ކުޅުދުއްފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ބޯ ވާރޭގައި ހުންނަވައިގެން އެ މަނިކުފާނަށް ދެރަގޮތެއް ނުހެދުމަށް ރައީސް ޔާމީން ރައްޔިތުންނަށް އާދޭސް ދަންނަވަނީ: ފަސް އަހަރުގެ ތެރޭ ރައްޔިތުން ކުރި އާދޭސްތައް އިވިވަޑައެއް ނުގަތް. --ފޮޓޯ: ރައީސް އޮފީސް
25 އޮކްޓޯބަރ 2018 - 08:18
މީގެ ފަސް އަހަރު ކުރިން 2013 ގައި ރައީސް ޔާމީން ވެރިކަމަށް ކުރިމަތިލެއްވި އިރު، އެމަނިކުފާނަކީ ރައްޔިތުންގެ މެދުގައި މާ ބޮޑު މަގުބޫލުކަމެއް އޮތް ބޭފުޅެއް ނޫން ކަން، އެ ފަހަރުގެ ރިއާސީ އިންތިޚާބުގެ ތިން ބުރުގެ ނަތީޖާ އިން އެނގެ އެވެ. އަދި މި އަހަރުގެ ރިއާސީ އިންތިޚާބުގެ ނަތީޖާ އިން މާ ބޮޑަށް އެކަން ކަށަވަރުވެ އެވެ.
ސެޕްޓެމްބަރު 7، 2013 ގައި ބޭއްވި ވޯޓުލުމުގައި އެންމެ ގިނަ ވޯޓު (95،224) ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނަޝީދެވެ. ދެ ވަނަ އަށް އެންމެ ގިނަ ވޯޓު (53،099) ލިިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށެވެ. ތިން ވަނަ އަށް އެންމެ ގިނަ ވޯޓު (50،422) ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށެވެ.
ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާ މި ނަތީޖާގައި، ޔާމީނަށް 53،099 ވޯޓު ލިިބިވަޑައިގަތީ، ގިނަ ބައެއްގެ ތާއީދު އޮންނަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކުގައި ވާދަކުރައްވައިގެންނެވެ.
މި ނަތީޖާ ބާތިލުކުރުމަށް ފަހު، ނޮވެމްބަރު 9، 2013ގައި ބޭއްވި ފުރަތަމަ ބުރުގެ ވޯޓު ލުމުގައި އަނެއްކާވެސް އެންމެ ގިނަ ވޯޓު (96،764) ހޯއްދެވީ ނަޝީދެވެ. ދެ ވަނަ އަށް އެންމެ ގިނަ ވޯޓު (61،278) ލިިބިވަޑައިގަތީ ޔާމީނަށެވެ. ތިން ވަނަ އަށް އެންމެ ގިނަ ވޯޓު (48،131) ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށެވެ.
އެ ފަހަރުގެ އިންތިޚާބުގެ ދެ ވަނަ ބުރުގައި ރައީސް ނަޝީދާއި ރައީސް ޔާމީން ވާދަކުރެއްވި އިރު، ނަޝީދު ވާދަކުރެއްވީ އިތުރު ސިޔާސީ ލީޑަރެއް ނުވަތަ އިތުރު ޕާޓީއެއްގެ ތާއީދެއް ނެތި ގިނިކަންޏާ އެވެ. އެއާ ޚިލާފަށް ރައީސް ޔާމީން ދެ ވަނަ ބުރަށް ނުކުމެވަޑައިގަތީ، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމްގެ ބޮޑު ތާއީދަކާ އެކުގަ އެވެ.
މި އަހަރުގެ ރިއާސީ އިންތިޚާބުގައި ވޯޓުލާން ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި: ރައްޔިތުންގެ ނިންމުން ގަބޫލު ނުކުރައްވަން ރައީސް ޔާމީން ކޯޓަށް ވަޑައިގަތުމުން ކޯޓުން ވެސް ކާމިޔާބެއް ނުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެ އަހަރުގެ ދެ ވަނަ ބުރުގައި ނަޝީދު ގިނިކަންޏާ ނުކުމެވަޑައިގެންނެވި އިރު ވެސް، މި އަހަރުގެ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދިން މީހުންނަށް ވުރެ ގިނަ މީހުން ނަޝީދަށް ވޯޓު ދިނެވެ. އެއީ 105،181 ވޯޓެވެ. ދައުލަތުގެ ހުރިހާ ބާރުތަކާއި ހުރިހާ މުއައްސަސާތައް މުށުތެރެ އަށް ލައްވައިގެން، ފަސް އަހަރުގެ ތަރައްގީ ދައްކައިގެން ވެސް، ރައީސް ޔާމީނަށް މި އަހަރުގެ އިންތިޚާބުގައި ވޯޓު ދިނީ އެންމެ 96،052 މީހުންނެވެ.
