ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބޭބޭފުޅު ކުރީގެ ރައީސް މައުމޫން: ޕާޓީއަށް ގާނޫނީ މައްސަލަތަކެއް ކުރިމަތިވީ މި ދެ ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެން. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު
16 ޖެނުއަރީ 2019 - 08:22
ރިޔާސީ އިންތިޚާބާ އެކު ދަރަނިވެފައި އޮތް ޕާޓީއެއް މުހިއްމެއް ނޫނެވެ. ބޭނުންވީ ސިޔާސީ ބާރުވެރިކަން އަލުން ހޯދާނެ ގޮތެކެވެ. ޕީޕީއެމް ހިންގުން ހުއްޓާލައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވުޖޫދުކުރުމުގެ މަސައްކަތް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ އިސް ބޭފުޅުން ފެއްޓެވީ އެ ވިސްނުމުގަ އެވެ.
ޕީޕީއެމުން ސަލާމަތްވާން އޮތް އެންމެ ފަސޭހަ އަދި ކުރު މަގަކީ ވެސް، އެ ބޭފުޅުން ދެކެވަޑައިގަތް ގޮތުގައި، އާ ޕާޓީއެއް ހެދުމެވެ. އެއީ، ރާއްޖޭގެ ގާނޫނުތައް އޮންނަ ގޮތުން، ޕާޓީ ހިންގި މީހުން ދަރަންޏަށް ޒިންމާވާން ނުޖެހޭތީ އެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ޒިންމާކުރެވޭނެ ގޮތެއް ވެސް ނެތުމުންނެވެ. ޕީޕީއެމްގެ މެމްބަރުންނާއި ވަސީލަތްތައް އާ ޕާޓީ އަށް ބަދަލުކޮށްގެން ހިންގިއަސް އެޅޭނެ ފިޔަވަޅެއް ވެސް ނެތެވެ.
ޕީއެންސީ އުފައްދަން އެގޮތަށް ހިސާބުޖެހި ނަމަވެސް އެއީ، ފަސޭހަ ކަމަކަށް ނުވި އެވެ. ކުރިން ޔާމީނާއި ޕީޕީއެމް ބޭނުންވާ ގޮތަށް އަމަލުކުރި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ "އުނދަގޫ މާ ބޮޑުވީ" އެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޕީއެންސީ އުފައްދަން ހުށަހެޅުއްވުމުން ފުރަތަމަ ހުއްދައެއް ވެސް ނުދިނެވެ. ހުއްދަ ދިނީ އަދުރޭ ޕީޕީއެމުން ވަކިވެވަޑައިގަތުމުންނެވެ. ގާނޫނުގައި އޮންނަނީ ވެސް އެގޮތަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ޕީޕީއެމް އަލުން ހިންގުމަށް އެމަނިކުފާނު ވަނީ ސެކްރެޓަރީ ޖެނެރަލަކު ވެސް ހަމަޖައްސަވާފައި --ފޮޓޯ: ހުސައިން ވަހީދު/މިހާރު
އީސީން މިހާރު ތުހުމަތުކުރާ ގޮތުގައި، ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަށް އެދި ހުށަހެޅި 4،000 ފޯމުގެ ތެރެއިން ބައެއް ފޯމުތައް ސައްހައެއް ނޫނެވެ. އެހެންވެ، ކޮމިޝަނުން ދަނީ އެކަން ވެސް ބަލަމުންނެވެ.
ޕީއެންސީ ރަޖިސްޓްރީ ކުރުން ލަސްކުރަނީ ގަސްތުގައި ކަމަށް ވެސް އެ ޕާޓީގެ ބައެއް ބޭފުޅުން ތުހުމަތުކުރެ އެވެ. އެއީ، ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް، ޕީއެންސީގެ އިސް ބޭފުޅުންނަށް އަމާޒުކުރެއްވި ހަމަލާތަކުންނެވެ.
ދަރަންޏާ އެކު ޕީޕީއެމް ދޫކޮށް، އާ ޕާޓީއެއް ހެދުމާ އޭނާ ދެކޮޅެވެ. އެކަމަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.
ޝަރީފްގެ އިންޒާރުތަކާއި އީސީގެ އަމަލުތަކުން، ޕީއެންސީ އަވަހަށް ރަޖިސްޓްރީ ވެދާނެ ކަމާ މެދު ބިރު އުފެދުނީ އެވެ. އާ ޕާޓީ އުފައްދަން ހުރި ގޮންޖެހުންތަކާ އެކު ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕަށް މަޖުބޫރުވީ އަލުން ޕީޕީއެމާ ދިމާއަށް މިސްރާބު ޖަހާށެވެ.
