މިދިޔަ ހޮނިހިރު ދުވަހު ޕޮލިހަށް ހާޒިރުވުމަށްފަހު ހަސަން ލަތީފު ވާހަކަދައްކަވަނީ.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން
03 އޯގަސްޓް 2016 - 11:30
އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގައި ހިމެނިވަޑައިގަންނަވާ އަހްމަދު ތަސްމީން އަލީ އާއި ހަސަން ލަތީފް އަދި ޝިދާތާ ޝަރީގެ ފޯނު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، އެ ފޯނުތައް އަނބުރާ ރައްދު ކޮށްފި އެވެ.
އެކި މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށް އެހީވާން އުފައްދާފައިވާ ހައިރާތު ފަންޑާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ތަސްމީނާއި ހަސަން ލަތީފާއި ޝިދާތާ މިދިޔަ ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރުކޮށް ކޯޓު އަމުރެއްގެ ދަށުން ފޯނު އަތުލި އެވެ. މި ތިން ބޭފުޅުންގެ ފޯނު އަނބުރާ ރައްދުކުރީ އިއްޔެ ހަވީރު އެވެ.
އިދިކޮޅު އިއްތިހާދުން މީގެ ދެތިން ހަފުތާ ކުރިން އުފެއްދި ފަންޑުން، އެކި މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށް ނުވަތަ އާއިލާތަކަށް އެހީދޭނެ ކަމަށް އެ އިއްތިހާދުން ބުންޏެވެ. ހައްޔަރުކުރާ މީހަކަށް ނުވަތަ އެ މީހެއްގެ އާއިލާ އަށް 1000ރ. އަދި އެ ހަރަކާތްތަކުން ފުލުހުން ހައްޔަރުކޮށް މުއްދަތު އިތުރު ކުރާ ކޮންމެ މީހަކަށް 5000ރ. ދިނުމަށް އެ އިއްތިހާދުން ވަނީ ނިންމައިފަ އެވެ. ސިޔާސީ ހަރަކާތްތަކުން އަނިޔާވާ މީހުންގެ ސިއްހީ ކަންތައްތައް ވެސް ބަލަހައްޓަން އެ އިއްތިހާދުން ވަނީ ނިންމައިފަ އެވެ.
ޓްވީޓުތަކެއް ކޮށްގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ މިިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް ފޯނު އަތުލައިފަ އެވެ. އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވެސް އިއްޔެ ފުލުހަށް ހާޒިރުކޮށް ވަނީ ފޯނު އަތުލައިފަ އެވެ. ޖުޑީޝަރީން ހުށަހެޅި މައްސަލައަކާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފު ވެސް ފުލުހަށް ހާޒިރުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy