އަދީބު ޖަލަށް ބަދަލުކުރީ ލަފަޔާ ހިލާފަށް: އެޗްއާރުސީއެމް

ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުން މިދިޔަ ބުދަދުވަހު ޖަލަށް ބަދަލުކުރީ ޑޮކްޓަރުން ދީފައިވާ އިރުޝާދާ ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.


ސިއްހީ ހާލުކޮޅު ހުރި ގޮތުން މިދިއަ ނޮވެމްބަރު 27 އިން މިދިޔަ ބުދަ ދުވަހާ ހަމައަށް އަދީބު ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެކަމަކު ކުށްވެރިއެއް ނަމަވެސް، އޭނާ އިސްވެ ހުންނަވައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ވަނީ އުފައްދަވައިފަ އެވެ. ޖަލަށް ގެންދިޔަ ފަހުން ސިއްހީ ހާލަތު ގޯސްވެ މިހާރު އަދީބަށް ގެންދަވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ.

އަދީބުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ޑޮކްޓަރުންނާ ވާހަކަ ދައްކައި އެޗްއާރުސީއެމުން ކުރި ތަހުގީގަށް ފަހު ކަމާ ބެހޭ ފަރާތްތަކަށް އެންގި އެންގުމުގައި ބުނެފައިވަނީ އައިޖީއެމްއެޗްގެ ޔޫރިލޮޖީގެ ޑޮކްޓަރު އޮކްޓޫބަރު މަހުގެ 24 ގައި އަދީބު ގޭ ބަންދަށް ބަދަލުކުރަން ލަފާ ދިނުމުން މިދިޔަ ނޮވެމްބަރު 4 ވަނަ ދުވަހު، އެ ކޮމިޝަނުން ކަރެކްޝަނަށާއި ފުލުހުންނަށް އަންގާފައިވާނީ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް އަމަލު ކުރަން ކަމަށެވެ.

އެ އެންގުމާ ގުޅިގެން އެގޮތަށް އަކުރުން އަކުރަށް އަމަލު ކުރުމަކީ މުސްތަޙީލް ކަމެއް ކަމަށް ނޮވެމްބަރު 6 ގައި ކަރެކްޝަނުން އެ ކޮމިޝަނަށް އަންގާފައިވަނިކޮށް އެކަން ދިރާސާ ކުރަން ވެސް އޭރު ފެށި ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދީބުގެ ހާލު ބޮޑުވެ މިދިޔަ ނޮވެމްބަރު 10 ގައި އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކުރީ، އެޗުއާރުސީއެމުން ބުނި ގޮތުގައި، އެ މައްސަލަ ބަލަމުން އަންނަނިކޮށެވެ.

"ގައިދީ ނުވަތަ ބަންދު މީހެއްގެ ސިއްހީ ހާލަތާ ގުޅިގެން ގޭބަންދަށް ބަދަލު ކުރެވިފައިވާ ފަރާތްތައް ދައުލަތުގެ ދަށުން ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންދިއުމުގެ ކުރިން ގައިދީ ނުވަތަ ބަންދު މީހާގެ ސިއްހީ ހާލަތު ކަށަވަރު ކުރުމަކީ އިންސާނީ ހައްގުތަކުގެ ނަޒަރިއްޔާތުން ބަލާ ނަމަ މުހިންމު ކަމެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

އަދީބަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު ގޭ ބަންދުގައި ހުރެ އޭނާ އުފެއްދި ޕާޓީ، އެމްޓީޑީއިން ބުނެފައިވަނީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އެއް ވެރިޔާ ކަމަށް ތުހުމަތުކުރެވޭ އަދީބު ގެޔަށް ބަދަލުކުރުމާ އެކު ސިޔާސީ މަސައްކަތް ފެއްޓެވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.