ދައުލަތުގެ ބާރުތަކާއި ހުރިހާ މުއައްސަސާތައް ރައީސް ޔާމީން އެންގެވިހާ ގޮތަކަށް އަމަލު ކުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން އިންތިޚާބުގެ ހިސާބު ޖެއްސެވި އިރު، އެއްވެސް އޮޅުމެއް ނެތް މިންވަރަށް އިންތިޚާބު ކާމިޔާބު ކުރެއްވެ އެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ރައީސް ޔާމީނަށް 85 ޕަސެންޓް ވޯޓު، އަނެއް ބައެއް ބޭފުޅުންގެ ނަޒަރުގައި 68 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވާނެ އެވެ.
ނަމަވެސް، ބްރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް، އެމަނިކުފާނު ރައްޔިތުންނަށް ދެއްކެވި އިރު، އެ ހުރިހާ ކަމެއްގެ ބަތާނަ ފުށް އޮތް ގޮތް ވެސް ރައްޔިތުން ބަލަމުން ދިޔަ ކަން އެމަނިކުފާނަށް ރެޔަކާ ނުލި އެވެ. ތިމަން މަނިކުފާނު ހުރިހާ ކަމެއް ކުރައްވަނީ ގާނޫނުގެ އިމުގެ ތެރެއިންނޭ ވިދާޅުވި އިރު، އެ ވިދާޅުވި ގާނޫނުތަކަކީ، އެމަނިކުފާނަށް ހެޔޮވަރުވާ ގޮތަށް މަޖިލީހުން ފަހައިދިން ލިބާހެއް ކަން ރައްޔިތުން ދަނެ އެވެ.
އޭރު އެމަނިކުފާނު އެންގެވިހާ ގޮތަކަށް ކަންތައް ކުރުމުގައި ދައުލަތުގެ ވަކި މުއައްސަސާއެއް، ވަކި އިދާރާއެއް އިސްތިސްނާއެއް ނުވެ އެވެ. ނަމަވެސް މިއަދު އެމަނިކުފާނާ އެއްކޮޅަށް އޮތީ ކޮން މުއައްސަސާއެއްތޯ ސުވާލު އުފެދޭހާ މިންވަރަށް ހުރިހާ ކަމެއް މިވަނީ ބަދަލުވެފަ އެވެ. ކީއްވެ ހެއްޔެވެ؟
ޕީޕީއެމް މެމްބަރުންގެ ތެރެއިން މަޖިލީހުގައި ރައީސް ޔާމީނާ ދެކޮޅަށް ފާޅުގައި އަޑު އުފުއްލަވަން ފެއްޓެވި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، އެތައް މަހެއް ވަންދެން ޖަލުގައި ގެންގުޅުމަށް ފަހު، ކަފާލާތުގެ ދަށުން މިނިވަންކުރުމާ އެކު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް މަޖިލީހުގެ 12 މެމްބަރުން މަޖިލީހުން ވަކިކޮށް އެއްލައިލަދިނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެކަމަކު އިންތިޚާބުގައި ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނި ހިސާބުން، އެ 12 މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް އެ ކޮމިޝަނުން ނިންމި އެވެ.
މަޖިލީހުގެ ތެރެއިން ރައީސް ޔާމީނަށް އެންމެ ބޮޑަށް ތުރާކުރި މެމްބަރުން ބޮޑު އިލްޒާމަކާ އެކު ޖަލުތަކުގައި ހައްޔަރުކުރި އެވެ. ބައެއް މެމްބަރުންގެ މައްޗަށް ދައުވާއެއް އުފުލުމެއް، ޝަރީއަތެއް ކުރުމެއް ނެތި އެވެ. އިންތިޚާބުގެ ނަތީޖާއާ އެކު، ހަމަ އެ ކޯޓުތަކުން އެ ގެންދަނީ އެ މައްސަލަތައް ބާތިލުކޮށް އެ ބޭފުޅުން މިނިވަންކުރަމުންނެވެ.
ރައީސް ޔާމީނަށްޓަކައި ގާނޫނުތައް ކޮށާ މަށައިގެން މަޖިލީހުގެ ތެރެއިން ހުރިހާ ސިޔާސީ ޖަރީމާތަކެއް ހިންގައިދިން، މަޖިލީހުގެ ޕީޕީއެމް މެމްބަރުންނާއި މަޖިލީހުގެ ރައީސްގެ ވެސް މިހާރު އެ ވަނީ ވަރަ ބިނދި ބިމަށް ތިރިވެފަ އެވެ.
2015 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް ފަހު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އަރިހުގައި. --ރައީސް އޮފީސް ފޮޓޯ
ސަރުކާރު ޖަވާބުދާރީ ކުރުވަން އުފެއްދި، ދައުލަތުގެ މިނިވަން މުއައްސަސާތައް ވެސް، ރައީސް ޔާމީންގެ ސަރުކާރުގެ ވަތުބަތާނަ ފޮރުވައިގެން ފަސް އަހަރު ތިބުމަށް ފަހު، އިންތިޚާބުގެ ނަތީޖާއާ އެކު ނިދިން ހޭލައި ހަރަކާތްތެރިވާން ފަށައިފި އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟
"[ހުރިހާ ވެސް ސަބަބަކީ] އެމަނިކުފާނު [ރައީސް ޔާމީން]ގެ އަމިއްލަފުޅު އިބާރާތުން ނަމަ، މީހުން ދަސް ނުވުން. ރައްޔިތުން ދަސްނުވުން،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުގެ ޖަވާބަކީ މި އެވެ.
ރައީސް ޔާމީންގެ ކެބިނެޓްގައި ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމު ފުރުއްވި އަމީން އިބްރާހީމް ވިދާޅުވި ގޮތުގައި ހުރިހާ ވެސް މައްސަލަ އަކީ ތިމާ ނޫން މީހަކު، ރައީސް ޔާމީންގެ ލޮލަށް ދުވަހަކު ވެސް ނުފެނުމެވެ.
"ހުރިހާ ވެސް މައްސަލައަކީ އެމަނިކުފާނުގެ އީގޯ، އެމަނިކުފާނުގެ އަމިއްލަ އެދުމާއި މަވެތިކަން. އޭގެ ސަބަބުން ޔާމީނަށް ގަބޫލު ނުކުރެވުނީ ސިޔާސީ މަސްރަހުގައި އެހެން މީހަކު ހުންނަން. އެހެންވެ މައުމޫން ވެސް ގާސިމް ވެސް އަދި އިމްރާން ވެސް ދުރަށް ލާފައި، އެއްވެސް ތަޖުރިބާއެއް ނެތް ކުޑަކުދިންތަކެއް ގާތްކުރީ. އޭގެ ފަހުން ހެއްދެވުނީ ގޯހަކަށް ފަހު ގޯހެއް. އެ ގޯސްތަކުގައި ޖެހިގެން އެމަނިކުފާނު ހަލާކުވެގެން އެ ދިޔައީ،" އަމީން ވިދާޅުވި އެވެ.
"ހީފުޅު ކުރެއްވުނީ ތިމާގެ އަތުގައި ހިފައިގެން އެ މަގާމަށް ގެނެސްދިން ހުރިހާ މީހުން ޖަލަށް ލާފައި، އެންމެން މަސްރަހުން ބޭރުކޮށްލީމާ ވަރަށް ފަަސޭހަ އިން ވެރިކަމުގައި ދެމިހުރެވިދާނެޔޭ. އެކަމަކު އެހެނެއް ނުވިތާ. އިޚްލާސްތެރިން ދޫކޮށްލައްވާފައި އެންމެ ގާތްކޮށްގެން ގެންގުޅުނު މީހުން ވެސް ބެލީ އަވަހަށް ޔާމީންގެ ކިބައިން މިންޖުވެވޭނެ ގޮތެއް ފެނޭތޯ."
ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު އަދާކުރެއްވި އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް މިހާރު އެ ހާލު ޖެހިފައި އެވަނީ، 2013 ގައި އެމަނިކުފާނަށް ވެރިކަން ހޯއްދަވައިދެއްވުމަށް، އިޚްލާސްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ލޮޓި ދެއްވައި އެ ބޭފުޅުން ބާކީކޮށްލެއްވުމުންނެވެ.
"ކާން ދޭ މީހާގެ އަތުގައި ދަތް ނާޅާށޭ ދިވެހި ބަހުން ބުނާ ބުނުން އެނގިވަޑައިނުގަންނަވާތީ [އެ ގޮތް އެ މެދުވެރިވީ]،" އަމީން ވިދާޅުވި އެވެ.
