ހައި ކޯޓު: މާލޭގައި އައިސްކްރީމް ބައިސްކަލުގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ހުއްޓުވި މައްސަލާގައި ބަދަލު ދޭން ވަނީ އަމުރު ކޮށްފައި -- މިހާރު/ފޮޓޯ
14 ނޮވެމްބަރ 2018 - 12:51
އައިސްކްރީމް ބައިސްކަލުތަކެއްގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި މީހަކު ކުރަމުން ދަނިކޮށް، މާލޭ ސިޓީ ކައުންސިލުން އެކަން ގާނޫނާ ޚިލާފަށް ހުއްޓުވި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ މީހާ އަށް 400،000ރ. ދައްކަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން 2011 ގައި މާލޭގައި އައިސްކްރީމް ބައިސްކަލުތަކެއްގައި މީހަކު އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް އޭރުގެ މާލޭ ސިޓީ ކައުންސިލުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެ މައްސަލައިގައި 2012 ގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ އެ ވިޔަފާރި ހުއްޓާލަން އެންގުމުގެ ބާރު ސިޓީ ކައުންސިލަށް ނޯންނާނެ ކަމަށެވެ. އެކަމަކު ގެއްލުމުގެ ބަދަލު ހޯދަން ބައިސްކަލްތަކުގެ ވެރިފަރާތުން ދައުވާ ކުރުމުން ސިވިލް ކޯޓުން ނިންމާފައި އޮތީ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ހުކުމްކުރީ ގެއްލުމުގެ ބަދަލަށް 405،000ރ. އެ މީހާ އަށް ދިނުމަށެވެ. އެ މީހާގެ ފަރާތުން އެދުނީ 1.1 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލަށް ނަގައިދިނުމަށް ކަމަށް ވިޔަސް، ހައި ކޯޓުގެ ހުކުމުގައިވަނީ ހުށަހެޅި ހެކިތަކަށް ބަލާއިރު އެ މިންވަރަށް އޭނާ އަށް ގެއްލުން ލިބުނު ކަން ސާބިތުނުވާ ކަމަށެވެ.
އެކަމަކު އެ ވިޔަފާރި ހުއްޓުވާލުމުން އެ މީހާ އަށް ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއް ދިނުމުގެ ގޮތުން ހައި ކޯޓުން ނިންމީ އޭނާ އެ ވިޔަފާރި ކުރި އިރު ދުވާލަކަށް ލިބުނު އާމްދަނީ ރޭޓުން 90 ދުވަހަށް ވާ ފައިސާ ބަދަލުގެ ގޮތުގައި ނަގައި ދިނުމަށެވެ. ގެއްލުމުގެ ބަދަލަށް ހަތަރު ލައްކަ ރުފިޔާ ކަނޑައެޅީ އެ ގޮތަށް ހިސާބު ހެދުމަށް ފަހު އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަންގާފައިވަނީ 405،000ރ އެއް މަސް ތެރޭގައި ދެއްކުމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސްމޭން
14 November 2018
90 ދުވަސް ތެރޭ 4 ލައްކަ؟ ނިކުންނަންވީ ދޯ އައިސްކްރީމު ހިފައިގެން!
ހުސެއިން
14 November 2018
އުހުނ. ކަލޭ ނުނިކުންނާތި. މާ ބޮޑަށް މުއްސަނދި ވެދާނެ.
ފޫހި
14 November 2018
އަހަންނަށް އޮޅުން އަރަނީ މަގުމަތީގައި ހުއްދަނެތި ވިޔަފާރިކުރުން އެއީ ހުއްދަކަމެއްތޯ މި ލިއުމުން ސާފުނުވާތީ، އެމީހާ އެ ވިޔަފާރިކުރީ ހުއްދަނަގައިގެން ކަމުގައިވާނަމަ އެފަދަ ހުއްދަ އެހެންމީހުންނަށްވެސް ދޭންޖެހޭނެ. މިއީވާ ގައުމެއް. ހުޅުމާލޭގައި ބިމުގެ ކުލި އިންތިހާއަށް ބޮޑުއިރު އެއޮށްހިތްފަސޭހަ ބޮޑު ބިޔަ ބީޗްގައި ވަރުގަދައަށް ހިލޭ ވިޔަފާރިކުރަން ވަނީ ހުއްދަ ދީފަ. ސުވާލަކީ ބީޗަށް ހިތްހަމަޖައްސާލަން ދާނެ ތަނެއް އެބައޮތްބާއޭ؟
ފޮނިކަލޯ
14 November 2018
އަޅުގަނޑު މެން ނިކަމެތިވީމަ "މީރާއިން" ބޭނުންހާގޮތެއް ހަދައި އަޅުގަނޑުގެ ކުޑަ ކުޑަ ވިޔަފާރިޔަކުން ތިންލައްކަ ރުފިޔާ ޖޫރިމަނާ ކޮށް އެދައްކައި މިޔަދު މިތިބީ ކުރާނެ ކަމެއްނެތި ހަދާނެ ގޮތްހުސްވެފަ ، ސަރުކާރުން ނިކަމެތި މީހުން އަދިވެސްދަނީ އިތުރައް ނިކަމެތި ކުރަމުން
އޮރެންޖް
14 November 2018
2011ގައި ވެރިއަކަށް ހުރީ ރައީސް ނަޝީދު. ސިޓީ ކައުންސިލް ވެސް އެމްޑީޕީގެ ދަށުގަ. ޖަޒީރާ ރާއްޖެ މިއަށްވުރެ ތަފާތުވާނެތަ؟
55559
14 November 2018
ނާހަމަ ތެދެެއް...90 ދުވަސް ތެރޭގައި އައިސް ކްރީމް ވިއްކައިގެން 400000 ރުފިޔާ. ނަމަނަމަ މި އުޅޭ މަހުޖަނުން ގާތު ނުބުނާތި...އެ ވިއްކަން ވެސް ފަށާފާނެ ގާސިމު ވެސް...
ޙާލި
14 November 2018
މޭޔަރުސިފާ އިސްތިއުފާ
ގުދޯ ވޯލްޑް
14 November 2018
އޭރު ހުންނަވާނީ ސަރަނގު އާދަމް މަނިކް
ސޭކުބެ
14 November 2018
މިކަހަލަ ހުކުންތައް ދެފަހަރު ދެގޮތަށް ކުރާތީ މައްސަލައަކީ. މީހަކު ރިސޯޓެއް ހެދުމަށްޓަކައި ރަށެއް ކުއްޔަށް ހިފަން ދައުލަތަށް ފައިސާ ދައްކަން ބޭންކުން ލޯނެއް ނަގައިފަވަނިކޮއް އެގްރީމެންޓާ ޚިލާފަށް ރަށް ވަކިކުރުމުން ފަހުން ކޯޓުން އެރަށް އެމީހާއަށް ހަވާލުކުރުމަށް ހުކުންކޮށް ގެއްލުމުގެ ބަދަލުދޭން ނިންމި ހުކުމުގައި އެމީހާއަށް ލިބެނީ ހަމައެކަނި 6%ގެ ރޭޓުން ލޯނަށް ދައްކަންޖެހޭ ފައިސާކޮޅު އެކަނި. 13% ލޯނަށް ދައްކަންޖެހޭ. އަދި ކޮބާ ވިޔަފާރީގެ ފައިދާ؟
ކޭބީ
14 November 2018
405،000ރ ގެ ބަދަލަކަށް ހުކުމް ކުރިކަމަށް މިއޮތީ.... ލިޔުމުގައި ދެން މިއޮތީ.... މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަންގާފައިވަނީ 400،000ރ އެއް މަސް ތެރޭގައި ދެއްކުމަށެވެ...... ބާކީ 5،000ރ އަށް ވާންވީ ކިހިނެތް؟
ބޮޑުއަނގަ
14 November 2018
ދިވެހި ބަހަކީ އިޝާރާތެއް. އެ ވީގޮތް ނޭނގެންޏާ ދިވެހިބަސް ދަސްކުރަން ޖެހޭނީ.
އއއއ
14 November 2018
ހުރިހާ ކަމެއްވެސް އޮންނަނީ ނިކަމެތިން އިތުރަށް ނިކަމެތި ވާގޮތަށް، މުއްސަނދިން އިތުރަށް މުއްސަނދި ވާގޮތަށް ދެއްތޯ!