ވިޔަފާރި / ޓެކްސީ ހިދުމަތް

ޓެކްސީގެ ހިދުމަތް، ޒަމާނީ ބަދަލަކަށް ބޭނުންވެފައި

މާލޭގެ މަގެއްގައި ޓެކްސީތަކެއް ދުއްވަނީ. ޓެކްސީތަކުގެ ފެންވަރު ދަށްވެ ބައެއް ކާރުތައް ދުއްވަން ވެސް އެކެށީގެނެއް ނުވޭ--ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ޓެކްސީ ހިދުމަތް ހޯދަނީ އޮންލައިންކޮށެވެ. ހާއްސަކޮށް ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި މިހާރު އޫބާ އަދި މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ގްރެބް ޓެކްސީ ހިދުމަތް ތައާރަފްކުރުމުން ގިނަ ބައެއްގެ މެދުގައި ވަނީ ވަރަށް މަގުބޫލު ހިދުމަތަކަށް ވެފަ އެވެ.

އެ ގައުމުތަކުގައި އޮންލައިން ޓެކްސީ ސާވިސް ދެމުން ގެންދިޔަ ނަމަވެސް މީޓަރަށް ދަތުރުކުރާ ޓެކްސީތައް ވެސް އޮޕަރޭޓްކުރެ އެވެ. ނަމަވެސް ނިސްބަތުން މީޓަރު ޓެކްސީގެ ހިދުމަތް ހޯދާ މީހުންގެ އަދަދު މިހާރު މަދެވެ.

ގިނަ ގައުމުތަކުގައި މީޓަރު ޓެކްސީ ތައާރަފްކުރި މައިގަނޑު ސަބަބަކީ އެކި ޑްރައިވަރުން އެކި އަގު ނަގައިގެން ދަތުރުކުރާތީ އެއް އަގެއްގައި އެންމެނަށް ވެސް ދަތުރުކުރެވޭނެ ގޮތް ހަދައިދިނުމެވެ. ޓެކްސީތަކުން މީޓަރަށް މަކަރު ހަދާތީ ބައެއް ގައުމުތަކުގައި ޓްރާންސްޕޯޓް ކަންތައްތައް ރެގިއުލޭޓްކުރާ އިދާރާތަކުން ޓެކްސީތަކުގައި ހުންނަ މީޓަރުތައް ސީލްކުރެ އެވެ.

ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އަލަށް ހެދި ޓެކްސީ ޕާކިން ޒޯނުގައި ޓެކްސީއެއް މަޑުކޮށްގެން: ރާއްޖޭގައި ވެސް އޮންލައިން ޓެކްސީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭން ޖެހޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖޭގައި ޓެކްސީ ހިދުމަތް އަދިވެސް މި އުޅެނީ ރަނގަޅަށް ރެގިއުލޭޓެއް ނުކުރެވިގެންނެވެ. މާލެ ފިޔަވައި އަތޮޅުތަކުގައި ޓެކްސީ ހިދުމަތް ދިނުމަށް ވަކި ރޭޓެއް ކަނޑައަޅާފައެއް ނުވެ އެވެ. އެހެންވެ އާބާދީ ބޮޑު ރަށްރަށުގައި ވެސް ޓެކްސީ ހިދުމަތް ދެނީ އެ ބަޔަކަށް ފެނުނު އަގަކަށެވެ.

ސިނަމާލެ ބްރިޖާ އެކު އަނެއްކާވެސް މާލޭގައި ޓެކްސީ މައުލޫއު ފެންމަތިވެއްޖެ އެވެ. މާލެ އާއި ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ވެހިކަލްތަކަށް ދަތުރުކުރެވޭ ގޮތް ވުމުން، ފުރަތަމަ އަގު ކަނޑައެޅީ ޓެކްސީ ޑްރައިވަރުން އަމިއްލައަށެވެ. ބައެއް ޑްރައިވަރުން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރަކަށް 150ރ. އާއި 200ރ. އާ ދެމެދުގެ އަގެއް ނަގަ އެވެ. އަދި މާލެ އާއި ހުޅުލެއާ ދެމެދު ކުރާ ދަތުރަކަށް 100ރ. ނަގާއިރު، ހުޅުމާލެއިން ހުޅުލެއަށް ވެސް 100ރ. ނަގަ އެވެ. އަދި ދަންވަރު 12ގެ ފަހުން ކުރާ ދަތުރަކަށް 200ރ. ނަގަ އެވެ.

އާއްމުންގެ ފާޑުކިއުންތައް ބޮޑުވެގެން އެންމެ ފަހުން ޓްރާންސްޕޯޓް އޮތޯރިޓީން މިހާރު ވަނީ އަގުތަކެއް ކަނޑައަޅައި، އިއުލާން ވެސް ކޮށްފަ އެވެ. އެކަމަކު އެއީ އެކަށީގެންވާ ވަރަށް ވުރެ ކުޑަ އަގެއް ކަމަށް ބުނެ އެ އަގުތަކށް ޑްރައިވަރުން ދަތުރެއް ނުކުރެ އެވެ.

އަދިވެސް ޑްރައިވަރުން އެ މީހުންގެ އަމިއްލަ އަގުތަކެއް ކިޔާތީ އާއްމުންގެ ޝަކުވާ ބޮޑުވުމުން ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ދަތުރުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމަކު އެހެން ބުނި ފަހުން ވެސް ޓެކްސީ ޑްރައިވަރުން ސަރުކާރުގެ އަގުތަކަށް ދަތުރެއް ނުކުރެ އެވެ.

ޓްރާންސްޕޯޓް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ޓެކްސީ ހިދުމަތް ރެގިއުލޭޓްކުރަން ހަރުދަނާ ގަވައިދެއް ނެތް ކަމަށެވެ. އަދި ހަދާފައިވާ ގަވައިދުތައް ވެސް ތަންފީޒު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ޓެކްސީއެއް: ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކުގައި ޓެކްސީތަކުން ނަގަނީ އެ މީހުން އަމިއްލައަށް ކަނޑައަޅާފައިވާ އަގެއް. ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބްރިޖް ހުޅުވާލުމާ އެކު ޓެކްސީ ޑްރައިވަރުން ހިތުހުރި އަގެއް ނަގަމުން އަންނައިރު އެކަން ހުއްޓުވޭ ތަނެއް ނުފެނޭ. އަދި އެކަން ކޮންޓްރޯލްކުރަން ސަރުކާރުން އަގުތައް އިއުލާންކުރިލެއް ލަސްވީމަ މި މައްސަލަ ބޮޑުވީ. ދެން އެކަން ހުއްޓުވުމަކީ ނުވާނެ ކަމެއް،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރާނެ ގޮތުގެ ހިޔާލެއް ވެސް އޭނާ ދެއްވި އެވެ. މާލޭގައި އޮންލައިން ޓެކްސީ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން "ކޮބާ ޓެކްސީ"ގެ ނަމުގައި ހިދުމަތެއް ތައާރަފްކުރި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އަމިއްލަ ކާރުތައް އެ ޕޫލުގައި ބައިވެރިކުރެވޭނެ ގޮތެއް ނެތުމުން ކަމަށް އެ ތަޖުރިބާކާރު ދެކެވަޑައިގަންނަވަ އެވެ.

"މާލެ- ހުޅުލެ އަދި ހުޅުމާލެއަށް ކުރާ ދަތުރުތަކުގެ އަގުތައް ކުޑަކުރެވޭނީ ޕްރައިވެޓް ކާރުތައް އޮންލައިންކޮށް ބުކް ކުރެވޭނެ ގޮތެއް ހަދައިގެން. އޭރުން ޓެކްސީ ޑްރައިވަރުން ވެސް އެ އަގަށް ކުޑަކުރަން މަޖުބޫރުވާނެ. މިހާރު މިވާ ގޮތަކީ މިތަނުގައި ޑިމާންޑާ އެއް ވަރަށް ޓެކްސީއެއް ނެތުމުން، ޗޮއިސްއެއް ނެތް އާންމުންނަކަށް،" އޭނާ ވިދާޅުވި އެވެ.

އެ ތަޖުރިބާކާރު ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި މީޓަރު ޓެކްސީ އާއި އަގު ކިޔައިގެން ދަތުރުކުރުން ކޮންޓްރޯލްކޮށް އަގުތައް ތިރިކޮށްލީ އޫބާ ފަދަ ކުންފުނިތަކުން ކަމަށެވެ.

