ރައީސް ޔާމީން މިއަދު މުލަކަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނާ ސަލާމް ކުރަނީ. - ފޮޓޯ: ރައީސް
10 ޖުލައި 2018 - 15:53
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވީ، އިސްލާމް ދީނަށް ކުރާ އިހުތިރާމާއި ގަދަރެއްގެ ބޮޑުކަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މުލަކުގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ ރަނިން މޭޓް ޝަހީމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވީ، ނައިބު ރައީސެއްގެ ގޮތުގައި ހުންނަވައިގެން އިސްލާމް ދީނުގެ އިހުތިރާމާއި ގަދަރު ބޮޑު ކުރެއްވޭނީ އޭނާ އަށް ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން، ޝަހީމުގެ އަބުރު ކަތިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
ރައީސް ޔާމީން މިއަދު މުލަކަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ. - ފޮޓޯ: ރައީސް
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދޭ ބަހުގެ ހަމަލަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، ޝަހީމަކީ މިހާތަނަށް އިލްމުވެރިންގެ މެދުގައި ފުންނާބު އުސް އަދި ރައްޔިތުން ބަލައިގަންނަ ބޭފުޅެކެވެ. އަދި އެންމެން ވެސް ޝަހީމަށް ކަމޭހިތައި، އިހުތިރާމްކުރާ ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެމަނިކުފާނުގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމާ އެކު، އޭނާއާ އެކު ތިއްބެވި އެހެން އިލްމުވެރިންގެ ވެސް އަބުރު ކަތިލުމަށް ގިނަ ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ސިޔާސީ ބޭނުމަށްޓަކައި އެކަނި އެ ބޭފުޅާގެ [ޝަހީމް] ޝަހުސު ކަތިލުމުގެ ކޮން ހައްގެއްތޯ އޮތީ؟ މިއީ ޑިމޮކްރަސީއެއް ނޫން. މިއީ އެންމެ ވިޔާނުދާކޮށް ކަންކަން ކުރާ ގޮތް." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދީނީ އިލްމުވެރިއަކު ވެސް، އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސަކަށް ހަމަޖައްސައިފި ނަމަ، ޝަހީމްގެ އަބުރު ކަތިލި މީހުން އޭގެ އިދިކޮޅަށް ލަވަ ކިޔާނެ ކަމަށެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރައީސް ޔާމީން ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެފަ އެވެ. އެގޮތުން، އިދިކޮޅު ކޯލިޝަން އެ މަނިކުފާނު ސިފަ ކުރެއްވީ އެއްވެސް މިސްރާބެއް ނެތި، ވައިޖެހޭ ކޮޅަކަށް އޮޔާދާ ބޮނބިގަނޑެއް ފަދައިންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ ވިސްނުމުގައި އެކި ކުލަ އާއި ވިސްނުން އެމަނިކުފާނު ވަނީ ދެކެވަޑައިގެންފަ އެވެ. އެކަމަކު، މިހާތަނަށް އައި އިރު، ރާއްޖޭގައި ތަޣައްޔަރު ނުވެ އޮތީ ހަމައެކަނި ޕީޕީއެމްގެ ފިކުރު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޕީޕީއެމް މިހާތަނަށް ވެސް އޮތީ "ފެށި އުސޫލުން، ފެށި އަސްލުތަކަށް" އިހްތިރާމް ކުރާ ޕާޓީގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އެހެން ޕާޓީތަކުގެ ލީޑަރުން ދެކެވަޑައިގަންނަވާ. އެ ބޭފުޅުން އެ ދަތުރު ކުރައްވަނީ އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، އެ ފަހަރަކު ޖެހުނު ގޮތަކަށް. ހޭރިޔާ ކުރަން ޖެހިއްޖިއްޔާ އެގޮތަށް. ރިޔާ ފައްސިޔަ ކުރަން ޖެހިއްޖިއްޔާ އެކަން ވެސް ކޮށްގެން. އެހެންވެ، އެ ބޭފުޅުންގެ ސިޔާސީ ފިކުރަަކީ ކޮބައިތޯ؟،" ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.
"ކުރީގައި އެއް ޕާޓީއަކުން ފެނުނު މީހަކު، އިދިކޮޅަށް މަސައްކަތް ކުރި ޕާޓީއެއްގެ ނައިބު ރައީސެއްގެ ގޮތުގައި ވެސް ފެނިދާނެ."
މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އުފެދިގެން އައީ ސިޔާސީ ގޮތުން ދެ ފިކުރު ކަމަށެވެ. އޭގެ ތެރެއިން އެއް ފިކުރަކީ "ފަނާކުރަނިވި ފިކުރު" ކަމަށާއި އެ ފިކުރު އެމްޑީޕީން ވަރަށް ރަނގަޅަށް ދައްކައި ދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ފިކުރަށް މަނައެއްގެ ގޮތުގައި ގޮން ޖަހަން އުފެއްދީ ޕީޕީއެމް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ އުފެއްދީ ޑީއާރުޕީ. ދެން ޕީއޭ. ދެން ޕީޕީއެމް. މި ހުރިހާ ޕާޓީއެއް ވެސް އުފެދިގެން އައީ، އެމްޑީޕީގެ ފިކުރަށް ގޮންޖަހަން ވެގެން މަޖުބޫރު ވެގެން. އެހެންވެ، އަޅުގަނޑުމެންގެ މަސައްކަތުގައި އެހާ ބާރަށް ކުރިއަށް މި ދަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޑިމޮކްރަސީގެ އުސޫލުން، ގިނަ ބައެއްގެ މަޝްވަރާގެ މަތިން ކަންކަން ކުރި ނަމަވެސް، އެކަމުގައި ހުދޫދުން ބޭރުވެ ވަޑައިނުގަންނަވާނެ އެވެ. އަދި ހުދޫދުންގެ ބޭރުގައި އޮންނަ ކަމެއްގައި ރައްޔިތުންގެ ރައުޔު ނުބަލާނެ ކަމަށާއި އެ ކަންކަން އޮންނާނީ، ބަދަލު ނުކުރެވޭ އެއްޗެއްގެ ގޮތުގައި، ގާނޫނުއަސާސީ އަށް ވިރުވައި އަޅާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު ޕާޓީތަކަކީ ހުދޫދުން ބޭރުވެފައިވާ އަދި ގާނޫނުއަސާސީއާ ހިލާފަށް ގިނަ ކަންކަން ކުރަމުން ދާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާ ވާ
12 July 2018
ކުރީގަ ޤަދަރު ނުކުރާތީ ދޯ ދީންވެރި ރަނިންމޭޓެއް ނުލިބުނީ؟ އަދީބު އަށް ނައިބު ރައީސް ކަން ދިނީ ކޮންނަޒަރަކުންތޯ ބަލާލަން ބޭނުން. އަބަދުވެސް ސިޔާސީ ކަން ކަމާއި ދީނާ ގުޅުވާތީ ދެރަ. ދީނޭ ކިޔައިގެން ދޮގުހަދާ މީހުންނަށް ނަފުރަތު ކުރަން. ދީނަށްޓަކައި އަދުލް އިންސާފް ޤާއިމް ކޮށް ދެއްވާ
ފަސީ
11 July 2018
އިސްލާމްދީނަށް ގަދަރުކުރާވާހަކަ ދައްކަވަން ފެއްޓެވީ ވޯޓު ބޭނުންވީމަ އުތަ
އާންމު މީހާ
11 July 2018
ދީން އައްޑަނައަކަށް ހަދައިގެން ސިޔާސީ ބޭނުން ނުފުއްދާށެވެ.
ސޯލިހު
11 July 2018
މަނިކުފާނެވެ. މަނިކުފާނު 'އިސްލާމް' މިބަހުގެ މައުނަ ރަނގަޅަށް ދިރާސާކުރެއްވުމަށާއި އިސްލާމްދީނަކީ ކޮން އެއްޗެއްކަން ދިރާސާކުރެއްވުން ފެނެއެވެ. އިސްލާމްދީނަކީ ދިރިއުޅުމާއި މުޖުތަމައުގެ ކަންކަން ހިންގުމުގެ ފުރިހަމަ ނިޒާމެކެވެ. އިސްލާމްދީން ބިނާވެފައި އޮންނަނީ ޢަދުލުވެރިކަމާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި، މުޖުތަމައުގެ ކަންކަން ހިންގުމުގައި މަޝްވަރާކުރުމާއެކު މިދެންނެވި ޕްރިންސިޕްލްސްގެ ތެރޭގައި ކަންކަން ހިންގުމަށެވެ. މިއީ މަނިކުފާނުގެ ކިބައިން މިވީހާތަނަށް ފެނިފައިހުރި ކަންކަމެއް ނޫނެވެ. އަދުލުވެރިކަމެއް ނެތެވެ. އެކަން ފޮހެލީ މަނިކުފާނެވެ. ޚަޒާނާ ދޮވެލީ މަނިކުފާނަށް ނޭނގިއެއް ނޫނެވެ. ރައްޔިތުންގެ އެތައްބަޔެއް، ހައްގަކާނުލައި މަޝްވަރާގެ ސިސްޓަމްތެރެއިން މަޙްރޫމްކޮށްފިއެވެ. މަނިކުފާނާއި ރައްޔިތުންނާދެމެދު ވެވިފައިވާ ޢަޤްދު (ޤާނޫނުއަސާސީ) ކުޅޭކުޅޭ އެއްޗަކަށް ހަދައިފިއެވެ. ދެން އަދިވެސް ތިވިދާޅުވަނީ ދީނަށް ޤަދަރުކުރާ ވާހަކަތޯއެވެ.
