އެޗްއާރުސީއެމްގެ ބަޔާނާ މެެދު ކަންބޮޑުވަން: ހޯމް މިނިސްޓްރީ

ކުރީގެ ނައިބުގެ ރައީސް އަހުމަދު އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު، ޖަލަށް ބަދަލުކުރީ ޑޮކްޓަރުގެ ލަފައާ ޚިލާފަށް ކަމަށް ކަނޑައަޅައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނެރުނު ބަޔާނުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު މި މަހުގެ ދެވަނަ ދުވަހު ވަނީ އަނެއްކާވެސް ޖަލަށް ބަދަލުކޮށްފަ އެވެ. އެކަމަކު ޖަލުގައި ހުންނަވަނިކޮށް، އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންނެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނުގައި ވަނީ އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރު ދީފައިވާ ލަފައާ ޚިލާފަށް ކަމަށެވެ. "ހޯމްލީ އެންވަޔަރްމެންޓެއްގައި" އަދީބު ދެ މަސް ވަންދެން ބަހައްޓަން ޑޮކްޓަރު ލަފާ ދިނަސް، ކަރެކްޝަނަލް ސާވިސުން އެ ލަފައަށް އަމަލު ނުކުރާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ އެޗްއާރުސީއެމްގައި ބަޔާނުގައި އެ މިނިސްޓްރީން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެެއް އޭނާ ނުދެއްވަ އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނަޒީރާ ހަވާލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އެ ބަޔާނުގައި އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި. އެކަންކަން ބަލަމުންދަނީ،" ނަޒީރު ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހު އަދީބު ގެއަށް ބަދަލުކުރީ އޭނާގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމަށް ކުރި އޮޕަރޭޝަނަކަށް ފަހު އެވެ. އޭނާ އަލުން ޖަލަށް ބަދަލު ކޮށްފައި ވަނިކޮށް އިތުރަށް ހާލު ގޯސްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، އޭނާ އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.