ޔާމީންގެ ޕީއެންސީ އުފެއްދުމުގެ ހުއްދައާ އަބްދުއްރަހީމް ހަވާލުވެވަޑައިގަންނަވަނީ --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ޔާމީން ކުއްލި ގޮތަކަށް އެންގެވީ، ޕީޕީއެމްގެ މެމްބަރުން އަވަސް އަރުވާލައިގެން ޕީއެންސީ އަށް ސޮއި ނުކުރެއްވުމަށެވެ. އޭރު، ޕީޕީއެމް ލީޑަޝިޕްގެ ގިނަ ބޭފުޅުންތަކެއް ވަނީ ޕާޓީ ބަދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިދާރީ ގޮތުން ޕީޕީއެމް ހިންގެވުމާ ހަވާލުވެ ހުންނެވި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޕީޕީއެމް އަލުން ހިންގަން ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވައި މިހާރު ވަނީ ސެކްރެޓަރީ ޖެނެރަލަކަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ހަމަޖައްސަވައިފަ އެވެ. އޭނާ އަކީ ވެސް ޕީއެންސީއާ އެކު ކުރިއަށް ދާން ކަމަށް ވިދާޅުވެ ޕީޕީއެމުން ވަކިވެވަޑައިގަތް ބޭފުޅެކެވެ. ޔާމީންގެ އިރުޝާދާ އެކު ޕީޕީއެމް ހިންގަން އޭނާ އަށް ޖެހިވަޑައިގަތީ އަލުން ޕީޕީއެމަށް ސޮއިކުރައްވާށެވެ.
ޕާޓީ ހިންގާނެ ބޭފުޅެއްގެ އިތުރުން ކޯޓުތަކުގައި ހުރި ޕީޕީއެމާ ގުޅޭ މައްސަލަތަކުގައި ވަކާލާތު ކުރަން ގާނޫނީ ޓީމެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ. ދުވަހުން ދުވަހަށް ޕާޓީގެ ކަންކަން ކުރިއަށް ގެންދަން ވެސް އޮތީ ނިންމައިފަ އެވެ.
ޕީއެންސީ އަވަހަށް ރަޖިސްޓްރީވެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހިންދެމިލެވޭނެ ކަމުގެ އުއްމީދެއް އަދި ނެތެވެ. އެއާއެކު، ސުޕްރީމް ކޯޓުގައި ހުރި މައްސަލަތައް ނިމި ޕީޕީއެމްގެ ހިންގުން ޔާމީނަށް ލިބޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތެވެ. މި ގޮންޖެހުންތަކުން ޔާމީންގެ ސިޔާސީ ކުރިމަގަށް ވެސް މިއޮތީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ޔާމީނާއި ޕީޕީއެމްގެ އިސް ބޭފުޅުން މާޔޫސް ވަނީ މި ހިސާބުންނެވެ. ދެން އޮތް އެންމެ ރަނގަޅު ހައްލަކީ، ޕީޕީއެމްގެ މިލްކުވެރިކަން ހޯދުމުގެ ހަނގުރާމަ، ހުއްޓާލި ހިސާބުން އަލުން ފެށުން ކަމަށް ފެނުނީ އެހެންވެ ކަމަށް ވުން އެކަށީގެންވެ އެވެ.
އަމިއްލަ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޕީޕީއެމް ހިންގުމުން ދުރުކޮށް، އެމަނިކުފާނުގެ މަގާމާ ޔާމީން ހަވާލުވެވަޑައިގަތީ ޝަރީއަތަށް މައްސަލަ ހުށަހަޅުއްވައިގެންނެވެ. އެވަރުން ހޯއްދެވި ޕީޕީއެމް މައުމޫނަށް ލިބުނަސް ހެޔޮކަމަށް ގެންގުޅުއްވި ވިސްނުން މިހާރު އަނެއްކާވެސް ތަފާތުވީ އެވެ.
ޕީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލް މަތީން ވިދާޅުވި ގޮތުގައި ޕީއެންސީ އުފައްދަން ޖެހުނީ، ކޯޓުގައި ހުރި ޕީޕީއެމްގެ މައްސަލަތައް ދިގުލައިގެން ގޮސް އާއްމު މެމްބަރުންގެ ހައްގުތައް ގެއްލެމުންދާތީ އެވެ. ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއާ އެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޕީޕީއެމަށް އޮތް ހުރަކަށް ވީ ވެސް އެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމާ ގުޅޭ ކަންކަމުގައި ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން ވެސް ޖަވާބުދާރީވާން ތައްޔާރުވަމުން އަންނަ ކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ ޕީއެންސީ އުފެއްދުމުގެ މަސައްކަތް ފެށީ ޕީޕީއެމް "ވަޔަށް، ނުވަތަ ނިކަމެތިކޮށްލުމު"ގެ ބޭނުމުގައެއް ނޫނެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި ޔާމީނާ އެކު އެ ޕާޓީގެ އިސް ބައެއް ބޭފުޅުން. --- ފޮޓޯ: ޕީޕީއެމް ޓްވިޓާ
އެކަމަކު މަތީންގެ މި ވާހަކަ، ޕީޕީއެމާ ގުޅޭ ގޮތުން އަދުރޭ ކުރިން ދައްކަވާފައި ހުރި ވާހަކަތަކާ ފުށުއަރަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމަށް ކޮންމެ ގޮތެއް ވިޔަސް އެކަމުގެ ޒިންމާ މިހާރުގެ ލީޑަޝިޕުން ނަގާކަށް ނުޖެހޭނެ އެވެ. އެ ހުރިހާ ބޭފުޅުންގެ ވެސް ސިޔާސީ ކުރިމަގަކީ ޕީއެންސީ ކަމަށް ވިދާޅުވި އެވެ.
"ޕީއެންސީ އުފެއްދީ ޕީޕީއެމް ދޫކޮށްލާކަށް ނޫން. ޕީޕީއެމަކީ ވަރަށް ގިނަ ބައެއްގެ ހައްގުތަކާ ގުޅިފައި އޮތް ޕާޓީއަކަށް ވާތީ، އެ މީހުންގެ ހައްގުގައި ގޮތްތަކެއް ހޯދީ. އެއާ އެކު ދައްކައިދިނީ ޕީޕީއެމްގެ ލީޑަޝިޕަށް އާ ޕާޓީއެއް އުފެއްދުމުގެ ގާބިލްކަން ވެސް ހުރި ކަން،" މަތީން ވިދާޅުވި އެވެ.
ޕީއެންސީއާ މެދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބަސް މަގު ޒާތީ ކަމަށް މަތީން ދެކެވަޑައިގަނެ އެވެ. މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ ވަކި ބަޔަކާ މެދު ވަކި ގޮތެއް ގެންގުޅުން އިންސާފުވެރި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއްގޮތަކުން ބަލާއިރު، މިއީ، ޕީޕީއެމަށް ނާޒުކު ދަނޑިވަޅެކެވެ؛ ސިޔާސީ ކުރިމަގު ބައްޓަން ކުރައްވަން ޔާމީނާއި ޕީޕީއެމްގެ އިސް ބޭފުޅުންނަށް އުއްމީދެއް ދެން އޮތީ މަޖިލީސް އިންތިޚާބުގަ އެވެ. ސަރުކާރާ އިދިކޮޅު މެމްބަރުންގެ ގޮތުގައި ކެންޑިޑޭޓުންތަކެއް ނެރެން ބޭނުންވިއަސް އެކަމަށް ވެސް އޮތީ ހުރަސްއެޅިފަ އެވެ.
އެޕްރީލް މަހު އޮންނަ މަޖިލީހުގެ އިންތިޚާބަށް ޕްރައިމަރީއަކާ ނުލައި ޕީޕީއެމް ޓިކެޓް ވެސް އޮތީ ބަހައިފި އެވެ. އެ ޓިކެޓް ހަވާލުކުރުމަށް ފަހު ޕީއެންސީ އުފެއްދުމުން، އެ ބޭފުޅުން މަޖިލީހަށް ނުކުންނަވާނީ ޕީޕީއެމްގެ ޓިކެޓުގައިތޯ ނުވަތަ ޕީއެންސީގެ ޓިކެޓުގައިތޯ ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
މަތީން ވިދާޅުވި ގޮތުގައި އަންނަ ހަފުތާގެ ތެރޭގައި އެކަމަށް ގޮތެއް ކަނޑައެޅޭނެ އެވެ.
