އަބްދުﷲ ކްރިމިނަލް ކޯޓުން ނެރެގެން ގެންދަނީ--
17 މެއި 2018 - 12:21
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މީގެ ހައެއްކަ މަސް ކުރިން މަރުވި އަބްދުﷲ ރަޝީދު، ގ. ކީމާގެ މަރާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ ކަމަށާއި އެ ތަހުގީގު ވެސް އަދި ނުނިމޭ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.
އެޗުއާރުސީއެމުން މިހެން މި ބުނީ، މޭ 1 ގެ ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުމެއްގައި ބައިވެރިވިކަން ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައި ހުއްޓާ މަރުވި އަބްދުﷲގެ މަރާ ގުޅިގެން ބަޔަކާ ދެކޮޅަށް ދައުވާކުރަން އެ އެޗުއާރުސީއެމުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދުނު ކަމަށް ބުނެ ހަބަރު ފެތުރިފައި ވަނިކޮށެވެ.
އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އޮކްޓޫބަރު 10 ގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ ފަހުންނެވެ. އެހެންކަމުން އާއިލާ އިން ތުހުމަތުކުރަނީ އަބްދުﷲ މަރުވުމުގެ ސަބަބަކީ އެކަށީގެންވާ ފަރުވާ ނުލިބި، ޖަލުގައި ބޭއްވުން ކަމަށެވެ.
އެޗްއާރްސީއެމުން އެ މައްސަލަ ތަހުގީގުކޮށް އިހުމާލުވިކަމަށް ބެލެވޭ ބައެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް، އެޗްއާރްސީއެމުން އެކަން ދޮގުކުރެ އެވެ.
"އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން. އަދިވެސް އެއީ އޮންގޮއިން ކޭސްއެއް. ބައެއްގެ މައްޗަށް ދައުވާކުރާކަށް އަދި ނުފޮނުވާ،" އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމާއި ޕީޖީއާ ދެމެދު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އޭގެ ތަފުސީލެއް ނުލިބެ އެވެ. އެކަމަކު ތަހުގީގު ކުރާ މައްސަލަތަކުގައި ޕީޖީއާ މަޝްވަރާކުރުމަކީ އާންމު ކަމެކެވެ.
ފަސް ކުދިންގެ ބައްޕަ އަބްދުﷲގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމް "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި އަބްދުﷲ ބަލިވެގެން ޖަލުގައި ބޭސްކުރި ކަމުގެ ލިއުންތައް އާއިލާ އަށް ލިބިފައިވެ އެވެ. އެ ލިއުންތަކަށް ބަލާއިރު ވެސް ފިރިމީހާގެ މަރުގައި ކަރެކްޝަނަލް ސާވިސްގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތުކުރެވޭނެ ޖާގަ އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.
"ލިއުންތަކުން އެބަ އެނގޭ ކިޑްނީ އާއި ފުއްޕާމޭ ފެއިލްވެފައިވާ ކަން. އެކަން އެހެންވީ ބަލި ހާލަތު ބޮޑުވިއިރު ވެސް އެކަށީގެންވާ ފަރުވާ ނުދިނުމުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ޝެހެނާޒް ބުންޏެވެ.
އެ މަރުގައި އިހުމާލެއްވޭތޯ ބަލަން އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ފުލުހުން ވެސް ތަހުގީގެއް ކުރިއަށް ގެންދެ އެވެ. ނަމަވެސް ހަތް މަސް ވެގެން ދާއިރު ވެސް އެއިން އެއްވެސް ތަހުގީގެއް އަދި ނިމިފައެއް ނުވެ އެވެ.
