ގްލޯނެޓުން މި އަހަރު ބޭއްވި ފުރަތަމަ އެޑިއުކޭޝަން ފެއާގައި ސީއެޗްއެސްއީގެ ދެ ދަރިވަރުން ކޯސްތަކާ ގުޅޭ މައުލޫމާތު ސާފުކުރަނީ.-- ފޮޓޯ: ގްލޯނެޓްގެ ފޭސްބުކް ޕޭޖް
22 އޯގަސްޓް 2016 - 17:18
ގްލޯނެޓް އިން ބާއްވާ 19 ވަނަ އެޑިއުކޭޝަން ފެއާ އަންނަ ބުދަ ދުވަހު ފަށަން ނިންމައިފި އެވެ.
އާޓް ގެލެރީގައި ދެ ދުވަހުގެ މުއްދަތަށް ބާއްވާ ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 14 ޔުނިވާސިޓީއަކުން ބައިވެރިވެފައިވާ ކަމަށް ގްލޯނެޓުގެ ޑިރެކްޓަރު އަބްދުﷲ ނަސީމް އަހުމަދު ވިދާޅުވި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ މެލޭޝިއާގެ ޔުނިވަސިޓީތަކެވެ.
"މެލޭޝިއާގެ ޔުނިވަސިޓީތަކުގެ ތެރެއިން ވެސް ދިވެހި ދަރިވަރުން އެންމެ ގިނައިން ކިޔަވަން ގޮސް އުޅޭ ޔުނިވަސިޓީތައް ހުންނާނީ. އެއީ ރާއްޖޭގެ ތައުލީމީ ނިޒާމާ އެއްގޮތް ތަންތަން،" ނަސީމް ވިދާޅުވި އެވެ.
ފެއާގައި ބައިވެރިވާ ޔުނިވަސިޓީތަކުގެ ތެރޭގައި ޓެއިލާސް ޔުނިވަސިޓީ އާއި ސަންވޭ ޔުނިވަސިޓީ އާއި ސެގީ ޔުނިވަސިޓީ ހިމެނެ އެވެ. މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ ތަންތަނުގެ ތެރެއިން ރާއްޖެއިން ބައިވެރިވެފައި ވަނީ ސައިރެކްސް ކޮލެޖާއި ހަޔަ އެޑިއުކޭޝަނެވެ.
ދެ ހާސް ފަސްވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެ ފެއާ އެ ކުންފުނިން ބާއްވަ އެވެ. އެ ގޮތުން މިއީ މި އަހަރު ބާއްވާ ދެވަނަ ފެއާ އެވެ.
ނަސީމް ވިދާޅުވީ މި އަހަރު ބޭއްވި ފުރަތަމަ ފެއާ އަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy