮޑުމައްސަލައެއް މީހަކު މިހެން ބަންދުކޮށްފައި ބަހައްޓާ ބަލިވީމާ ބޭސްފަރުވާނުދީ މަރުވަންދެން ހިފެހެއްޓުމަކީ، ސީދާ ބޮޑު ޖަރީމާއެއްމީ، އަޅުގަނޑުގެ ނަޒަރުގައި ސިފައިންގޭމީހުންގެ ގައިގާ ރައްޔިތުން ޖަހަންޖެހެނީ ސިފައިންނަށް އެމީހުންގެ ބެސްޓްޕްރެކްޓިސް ފޮލޯނުކުރެވޭތީ، އަދި ސިޔާސީވެގެން ގޮސް ތިމާމެންގެ މަސްއޫޅިއްޔަތު އޮޅޭހިސާބައްދާތީ
ހުސެން
15 October 2017
ސިފައިންގެ މީހެއްގައި ގަ ޖެހީޔޭ ކިޔައިގެން ކޮމެންޓްކުރާ މީހުނަށް ބުނެލަންއޮތީ ސިފައިންގެ މީހެއްގެ ގައިގާ ޖެހިޔަސް އަސާސީ ހައްގުތަކުން މަހުރޫމުކޮށް މީހަކު މަރުވަންދެން ހިފަހައްޓާކަށް ނުޖެހޭނެޔޭ، ހާއްސަކޮށް މިފަދަ ސިޔާސީ ހަލަބޮލި ދުވަސް ވަރެއްގައި މުޒާހަރާއެއްގެ ތެރޭން އެފަދަކަމެއް ހިނގުމަކީ ވެދާނެކަމެއް، ސިފައިންވެސް ކުށެއްނުކުރާ އާންމުރައްޔިތުންނަށް އަނިޔާކުރާތަން ޖަހާތަން ވީޑިއޯތަކުން އެބަފެނޭ، އެހެންވީމާ ސިފައިންގެމީހެއްގެ ގައިގާ ޖެހުމަކީ ތިހާ ކަންތައްބޮޑުކުރަންޖެހޭ މައްސަލައެއްނޫން، އެއީ ކުށެއްނުކުރާ ތެދު އަލިފުންތަކެއްތޯ؟
އަތްފުނާ
15 October 2017
އަމިއްލަ ހާލައިގެން ނޫޅެވޭ މީހުންގެ މަގާމަކީ ގޯތި.މިކަން މުޒާހަރާ ކުރާ އެހެން އަމިއްލަ ހާލައިގެން ނޫޅެވޭ މުސްކުޅިނަށް ހުރި ފިލާވަޅެއް މިއީ.
ހަޖަމް
15 October 2017
އަތްފުނަލަށް ބުނެލަންއޮތީ މުޒާހަރާކުރަން ވަކި ޢުމުރެއް އޮތީ ކޮން ޤައުމެއްގަހޭ.
ބޮލުފުނާ
16 October 2017
އަތްފުނަލުގެ ވިސްނުން ކޮށިކަމާއެވެ. ކޮބާ ބާ އަމިއްލަ ހާލަކީ.. މާދަމާވެސް ތި އަޚާއަށް އެފަދަ ހާލެއް މެދުވެރިކުރައްވައިފި ނަމަ ދަންނަވާނީ ހަމަ ތިހެންތޯ؟ ބަސް ބުނުމުގެ ކުރިން ﷲ އީ އިމްތިޙާން ކުރެއްވުމުގައި އެންމެ ކުޅަދުންވަންތަ ފަރާތްކަމުގައި ވިސްނާލާ ނަމަ ދޯ!!!
ގޯލްޑް
16 October 2017
ގަދީމީ ޒަމާނުގައި ދޯ އަތްފުނާ ތިޔަ އުޅެނީ!