މާފުށީ ޖަލުގައި މުހައްމަދު ޖަމީލު ނިޔާވި މައްސަލާގައި ފުލުހުން ބާއްވާ ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު މައުލޫމާތު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
29 ޖޫން 2024 - 14:36
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި މުހައްމަދު ޖަމީލުގެ ހަށިގަނޑުގައި، އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ ނިޝާންތަކެއް ހުއްޓަސް އެއީ މީހަކު ދިން އަނިޔާއަކުން ވެފައި ހުރި ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ޖަމީލު ނިޔާވެފައި އޮއްވައި ފެނުނީ މާފުށީ ޖަލުގެ ގޮޅިއްގަ އެވެ. އޭނާ ނިޔާވެފައި އޮތްއިރު ހަށިގަނޑުގެ އެކި ތަންތަނުގައި ނިޝާންތަކެއް ހުރުމުން އޭނާއަށް އަނިޔާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.
އެ މައްސަލާގައި މިހާރު ފުލުހުން ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި ހަށިގަނޑުގައި ނިޝާންތަކެއް ހުއްޓަސް އެއީ މީހަކު އޭނާއަށް ދިން އަނިޔާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ސާމިހު ވިދާޅުވި ގޮތުގައި އިއްޔެ ރޭ އެންމެ ފަހުން ޖަމީލު ގޮޅިއަށް ވަނީ 9:30 ހާއިރު އެވެ. އޭގެ ފަހުން އެއްވެސް މީހަކު އެ ގޮޅިއަށް ވަދެފައި ނުވާކަން ސީސީޓީވީ ފޫޓޭޖުން އެނގެ އެވެ. އަދި އެ ދުވަހުގެ ހެނދުނު 6:00 ހާއިރު އޮފިސަރުން ގޮޅިތަކަށް އާންމު އުސޫލުން ޒިޔާރާތް ކުރިއިރު ވެސް އެ ގޮޅިއަށް އޮފިސަރުން ވަދެފައި ނުވަނީ އޭނާ ނަމާދުގައި ސަޖިދައިގައި އޮތުމުންނެވެ.
އޭނާގެ ގޮޅީގައި ހަރުކޮށްފައިވާ ކެމެރާގައި ފޫޓޭޖް ވެސް މީޑިއާއަށް ޕްރެސްގައި ދެއްކިއިރު އެއިން ފެންނަ ގޮތުގައި ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައި ވަނީ 7:43 ހާއިރެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތުމުން 11:34 ހާއިރު އޮފިސަރުން ވަނީ ގޮޅިއަށް ވަދެފަ އެވެ.
"އޭރުން ފެށިގެން 11:34 އާ ހަމައަށް އޮފިސަރުން ވަންނަންދެން މުހައްމަދު ޖަމީލު އޮތީ ސަޖިދައިގައި އޮންނަ ގޮތަށް،" ޑެޓް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓަ އޮފް ޕޮލިސް ސާމިހު ވިދާޅުވި އެވެ.
ފުލުހުން އާންމުކުރި މުހައްމަދު ޖަމީލުގެ ގޮޅީގެ ފޫޓޭޖުން ފެންނަ ގޮތުގައި އޭނާ ސަޖިދައިގައި އޮއްވައި ވަނީ ނިޔާވެފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު ،
އޭނާ ވިދާޅުވި ގޮތުގައި ހަށިގަނޑުގައި ހުރި ނިޝާންތަކަކީ ގިނައިރު އެގޮތަށް އޮތުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަކެވެ. އަދި ހަށިގަނޑުގެ ކުލަ ވެސް ބަދަލުވެފައި ވަނީ އެހާ ގިނައިރު އެގޮތަށް އޮތުމުން ކަމަށް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޑޮކްޓަރުން ވެސް ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމު ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް އެންގުމުން އިއްޔެގެ 18:10 ގައި އޭނާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއިލާއަށް ހަށިގަނޑު ހަވާލުކުރި ކަމަށެވެ.
އެކަމަކު ޖަމީލުގެ ހަށިގަނޑު، ހިނަވާގޭގައި ބާއްވާފައި އޮއްވައި އޭނާގެ ގައިގައި ހުރި ނިޝާންތަކެއް ދައްކައި އަނިޔާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ކުރަން ފެށުމުން ޕޯސްޓްޕޯޓަމް ހެދުމަށް ފުލުހުންނަށް އެންގި ކަމަށް އިހުސާން ވިދާޅުވިއެވެ. އެކަމަކު ފުލުހުން އެތަނަށް ދިއުމުން އާއިލާއިން އެއީ ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް ބުނުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ލަފާފުޅުހެ މަތިން ނިންމީ އާއިލާއާ ދެކޮޅަށް އެކަން ނުކުރާން ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ މައްސަލާގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަން މުހައްމަދު އާސިފް ވިދާޅުވީ ޖަމީލު އެންމެ ފުރަތަމަ ބަންދުކޮށްގެން ގެންގުޅުނީ ހައި ސެކިއުރިޓީ ޒޯނުގައި ކަަމަށާއި އެކަމަކު ބައެއް ގައިދީންގެ ފަރާތުން އޭނާއަށް އެތަނުގައި އުޅެން އުނދަގޫވެގެން އޭނާގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެހެން ގޮޅިއަކަށް ބަދަލުކުރި ކަމަށެވެ. އެ ގޮޅީގައި އިތުރު ތިން މީހަކު ވެސް އުޅުނު ކަމަށާއި އެއީ ކުރިން ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުނު މީހުން، ޖަލަށް ހުކުމް ކުރުމުން އޭރު ބޭނުންކުރަމުން އައި ޔުނިޓެއް ކަމަށް އާސިފް ވިދާޅުވި އެވެ.
އެކަމަކު އެ ޔުނިޓުގައި ހުރި އޭސީ އާއި ކެމެރާ ވެސް އޭނާ ހަލާކުކޮށްލި ކަމަށް އާސިފް ވިދާޅުވި އެވެ. ފަހުން އާ ކެމެރާއެއް ހަރުކުރުމުން އެ ކެމެރާގައި ވެސް ދަތްއުނގުޅާ ބޭސް ހޭކި ކަމަށާއި އެހެންވެ ފެންނަނީ ފުސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޔުނިޓްގެ ގޮޅިތަކުގައި އޭސީ ހުންނާނެ،. އެނދު ހުންނާނެ. އެކަމަކު މުހައްމަދު ޖަމީލު އޭސީ ހަލާކުކޮށް، އެނދު ބަހައްޓަން ބޭނުންނުވާ ކަމަށް ބުނުމުން، އޭނާގެ އެދުމުގެ މަތިން އޭސީ އާއި އެނދާއި ރިމޫވްކުރީ... ފަހުން އެހެން ކެމެރާއެއް ހަރުކުރުމުން އޭގައި ވަނީ ދަތް އުނގުޅާ ބޭސް ކާއްތާފައި... އެހެން ކެމެރާއަކަށް ބަދަލުނުކުރީ އެ ކެމެރާއަށް ގެއްލުންދިނުމުގެ ފުރުސަތު އޮތަތީ." އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވި ގޮތުގައި ދުވާލު 7 އިން ރޭގަނޑު 9 އާ ހަމައަށް އެ ޔުނިޓުގެ ގޮޅިތައް ހުންނާނީ ހުޅުވައިފަ އެވެ. އަދި ޔުނިޓަކީ ޔާޑަށް ނުކުމެ، އެކަކު އަނެކަކާ ބައްދަލުކުރެވޭ ގޮތަށް އޮތް ޔުނިޓަކަށް ވާތީ ގަޑިއަކު އެއް ފަހަރު، އެމީހުންގެ ހާލަތު ވަކިވަކިން ނުބަލާ ކަމަށް އާސިފް ވިދާޅުވި އެވެ.