ރައީސް ޔާމީނަށް 2013ގެ އިންތިޚާބު ކާމިޔާބު ވުމުގެ އަސްލު ކަމުގައިވާ، ކުރީގެ ރައީސް މައުމޫން ހަތް މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ގެންގުޅުމަށް ފަހު، ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަފާލާތުގެ ދަށުން މިނިވަންވުމުން ސަޕޯޓަރުންނާ އެކު މަގުމަތީގައި.
އެ ގޮތުން ބަލާއިރު، 2013 ގައި ރައީސް ޔާމީނަށް އެންމެ ފުޅާ ގޮތެއްގައި ކެމްޕޭން ކޮށްދެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ޓީމުގައި ހިމެނޭ ހުރިހާ ބޭފުޅުން ސަރުކާރުން ބޭރުކުރި އެވެ. އިންތިޚާބު ކާމިޔާބުވުމުގެ އަސްލު ކަމުގައި ބެލެވޭ، މައުމޫނާއި ގާސިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާ މެދު އަމަލުކުރެއްވި ގޮތެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ތަސައްވުރު ރަނގަޅު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ވަޒީރުކަމުގައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމާ މެދު އަމަލުކުރި ގޮތެވެ.
ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރު ކަމުގައިވާ މަލީހް ޖަމާލް ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީނަށް އެ ހާލު ޖެހުނީ، ވެރިކަން ލިބުމާ އެކު ކިބުރުވެރިވެ، ބޮޑާވުމުންނެވެ.
"[މައިގަނޑު ސަބަބަކީ] ލިބުނު ނިއުމަތަށް ޝުކުރުވެރި ނުވެ، ކިބުރުވެރި ވުމާއި، އަނިޔާވެރި ވުމާއި ގަދަ ބާރުން ހުރިހާ ކަމެއް ކުރުމަށް މަސައްކަތް ކުރުން،" މަލީހް ވިދާޅުވި އެވެ.
ނަމަވެސް އިންތިޚާބުން ނާކާމިޔާބު ވުމަކީ މީހެއްގެ ސިޔާސީ ހަޔާތުގެ ނިމުން ނޫން ކަމަށް ވާތީ، މި އިންތިޚާބުން ނާކާމިޔާބު ވިޔަސް، ރައީސް ޔާމީނަކީ ވަރުގަދަ އިދިކޮޅު ލީޑަރަކަށް ވާނެ ކަމަށް ޕީޕީއެމްގެ މެމްބަރުން ބުނެ އެވެ.
ރައީސް ޔާމީންގެ އިޝާރާތަށް ކުރިން ހަރަކާތްތެރިވަމުން ގެންދެވި އީސީގެ ބައެއް މެމްބަރުން: އިންތިޚާބުގެ ނަތީޖާއާ އެކު އެ ކޮމިޝަން ވެސް ވަނީ ފައްސިވަޔަށް ދީލާލާފައި. --ފޮޓޯ/މިހާރު
އެކަމަކު ވެސް އެމަނިކުފާނަށް ސިޔާސީ ގޮތުން މިހާރު އޮތީ ކޮން ކުރިމަގެއްތޯ ސުވާލު އުފެދޭ ކިތަންމެ ސަބަބުތަކެއް އެބަ ހުއްޓެވެ.
އެންމެ ފުރަތަމަ ކަމަކީ، ކޯޓު މެދުވެރިކޮށް ބާރުގެ ދަށަށް ގެނައި ޕާޓީ ވެސް ގެއްލުމުގެ ފުރުސަތު އޮތުމެވެ. ރައީސް ޔާމީން ރޭއްވެވި ގޮތަށް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ނިންމާފައި އޮތީ، ޕާޓީގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ޕީޕީއެމް ހިންގަމުން ގެންދިއުމަށެވެ. ޕާޓީގެ މުސްތަޝާރަކީ އެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ އެ ޕާޓީގެ މެންބަރެވެ.
ވެރިކަން ބަދަލުވުމާ އެކު، މުސްތަޝާރުގެ ހައިސިއްޔަތު ގެއްލޭނެ އެވެ. އެއާ އެކު ޕީޕީއެމް ހިންގުމަށް ކޯޓުން ދީފައިވާ މެންޑޭޓް ވެސް ގެއްލިގެން ދާނެ އެވެ. އެހެންކަމުން އަވަސް އަރުވާލައިގެން ޕާޓީގެ ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ރައީސްގެ މަގާމަށް ރައީސް ޔާމީން އިންތިޚާބުކުރި އެވެ.
