މައުމޫން އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: އެމަނިކުފާނު ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސާފައި --- މިހާރު ފޮޓޯ/ހުސައިން ވަހީދު
17 އޮކްޓޯބަރ 2018 - 12:18
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތެއް މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް މައުމޫން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން ހައި ކޯޓުން މިދިޔަ ހަފުތާގައިވަނީ އެ މައްސަލާގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންވެ، މާދަމާ ބާއްވާ އަޑުއެހުމަކީ ހުކުމް ކުރުމަށް ބާއްވާ މަޖިލީހެއް ކަމަށް ބެލެވެ އެވެ.
އެ މައްސަލާގައި ދަށު ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިިޖްރާއާތެއް ރަނގަޅު ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ. އަދި އެމަނިކުފާނުގެ ވަކީލުން ދަށު ކޯޓުގައި މައްސަލަ ދޫކޮށްލުމުން އެހެން ވަކީލުން އައްޔަން ކުރަން އެމަނިކުފާނަށް ދަށު ކޯޓުން ދިނީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވެސް ދައުލަތުން ހައި ކޯޓުގައި އެއްބަސްވި އެވެ.
އެ މައްސަލަ ހައި ކޯޓުގައި ހިނގަމުންދާތީ އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން މައުމޫން ހުންނެވީ މިނިވަންކޮށްފަ އެވެ. އެމަނިކުފާނު މިނިވަންކުރީ ޑިޕޮސިޓްގެ ގޮތުގައި 60،000ރ. ކޯޓުގައި ބެހެއްޓުމުންނެވެ.
އެ މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ. އެ މައްސަލަ ދަށު ކޯޓުން އަދި ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy