ގާސިމާއި އޭނާގެ ހަގު އަނބިކަނބަލުން އައިޝާ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
22 އޮކްޓޯބަރ 2018 - 14:28
ޖުމްހޫރީ ޕާޓީގެ ފައުންޑަރުު ގާސިމް އިބްރާހިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލް ކުރުމާ އެކު، އެ ހުކުމުން އޭނާ ސަލާމަތް ވެއްޖެ އެވެ.
ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ސާބިތު ވުމުންނެވެ. އެ ހުކުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާ ކުރެއްވުމަށް ގާސިމަށް ހުރަސް އެޅިފައި އޮތަސް، ހުކުމް މިއަދު ބާތިލް ކުރުމުން އޭނާ އަށް މެމްބަރުކަމުގެ ޒިންމާތައް އަދާ ކުރެއްވޭނެ އެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ގާސިމްގެ ފަރާތުން އިސްތިއުނާފް ކުރުމުުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވީ، ގާސިމްގެ މައްޗަށް ދަށު ކޯޓުން ހުކުމް ކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާ ކަމަށެވެ.
އިސް ފަނޑިޔާރު ވިދާޅުވި ގޮތުގައި ގާސިމްގެ ޣައިރު ހާޒިރުގައި ދަށު ކޯޓުން އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން ކުރިއަށް ގެންގޮސް، ގާސިމްގެ މައްޗަށް ހުކުމް ކުރީ ގާނޫނުއަސާސީން ލިބިދޭ އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގާ ޚިލާފަށެވެ. އަދި އެކަމުގެ ސަބަބުން، ގާނޫނުއަސާސީ އާއި އިޖްރާއީ ގާނޫނުތަކުން ގާސިމަށް ލިބިދޭ ހައްގުތައް އޭނާއަށް ލިބިފައި ނެތް ކަމަށް ދެ ފަރާތުން ހައި ކޯޓުގައި ދެއްކި ވާހަކަތަކުން އެނގޭ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގާއި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގަކީ ގާނޫނުއަސާސީ އާއި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ލިބިދޭ އަސާސީ ހައްގެއް ކަން ފާހަގަ ކުރައްވައި، އިސް ފަނޑިޔާރު ވިދާޅުވީ ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާއާތުތަކެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެއާ ޚިލާފަށް އަމަލު ކޮށްފި ނަމަ، ތުހުމަތު ކުރެވޭ މީހާގެ ހައްގުތަކުން މަހްރޫމް ވާނެ ކަމަށާއި އަދި އެފަދަ ގޮތަކަށް އަމަލު ކޮށްގެން ނިންމާ ނިންމުންތައް ސައްހަ ކަމަށް ބެލެވެން ނޯންނާނެ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
"މި މައްސަލާގައި ގާސިމް އިބްރާހިމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން އަދި އިޖްރާއީ ގާނޫނުތަކުގެ ދަށުން ލިބިގެންވާ ހައްގުތައް ލިިބިފައި ނެތްކަން މި މައްސަލާގައި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން، ބާތިލް ކަމެއްގެ މައްޗަށް ތަރުތީބު ވެގެން އަންނަ ކޮންމެ ކަމަކީ ބާތިލް ކަމަކަށް ވާނެތީ..." ހުކުމް އިއްވަވަމުން އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އިސް ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ޝަރީއަތް ދަށު ކޯޓުން ކުރިއަށް ގެންދިޔައީ ވެސް ގާސިމްގެ ބަލި ހާލަތަށް ރިއާޔަތް ކުރުމެއް ނެތި އެވެ. އެ މައްސަަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔައިރު، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދީ، އިތުރު ޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޑޮކްޓަރުން ލަފާ ދިން ކަމަށާއި އަދި އެގޮތަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް ލަފާ ދިން ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އެކަމަކު، އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ގާސިމްގެ ބަލި ހާލަތަށް ރިއާޔަތް ކުރަންޖެހޭ މިންވަރަށް ރިއާޔަތް ނުކޮށް ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އެ މައްސަލައިގެ ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން އެ މައްސަލަ ބޭޭރުކޮށްލުމުން ދެވަނަ ފަހަރަށް ދައުލަތުން އެ މައްސަލަ ހުށަހެޅުމުން ދަށު ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރީ އިޖްރާއާތުތަކާ ޚިލާފަށް ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
ދެ ވަނަ ފަހަރަށް ދައުލަތުން އެ މައްސަލަ ހުށަހެޅުމުން ކުރީގެ މައްސަލައިގެ ޝަރީއަތުގައި ދެކެވިފައި ހުރި ވާހަކަތަކާއި ލިޔުންތަކަކީ ފަހުން ހުށަހެޅި މައްސަލައިގެ ބަޔާންތަކާއި ލިޔުންތަކުގެ ގޮތުގައި ބަލައިގެން އެ މައްސަލަ ދަށު ކޯޓުން ކުރިއަށް ގެންދިއުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލު ކުރުމުން ގާސިމަށް ލިބެންޖެހޭ ހައްގުތައް ނުލިބުނު ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅިއިރު ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރަން ފަށާފައި އޮތް ކަން ފާހަގަ ކުރައްވައި، އިސް ފަނޑިޔާރު ވިދާޅުވީ އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އިސް ފަނޑިޔާރު ވިދާޅުވި ގޮތުގައި ދަށު ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔައިރު، ގާސިމްގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ހިފަހައްޓާފައި ވަނީ ވެސް އިޖްރާއާތުތަކާ ޚިލާފަށެވެ. ގާސިމް ރާއްޖެއިން ބޭރަށް ވަަޑައިގަންނަވަން އުޅުއްވާ ކަމަށް ބެލެވޭތީ އޭނާގެ ޕާސްޕޯޓް ކޯޓުން ހިފެހެއްޓިޔަސް، އެކަމުގައި އަމަލުކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފެހެއްޓޭނީ ވަކި ހާލަތްތަކެއްގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހަޅައިގެން ކަމަށް ވާއިރު، އެފަދަ އަމުރަކަށް އެދޭއިރު ވަކި ކަންތައްތަކެއް ފުރިހަމަ ވާން ޖެހޭ ކަން ފާހަގަ ކުރައްވައި، އިސް ފަނޑިޔާރު ވިދާޅުވީ ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓުމުގައި އަމަލު ކޮށްފައިވަނީ އެ އިޖްރާއާތުތަކާ އެއްގޮތަކަށް ނޫން ކަމަށެވެ.
އެ މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް، ދެވަނަ ފަހަރަށް ދަށު ކޯޓަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ގާސިމްގެ ފަރާތުން ހައި ކޯޓުގައި ފާހަގަ ކުރިޔަސް، އިސް ފަނޑިޔާރު ވިދާޅުވި ގޮތުގައި އެކަމުގައި ދަށު ކޯޓުން އަމަލުކުރީ ރަނގަޅަށެވެ. ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ އޭރު ބޭރުކޮށްލީ ދައުލަތުން އަޑުއެހުން ފަސްކޮށްދޭން އެދިފައި ވަނިކޮށް ކަމަށް ވެފައި، އެއީ ދައުލަތުން ދައުވާ އަނބުރާ ގެންދިއުން ކަމަށް ނުވުމެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތައް ބެއްލެވި އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހަސަން އަލީ އެވެ.
އެ މައްސަލައިގައި ގާސިމް ޖަލަށް ލާން ހުކުމް ކުރިޔަސް، މިދިޔަ މަހުގެ ފަހުކޮޅާ ހަމައަށް އޭނާ އުޅުއްވީ ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ގާސިމް ރާއްޖެ ވަޑައިގަތީ އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ހައި ކޯޓުން އޭނާ މިނިވަން ކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާންބެ
24 October 2018
ސަލާމަތްވާނެ ވާނެ ކުއްނުކުރާކަމަކައް ނުވާނެ
ފާފުން
23 October 2018
ސުބުޙާނަﷲ، ޤާނޫނާއި ޚިލާފަށް ޙުކުމްކުރި އަދި އިޖުރާއާތުތައް ގޯސްކޮށްކުރި ފަޑިޔާރުންނަށް ޙުކުމް ކުރުމަކީ ކޮންކަހަލަގެ ކަމެއްތޯ ފަޑިޔާރުން ގާތު އައްސަވަން ފެނޭ...
ދަންނަމީހާ
23 October 2018
ޤައުމަށް ބޭނުންވަނީ ތެދުވެރި ފަނޑިޔާރުންނެއް ނޫނެވެ. އިޚްލާސްތެރި ރައްޔިތެކެވެ. ހަތުރުން މިތުރުންނަށް މިތުރުން ހަތުރުންނަށް ދެއިރު ދެދަޅައަށް ބަދަލުވާ މުޖުތަމަޢަކުން ފެންނާނެ ހުރިހާ ކަމެއް މިދަނީ ފެންމުންނެވެ.
ވިއުސް
23 October 2018
ގާސިމް، ޖަލު ހުކުމުން ސަލާމަތްވެއްޖެ ނަމަ މަމެން އުފާ ކުރަމޭ އެކަމާއި މަމެން އުއްމީދު ކުރަމޭ އެމްޑީޕީން އިބޫ ވެރިކަން ކުރަން ފަށާއިރު ނިއު ޗެޕްޓަރ އަކުން ފަށާނޭ ކަމަށް ކެނެރީގެ ނަޝީދުގެ ވެރިކަން ފެއިލް ވުން އެއީ މަމެންނަަށް އިނގެއޭ އޭނާ ފެނުމުން ވެސް އޭނާ ގައިގައި އެފެންވަރެއް ނެތް ކަން އެކަމަކު މަމެން އުއްމީދު ކުރަމޭ އިބޫ ގާސިމް އާއި އަދި ރައީސް މައުމޫނު އާއި އަދި ރައީސް ޔާމީން އާއި ވެސް ގުޅިގެން ދެން ގައުމު ބެޓަރ ކަންޓްރީ އަކަށް ހެދޭތޯ ބަލާނެ
ހޮޓްކިންގ
23 October 2018
ބާރުގަދަ މީހުންނަށް ކުރި ހުރިހާ ހުކުމެއްގޯސް. ސަރުކާރުގެ ބާރު ކެންޑުނީމާ ކާމިޔާބު ވާނީވެސް ބާރު އޮތް ބަޔަކަށް އެކަން އެދަނީ ފެންނަމުން. މިވަރުންވެސް އަހަރެމެން ވީ ރާއްޖޭގެ ކޯޓްތަކަށް އިޙްތިރާމް ކުރަން.
އައްމި
22 October 2018
ގާސިމް ސިޔާސީ ކަންކަމުން ދުރަށްޖެހި ވިޔާފާރި ކުރިއަރުވައި ރަށްއިތުންނަށް އިޖްތިމާއީ ރޮގުން ހިދުމަތް ކުރަށް ހުންނަންވީ.
ހާމިދު ޝާހިދު
22 October 2018
މާތްކަލާކޯ..! ބާރު ހުރި ކޮޅަކަށް ކޯޓްތައް ދީލާލައިފި. ހަމަހަމަކަމާއި، އަމިއްލަ ކަރާމާތް މުޅިން ގެއްލިދަނީ. އިންސާފު ގާއިމް ކުރުމަށް އައި މީހުން ފުރަތަމައިނުންވެސް އަމިއްލަ ފައިދާއަށް ކޯޓުތައް މެދުވެރިކޮށް ކަންކަން ނިންމަންފަށައިފި.
ތެމާ
23 October 2018
ބޭއިންސާފުން ޖަލަށްލީވެސް ޖެހޭނީ ދޫކުރަން
މަރޭމިތުރާ
22 October 2018
ހާލުގައި ރާއްޖެއޮށްވާ ބަދަލުކުރި ލީޑަރު ދެކެންދާނަން.... ފާޅުގައި ކުރި ބުރަ މަސައްކަތަށް ޝުކުރުދަންނަަވަން ދާނަން.
ޝޮކްތެރަޕީ
22 October 2018
މިތާ މިހިގަނީ ކަޅުފައިސާ.
ފަޒީލް
22 October 2018
ލަދުން ބޯ ހަލާކު. ޕީޖީ އިސްތިޢުފާދީ. އަދި ކުރިމިނަލް ކޯޓުގެ ތިޙުކުމް އިއްވުމަށް ބާރުއަޅައި އަޑީގާ ތިބި އެންމެން ހައްޔަރުކޮށް ތަޙުޤީޤު ހިންގާ
ޢިބްރާހިމް
22 October 2018
ކުރިން ހުކުމް އިއްވި ގާޒީން ނާ، ކުރިން ގައިރު ހާޒިރުގައި ހުކުމް އިއްވިފައި ތިބި އާންމުރައްޔިތުން ގެމައްސަލަތައް ވެސް ބާތިލްވީ އެވެ. ގާސިމް ފަދައިން ޢެމީހުންވއސް މިހާރުން މިހާރައް ދޫކޮއްލާ.