ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ގާނޫނުއަސާސީން ދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރެއްވި. --ފޮޓޯ: މަޖިލިސް
17 އޯގަސްޓް 2016 - 12:24
އެއްވެ އުޅުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެ އިސްލާހަށް ވޯޓު ނުދެއްވާނެ ކަމަށް ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް، މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު އިސްލާހެއް ހުށަހެޅުއްވީ، ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމެނުމަށެވެ. އަދި އެ ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި، ހޯމް މިނިސްޓްރީން ގެޒެޓް ކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ހެދި މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު މިހާރު ލިބިވަޑައިގަންނަވަނީ ވަރަށް މަދުން ކަން ފާހަގަކުރައްވައި، މި އިސްލާހަށް ފާޑުވިދާޅުވަމުން ފާރިސް ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް މި އިސްލާހުން އަރައިގަނެވޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން ފެހި ގާނޫނު އަސާސީން ރައްޔިތުންނަށް ހޯދައިދީފައި ވަނީ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން ކަން އޭނާ ވިދާޅުވި އެވެ.
"އިންތަކެއް ކަނޑައަޅައި މިގޮތަށް ރައްޔިތުންނަށް ހޯދައި ދީފައި އޮތް ހައްގެއް އިތުރަށް ހަނިކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކުރެވޭނެ ކަމެއް ނޫން. ގާނޫނުއަސާސީގެ ރޫހާ ވެސް ހިލާފު ކަމެއް،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތާ ގުޅޭ ކަންކަމާ ގުޅިގެން ވަކި ސަރަހައްދުތަކެއް ކަނޑައަޅައި އެ ސަރަހައްދުތަކަށް އެއްވެ ނުވަތަ މުޒާހަރާ ނުކުރެވޭނެ ކަން ގާނޫނުން އޮތީ ކަނޑައަޅައިފަ އެވެ. މި ސަރަހައްދުތައް ކަނޑައަޅާފައި އޮއްވައި، ގާނޫނާހިލާފަށް އިތުރަށް ހަނިކުރަން ތަންތަން ކަނޑައަޅައި މުޒާހަރާކުރަން ހުއްދަ ހޯދަން ޖެހޭ ގޮތަށް ބަދަލު ނުކުރެވޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
"އެއްވެ އުޅުމުގެ ގާނޫނަށް މި ގެންނަ އިސްލާހާ މެދު ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުންނާއި އަޅުގަނޑުގެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް،" ފާރިސް ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް މި ގެންނަ އިސްލާހުގެ އިތުރުން ވެސް ގާނޫނުއަސާސީގެ ދެ ވަނަ ބާބުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާތީ ފާރިސް ކަންބޮޑުވުންފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވީ ހިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ގާނޫނެއް ފާސްކުރީ ވެސް ގާނޫނުއަސާސީއާ ފުށުއަރާގޮތަށެވެ. އެއްވެ އުޅުމުގެ ގާނޫނަށް މި ގެންނަ އިސްލާހަކީ ވެސް އަސާސީ ހައްގުތައް ހުރަސްއެޅޭ ގޮތަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއަށް އިތުރުވި ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ބީލަމަށް ނުލައި ފަޅުތަކާއި ފަޅު ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވުމަށް ފަހު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހަނިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާ ވެސް ފާރިސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވަން ފާސްކުރި ބިލަށް ވެސް އޭނާ ވޯޓެއް ނުދެއްވަ އެވެ.
ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ފާސްކުރި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވުމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ސުލޫކީ ކޮމެޓީ އަށް މައްސަލަ ހުށަހަޅައި ފާރިސް ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ. އެކަމަކު އެއީ ސައްހަ ނިންމުމެއް ނޫން ކަަމަށް ޕީޕީއެމް އޮފީހުން ވަނީ ބަޔާން ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިލްބާބު ހަބީބު
23 March 2017
ފާރިޝް އަކީ ހިތްވަރުގަދަ ކެރޭ ބޭފުޅެއް. ކުރިމަގު އުޖާލާ.
ޫޮމޫނިސް
18 August 2016
ތިޔަޚިޔާލު ރަގަޅު
އަހުމަދު
17 August 2016
ފާރިސް މައުމޫނަށް ޝުކުރިއްޔާ. ތިޔައީ ހައްޤަށް ވަކާލާތުކުރައްވާ ބޭފުޅެއް.... ޒުވާން ، ޔޫ ކޭ އެޑިއުކޭޓޭޑް ރެސްޕެކުޓިވް ކުލީން އަޕް ވިމާ ތިޔަގޮތުގައި ދެމިހުންނަވާ. އަޅުގަނޑުމެން ތިބޭފުޅާ އައް މިފެށީ ސަޕޯރޓްކުރަން، އުއްމީދު ކުރެވޭ ތިބޭފުޅާއައް ގިނަ ޒުވާނުން ސަޕޯރޓްކުރަން ފަށައިފި ކަމަށް. އަޅުގަނޑުމެން ފަހަރެއްގައި ވެސް މިއަދު މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް އެއީ ސައްހަ ބިލެއްކަމަކަށް ނުބަލަން. އަޅުގަނޑުމެން ކެރިގެން މިދަންނަވަނީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިއްބައިދީފައިވާ މިނިވަންކަން ކޮށާ ސުންނާފަތި ކުރާ އެއްމެނަށް ފުރުސަތު ރައްޔިތުންނަށް ލިބުމުން އެކަމުގެ ރިވެންޖް ނަގާނެ ވާހަކަ.
ކުޑަހުވަދޫ މީހާ
17 August 2016
ފާރިސް މައުމޫނަށް ޝުކުރިއްޔާ. ތިޔައީ ހައްޤަށް ވަކާލާތުކުރައްވާ ބޭފުޅެއް.
މަރިޔަނބު
17 August 2016
ސާބަހޭ ފާރީ...ތިގޮތުގައި ސާބިތުވެ ހުންނަވާ..
ތުއްތޮންބެ
17 August 2016
ރައީސް މައުމޫނުގެ ގެ ބޭފުޅުން ރައްޔިތުންނާއެކު ތިބިކަމީ ކުރިމަގަށް އޮތް ހެޔޮ ފާލެކެވެ. މުޅި ގައުމަށްވެސް އަދި ޕީޕީއެމް ގެ އާންމު މެންބަރުންނަށްވެސް އެންމެ ފައިދާބޮޑުވާނީ އެބޭފުޅުންނާއެކު ސާބިތުވެ ތިބިއްޔާއެވެ. މިވަގުތު ނަގޫފިތި އަތްގައިދަށުވެފައި ތިބި މެންބަރުންކޮޅަކަށް ވަގުތީގޮތުން މަޖިލިސްގެ މެޖޯރިޓީ އޮތުމުން ބޭނުންހާ ގޮތަކަށް ގާނޫނު ބަދަލުކުރުމުގެ ފުރަސަތު އޮތަސް އެކަން އަބަދަށް ދެމިއޮންނާނެ ކަމަށް އެކަކުވެސް ހީކޮށްގެން ނުވާނެއެވެ. ތިޔަ ބިލްތައް ފާސްކުރަމުންގޮސް މެންބަރުގެ ބޭނުން ކެނޑުމާއެކު ފަތަފޮޅިފިހެން ދަށަށް ލާ ފަތްގަނޑެއްހެން އެއްލައިލާނެއެވެ. އެކަމަކު ގިނައީ އެވަރުވެސް ނޭނގޭ މެންބަރުންނެވެ.
ދަފްތަރު
17 August 2016
މުނިސިޕަލްޓީ ދަފްތަރުގައި ތިބިމީހުންނަށް ހުޅުމާލެއިން ބޯހިޔާވަހިކަން ހޯދަދޭން މަސައްކަތް ކުރާނެކަމަށް ރިފާއު ބުނގެން، ރިފާއުއަށް ވޯޓްދިނީ. އެކަމަކު ތިއުޅެނީ އަހަރެމެންނަށް ލިބިފައިވާ ހައްގެއްވިއްޔާ އެހައްގެއް އަހަރެމެންއަތުން އަތުލަން. ދެނެ ކަލެއަކަށް ވޯޓެއް ނުދޭނަން.
އަލިދީދީއައްޑޫސިޓީ
17 August 2016
ފާރިޝް މައުމޫނުގެ އިސް ނެންގެވުމުގެ މަތިން މަޖިލިސް މެޖޯރިޓީ ފުރޮޅާލެވިދާނެ. އެކަމަށް އިޚްލާޞްތެރިކަމާއެކު އެންމެހާ ދިވެހި ރައްޔިތުންގެ ޙައްޤު ގައި ތެދުވަންނަވާ. މިއީ އެ ވަޤުތަކީ، ކެރިވަޑައިގެން ތެދުވަންނަވާ. އެއްބާރުލުން ލިބި ވަޑައިގަންނަވާނެ ކަމުގެ ސިގްނަލް މަޖްލިސް ތެރެއިން ފެންނަން ފަށައިފި. ލަސްނުކުރައްވާ ފުރުޞަތު ބޭނުން ހިއްޕަވާ.
ސީޒާ
17 August 2016
ޤާނޫނު އަސާސީއާއި ހިލާފް އިސްލާހަކަށް ޖަހަންޖެހޭނީ ހަމަރަތް، ތިޔައީ ރިފާއު މޭގައި ތަރިޖަހާލަން ކުރާކަމެއް، އެހެންކަމުން އޭނާގެ ކޮނޑުގައި އަދި މޭގައި ތަރިޖަހަން ޤާނޫނު އަސާސީއާއި ހިލާފް ކަމެއް އެއްވެސް މެންބަރަކު ކޮށްގެންނުވާނެ