ޖަމީލަކީ ނަފްސާނީ ބަލި ހުންނަ މީހަކަށްވާތީ ބޭސް ފަރުވާގެ ކަންކަން ހަމަޖައްސައި އޭނާއަށް ބޭނުންވާ ބޭސް ވެސް ގަވައިދުން ދިޔައީ ދެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިފު
30 June 2024
ނަސީބެއްނުން ތި ގޮޅީގަ ކެމެރާ ހުރިކަން. އެހެންނޫނަމަ ތި މަރު ސިޔާސީ ނުކުރާނެ އެއްގޮތެއްވެސް ނޯންނާނެ.
ލާއިން
30 June 2024
މޫކޭ ތިކަމުގަ އެންމެ މަތީގަ އުޅުނީ.. ކޮންމެ ކަމެއް ސިޔާސީ ކުރުން ކަޑަ
ޔާސީނު
30 June 2024
ޕޮލިހުން މިކަމުގަ ޒިންމާވާނެ އެއްގޮތެއްވެސް ނޯންނާނެ ކަންނޭގެ. ޕޯސްޓުމޯޓް ހަދަން އާއިލާ ކައިރިން ރިކުއެސްޓު ކުރީމަ އާއިލާ ބުނީ މިމަރަކުން އެއްވެސް ގޮތަކަށް އަނިޔާކޮށްފަ ހުރިކަމަށް ފާހަގަކޮށްފަ ނެތް ކަމަށް
ހުސެއިްނަ ޝާމް
30 June 2024
ޖަލުގަ ކޮންމެ ކުއަޖަކަށް އިސްލާމިކް މިނިސްޓްރީން ޚަތިމް ހޯދާފަދީފަ ބައިތިއްބާ .އެހެންނޫނިއްޔާ މަސައްކަތަށް ނެރޭގޮތަށް އެންމެން އެކީ މިސްކިތަށް ގެންދޭ .
ޔާސީންް
30 June 2024
މައްސަލަ ރަނގަޅަށް ތަހުގީގުކުރުން މުހިންމު
ސައިދާން
30 June 2024
ބަޔަކު މި މައްސަލަ ސިޔާސީ ކުރާކަން ފާހަގަ ވަނީ.. އޭނަ ހަށިގަނޑު އެ ފެނިފަ ހުރި ކަންތައްކަށް ބަލާއިރު ގިނައިރު ވެގެން ދިޔާމަ ވީ ކަންތަކެއްގެ ގޮތުގައި ފާހަގަވަނީ
ޔަހްޔާާ
30 June 2024
މަރުތައް ސިޔާސީކުރަން ނުހަދާ. ތީ އެމްޑީޕީއިން ކުރަން ވަރަށް ބޭނުންވާ ކަމެއް.
ތޯބެެ
30 June 2024
ފުލުހުންނަށް ސެލިއުޓް. މިމަރު ސިޔާސީ ކުރަން އުޅެނީ ވަކި އެޖެންޑާއެއް ހާސިލްކުރަންް
މަހުދީ
30 June 2024
އާއިލާއިން ނުޖައްސާ ތީގެ އެއްވެސް މައްސަލައެއް. އަހަންނަކަށް ނުވިސްނުން މި މައްސަލަ މިހާ ހޫނުވާން ޖެހުނު ސަބަބެއް. ވީޑިއީ ފޫޓޭޖް އެއޮތީ ސާފުކޮށް ފެންނަން، ކަމެއް ގޯސްކޮށް ދިޔަތަނެއް ފެންނާކަށް ނެތް
ނާފިޒުު
30 June 2024
މިމައްސަލަ ތަހުގީގުކޮށް ހާދިސާގަ ހިނގި ހުރިހާ ކަމެއް ވަގުތުން ވަގުތަށް ރައްޔިތުންނާ ހަމަޔަށް ސަރުކާރުން ފޯރުކޮށްދެމުން ދިޔަދިޔުން ބަލައިގަންނަން.