މެމްބަރު އީވާ: ކޮރަޕްޝަން ހާމަކުރާ މީހުންނަށް ހިމާޔަތް ދޭ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އީވާ --ފޮޓޯ/މިހާރު
09 ޑިސެމްބަރ 2018 - 15:47
ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ތެރޭގައި ހިނގާ ޚިޔާނާތާއި ކޮރަޕްޝަން ފަޅާ އަރުވާލާ ފަރާތްތަކަށް (ވިސްލް ބްލޯކުރާ ފަރާތްތައް) ހިމާޔަތް ދިނުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި މިހާރަކު ނެތެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިިޔާސީ ވައުދެކެވެ.
ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިއިރު، ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމްގެ މައްޗަށް ވަނީ ޖިނާއީ ދައުވާކޮށް، ކުށް ސާބިތުވެފަ އެވެ.
ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާކޮށް، ގާސިމްގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވިޔަސް ހުކުމުގެ މުއްދަތު ހަމަވުމުން އޭނާ މިދިޔަ އަހަރު ވަނީ މިނިވަންވެފަ އެވެ. އޭނާ އަށް ދައުވާކޮށް، ޖަލަށްލި މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ކޮރަޕްޝަންގެ ސަބަބުން ގެއްލުނު ފައިސާތައް ހޯދައި، ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާއިރު، ކޮރަޕްޝަނާ ދުރުގައި ތިއްބެވުމަށް ވަޒީރުންނަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީވާ
10 December 2018
ގާނޫނޫ ހެދިޔަސް ނިމުނީކީ ނޫން، ކިތަންމެ ގިނަ ގާނޫނުވެސް ހެދިދާނެ، މި ގާނޫނުތަކަށް އިންސާފު ވެރިކަމާއެކު އަމަލުކޮށް ވަކި މީހަކަ ވަކި ފަރުދަކަށް ނުބަލާ ތަންފީޒު ކުރެވިގެން މީހުން ހަރުދަނާވެ ގައުމު ކުރިޔަށް ދާންޖޭގޮތަ ދާނީ، އީވާގެ ބިލަށް އާދަގެ މީހެއްގެ ގޮތުން ވަރަށް ތާޢީދު ކުރަން..
މުހައްމާ
10 December 2018
ތިޔަ ބިލަށްވުރެ އަހަރެމެންނަށް މާ މުހިންމު ބިލެއް އެބައޮތް. ހުށަހަޅުއްވައިދެއްވާ. އެ ބިލަކީ، ފުލުސް އޮފީހަށް ކަންކަން ރިޕޯޓްކުރާ މީހުންނަކީ ކޮބައިކަން މައްސަލަ ބަލަން ފެށުމުގެ މާކުރިން ކުށްވެރިންނަށް އެނގުން ހުއްޓުވުމުގެ ބިލް.
އުނބުށެން
10 December 2018
ބީއެމްއެލްގެ މުވައްޒަފާމެދުވެސް ފިޔަވަޅުއެޅީ އެތާނގެ ގަވާއިދާ ނުވަތަ އެގްރީމަންޓަކާ ޚިލާފަށް ޢަމަލުކުރި ކަމަށް ބުނެއެވެ. ވީމާ އެބުނާފަދަ އުސޫލުތައް ތިޔަ ޤާނޫނުން ބާޠިލްކުރަން ޖެހޭނެއެވެ. ނޫނީ ދެންވެސް ހަމަ އެބުނާ އުސޫލުތަކުގެ ދަށުން މީހުން ކުށްވެރިވަމުން ހިނގައި ދާނެއެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ހަދާފައިހުރި ހުރިހާ ގަވާއިދުތަކާއި އެއްބަސްވުންތައް ތިޔަ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ބާޠިލްވާނެކަމަށް ތަފްޞީލްކޮށް ބަޔާންކުރަންވީއެވެ.
މާރަނގާ - އައްޑޫ ސިޓީ
10 December 2018
އިސްލާމްދީނުގެ މަތިވެރި އުސޫލެއް ﷲ ގެ ވަރުދަގަ އަމުރެއް ކަމުގައިވާ ރިޝްވަތާއި ހިޔާނާތުގެ ފަސާދައިން ދިވެހިންދުރުކުރުމަށް މުޖުތަމައު ސަލާމަތްކޮށްދިނުމަށް މުސްލިމް ދައުލަތެއްގެ ހަޒާނާއާއި ރައްޔިތުން ސަލާމަތް ކުރުމަށް ތިޔަނެންގެވި އިސްނެގުމަށް ތާއީދު ކުރަން. * * ޔާމީން ސަރުކާރުން ހިންގި ހިޔާނާތް ރާއްޖޭގައި ބެލުމަށް ދަތިވާނެތީ ޝިންގ ޔޮއާން 18 ގެ މައްސަލަ ތަޙްޤީގު ކުރާމީހުނާއި ގުޅިގެން ބޭރުގައި މިކަންކުރެވޭތޯ ބައްލަވާދެއްވާ.
ލާމަސީލު
09 December 2018
އެމްއެމްޕީއާރސީގެ ހިޔާނާތް ފަޅާ އަރުވާލި ގައުމީ ބަތަލު (ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖަރ) ގާސިމް ޖަލަށްލާ އޭނަގެ އަނބިދަރިން ހާލުގަ ޖެއްސި ބީއެމްއެލްގެ ވެރިންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން. އަދި އަންނަން އޮތް ޖީލަށްޓަކާ މިކަހަލަ ވެރިންނަށް ފިލާވަޅު ދިނުމަށް ގޮވާލަން...
ދާދޭ
09 December 2018
އަނެއްކާ ދެން އޮންނަ މަޖިލީހަކުން ތިބިލް އުވާލާފާ ތިބިލުން އުފެދޭ ގާނޫނީ ބާރުވެރިކަމަށް ބަލައި ކޮރަޕްޝަންގެ މައްސަލަ ހުށަހެޅި އެންމެން ޖަލަށް ނުލާނޭބާ. ތިބާވަތުގެ ކަންކަން ގާނޫނު އަސާސީގެ ތެރެއަށް ނުލާނަމަ އޯވަނައިޓަކުން ގާނޫނު ނައްތާލަފާނެ. މިހާރުވެސް ފެނިގެން މިދަނީ އެމަންޡަރު.
ހާސަރު
09 December 2018
ތިޔަ ބިލް ފާސްވެގެން ދާއިރު މެންބަރުން ގަނެވިއްކުން ، ވޯޓް ވިއްކުން އެއީ ވެސް ކޮރަޕްޝަންގެ ގޮތުގައި ހަދާދީ.