"މީގެ ކުރިން މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި މީޓަރު ޓެކްސީ ނޫން އެއްޗެއް ނުލިބޭނެ ދަތުރުކުރަން. ބައެއް ފަހަރު މީޓަރު ނުޖައްސައި ދަތުރު ނިންމާލުމަށް ފަހު އޮޅުވާލައިގެން ފައިސާ އަތުލާފައި އެބަހުރި. ނަމަވެސް އޫބާ އަދި ގްރެބް ތައާރަފްކުރުމުން އެ ޓެކްސީތަކުގެ ޑިމާންޑް ދަށްވި،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ދުއްވާ ގިނަ ޓެކްސީތައް ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ. ޓްރާންސްޕޯޓް ގަވައިދުގައި ބުނާ ގޮތުން ޓެކްސީ ހިދުމަތްދޭ ކާރުތައް ހުންނަން ޖެހޭނީ ވަކި ފެންވަރެއްގަ އެވެ. އަދި ސާފުތާހިރުކަން ވެސް ބަލަހައްޓަން ޖެހެ އެވެ. ނަމަވެސް މިހާރު އެ ގަވައިދަށް ފެތޭ މަދު ޓެކްސީއެއް ނޫނީ ނުފެނެ އެވެ.

ޓެކްސީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ބޭނުން ނަމަ އެ ހިދުމަތް ދޭން ބޭނުންވާ ބަޔަކަށް ލުއިފަސޭހަ ގޮތަކަށް އެކަން ކުރެވޭނެ މަގު ވެސް ހުޅުވާލަން ޖެހެ އެވެ. އެގޮތުން ޓެކްސީ ބޯޑު ވިއްކާ އަގު 50،000ރ. އަށް ވުރެ ކުޑަކުރުން މުހިންމެވެ. އަދި ފަސް އަހަރަށް ނަގާ 5،000ރ.ގެ ފީ ވެސް ކުޑަކުރެވިދާނެ ކަމަށް، ބައެއް މީހުން ބުނެ އެވެ.

"މި ހިދުމަތް ވަކި ބަޔަަކަށް މޮނޮޕޮލައިޒް ކުރެވޭ ގޮތަކަށް އޮވެގެން ނުވާނެ. ޓެކްސީ ބޯޑު ޖަހައިގެން ދުއްވަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު ވެސް ފަސޭހަކޮށް ލިބޭނެ ގޮތެއް އޮންނަން ވާނެ. އަދި އޮންލައިންކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުން ބަޔަކަށް ޕްރައިވެޓް ބޯޑު ޖަހައިގެން ވެސް އެކަން ކުރެވޭނެ ގޮތެއް އޮންނަން ވާނެ،" ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވި އެވެ.

މާލޭގެ މަގެއްގައި ޓެކްސީއެއް ދުއްވާފައި ދަނީ: އޮންލައިން ޓެކްސީ ތައާރަފްކޮށް ޕްރައިވެޓް ކާރުތަކަށް ވެސް އެ ހިދުމަތް ދެވޭނެ ގޮތެއް ހަދަން ޖެހޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ޕްރައިވެޓް ކާރުތަކަށް އޮންލައިންކޮށް ބުކްކޮށްގެން ދަތުރުކުރެވޭ ގޮތަށް ހުޅުވާލައިފި ނަމަ މިހާރު ބޭނުންކުރާ ބާ ޓެކްސީތައް މަގުތަކުން ގެއްލޭނެ ކަމަށެވެ. އަދި އެ މީހުން ވެސް އަލުން ނުކުންނާނީ ފެންވަރު ރަނގަޅު ކާރާ އެކު ކަމަށް ވެސް ތަޖުރިބާކާރު ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު ބޭނުންކުރާ ބައެއް ކާރުތަކަށް އަރަން ވެސް ކަމުނުދޭ. މީގެ ކުރިން އަޅުގަނޑުމެން ހީކުރަނީ އެންމެ ބާ ކާރުތައް ބޭނުންކުރަނީ އަވަށްޓެރި އިންޑިއާ، ލަންކާގައި ކަމަށް. އެކަމަކު މިހާރު އެތަންތަނުގައި ވެސް ބޭނުންކުރާ ކާރުތަކަށް ވުރެ ރާއްޖޭގައި ބޭނުންކުރާ ޓެކްސީ ކާރުތަކުގެ ފެންވަރު ދަށް،" އޭނާ ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖާ އެކު ޓެކްސީ ދަތުރުތަކަށް ވެސް އެ ހުޅުވުނީ އާ ދޮރެކެވެ. އެހެންކަމުން ޒަމާނީ ފެންވަރަކަށް ވެސް ޓެކްސީގެ ހިދުމަތް ގެންދަން ޖެހެ އެވެ.

