ޑރ. ޝާފިއު: އޭޑީކޭގައި އިއްޔެ ކުރި ތާރީހީ އޮޕަރޭޝަނުގައި އިސްކޮށް ބައިވެރިވެ ވަޑައިގެންނެވި
09 އޯގަސްޓް 2018 - 15:01
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ހިތުގެ ބައިޕާސް އޮޕަރޭޝަންގައި އިސްކޮށް ބައިވެރިވެ ވަޑައިގެން، ދިވެހި ޑޮކްޓަރު މުހައްމަދު ޝާފިއު އަނެއްކާ ވެސް ތާރީހުގެ ތެރެއަށް ވަދެވަޑައިގެންފި އެވެ.
އޭނާ ވަނީ އިންޑިއާގައި ފުރަތަމަ ފަހަރަށް ހެދި ކުޑަކުއްޖެއްގެ ވަރަށް ނާޒުކު ހިތުގެ އޮޕަރޭޝަނެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ރާއްޖޭގެ ފުރަތަމަ ކާޑިއޯތޮރޭސިކް އެންޑް ވެސްކިއުލާ ސާޖަންގެ ގޮތުގައި 2013 ގައި މަސައްކަތް ކުރައްވަން ފެއްޓެވި ޑރ. ޝާފިއު އިއްޔެ ވަނީ ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ކުރި، ހިތުގެ އޮޕަރޭޝަން އޭޑީކޭގައި ކުރައްވައިފަ އެވެ. ނުވަ ގަޑިއިރުގެ އެ އޮޕަރޭޝަނުގައި ދެން އޭނާއާ އެކު ބައިވެރިވެވަޑައިގެންނެވީ ނޭޕާލުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރަންޖަން ސަޕްކޮޓާ އެވެ.
ބައިޕާސް އޮޕަރޭޝަނަކީ ހިތް ހުއްޓުމުން ނުވަތަ ހިތް ހުއްޓުމުގެ ނުރައްކާ އޮތް މީހުން ކުރާ އޮޕަރޭޝަނެކެވެ. މިއީ ހަށިގަނޑުގެ އެހެން ތަނަކުން ނާރު ނަގައި، ހިތާ ދިމާލުން ހަށިގަނޑުގެ ކޮންމެވެސް ތަނެއް ފަޅާލައިގެން، ހިތުގެ ނާރުތައް ބަދަލުކުރުމުގެ ވަރަށް ނާޒުކު އޮޕަރޭޝަނެކެވެ.
ދިވެހިންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ޑރ. ޝާފިއު އައީ، އުފަންވި އިރު ހިތުގެ ބޮޑު މައްސަލައެއް ހުރި ތުއްތު ފިރިހެންކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން 2015 ގައި އިންޑިއާގައި ކުރި ބޮޑު އޮޕަރޭޝަނުގައި ބައިވެރިވެވަޑައިގަތުމުންނެވެ. އޭރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ މުމްބާއީގެ ކޮކިލަބަން އަމްބާނީ ހޮސްޕިޓަލުގަ އެވެ.
އަށް ގަޑިއިރުގެ އެ އޮޕަރޭޝަންގައި ކުއްޖާގެ ހިތުގެ ވޭލްވެއް ނަގައި އެ ތަނަށް އެހެން ވޭލްވެއް ބަދަލުކޮށް، ސިންތެޓިކް ވޭލްވެއް ހެދުމުގެ އިތުރުން ހިތުގެ މައި ލޭ ހޮޅީގެ މައްސަލައެއް ރަނގަޅުކުރަން ޓިއުބެއް ވަނީ ލައްވާފަ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ޑރ. ޝާފިއު މިއަދު ވިދާޅުވީ ރޭ އޭޑީކޭގައި ކުރި ތާރީހީ އޮޕަރޭޝަނަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ކުރެވޭނެ ވަސީލަތްތައް މިހާރު ތަރައްގީ ވެފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ވަގުތުން ވަގުތަށް ނެގި ޑެޒިޝަނެއް. ވަރަށް ކްރިޓިކަލް ކޭސްއެއް ވީމައި، އުނދަގޫތަކެއް ވެސް ދިމާވި. އެކަމަކު އޮޕަރޭޝަނުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ކާމިޔާބުކޮށް،" ޑރ. ޝާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ހުރި ވަސީލަތްތަކުން، މިފަދަ އިތުރު އޮޕަރޭޝަންތައް ކުރުމުގެ ގާބިލްކަން ހޮސްޕިޓަލްތަކުގައި އެބަ ހުއްޓެވެ.
އޭޑީކޭ އާއި އައިޖީއެމްއެޗު ހިމެނޭ ގޮތަށް ރާއްޖޭގެ ސިއްހީ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ސުޕަސްޕެޝަލިސްޓު ޑޮކްޓަރު، 2015 ގައި އިންޑިއާއަށް ވަޑައިގެންނެވީ އޭރު ރާއްޖޭން އެ ދާއިރާ އިން އެކަށީގެންވާ ކުރިއެރުން ލިބެން ނެތުމުން ކަމަށް ވިދާޅުވި އެވެ.
ޑރ. ޝާފިއު އޭރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާގެ އަމާޒަކީ ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި އޯޕަން ހާޓް ސާޖަރީ ހެއްދެވުން ނަމަވެސް، އެ ވަސީލަތްތައް ތަރައްގީ ނުކުރެވުން ކަމަށެވެ.
އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން ޑރ. ޝާފިއު އެނބުރި ރާއްޖެ ވަޑައިގެން ހިދުމަތް ދެއްވަން ފެއްޓެވި ފަހުން، އައިޖީއެމްއެޗާއި އޭޑީކޭގައި ވަނީ ހިތުގެ ބަލިތަކުގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން ހިތުގެ ބައްޔަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި 2016 ވަނަ އަހަރު ކެތުލެބެއް ހުޅުވާފައިވާއިރު، އޭޑީކޭގައި މި އަހަރު ވަނީ އެންމެ ޒަމާނީ ކެތުލެބަކާއި ހިތުގެ އޮޕަރޭޝަނަށް ހާއްސަ ތިއޭޓަރެއް ވެސް ހުޅުވާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެވީ
10 August 2018
އަޅުގަނޑު ޑރ. ޝާފިއުގެ އަރިހުގައި ކުލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރިން ވ ފަހުރުވެރިވޭ މިފަދަ މޮޅު ޑރ އަކާ އެކީ މަސަތްކަތް ކުރަން ފުރުސަތު ލިބުނީތީވެ އަދި ވ އުފާވެސް ކުރަން ..... މަރުހަަބާ ޑރ.ޝާފިއު.
ފުތާގެ އަލިފުތާ
10 August 2018
ޑރ.ޝާފިއު އަދި ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި ﷲ ބަރަކާތްލައްވާށި. އާމީން.
ރީތި މޫސަ
10 August 2018
ޝާފިއަށް ﷲގެ ހެޔޮރަޙްމަތާއިއެކު ކުރިޔަށްދިޔުމުގެ ހެޔޮތައުފީޤު ދެއްވާށި
ކަކުނިބެ
09 August 2018
ޔާމީނުގެ ވެރިކަމުގަ ރަނގަޅުކަމެއް ކޮއްފިއްޔާ އެއީ ޔާމީނު އެކަމު އެމް އެމް ޕީ އާރު ސީ ގެބޮޑު ލާރިގަނޑާ މިޔޮއް ކަތިލާމީހުންނާ ޔާމީނާ ބެހޭކަމެއްނޫން
ހެޔޮބަސް
10 August 2018
މިކަން ސިޔާސީ ނުކޮށްބަލަ ކަކުނިބެ
އެއްމިލިއަން ދެރުފިޔާ
09 August 2018
މައި ރެސްޕެކްޓް ފޮޔޫ ސާރ.
ދެކޭމީހާކިޔާމީހާ
09 August 2018
މިފަދަ މިންވަރުކޮށްދެއްވި ﷲ ސުބްޙާނަހޫވަތަޢާލާއަށް ޙަމްދާއިޝުކުރު ހުއްޓެވެ! އުފާވެރި ދުވަހެކެވެ!
ޕޭޝަންޓް
09 August 2018
ޑރ. ޝާފިއު އަކީ އަޅުގަނޑުގެ ބަލި 9 އަހަރު ފަހުން ބުނެދެއްވި ބޭފުޅާ. އޭރުވެސް ވިދާޅުވި ތިޔަ ކަމުގެ ނާޒުކު ކަމުން ރާއްޖެއިން އޮޕަރޭޝަން ނުކުރުމަށް. ވަރަށް ފަހުންވެސް ހިތުގެ ކަމަކަށް ހަދާފަ އަޅުގަޑު ޝާފިއުއާ ބައްދަލު ކުރިން. އެދުވަހު އަޅުގަޑުގެ ހިޑްރާޑެނައިޓިސް ކޮންޑިޝަން ޑައިގްނޯޒް ކޮށްދެއްވި. މޮޅު ބޭފުޅެއް، މަސައްކަތުގައި ބަރަކާތް ލައްވާށި.
އަހުމަދު ސަލީމް
09 August 2018
ވަރަށް ސަޅި... ދެން ނުޖެހޭނެ އިންޑިޔާ ލަންކާއަށް އިރުއިރުކޮޅާ ދާކަށް...
ނަޝީ
09 August 2018
މިކަހަލަ އެތައް ޝާފިއުއެއް އުފެއްދުމަށްޓަކައި ރައިސް ޔާމީންވަނީ 25 ފބުރީގެ ހޮސްޕިޓަލެއް އަޅުއްވާ ދެއްވާފައި.އިރާދަ ކުރެއްވިއްޔާ މިތަނުގައި މެޑިކަލް ކޮލެޖެއް އުފެދިގެން ދިއުމުން އެތަކެއް ތިފެންވަރުގެ ޑޮކުޓަރުން އުފެދިގެން ދާނެ
މަރީ
09 August 2018
ރައީސް ޔާމީން އެއްލަކިން އެއުފައްދާ ޑަކްޓަރުންނާ މިވަރުގެ މޮޅު ޑަކްޓަރުންނާ އަޅާވެސް ނުކިޔޭނެ. ހުދި ޔާމީންވެސް އޭނަ އެއުފައްދާ ޑަކްޓަރުންކައިރިއަށް އެއްވެސް ފަރުވާއެއް ހޯދަން ނުދާނެ.
ޢަލީ77777777
09 August 2018
ލިބުނު ކާމިޔާބާއެކީ ސިޔާސީ ދާއިރާއަށް ނުވެންނެވުން އެދެން.