އިންތިޚާބީ ރައީސް އިބޫ، އެމެރިކާގެ އިސް ޑިޕްލޮމޭޓް އެލިސްއާ އިއްޔެ ބައްދަލުކުރައްވަނީ.--ފޮޓޯ: އިންތިޚާބީ ރައީސްގެ އޮފީސް
11 އޮކްޓޯބަރ 2018 - 12:25
ޑިމޮކްރަސީގެ ނިޒާމަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރަން ގޮވާލައި އެމެރިކާއިން ރާއްޖެ އަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.
އިންޑިޔާގެ ނިއުސް އޭޖެންސީއެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ (ޕީޓީއައި) އަށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ދެއްވި އިންޓަވިއުއަކާ ހަވާލަދެއްވައި ދަ އިންޑައިން އެކްސްޕްރެސްގައި މިއަދު ބުނެފައި ވަނީ، ޑިމޮކްރަސީ އަށް ގެއްލުން ލިބޭ ގޮތަށް ކަންތައް ކުރާ ނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވަނީ، އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލިސް ވެލްސް ރާއްޖެ އަށް ވަޑައިގެން ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގެން، އެމެރިކާގެ އިސް ޑިޕްލޮމެޓް ވަނީ ސިޔާސީ އިސް ބޭފުޅުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ އިތުރުން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ވެސް ބައްދަލުކުރައްވާފައި ވެ އެވެ.
ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާއި ބައްދަލުކުރައްވައި އެލިސް ވަނީ ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.
ޑިމޮކްރަސީ އަށް ގެއްލުންދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރެއް އެމެރިކާއިން ދީފައިވަނީ، ރިޔާސީ އިންތިޚާބާ ބެހޭ ދުސްތޫރީ މައްސަލައެއް، އެ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅުއްވި ފަހުންނެވެ. ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.
އެ ތަރުޖަމާނު ވިދާޅުވީ ޑިމޮކްރަސީއާ ހިލާފަށް ކުރާ ކަންތައްތަކާއި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވަން ހުރަސްއަޅާ ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އިންތިޚާބުގެ ކުރިން ވެސް ދީފައިވާނެ ކަމަށެވެ.
"ޑިމޮކްރަސީ ފުނޑާލަން ކުރާ އެއްވެސް ކަމެއްގައި އެމެރިކާ އަދި އެމެރިކާއާ ގުޅުންހުރި ގައުމުތަކުން ބަލައެއްނުގަންނާނަން. ރައްޔިތުން ނިންމި ނިންމުން ބަލައިގަނެ އެކަމަށް އިހުތިރާމްކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ޕީޓީއައިއާ ވާހަކަދައްކަވަމުން ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވި އެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށާއި ކޮރަޕްޝަން ނައްތާލުމާއި އިގުތިސޯދާއި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމާއި ތިމާވެށި ހިމާޔަތްކުރަން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 23ގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލޯ
11 October 2018
ކަލޭމެން ބުނާ ސިސްޓަމްތަ މިތާވެސް އޮންނަން ޖެހޭނީ. ޑިމޮކްރަަސީ އަށް ގެއްލުންދޭން އަޒުމު ކަނޑައަޅައިފިން.
ކައްތުބޭ
11 October 2018
ކޮބާ ޑިމޮކްރަސީ އަކީ. ޑިމޮކްރަސީގައި މެޖޯރިޓީ ރޫލްސް. އެކަމު އެމެރިކާނުން ތިތިބީ 3މިލިއަން ވޯޓު މަދުންލިބުނުމީހާ ވެރިކަމައް ލައިގެންނޫންތަ! ރާއްޖޭވެސް އެމެރިކާ ގެ ޑިމޮކްރަސީ ޢޭ ގެނެވޭތޯ ބަލަނީ!
ކޮލެޖް ބޯއީ
11 October 2018
ތަރުޖަމާނު ތިހަދަނީ ދޮގު. ވެރިޔާ މާލެ އައިސް ބައްދަލުވުން ތައް ބޭއްވި އިރު މައްސަލަ ކޯޓަށް ނުވައްދާ.
ގޯތި
11 October 2018
ހަމަ ހިނި އަންނަނީ، އެންމެ ރަނގަޅަށް ޑިމޮކްރަސީ އެނގޭނީ އެމެރިކާއަށް. ރައްޔިތުންގެ ވޯޓު ދިން މީހާއެއް ނޫން ވެރިކަމުގަ އެހުރީ. ވެރިކަމުގަ އެހުރީ އިލެކްޓޯރަލް ކޮލެޖުން ވޯޓު ދިން މީހާ. އެވެސް، ރަޝިޔާގެ އެހީގަ. އެމެރިކާއިން ދަންނަ ޑިމޮކްރަސީއަކީ ޤައުމުތަކަށް އެއްވެސް އަސާސެއް ނެތި އަރާ އެ ޤައުމުތަކުގެ ތެލާއި އެއްޗެހި ވަގަށް ނަގާ އެ ޤައުމުތައް ފުނޑާލުން.
ޝިޔާމް
11 October 2018
ޑެމޮކޮރެސީއަކީ ފުޑާލަންވެފައި އޮތް ބުއްދި ހަމަނުޖެހޭ ނިޒާމެއް. އެކަން ފެނިގެންދޭ މި ނިޒާމު އޮތް ހުރިހާ ޤައުމަކުން.
ޝާއިރާ
11 October 2018
ނަޝީދު ވެރިކަމަށް ހޮވުނީމަ އިނގިރޭސިން ވަރަށް ފުއްޕި. އެކަމަކު ރައްޔިތުން ނުކުމެ ސައިޒުކޮށްލިދޯ؟
ކޮލަމާފުށި
11 October 2018
ތިކަންކުރަން މިހާރު މާލަސްވެއްޖެ.
ޑިމޮކްރޮސީއޯ
11 October 2018
ޑިމޮކްރަސީއަށް ގެއްލުންނުދޭންވެގެން ދޯ ރަޝިޔާބޭނުންކޮށްގެން ވޯޓަށް މަކަރު ހަދައިގެން އެމެރިކާގެ ވެރިކަން ޓްރަމްޕްހޯދީ
ސަޅިއޭ
11 October 2018
ވަރަށް ސަޅިި!
ދޮންބީފާނު
11 October 2018
އެހެންތަ؟ އިރާގުން ހޯދި ހަތިޔާރު ފުނިވަރުތައް ގެނެސްދޭން ވީނު ޑިމޮކްރަސީ ހަރުދަނާ ކުރަން.
ފޫހި
11 October 2018
އިރާގާއި ސީރިއާއި ލީބިޔާއަށް އަރަންފުރުޞަތުލިބުނީ އެ ގައުމުތަކުގެ ވެރިންގެ ސަބަބުން. އެފަދަ ފުރުޞަތެއް ރާއްޖޭން ނުދިނުމަށް ގޮވާލަން. ރައްޔިތުން ނުރުހުމުން ވެރިކަމުގައި ދެމިހުންނަން ކުރާ މަސައްކަތް ބަލައެއްނުގަންނަން. ވެރިކަމަކީ ވަކިބައެއްގެ ތަރިކައެއްނޫން.