އޮޑިޓަ ޖެނެރަލް ޒިޔަތު، ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޮޑިޓް ކުރުމާ ގުޅޭ ލިޔުންތައް ނައްތާނުލަން އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައި. --ފޮޓޯ/މިހާރު
27 ސެޕްޓެމްބަރ 2018 - 20:05
ދައުލަތުގެ ޚަރަދުތައް އޮޑިޓްކުރުމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނައްތާނުލައި ރައްކާތެރިކަމާ އެކު ބަލަހައްޓަން އޮޑިޓް އޮފީހުން ދައުލަތުގެ މުއައްސަސާތަކަށް މިއަދު އަންގައިފި އެވެ.
އޮޑިޓް އޮފީހުން އާއްމުކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާތަކުން ހިންގާފައިވާ އަދި ހިންގަމުން އަންނަ މަސައްކަތްތަކާ ގުޅޭ ހިސާބުތަކާއި އެންމެހާ ލިޔެކިޔުންތައް އެ އޮފީހުގެ މަސައްކަތުގެ ތެރޭގައި ބަލަން ޖެހިދާނެ ކަމަށެވެ. އޭގެ ތެރޭގައި މެމޯތަކާއި އީމެއިލްތަކާއި ޔައުމިއްޔާ ފަދަ ލިއުންތައް ވެސް ހިމެނޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
އޮޑިޓް އޮފީހުން އަންގާފައި ވަނީ، ލިއުމެއް ނުވަތަ ހިސާބުތައް ނައްތާލަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށެވެ. އެއަށް ފަހު، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިއުމުން ލިބިގެން ނޫނީ އެއްވެސް ލިއުމެއް ނުވަތަ ހިސާބެއް ވެސް ނައްތާލުމަށް ސާކިއުލާގައި ވަނީ ހަނދާން ކޮށްދީފަ އެވެ.
ލިއުންތަކާއި ހިސާބުތައް ބެލެހެއްޓުމާއި ނައްތާލުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކުން އަމަލުކުރުމަށް ދައުލަތުން ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްވެސް ފަރާތަކުން ޚިލާފުވެއްޖެ ނަމަ އެކަމަކަށް އެ ފަރާތަކުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.
އެފަދަ ލިއުންތައް ނައްތާލުމަކީ، އޮޑިޓް އޮފީހުގެ މަސައްކަތްތަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވާތީ، އެފަދަ އެއްވެސް ކަމެއް ނުކުރަން އެ ސާކިއުލާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ލިޔެކިޔުންތައް ނައްތާނުލަން އޮޑިޓް އޮފީހުން އެންގިއިރު، ސަރުކާރުގެ އޮފީސްތަކުން ބައެއް ލިޔެކިޔުންތައް ނައްތާލާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވަން އެމްޑީޕީން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އާދީއްތަދުވަހު ބޭއްވި އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދަވައި އިންތިޚާބު ކާމިޔާބުކުރެއްވުމާ އެކު ދެން އޮންނާނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އެވެ.
މި މަރުހަލާގައި، ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުމަށް ބައެއް ބަދަލު ގެންނަ ކަމުގެ ކަންބޮޑުވުންފާޅުކޮށް، އެކަން ނުކުރުމަށް އެމްޑީޕީން ވަނީ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލަކު ގައިން
28 September 2018
އެކަހަލަ ކިތަންމެ ކަމެއް އެތަނުގެ ރިޕޯޓު ތަކުގަ އެބަހުރި. ކަލޭ ނުބަލަމު އުތަ?
އައްޔު
28 September 2018
ލިޔެކިޔުމެއް ނައްތާލަންޏާ މިއަދުތޯ ނައްތާލާނީ ދުވަހުން ދުވަހުން މަހުން މަހުން ނައްތަމުން ދިޔަނަމަ ކާކަށް ކޯއްޗެއްތޯ އިނގޭނީ ރައީސް ޔާމީން އަކީ ލިޔެކިޔުމެއް ނައްތާލާނެ މީހެއްނޫން... މިއަދުތޯ ނައްތާލަންވީ؟؟؟ ހަމަ ކުއްލިއަކަށް ތިބެލާފައި ލިޔެކިޔުން ނައްތާނުލާށޭ ކިޔާމިގޮވަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ފެތުރުމާއި ރުޅިވެރިކަން ފެތުރުމަށް ނޫނީ ނުވާނެ
falaku ain
28 September 2018
5 އަހަރުވާންދެން މަނިކުފާނު ނިދާފައިތޯ؟ ގާނޫނާ ޚިލާފު ކިތައްކަންތަކަށްތޯ ފައިސާދީ ނިންމާލާފައި އެވަނީ.
ޢަލިިީ
28 September 2018
ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރަމުންގެންދާ މުއައްސަސާއެއް މިނޫނީ ނެއް މި ސަރުކާރުގަ. ރަނގަޅު ވާހަކައެއް. ލިޔެކިޔުންތައް ނައްތާލައިގެން ނުވާނެ.
މަންސޫރު
28 September 2018
5 އަހަރު ވެރިކަން ކޮއްލީ ކުރާ ހަރަދުތައް ސިއްރުކޮއްގެން. އަންދާނެ ލައްކަ އެއްޗެހި އޮންނާނެތާ!
ހެކިނައްތާލުމުގެ
28 September 2018
ހެކިނައްތާލުމުގެ ހުކުމް އަންނާނެ!
ާއަހުމަދު
28 September 2018
ގައުމުގެ ހުދުމުހުތާރު ވެރިޔެއް ހުރި އިރުވެސް މަސައްކައްތަކަށް އެއްވެސް ބަދްލެ ނާއްނަ ހަމައެމަނި މުއަސަސާ އަކީ ތީ. ޢުއްމީދު ކުރަން ބަދަލުވާ ސަރުކާރުން އޮޑިޓް ރިޕޯ ތަކަށް ބަލާ އެޔަށް އަމަލުކުރާނެކަމަށް. ޝުކުރިއްޔާ އޮޑިޓް އޮފީސް
އަލީ މުއީން
28 September 2018
ވަރަށް ރަނގަޅު. ނައްތާލާގެން ނުވާނެ. މިނިވަން ކަމާއެކު މިކަން ބަލާ ދޭތި!
ކޮންކްރީޓު
28 September 2018
ވަރަށް ފޭކް!
އިންޑިޔާއިން
28 September 2018
މިވެސް އެމްދީޕީ ހެދި ބޮޑު ދޮގެއް