ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓުގެ މައްސަލަ ބަލަން އެދި އަދީބުގެ އަނބިކަނބަލުން އެޗްއާރުސީއެމަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭގޮތުން ކުރެއްވި ޓްވީޓުގެ މައްސަލަ ބަލައިދޭން، އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.


ނަޝްވާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަދީބު ގޭ ބަންދަށް ބަދަލުކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިން ރޭ ޖަލަށް ގެންދިޔަ މައްސަލަ އާއި އަދީބު ހޮސްޕިޓަލުގައި އެޑްމިޓްކުރި ތާރީހުގެ ކުރިން ދީފައިވާ ލިޔުމަކަށް ބަލައި މިނިސްޓަރު ކުރެއްވި ޓްވީޓުގެ މައްސަލަ ބަލައިދޭން އެދިފައިވާ ކަމަށެވެ.

އިމްރާން މިއަދު ހެނދުނު ކުރެއްވި ޓްވީޓުގައި ވިދާޅުވި ގޮތުގައި، ޓެރަރިޒަމާއި ހިޔާނާތުގެ ކުށްތައް ސާބިތުވެ ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު، ދެ މަހަށް "ހޯމްލީ އެންވަޔަރްމަންޓް" އެއްގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވީ އޮކްޓޯބަރު 24، 2018 ގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފަހުން އެގޮތަށް ޑޮކްޓަރު ލަފާ ނުދެއްވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ނަޝްވާ ކުރިން ވިދާޅުވީ އަދީބު ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ސާޖަރީއަށްފަހު ރިކަވަރީއަށް އާއިލާ ގާތުގައި 6-8 ހަފުތާއަށް ބެހެއްޓުމަށް ޑޮކްޓަރުު ލަފާ ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ

ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އިމަޖެންސީގައި އަދީބަށް ފަރުވާ ދޭން ފެށީ ނޮވެމްބަރު 9، 2018ގަ އެވެ. އެއަށްފަހު އެ މަހުގެ 27 ވަނަ ދުވަހު ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި ކަމަށް ތުހުމަތުކުރެވޭ އަދީބު ގެޔަށް ބަދަލުކުރުމާ އެކު އޭނާ އިސްވެ ހުންނަވައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ވަނީ އުފައްދަވައިފަ އެވެ. އަދި އެ ޕާޓީގެ ރައީސަކަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.