25 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 6%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޮޓޭކްސީ ޕްލީޒް

17 September 2018

މާލޭއަކީ ޓެކްސީ ފްރީތަނަކަށް ހެދުން މާރަނގަޅު. 1 ކިލޯމީޓަރު ނެތް ތަނެއްގާ ދުއްވާއެއްޗިހީގާ ދިއިމަކީ އިންސާނުންގެ ބުއްދިއަށް ދެވޭ ނިކަމެތިކަމަކަށް ވާނީ. މާލެއަކީ ބޮޑު އިންސާނީ ތޫފާނެއް. އަމިއްލައަށް ފާނާވެގަތުމުގެ އާ އުފެއްދުމެއް.ބައިލޮޖިކަލް އެޓޮމް ބޮމެއް.

The name is already taken The name is available. Register?

ބާރީ

17 September 2018

ކާރު އާކުރެވޭނީ ކިހިނެތް ސކެންޑް ހޭންޑް ކާރެއްވެސް އެތެރެ މި ކުރެވެނީ އާ ދެކާރުގެ އަގުގައެވެ. ފެލާލައިގެން ކަސްޓަމް ޑިއުޓީގެ ނަމުގައި އެނަގާ އެއްޗެއް ކުޑަ ކުރީމާ މާލޭގައި ހުރި ކާރު އާ ކުރެވޭނީ. އެންޑީޕީން ވައުދު ވެބަލަ އެކަން ކޮށްދޭނެ ކަމަށް.

The name is already taken The name is available. Register?

ކަތީބު

17 September 2018

މުއްދަތެއްދީފަ މިހާރު ރާއްޖެއަށް އެތެރެކޮއްފަ ހުރި ބާ ކާރުތަކާ ސައިކަލުތައް ތައްނައްތާލަންވީ ދެން ސެކަންޑްހޭންޑްކާރު 2 އަހަރަށްވުރެ ގިނަދުވަސްވެފަ ހުރިއްޔާ ރާއްޖެ އެތެރެނުކުރާ ގޮތައްހަދާ! ހުޅުމާލެ މާލޭގައި ރަގަނޅު ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ޤާއިމްކުރުން މުޙިއްމު!އަދި މުޅި ޓެކްސީ ނިޒާމް ޑިޖިޓަލައިޒްކޮއް، ހުރިހާ ކާރެއްވެސް ޓްރެކިންގ ސިސްޓަމެއްގެ ތެރެއަށްލާންވީ، ރީޒަން އެއްނާންގާ ނުދުއްވާ ގިނަދުވަސްވާ ކާރުތަކުގެ ޓެކްސީބޯޑު ބާތިލްކުރުން!

The name is already taken The name is available. Register?

ހިޖާމާ

17 September 2018

ފުރަތަމަ މޮނޯޕޮލީ އުވާލަބަލަ! ބޭނުންމީހަކަށް ޓެކްސީ ވިޔަފާރިޔަށް މިނިވަންކަމާއެކު ވަދެވޭގޮތް ހަދާލަބަލަ. މައްސަލަ ހައްލުވީ!

The name is already taken The name is available. Register?

ވޯލް

17 September 2018

ބުރިޖު އަޅާ ނިންމީ 2 އަހަރާ ބައިން އެހާ ގިނަ ދުވަސް ލިބުނު އިރު ބުރިޖްގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓަށް ގެންނަންޖެހޭ ބަދަލިތައްވިސްނާ އެޔަށް ތައްޔާރިވެފައިނެތީމަ މިލަންޑު ރައްޔިތުންނަށް ލިބިގެން މިއުޅޭނީ. މިއީ އާއްމުކޮށް ހުރިހާ ސަރުކާރަކުންވެސް ގިނަފަހަރު ކަންކުރާގޮތް، ދުވަހަކުވެސް އޭގެ ސަބަބުން އަންނަ ބަދަލުތަކަށް ވިސްނާ އެޔަށް ރައްޔިތުން ހޭލުންތެރިކޮށް ތައްޔާރެއް ނުވޭ.

The name is already taken The name is available. Register?

ބަކަރިބޯ

17 September 2018

ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތް ދެވެނިކޮށް ޓެކްސީތަކުގެ ބޭނުން ކެނޑޭނެ. ހުޅުމާލެއަށް ދާ ބަސްވެސް މާލޭގެ އެކި ދިމާ ދިމާލަށް ހުއްޓާ ގޮތަށް އޮންނަނަމަ މައްސަލައަށް ވަގުތުން ލުއިކަމެއް ލިބޭނެ.

The name is already taken The name is available. Register?

ހުޅޫ

17 September 2018

ސަރުކާރުން މިހާރު ކުރަންވީ ކަމަކީ ޓެކްސީ ކުރާ ބޯޑު ހިލޭކޮށްފަ. ހުޅުމާލެ - މާލެ ބްރިޖުގައި ސަރުކާރުގެ ރޭޓުގައި ޓެކްސީ ކުރާ މީހުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަންވީ. މި މީހުންނަށް ވަކި ޚާއްސަ ހުއްދައެއް ދީފަ. މި ޓެކްސީތަކަށް އެކަނި ބްރިޖް ހުރަސްކުރެވޭ ގޮތް ހަދަންވީ. އޭރުން އަގު ވެއްޓޭނެ. ދެން ތިބި ޓެކްސީ މީހުން ބްރިޖަށް އަރަންޏާ ޖެހޭނީ އަގު ތިރިކުރަން

The name is already taken The name is available. Register?

ނަން

17 September 2018

އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޓެކްސީ ޑްރައިވަރުން މައިތިރިކުރުން. އެއްވެސް ގަވައިދަކަށް ބޯ ނުލަބާ އުޅުމުގެ ބޭނުމަކީ އެމީހުންނަށް އެމީހުންގެ ކަންކަން ނިންމުމުގެ ބާރު އޮތުން. އެމީހުންނަށް އެނގޭ އެއްވެސް ގަވާއިދަކަށް ބޯލަނބައިފިއްޔާ ތިމަންނަމެން ކަސްތަޅު އެޅުވުނީކަން. މާލޭގަ ދުއްވާ ހުރިހާ ޓެކްސީއެއް ދުއްވަނީ ގަވާއިދާ ޚިލާފަށް. ރަނގަޅު ސަރުކާރެއް ނެތުން އެއީ އެމީހުންނަށް އެންމެ ފައިދާހުރި ގޮތް. އެހެންވެ ކޮންމެ ސަރުކާރެއް އޮތަސް ދެކޮޅުވެރިވާނެ.

The name is already taken The name is available. Register?

ރަދީފް

17 September 2018

ރޭގަ މަ އެއާޕޯޓުން މާލެ އަންނަން ޓެކްސީ ކިޔުއިން ޓެކްސީއެއް ހޯދަން ގޮވީމަ ޑްރައިވަރު ބުނީ ދެވޭނީ 100ރ އަށް ކަމަށް.މަބުނިން އޯކޭ އޭ.ބްރިޖްގެ ފަސޭހަވެސް ދެކިލަން މަގޭހިތަށް އެރީ 100ރ ވެސް އެންމެ ރަނގަޅުކަމަށް.ނަމަވެސް ފަހުން ބައެއްގެ ކާރީގަ މިވާހަކަ ދެއްކީމަ ބުނީ އަސްލު ނަގަންޖެހޭނީ 40 ރުފިޔާކަމަށް.ފެންވަރު ރަނގަޅު ޓެކްސީތަކުގަ ދަތުރެއް (އެއާޕޯޓް-މާލެ) 70 ރުފިޔާ އޯކޭ.ނަމަވެސް ޑަބިޔާ ފަޅި ފަދަ ކާރު ޓެކްސީގެ ގޮތުގަ 100 ރުފިޔާ ނެގީމަ ވަރަށް އަންފެއަރ

The name is already taken The name is available. Register?

ޓެކްސީ

17 September 2018

ކުރަންވީ ކަމަކީ މިހަރު ހުރި ހުރިހާ ޓެކްސީ ތަކުގައި މީޓަރު ހަރުކުރަންވީ، ފުރަތަމަ ދަތުރު ފެށޭ އަގަކަށް 15ރ ރަނގަޅުކަމަށް ފެނޭ،، ދެން މުއްދަތެއް ދޭންވީ ޓެކްސީތަށް މީޓަރާއި އެކު ރަޖިސްޓްރީ ކުރުމަށް، ބާ ހުއްދަތައް ކެންސަލް ކުރުމަށް ޙިލާފް ވާ މިހުނަށް ފިޔަވަޅު އެޅުން

The name is already taken The name is available. Register?

ބިބީ

26 September 2018

މީޓަރ ހަރުކުރަން ވަރަށް ފެނޭ. މާފަނުން މާފަނުގެ ތަންކޮޅަކަށް ދިޔަޔަސް އެއްވަރު، ހެންވޭރަށް ވެސް އެއަގު. މިޢީ މިހާރު ޖޯކެއް. ހުޅުމާލެގެ ވެސް އެންމެ ދުރު ބަޔަށް ދާން އެއް އަގެއް. މިހެން ނަހަދަ މީޓަރ ހަރުކުރީމަ ދުއްވާ މީހާގެ ވަގުތާއި ދާންޖެހޭ ދުރުމިންށް މީޓަރ ހިނގާނީ. އެންމެނަށް ފައިދާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454