މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ މީހަކު ނިޔާވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި ނިޔާވީ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ކިޔާ 35 އަހަރުގެ މީހެކެވެ.
ކަރެކްޝަނުން ބުނީ އެމީހާ ޔާޑުގައި އެހެން މީހުންނާ އެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން ވަގުތުން ވަނީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް، އަވަސް ފަރުވާދީފައި ކަމަށެވެ. އަދި ހަތަރު މިނެޓުގެ ތެރޭގައި މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހަވީރު 5:20 ގައި އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އޭނާއަކީ ރާއްޖޭގައި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
ކަރެކްޝަނުން ބުނީ އެމީހާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫން ކަމަށެވެ.
އެމީހާ ނިޔާވުމުން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް އަންގާފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.