ދޮންނަ މެޝިން ތެރޭގައި ޔޫރޯ ބޮނޑިތައް.
26 ނޮވެމްބަރ 2018 - 07:37
މަނީ ލޯންޑްރިންއޭ ބުންޏަސް އެއީ ފައިސާ ދޮންނަ ވާހަކައެއް ނޫނެވެ. އެކަމަކު މި ފަހަރު މިއީ ހަމަ "މަނީ ލޯންޑްރިން" އަށް ވެދާނެ އެވެ. ވަގަށް ނެގި އެތައް ލައްކަ ޔޫރޯއެއް ފެނުނީ ދޮންނަމެޝިނެއްގެ ތެރެއިންނެވެ.
މި ފައިސާ މިދިޔަ ހޯމަ ދުވަހު ފެނުނީ ނެދަލެންޑްސްގެ ހުޅަނގު އެމްސްޓެޑަންގައި ފަޅަށް ހުރި ގެއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރެއިން އެވެ. ވަގަށް ނަގައި ރައްކާކޮށްފައިވާ ކަމަށް ބެލެވޭ މި ޔޫރޯ ބޮނޑިތައް ޑަޗް ފުލުހުން ނަގައި، ގުނި އިރު އެއީ 350،000 ޔޫރޯ (400،000 ޑޮލަރު) އެވެ. ފައިސާ ހުރީ 20 އާއި 50 ގެ ނޫޓުންނެވެ. މި ފައިސާތަކުގެ ފޮޓޯ ފުލުހުން ވަނީ ޓްވީޓް ކޮށްފަ އެވެ.
Een bijzondere vondst in een wasmachine in Amsterdam. #Witwaspraktijken https://t.co/9YN8n6Em3u
— Politie Nederland (@Politie) November 22, 2018
ޑަޗް ފުލުހުންގެ ޓްވީޓް.
ޑަޗް ފުލުހުން ބުނި ގޮތުގައި ފަޅު ގެއެއްގައި ހުރި މެޝިނުން ފައިސާ ފެނުނު މައްސަލާގައި، އުމުރުން 24 އަހަރުގެ މީހަކު ހައްޔަރުކޮށް މިކަން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިކަމާ ބެހޭ ގޮތުން ޑަޗް ފުލުހުން އެމްސްޓެޑަންގެ މުނިސިޕަލް އެޑްމިނިސްޓްރޭޝަނާ ހަވާލާދީ ސީއެންއެން އަށް ބުނި ގޮތުގައި ފައިސާތައް ފެނުނު ގެއަކީ ބަޔަކު ދިރިނުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ގެއެކެވެ. ނަމަވެސް ހައްޔަރު ކުރި މީހާއަކީ ފުލުހުން ގެ ބަލައި ފާސްކުރަނިކޮށް އެ ގޭތެރެއިން އަތުލައިގަތް މީހެކެވެ.
ފުލުހުން ބުނީ ފައިސާގެ އިތުރުން އެ ގޭތެރެއިން ފައިސާ ގުނާ މެޝިނަކާއި ގިނަ އަދަދެއްގެ މޮބައިލް ފޯނު ވެސް ފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy