ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އަބުރުގެ ބިލް ފާސްކުރަން އުޅެނީ ގާނޫނުއަސާސީ ދަންޖައްސާ މަރާލަން: އިބޫ

ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ބިލު ފާސްވެއްޖެނަމަ ޑިމޮކްރަސީ ނޭވާ ހޮޅިއަށް އެޅޭނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މަޖިލިސް

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފާސްކުރަން އުޅެނީ ގާނޫނުއަސާސީ ދަންޖައްސާ މަރާލަން ކަމަށާއި އެކަމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަބުރުގެ ބިލަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ އެއީ ރައްޔިތުންގެ ދުލާއި ގަލަމުގައި ތަޅުއަޅުވަން ފާސް ކުރަން އުޅޭ ބިލެއް ކަމަށެވެ. އެހެންވެ، މި ބިލަށް އެއްގޮތަކަށް ވެސް ތާއީދުނުކުރައްވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މިއީ ސިޔާސީ ބޭފުޅުން ހިތުހުރިހާ ގޮތަކަށް ކަންކަން ކޮށްފައި ނިކަމެތި ރައްޔިތުން ޖޫރިމަނާކޮށް ޖަލަށް ލާން ކުރަން އުޅޭ ކަމަކަށް ވާތީ މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލްސާއެއްގައި. އަބުރުގެ ބިލަށް އިދިކޮޅު ހުރިހާ މެމްބަރުން ވެސް ފާޑު ވިދާޅުވި. - ފޮޓޯ: މަޖިލިސް

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތި ޑިމޮކްރަސީ ނޯންނާނެ ކަމަށާއި އަބުރުގެ ބިލް ފާސްވެއްޖެ ނަމަ، ޑިމޮކްރަސީ "ނޭވާ ހޮޅިއަށް" އެޅިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިކުރެވޭ ކަމަކީ ގާނޫނުއަސާސީ 28 ވަނަ މާއްދާ ދަން ޖައްސާ މަރާލުން. މިކަމުގައި އަޅުގަނޑަށް ބައިވެރިވެން ނެތް ވާހަކަ ހިތާމައާ އެކު ދަންނަވަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ އަބުރުގެ ނަމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެވޭ ހަމަލާއެކެވެ. ނޫސްވެރިންނާއި މީޑިއާތައް ތިބީ ބިރުވެރިކަމެއްގައި ކަމަށާއި ސޯޝަލް މީޑިއާގައި އެއްޗެއް ލިޔާއިރަށް ޖަލަށް ދާން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ބިލް ފާސްކުރަން އުޅެނީ ސަރުކާރުން ކުރާ ވައްކަމާއި ފަސާދައިގެ ވާހަކަތައް ދައްކާތީ އެކަން ހުއްޓުވަން ކަމަށެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ދައުލަތުގެ ހަތަރު ވަނަ ބާބު ކަމަށްވާ މީޑިއާގެ މިނިވަންކަމުގެ ބާބު ހިފެހެއްޓުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އަބުރުގެ ބިލާ ދެކޮޅަށް އޭނާ ވާހަކަ ދެއްކެވި - ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ބިލެއް ފާސްކުރީމަ، އެ ގާނޫނު ބޭނުންކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ހިޔާލުފާޅުކުރަން ހުރަސް އަޅާ ވަސީލަތެއްގެ ގޮތުގަ އެވެ. އަދި ސަރުކާރުން މިހާރު ކުރަން އުޅެނީ ގާނޫނަކުން ހިޔާލުފާޅުކުރުން ހަނިކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީޑިއާތަކުން ކުރާ މަސައްކަތަށް ހުރަސް އަޅަން އުޅޭ ކަމީ ހިތާމަ ހުރި ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަކީ ރައްޔިތުންގެ ދުލާއި ގަލަމުގައި ބޮޑު ތަޅު އަޅުވާނަމޭ ހިތާ މަޖިލީހުގައި ލަދުވެތި ބަހުސެއް ކުރާ ދުވަހެއް ކަމަށެވެ. މިއީ ވައްކަމާއި ހިޔާނާތާއި ފަސާދަ އާ އުސްމިންތަކަކަށް ގެންދަން މަގުފަހިކުރަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ފަސާދަ އާއި ކޮރަޕްޝަންގެ ވާހަކަ ދައްކަން ފެށީމަ ރައްޔިތުންގެ ދުލުގައި ތަޅު އަޅުވަން އުޅުނަސް، އެކަން ނުކުރެވޭނެ ކަމަށެވެ. ގާނޫނުއަސާސީގެ ހައްގެއްގެ ވާހަކަ ދެއްކީމަ ޖޫރިމަނާކޮށް ޖަލަށް ލުމަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު. ސަރުކާރުގެ ފަރާތުން އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖައުފަރު. - ފޮޓޯ: މަޖިލިސް

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވީ އަބުރުގެ ބިލަކީ ރައްޔިތުންނަށް އަނިޔާވެރިވުމަށް ދެވޭ ފުރުސަތެއް ކަމަށާއި ހިޓްލަރާއި ރައީސް އަބްދުﷲ ޔާމީނާ މިއަދު ތަފާތެއް ނެތް ކަމަށެވެ. ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ހުއްޓުވަން ބިލެއް ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މިއީ އަދުލުވެރި ވެރިކަމެއް ނުކުރެވޭތީ އާއި ސަރުކާރުން ހިންގާ ޖަރީމާތައް ފޮރުވަން ހުށަހަޅައިގެން އުޅޭ ބިލެއް ކަމަށެވެ. އަދި ސިޔާސީ މައިދާނަށް ނުކުންނަން ޖެހޭނީ ކެރިގެން ކުރިމަތިލާން ކެރޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިނިވަން މުއައްސަސާތަކުގައި މިނިވަންކަން ނެތް އިރު މީޑިއާގެ މިނިވަންކަން ނައްތާލުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

4 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 6%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައްސަލާމް

01 August 2016

މިަގއުމުގައި ގާނޫނު އަސާސީ ކިޔާއެއްޗެއް މިހާރު ނެތް. އެއަށް އަމަލުކުރާ މުއައްސަސާއެއްނެތް.

The name is already taken The name is available. Register?

ޖުމް

01 August 2016

ރައީސް ނަޝީދު ސަރުކާރުގަ ޤާނޫނު އަސާސީ އޮތީ ދަންޖައްސާފައި. ދަންޖައްސާފައެއްނު ޢަބްދުﷲ ޤާޟީ ހައްޔަރުކުރީ. މާގިނަ ވާހަކަ ނުދައްކާ

The name is already taken The name is available. Register?

fފދ

01 August 2016

އަބުދުﷲ ގާޒީ ހެލްތު މިނިސްޓަރު ޒިންމަަދާރު ކުރުވަން ޝަހުމު ދޫކޮށްލީމަ ދެވަނަ މީހާމެރީމާ އެނުވޭތަ ޤާނޫނު ދަންޖެއްސުމަކަށް.... އަނގަފުޅާކޮށްފަ ވާހަކަ ނުދައްކާ!!!!!

The name is already taken The name is available. Register?

އަނދޮޅު

01 August 2016

އިބޫ ތިޔަ ވިދާޅުވާ ޤާނޫނު އަސާސީ ވަނީ މީގެ އެތައް ދުވަހެއް ކުރިން އެމް.ޑީ.ޕީ ގެ ސަރުކާރު ވުޖޫދައް އައި ހިސާބުން ފެށިގެން ތިޔަ ވިދާޅުވާ ދަމެއްޖެހި މަރުވެފަ.. ދެން އިތުރައް ޖެހޭނެ ދަމެއްނެތް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454