ނަމަވެސް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ހިތާމައަކީ، އެ ކޮންގްރެސް ބޭއްވީ އިޖުރާއާތުތައް ފުރިހަމަ ނުކޮށް ކަމަށްވާތީ، އެ ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވުމެވެ. އެ ކޮންގްރެސްގައި އެ ޕާޓީގެ މެމްބަރުން ނޫން މީހުން ވެސް ބައިވެރިކޮށްގެން ޕާޓީގެ ބައެއް މަގާމުތަކަށް، އެފަދަ މީހުން އައްޔަން ކުރި ކަމަށް ދެކެވޭ ވާހަކަތަކުން ވެސް އެ ކޮންގްރެސް ޣައިރު ގާނޫނީ ވެފައިވާ މިންވަރު ދޭހަވެ އެވެ.
ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ގައުމީ ޖަލްސާގައި ވޯޓު ދެނީ: މި ކޮންގްރެސް ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައި. --ފޮޓޯ: ޕީޕީއެމް
އޭގެ އިތުރުން ރައީސް ޔާމީންގެ ބެލުމުގެ ދަށުން، އެ ޕާޓީގެ ހަގީގީ ރައީސް މައުމޫން އެ ޕާޓީން ވަކިކުރި މައްސަލަ ވެސް ކޯޓުން މައުމޫނާ އެއްކޮޅަށް ނިމިއްޖެ ނަމަ، އަނެއްކާވެސް ޕީޕީއެމް އަންނާނީ އެ ޕާޓީގެ ހަގީގީ ބާނީންގެ އަތްމައްޗަށެވެ. އެހާ ހިސާބުން ކޮށި ދަނޑާއި ކަތިވަޅި އަދި މަރިޔަނބު ވެސް، ރައީސް ޔާމީނަށް ގެއްލި، ސިޔާސީ ގޮތުން މަގުމަތި ވާނެ އެވެ.
ރައީސް ޔާމީން ގަދަބާރު ނުދެއްކެވި ނަމަ، މި އަށް ވުރެ ވެސް ކުރިން މަޖިލީހުގެ މެމްބަރުން ނުކުމެ އެމަނިކުފާނު މަގުމަތި ކުރީހެވެ. މި ދެންނެވީ މަޖިލީހުގެ މެޖޯރިޓީ އާއި އިލެކްޝަންސް ކޮމިޝަނާއި ކޯޓުތަކުގެ އެހީގައި، އެއްކަލަ 12 މެމްބަރުން މަޖިލީހަށް ވަނަނުދީ ނުހިފެހެއްޓި ނަމަ، އެ މެމްބަރުން ތިއްބެވީ ރައީސް ޔާމީން މަގާމުން އަޒުލް ކުރުމަށް ކެތް މަދުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަބީ
28 October 2018
ރައީސް މައުމޫނަށްވެސް ތިވަރު ކުރި ކެނެރީގޭ ނަސީދު ވެރިކަމަށް އަރުވަން. ނޫސްވެރިންނަށް ހަމަސާބަސް. ގައުމުގަ ފިތުނަ ފަސާދަ އުފައްދަން ބަޔަކަށް ކުރޭވޭނީ ތިވަރު. ރައީސް ޔާމީނަށް ކެއްތެރިކަން ދެއްވާށި.
ވޮންޑަރ
27 October 2018
ކޮންއިރަކުން މީނަ ދިފާއުގަ ނުކުންނަނީ އެންމެން ކޯލިޝަން ހަދައިގެން! ޔަގީންވިއްޔާ ނުކުންނާނެކަން! މިއުޅޭ މީހުން ބަދަލުކޮށްލަން ހަމައެކަނި ބޭނުންވަނީ ޗެކެއް! ނުނުކުންނާނެ ނަމަ އަންނި ފުލުން ނުނުކުތިސް!!
އެކަލޯގެ އެޅަދޯ
27 October 2018
“އެ 12 މެމްބަރުން ތިއްބެވީ ރައީސް ޔާމީން މަގާމުން އަޒުލް ކުރުމަށް ކެތް މަދުވެފަ އެވެ.“ މިއީ މިހުރިހާ މައްސަލައެއްގެ ބިންގަލަކީ. އަދީބަށްފަހު މި މަޖްލީސް މެމްބަރުން އިރުއިރުކޮޅާ ރިލޯޑް ނުކުރެވުނީ. ޢެހެންނޫންނަމަ، ތި މެމްބަރުން އަމިއްލަޔަށް ބިލެއް ހުށަހަޅައިގެން ވޯޓްލުންވެސް ނުބާއްވާ ރައީސް ކަމުގައި ޔާމީން އުމުރަށްވެސް ބަހައްޓާނެ
އަހުމަދު ނިޔާޒު
26 October 2018
ވެރިކަމުން އިސްތިއުފާ ދިނުމަށްފަހު ކޯޓުކަތާ، ޕޮލިސް ސްޓޭޝަން ތައް އަންދާ ރާއްޖޭގެ އިންފުރާސްޓަރަކްޗަރ 30 އަހަރުދުވަހަށް ފަހަތައް ޖައްސާލިކަމަށް ތަޖުރިބާ ކާރުން ވިދާޅުވި، އެކަމު ރައީސް ޔާމީން އާއި ސަޕޯޓަރުން އެފަދަ ޢަމަލެއް ނުކުރާނެ
ދޮން ބަބުރު ސޮރު
26 October 2018
ސިއާސީ ގޮތުން ބިކަވެ މަގުމަތި ވިއަސް މީނަޔަށް ޖަލުން ބޯހިޔާ ވަހިކަން ދޭން ދިވެހި ރައްޔިތުން ތިބީ ތައްޔާރަށް
އަހުމަދު ނިޔާޒު
26 October 2018
ސެޕްޓެމްބަރ، 7 2013 ގައި އެންމެ ގިނަ ވޯޓު ގިނިކަންޔާ 95،224 ހޯދީ ނަޝީދު ދެން މިފަހަރު ރައީސް ޔަމީން ގިނިކަންޔާ ސެޕްޓެމްބަރ، 23 2018 ގައި ލިބިވަޑައިގަތީ 96،052 ވޯޓު ކާކައް ލިބުނު ޢަދަދެއް ބޮޑީ
ނަސްރު.
26 October 2018
ތެދަށް ވާހަކަދެއްކުމަކީ އެއްފަރާތަށް ޖެހުމެއް ނޫން. ޙަޤީޤަތުގައި “މަގުމަތިވަނީ” އަކީ ނޫން. މަގުމަތިވެ ނިމިއްޖެ. ހުރިހާގޮތަކުންވެސް.. އިލާހީ ޢަދުލުގެ އަލުން މަންޒަރެއް މިފެނުނީ. ޢިބްރަތުން ފުރިގެންވާ ފިލާވަޅެއް.
ޒަންޖަބީލު
26 October 2018
ހަގީގަތަކީ ޔާމީނަކީ ސިޔާސީގޮތުން މާބޮޑު ބުރަދަނެއް ހުރި މީހެއް ނޫން. މައުމޫނުގެ ފޮޓޯ ޖަހައިގެން ނިކުމެވެސް ކިރިޔަ ބައި ލައްކަ ހަމަވީ. ފަހުން ގާސިމާއި އަދާލަތާއި ދެންވެސް ތިބި ބަޔަކު ވެގެން ކުޑަ ތަފާތަކުން ވެރިކަން ލިބުނީ. ރައީސް ނަޝީދު އެކަނި ސަރުކާރުގެ ބާރެއް އެކައްޗެއްވެސް ނެތި 105،000 ހޯދިއިރު ޔާމީނު ސަރުކާރާއި ސަރުކާރު ކުންފުނިތަކާއި މުވައްސަސާތަކާއި ހުރިހާއެއްޗެއް އެއްކޮށްގެން ވެސް 96،000. މިކަންތައް ނެތި ނިކުތްނަމަ ބައިލައްކަ ވެސް ނުލިބޭނެ
އަބުން
26 October 2018
އެއީ ތިކިޔާ ޑިމޮކުރަސީ އޭ ދޮންކަލޯ، އިދިކޮޅު މީހުން މި ފަސް އަހަރު އެ އުޅުނީ މަގުމައްޗާ ޖަލުގަ ، ދެން ކުރިއަށް އޮތް ފަސް އަހަރު ޕީޕީއެމް މީހުން އުޅޭނީ މަގުމައްޗާ ޖަލުގައޭ، ރަގަޅުވާނެ، ކޮރު ޑިމޮކުރަސީ އެއްނު
އިންސާފް
25 October 2018
މިހާރު ނޫސް މާބޮޑަށް މިހާރު ތިއޮތީ އެއްފަރާތަކަށް ބަރުވެފައި. މިހާރު އަށް ކުރަމުންއައި އިތުބާރު މިހާރަކު ނެތް.