މާސްޓާސް ޑިގްރީއަށް ހޮވުނު ޓީޗަރަކަށް މިނިސްޓަ އާއިޝަތު ޝިހާމް ލިޔުން ހަވާލުކޮށްދެއްވަނީ
18 އޯގަސްޓް 2016 - 09:55
ސްކޫލުތައް ވަޒަންކުރުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީނުކުރަން ގައުމީ ޔުނިވާސިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީން ފެށި ސްކޮލަޝިޕަށް ހޮވުނު ޓީޗަރުންނަށް ރޭ ލިޔުން ހަވާލުކޮށްފި އެވެ.
ކަލާފާނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މާސްޓާސް ޕްރޮގްރާމް ލޯންޗުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
އަށާރަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް މިދިއަ މަހު 10 ގައި ވަނީ ފަށައިފަ އެވެ. ފުރަތަމަ ބުރުގައި މާލެއިން ދެ ޓީޗަރުންނާއި ކޮންމެ އަތޮޅަކުން ޓީޗަރެއް ތަމްރީނުކުރާނެ އެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ބޭނުމަކީ ކޮންމެ އަތޮޅެއްގައި ވެސް ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ އެންމެ ފަހުގެ ގޮތްތައް ދަސްކޮށްދިނުމާ އެކު ތައުލީމުގެ ތަފާސްހިސާބުތައް އިލްމީ ގޮތެއްގައި ހޯދައި ޝާއިއު ކުރުމުގެ ގާބިލްކަން އިތުރުކުރުން ކަމަށެވެ.
އާއިޝަތު ޝިހާމް ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި މިފަދަ ކޯހެއް ވަރަށް މުހިއްމު ކަމަށާއި އަމާޒަކީ އެ ދާއިރާއިން ތަމްރީނުވެފައި ހުރި މަދުވެގެން އެކަކު ކޮންމެ ސްކޫލެއްގައި ވެސް މަސައްކަތްކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލުތަކުގެ ހުރިހާ މަރުހަލާއެއްގައި ދެމުން އަންނަ ތައުލީމީ ފެންވަރު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރިވިއުކޮށް ނިންމަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މާސްޓާސް ޕްރޮގްރާމުގެ ބައިވެރިންނަށް ޓިއުޝަން ފީ ހަމަޖައްސައިދެނީ ވޯލްޑް ބޭންކުން ދިން އެހީގަ އެވެ. މިނިސްޓްރީން ވަނީ މުސާރަ ލިބޭ ގޮތަށް އެ ޓީޗަރުން ކޯހަށް ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިޓިލް
18 August 2016
މިހިރީ މިފެނިގެން ދަނީ މަމެންގެ ސަރުކާރުގައި ދެގޮތެއް ނުވާ ޓައިޓޭނިއަމް ޕްލޭޓެޑް މިނިސްޓަރުންގެ ފަރާތުން ގައުމަށް ކުރާ ފައިދާ އަކީ. އެދަނީ މާސްޓަރސް ޑިގްރީ ފެންވަރަށް ކިޔަވާ ދެމުން ސްކޫލް ތަކުގެ ކިޔަވާދޭ ސިސްޓަމް އިވޭލުއޭޓް ކުރާނެ ގޮތް ވެސް ދަސްކޮށް ދިނުމަށް ޓަކައި. ހުރިހާ ކަމެއް ދެން ދާނީ ރަނގަޅު މަގުން ރަނގަޅު ފާލުންނެވެ. ރާއްޖެ މިއުޅެނީ ލިޓިލް ސިންގަޕޯރ އަށް ބަދަލުވާން ވަރަށް އަވަހަށް. އޯލް ވީ ލުކިންގް ފޯރ އިޒް ވޯޓް އިން ލިޓިލް ލައިޓް، ވޯޓް އިން ލިޓިލް ލައިޓް.. އޮއޮއޯއޯއޯ، އޮއޮއޯއޯއޯ..