ކްރޭޝް ލޭންޑްކުރި އެމިރޭޓްސްގެ މަތިންދާ ބޯޓު ދުބާއީ އެއާޕޯޓުގައި: ބޯޓުގެ މައިގަނޑުގައި ވަނީ އަލިފާން ރޯވެފައި. --ފޮޓޯ:އޭއެފްޕީ
04 އޯގަސްޓް 2016 - 11:11
ދުބާއީ (އޮގަސްޓް 4) - ޓްރިވެންޑްރަމުން ފުރައިގެން ދުބާއީ އަށް ދަތުރުކުރި އެމިރޭޓްސްގެ މަތިންދާ ބޯޓު ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ކްރޭޝް-ލޭންޑް ކުރުމާ އެކު ބޯޓުގައި ރޯވި އަލިފާން ނިއްވަން އުޅުނު އަލިފާން ނިވާ މީހަކު މަރުވެއްޖެ އެވެ.
ތިން ސަތޭކަ މީހުންނާ އެކު ދަތުރުކުރި ބޯއިން 777 ގެ ބޯޓު ކްރޭޝް ލޭންޑް ކުރަން ޖެހުނު ވަކި ސަބަބެއް އަދި ނޭނގެ އެވެ. އެކަމަކު ބައެއް ފަރާތްތަކުން ލަފާކުރަނީ ބޯޓުގެ ލޭޑިން ގިއަރަށް މައްސަލަ ދިމާވީ ކަމަށެވެ. ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު ޖެއްސުމާ އެކު ވަރަށް ބޯކޮށް ވަނީ ދުން އަރައިފަ އެވެ.
ކްރޭޝް ލޭންޑް ކުރުމާ އެކު އަލިފާން ރޯވި އެމިރޭޓްސް ބޯޓުގެ ފޮޓޯއަކަށް މީހަކު ބަލަނީ. --ފޮޓޯ:އޭއެފްޕީ
އެމިރޭޓްސް އެއާލައިނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިޚް އަހުމަދު ބިން އަލް މަޚްތޫމް ވިދާޅުވީ ބޯޓަށް ދިމާވީ "އޮޕަރޭޝަނަލް ހާދިސާއެއް" ކަމަށާއި އެއީ "ސަލާމަތީ މައްސަލައަކުން" ދިމާވި ކަމެއް ނޫން ކަމަށެވެ. އަލިފާން ނިއްވަން އުޅެނިކޮށް މަރުވި މީހާ އަށް ޝެއިޚް އަހުމަދު ވަނީ އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފަ އެވެ. އޭނާއާ ބެހޭ އިތުރު ތަފްސީލެއް އެއާލައިނުން އާއްމުކޮށްފައެއް ނުވެ އެވެ.
އެމިރޭޓްސް އިން ބުނީ ފްލައިޓް އީކޭ521 އިން ދަތުރުކުރި އެންމެން ވެސް ރައްކާތެރިކަމާ އެކު ބޯޓުން ބޭލި ކަމަށެވެ. ނަމަވެސް އެކި ވަރުގެ އަނިޔާތައް ލިބިގެން 13 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފަ އެވެ.
ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ސައިފް އަލް ސުވާއިދީ ވިދާޅުވީ އެމިރޭޓްސް އާއި ދުބާއީ އެއާޕޯޓުގެ އިސް ފަރާތްތަކާ ގުޅިގެން މި ހާދިސާ ތަހުގީގު ކުރުމަށް ޓީމެއް ފޮނުވާފައިވާ ކަމަށެވެ.
ބޯޓުން ދަތުރުކުރީ 282 ޕަސިންޖަރުންނާއި 18 ކްރޫންނެވެ. ޕަސިންޖަރުންގެ ތެރޭގައި އިންޑިއާގެ 226 މީހުންނާއި އިނގިރޭސި ވިލާތުގެ 24 މީހުންނާއި ޔޫއޭއީގެ 11 މީހުން ހިމެނެ އެވެ.
އެމިރޭޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިޚް އަހުމަދު ބިން ސައިދު އަލް މަޚްތޫމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ޝެއިޚް އަހުމަދު ވިދާޅުވީ ބޯޓުގެ ޕައިލެޓަކީ 7،000 ގަޑިއިރު އުދުހުމުގެ ތަޖްރިބާ ލިބިފައިވާ މީހެއް ކަމަށެވެ. އަދި ބޯޓު ނައްޓާލުމުގެ ކުރިން ބޯޓުގެ ހުރިހާ އިންސްޕެކްޝަން ޗެކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ހަތަރު މަސް ކުރިން ވަނީ ދުބާއީގެ އެހެން އެއާލައިނެއް ކަމަށްވާ ފްލައިދުބާއީގެ ބޯޓެއް ޖައްސަން އުޅެނިކޮށް ރަޝިޔާގެ ދެކުނުގެ ރޮސްޓޯފް-އޮން-ޑޮން އަށް ވެއްޓި އޭގައިތިބި 61 މީހުން މަރުވެފަ އެވެ. ބައިނަލްއަގުވާމީ ޕަސިންޖަރުންނަށް ބަލާއިރު ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބިޒީ އެއް އެއާޕޯޓެވެ. އެއާޕޯޓުން އެމިރޭޓްސް އިން 153 މަންޒިލަކަށް ދަތުރު ކުރެ އެވެ. އެ އެއާލައިނުގައި ބޯއިން 777 އާއި އެއާބަސް އޭ380 ގެ ސުޕަޖަންބޯ ޖެޓާ އެކު 250 މަތިންދާ ބޯޓު އޮވެ އެވެ. އެމިރޭޓްސް، ގަތަރު އެއާވޭސް އަދި އަބޫ ދާބީގެ އިއްތިހާދު އެއާލައިނަކީ ވައިގެ ދަތުރުފަތުރުގެ އެންމެ ބޮޑު މާކެޓް ކޮންޓްރޯލް ކުރާ އެއާލައިންތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
04 August 2016
މީދޯ މިހާރުގެ ފެންވަރަކީ. ސުރުޚީ ދަނީ ބޮޑުތަކުރުފާނު މަގުން. މައިގަނޑުދަނީ މަޖީދީމަގުން.... ވަރަށް ސަލާން
ރިލޭ
04 August 2016
ގިނަ މީހުން މި ކޮމެންޓް ކުރަނީ ހަބަރު ނުވެސް ކިޔާހެން ހީވަނީ
ރިލްވާން
04 August 2016
މީހަކު މަރުވީ އަލިފާން ނިއްވަން އުޅެނިކޮށް. ދެން މުޅި ހަބަރަކު ނޯންނާނެ އޭނާ މަރުވި ވާހަކައެއް. އެ ހާދިސާގެ ވާހަކަ ދެން އަންނާނީ. ރިލޭމެން ކޮމެންޓް ކުރާނީ ވާނުވާ އެނގިގެން.
ރިޒާ
04 August 2016
އަލިފާންނިއްވާމީހާ މަރުވި ސަބަބެއް މި ލިޔުމުން އެގޭކަށް ނެތް.. ލިޔުން ކިޔާލުމުން އެގިއްޖެ ވަރަށް ފެންވަރުދަށް.. މިވަރުން އަބުރުގެ ބިލް ފާސް ކުރަން ވެސް ރަނގަޅު....
ގުނޯ
04 August 2016
މި ލިޔުން ލިޔުނީ ދިވެހި މާއްދާއިން ފެއިލްވެފަ ހުރި މީހެއް ދޯ
ސީޑީ
04 August 2016
ސުރުހީ ބަދަލު ކުރުމަށްް ގޮވައިލަން، ސުރުހީގަވާ އެއްޗަކާ ތިލިއުމުގަވާ އެއްޗަކާ ނުގުޅޭ. ވަރަށްސަލާމް މިސުރުހީ ލިއުނު ބޭފުޅާއަށް
ކާކު
04 August 2016
ހަަބަރު އެއް ފަހަރު ކިޔާލަމާ ދޯ އޭގައި އޮތް އެއްޗެއް ފަހުމްވޭތޯ، ސީޑީމެން ތިޔަކީ ހަބަރުގެ އެއްބައި. އެހެންވެ ވާނުވާއެއް ނޭނގޭނެދޯ
ޢަލީދެ ދަރި!
04 August 2016
އަލިފާން ނިވަން އުޅުނު މީހަކު މަރުވި ވާހަކަ ބުނެދޭން އުޅުނު މީހާގެ ވާހަކަ ހަތަރު ބީރުންގެ ވާހަކަޔާ އެއްވެސް ތަފާތެއް ނެތެވެ. ސުރުޚީ އަކާއި ޚުލާޞާ އަކާއި ދިމައެއްނުވިއެވެ.
އަބޫ ޢަބްދުﷲ ނައިފަރީ
04 August 2016
މަމި އަޖާބުވަނީ ބޯޓުގެ މަތީގަ އެވަރަށް ހުޅު ހިފައި ގެއްލުންވެފައިވާތީ..؟؟؟ ކިހިނެއް ކޮންގޮތަކުން ބާ..؟؟ ތިރީގަ އެއްނު އަލިފާން ހިފަންޖެހޭނީ..؟؟ ހުސް ސުވާލު..؟؟ ވިސްނާ ވިސްނާ ގެޓެއްނުވި..!
777
04 August 2016
ސުރުޙީއާއި ގުޅޭ އެއްވެސް ތަފުސީލެއްނެތް. އަލިފާން ނިއްވާވީހާ މަރުވާން ދިމާވި އެއްވެސްކަމެއް އެނގޭކަށްނެތް. މިރާއްޖޭގައިވެސް ވަރަށްގިން އެއަރޕޯޓް ފަޔަރފައިޓަރުން އުޅޭ އެފަރާތްތަކުން މި ލިޔުމަށް ޝައުގުވެރިވާނެކަން ޔަގީން.
ދޮން މަނިކް
04 August 2016
މީހަކު މަަރުވިކަން ހެޑްލައިނުން އެގުނީ. އެއްވެސް ތަފްސީލެއް ނުލިބުނު.