އަދީބު، ފަރުވާ އަށް ފަހު ޖަލަށް ގެންގޮސްފި

އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.


ބަލި ހާލަތު ހުރި ގޮތުން އަދީބު އަލުން ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އަދީބު ޖަލަށް ބަދަލުކުރީ، އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ފަހު، މިއަދު ޑިސްޗާޖް ކުރުމުން ކަމަށެވެ.

އެކަމަކު، އަދީބުގެ އާއިލާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި ހޮސްޕިޓަލުން އަދީބު އަނބުރާ ޖަލަށް ބަދަލުކުރީ ކިޑްނީގައި ހުރި ހިލަތައް ނެގުމުގެ އޮޕަރޭޝަން ނުކޮށެވެ. ފަރުވާ ފުރިހަމަ ނުވަނީސް އަދީބު، ހޮސްޕިޓަލުން ދޫކޮށްލަން ޑޮކްޓަރުންނަށް މަޖުބޫރުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ނުފޫޒުން ކަމަށް ވެސް އާއިލާ އިން ތުހުމަތު ކުރެ އެވެ.

ފަރުވާ ފުރިހަމަ ކުރުމަކީ އަދީބަށް ވެސް ލިބެން ޖެހޭ އިންސާނީ ހައްގަކަށް ވާތީ، އެކަމަށް ހުރަސްނާޅަން އާއިލާ އިން ވަނީ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އެ މަނިކުފާނުގެ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަދީބު އެޑްމިޓްކުރީ ގޭބަންދުގައި ބެހެއްޓުމަށް ފަހު އަނބުރާ ޖަލަށް ގެންދިއުމާ އެކު ސިއްހީ ހާލު ގޯސްވުމުންނެވެ.

ކިޑްނީގެ މައްސަލައަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ގޭބަންދަށް ބަދަލުކުރީ އެފަދަ ބަލިމީހަކަށް އެކަށީގެންވާ މާހައުލަކަށް އޭނާ ބަދަލުކުރަން އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ. ނަމަވެސް ގޭ ބަންދަށް ބަދަލު ކުރުމުން އޭނާ ވަނީ ސިޔާސީ ކަންކަމުގައި ހަރާތްތެރިކޮށް އުޅުއްވައި، އޭނާ އިސްވެ ހުންނަވާ ސިޔާސީ ޕާޓީއެއް ވެސް އުފައްދަވައިފަ އެވެ.

އަނބުރާ ޖަލަށް ބަދަލުކުރީ ގައިދީން ގޭބަންދަށް ދޫކުރާ އިގްރާރާ އަދީބު ޚިލާފުވެވަޑައިގަތުމުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.