ކޮޔާ
11 July 2018
މިނިސްޓަރީ އޮފް އިސްލާމިކް އެފެއަޒް އުވާލަނީތަ؟ ބަލަ ނައިބު ރައީސް އަކީ ސިޔާސީ މަޤާމެކެވެ.
ދަރަނިބޯ
11 July 2018
ދީނަށް ގަދަރުކުރަންޏާ އެދީނުގެ އަސާސީ ކަންކަމަށް ފުރަތަމަ ގަދަރުކުރަންވާ އަދުލުއިންސާފު ޕާޓީމީހުންނޫންމީހުނަށްވެސް ލިބޭގޮތް ހަދައިދީ ނުރުހޭ އެންމެން ޖަލަށްލުން ހުއްޓާލާ އޭގެފަހުން މަލިއްޔާއިން ފަރިއްކުޅުވުންވެސް ހުއްޓާލަންޖެހޭ ޕާޓީއަށް މެންބަރުން ގަންނަން ދައުލަތުގެ މާލިއްޔާއިން ކުރިބޮޑުވައްކަމުގެ އަދަދު އުޅެނީ ބިލިއަން ރުފިޔާގަ އެފައިސާވެސް އަނބުރާ ދައްކަާ އެހެންނޫނީ ދީނޭކިޔަކަސް އަޑުއަހާނެ މީހުނެއްނެތް އިސްލާމްދީން ދިވަހިންނަށް އެޔަށްވުރެމާބޮޑަށް އެނގޭ ދިވެހިން ތިބީ އެމާތް ދީނުގައި ގަދަފަދަކަމާ ސާބިތުމަކާއެކު މިހާރަކު ދެން ދީނީކާޑެއް ނުކުޅެވޭނެ
ހުސެންއަލީ
11 July 2018
މިރާއްޖޭގައި މީހެއްގެ އަބުރެއް ފެނިގެން މިއުޅެނީ އެމްއެމްޕީއާރސީ އިން އެތައްހާސް މިލިޔަން ރުފިޔާއެއް ގެއްލުނުފަހުން. ޔަގީންވާ ކަމަކީ އެންމެލާރިއެއްވެސް އަނބުރާ ދައުލަތުގެ ހަޒާނާއަށް ނުވައްދާކަން. ކޮމިޝަތައް ހަދައިފި. އެފައިސާ ހޯދާނަމޭ ރައީސް އަޑަށްބާރުލާފަ ބުންޏަސް މިހާތަނަށް އެފައިސާހޯދުމުގައި ވީ ފޭލް. އެކެމަކު އަދީބު އެހުންނަނީ ޖަލުގައި. ކީއްވެ ނުހޯދެންވީ. ދެން އެއްޗެކޭ ބުނާމީހާ މިގޯސްވަނީ. ކޮންމެކަމެއް ކުރިޔަސް ރައްޔިތުން ތިބެންވީ ހެވިފަ.
ބޫމް
11 July 2018
ޝަހީމަކީ ފެށުނީއްސުރެ ޕީޕީއެމްގެ ބޭފުޅަކީތޯ؟ ތިޔައޮތީވެސް ހަމަ އޮޔާގޮއްސަ.
ފޭސް1
11 July 2018
އިސްލާމް ދީން ސިޔާސީ ކުރަން
ޢިބަ
11 July 2018
ސަހީމު ރާއްޖޭގަ ދީން ކުރިއަރުވަން ކޮންމެ ހެން ނުޖެހޭ ނައިބުރައީސް އަކަށް ވާވަށް.ގައުމުގެ ދަންނަބޭކަލުން ދީންކުރިއަރުވަން މަނުކުފާނު މަގުފަހިކޮށަ ދެއްވާ.