އެ ދުވަސްވަރު މާފުށީ ޖަލުގައި ހުރި ގައިދީއަކު އެހެން މީހަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އަބްދުﷲ މަރުވީ ޖަލު ގޮޅީގައި ވޭންތަކެއް ތަހައްމަލްކުރަމުން ގޮސް ކަމަށެވެ. އޭނާއަށް އެކަށީގެންވާ ފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވެފައިވާ ކަމަށް، އަބްދުﷲގެ ހާލަތަށް އަންނަމުން ދިޔަ ބަދަލުތަކުން އެނގޭ ކަމަށް ވެސް އެ ގައިދީ ބުނެފައިވެ އެވެ.
ނަމަވެސް އެ ވާހަކަތައް ކަރެކްޝަނަލް ސާވިސް އިން ދޮގުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
17 May 2018
އައްޗި ނުވެސްކެރޭނެ ފޮވާކަށް... މޮޅުވާހަކަ... ވެރުކަންބަދަލުވިދުވަހަކުން ތިވާހަކަ ދައްކަނަން، އޯކޭ. އޭރުން މަށެއް ނޫން މަށެއްނޫން ނުކިޔާތި. ޖަވާބުދާރީ ވާންޖެހޭނެ ބަޔަކުތިބޭނެ.
ބޭބެ
17 May 2018
ކޮބާ އިންސާފު... ވަކިބަޔަކަށް ހޯސޭލުކޮށް އެކުންޕުރެސްކޮށް ދައުވާ ކޮށް ހުކުމް ކުރޭ...
އައްޑޫ ބަކުރު
17 May 2018
ޤާތިލުން އެމީހުންގެ މައްސަލަ އަމިއްލައަކަށް ނުބަލާނެ ކަންމާމެދު ށައްކެއްވެސް ނުކުރަން
އަބްދުﷲ ޖަލީލު
17 May 2018
މިނިވަން މުވައްސަަސާ އެއް ނެތް މިރާއްޖެއަކު.
އަޒުލީފް
17 May 2018
ތިޔައީ ސިޔާސީ މީހެއްގެ ކަމެއްނަމަ މިހާރު ތަހުޤީޤްކޮށް ނިންމާ ޝަރީޢަތަށް ފޮނުވާ ތިކަން ނިންމައިފީސް މާތް ﷲ މިފަދަކަންކަން ކުރާ މީހުންނަށް ެކަމުގެ ޖަޒާ ދެއްވާށި... އާމީން
ނަންނުކިޔާ
17 May 2018
ބަލަ ނިކަމެތި ދިވެހި ރައްޔިތަކު ބޭއިންސާފު އަނިޔާގައި މަރުވިޔަސް ތިކަން ބަލާނެ މުއައްސަސާއެއް ނެތްކަން ނޫންތޯ ތިއެގެނީ، އެހެންޏާ ފަހެ މަޖުލީސް މެމްބަރުންނާއި، ފަނޑިޔާރުންނާއި، ކުރީގެ ރައީސުންނާއި ޕާޓީތަކުގެ އިސްވެރިންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ އެކުރަނީ ރޮކެޓް ސުޕީޑުގައި ވިއްޔާ.
ކުޑަކަތީބު
17 May 2018
ތިކޭސް ލަސްވާ ކޮންމެ ދުވަހަކަށް ހިއުމަން ރޮޓި ކޮމިޝަން އަށް ކިތައް ލާރި ހަރަދުވޭ؟
ހަނީ
17 May 2018
ތިޔެއް ނޮފޮނުވާނެ، ސިޔާސީ މީހެއްނަމަ ޕީޖީ ނިދާނީވެސް ތި މައްސަލަ ކޯޓަށް ފޮނުވާފަ
ސަންފްލާވަރު
17 May 2018
ހިތާމަހުރި.. ކުށެއްނެތްބޭފުޅެއް އެއްވެސް ކަމަކާ ނުލާ އެދިޔައީ ދުނިޔެ ދޫކޮށް.. މީގެ ޖަޒާ އެ ހައްޤުވާ ބަޔަކަށް ވަކި ވަކިން ލިބޭނެ ދުވަހެއް އަދި އަންނާނެ.. އިންޝާﷲ