ޕީއެންސީ އުފެއްދަވަން ޔާމީންގެ ފަރާތްޕުޅުން އިސްކޮށް އުޅުއްވާ ބޭފުޅުން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ޕީޕީއެމްގެ އިސް ބޭފުޅުންގެ ދައްކަވާ ވާހަކަތަކާއި އަމަލު ކުރައްވާ ގޮތަށް ބަލާއިރު، ސިޔާސީ ގޮތުން ކުރިއަށް ދާންވީ މަގު ސާފުވާނީ، ސުޕްރީމް ކޯޓުގައި މިހާރު އޮތް ޕީޕީއެމް ހިންގުމާ ގުޅޭ މައްސަލަ ނިމޭ ގޮތަކުންނެވެ. ޕީޕީއެމްގެ ރައީސަކީ ޔާމީން ކަމަށް ކޮންގްރެސްގައި ފާސްކޮށްފައި އޮތް ނަމަވެސް އާއްމު މެމްބަރަކު ހުށަހަޅާފައި ވަނީ ޕާޓީގެ ހިންގުން މައުމޫންއާ ހަވާލުކުރާށެވެ. އެ މައްސަލައިގެ ތެރެއަށް މައުމޫން ވަނީ ތަދައްޚުލްވެވަޑައިގެންފަ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ރައީސަކަށް ޔާމީން އިންތިޚާބުކޮށް، އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޚާއްސަ ކޮންގްރެސްގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހެދުމުން، އެ ނިންމުންތައް ބަލައިގަތުމަށް ހައި ކޯޓުން ކޮމިޝަންގެ މައްޗަށް އަމުރު ކުރުމުން އެ ކޮމިޝަނުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގެ މައްޗަށް ޔާމީންގެ ވިސްނުންފުޅު އަނެއްކާވެސް ބަދަލުވުން އެކަށީގެންވެ އެވެ. އެކަމަކު މިހާރު މި ފެންނަނީ ކުރިން ދޫކޮށްލަން އުޅުއްވި ޕީޕީއެމް އަނެއްކާވެސް ހިންގަން، އިސް ބޭފުޅުން ފޫގެޅުއްވި ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރާޖާ
18 January 2019
މިލިޔުން ފައްޓާފައިވަނީ ވެސް ޙަގީގަތާއި ޚިލާފަށް. އާޕާޓީއެއް ހަދަން އުޅެނީ ޕީޕީއެމް ކޯޓުން ނުލިބޭނެކަން ޔަގީންވާތީ.
ފީފީފީ
16 January 2019
އެއްވެސް ދެއުޅިއެއްނުވާ ބައެއް ތިބެ ހަމަ ކޮސްގޮވެނީ! ޕީޕީއެމްގެ ލީޑަރޝިޕް މައްސަލާގައި އާއްމު މެމްބަރުންނަށް ގެއްލުންވާތީ އާޕާޓީއެއް އުފެއްދިއްޔޯ! އެކަމަކު އެމީހުންގެ ހިޔާލެއްފިކުރެއް ނުހޯދާ ހަމަ އަމިއްލަ މަސްލަހަތު އިސްކޮށްގެން އާޕާޓީއެއް އުފައްދަން އުޅުނީ! އަދި ދަރަނި ބޮޑުވެގެން އެކަމުން ރެކެންވެގެން ތިޔައުޅެނީ!
ގައުމީ ލޯބީގާ
16 January 2019
ރައިސް ޔާމީނާކީ ހެއުލަފާ ވެރިއެއް ބޭބޭ ފުޅާވެސް ދެކޮޅުވެރިވާން ބޭނުން ފުޅުވާނެ ބޭފުޅެއް ނޫން..ދެޕާޓީ އަކީ ދެބެން އިސްވެ ތިއްބަވާ ހިންގަވާނެ ދެޕާޓީ އިންތިހާބަށް ނިކުންނަވާ ނީ ކޯލިޝަން ހައްދަވައިގެން . ޙުރިހާ ގޮޑިއެއްނަގާނީ ނަގާނީ ދެޕާޓީން .އެމްޑީޕީ ވާނީ ފެއިލް .ދެކޮޅުވެރިކަމެއް ބާއްވައިގެން މިއަދު ގައުމަށް ވެސްފައިދާ އެއްނެތް .ރައްޔިތުންނައްވެސް ހަމަ ޖެހުމެއްނެތް .ބަޔަކު އަރާ އަޅުވެތި ނުކުރަނިސް ވޭތިވެ ދިއަ ކަންތައް ހަދާން ނައްތާލާ .ސުލްހަވީ.
ވަކަރު
16 January 2019
ދެން އޭރުން ޔާމީނު ދިން ޓިކެޓްވާނީ ޑުބްލިކޭޓަށް
ޙަސަން މޫސާ
16 January 2019
ޔާމީންގެ އެކައުޓްގައި މިލިޔަނުން ހުރީ ކެމްޕޭނަށް މީހުން ދިން ފައިސާޔޯ. އެކަމް އެއަރޓެކްސީ ދަތުރު ތައްކޮއްފަ ބިލްތައް ހުރީ ނުދައްކާ މައުމޫނު ބޮލައް ޖަހަން ރެޑީ ކޮއްފަ. މިވާހަކަ ދިމާނުވޭ.
އަދިކޮބާ
16 January 2019
މައުމޫންވެސް ޑީއާރްޕީގެ ދަރަނިތައް އެހެން މީހުންގެ ބޮލަށް ލާފަ ނޫންތަ ދިޔައީ؟
އަމިނާ
16 January 2019
ރައީސްޔާމީންއަކީ ރިކޯޑް ހައްދަވާ ބޭފުޅެއް ދެޕާޓީގެ ރައީސްކަންކުރާ ފުރަތަމަބޭފުޅަކަށް ރައީސް ޔާމީން ވީ
ދޮންމަނިކެ
16 January 2019
މިއީ އިލެކްޝަން ކޮމިޝަން ސިޔާސީވީމާ ފެންނަމަންޒަރުތަށް
ހަނދު
16 January 2019
ޕީޕީއެމްގަ ތިބިމީހުން މައުމޫނަށް ދެން ތާއީދު ނުކުރާނެ އެއީ މައުމޫނު އެމީހުން ފެއިލް ކޮށްލާފަ އެމްޑީޕީ މޮޅުކޮށްދިނީމަ.
އުދުހޭ
16 January 2019
ރާއްޖޭގެ ކޮންމެ ކޯޓަކުން ޔާމީނާ ޕާޓީ ހަވާލުކުރިއަސް ޕާޓީގެ ހިންގާ ގަވާއިދުގައި މުޝްތަޝާރަކީ ރަމްޒީ މަގާމެއްކަމާ ޕާޓީ ހިންގުމުގެ ޒިންމާ އުފުލާ މަގާމުތަށް ބަޔާންކޮށްފައިވަނިކޮށް މުޝްތަޝާރަށް ޕާޓީ ލިބުނުގޮތް އަޅުގަނޑަށް ހަނދާންނައްތާލަން އުނދަގޫ! އަދިކޮބާތޯ އެމައްސަލަ ކޯޓަށް ހުށައެޅީވެސް ހަފްތާ ބަންދުގަ. އަދިކޮބާތޯ އެމައްސަލަ ފަޓާސްބަރިއެއްހެން ގޮސް ނިމި ހުކުމް އިއްވުނު. މިފަދަ ކަންކަންމަކީ ހަނދާން އާކޮށް ވާހަކަދައްކަންޖެހޭ ކަންކަން!
ބޮލި
16 January 2019
މި ދިޔަ 5 އަހަރު ބޭންކަށް ޖަމާކޮށްފައިވާ 100 މިލިޔަން ރުފިޔާ މާލިއްޔަތަށް ދީފައި ނޫނީ ޔާމީނަށް ސިޔާސީ ކަންކަމުގައި އުޅުމުގެ ފުރުސަތު ދޭކަން ނުފެނެއެވެ.
ސޮބުރީ
16 January 2019
5 އަހަރުން ކޮބާތޯ މައްސލައަކީ އިހަށްދުވަހު ނެރުނު މާލީބަޔާންތަކުގަ ނ ރައީސް 6މަސް ދުވަހުން 17މިލިއަން
ބަލި
16 January 2019
ޔާމީންވީމަ އަމިއްލައަށް އެންމެ މިލިއަނެއްވެސް ޖަމާކޮށްފަ ނުބެހެއްޓޭނެ ކަމަށްތަ ތިޔަ ބަލަނީ؟ ހާދަ އަމިއްލަ އެދުމާ ދަހިވެތިކަންވެސް ބޮޑޭ. ކިތަންމެ ނަފްރަތު ކުރިއަސް މިގައުމުގެ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެކައުންޓުގަ އެއްވެސް ފައިސާއެއް ނުބަހައްޓާ ދައުލަތުން ހުރިހާ ފައިސާއެއް ދަމައިގަތުމަކީ ވަރަށް އިންސާފުން އެއްކިބާވެފަ އޮތް ޚުދުމުޚުތާރު ނިންމުމަކަށްވާނީ.