ރެޑްބުލް ޕާކް ތަރައްގީ ކުރާ ސަރަހައްދު
24 އޯގަސްޓް 2016 - 11:35
ހުޅުމާލޭގައި ހަދަމުން އަންނަ ރެޑްބުލް ޕާކްގެ މަސައްކަތް ނިންމައި އަންނަ އޮކްޓޯބަރު މަހު ހުޅުވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.
ޒުވާނުންނަށް އެއް ތަނެއްގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ތަރައްގީކުރަމުން އަންނަ ޕާކުގައި ސްކޭޓް ބޯޑިން އޭރިއާއަކާއި ފުޓްސަލް ދަނޑަކާއި ބައެއް އެހެނިހެން ކުޅިވަރުތަައް ކުޅެވޭނެ ކޯޓުތައް ހަދާނެ އެވެ. އަދި ތަފާތު ކުޅިވަރު ހަފްލާތައް ބޭއްވޭނެ އިންތިޒާމު ވެސް އެތަނުގައި ހަމަޖެއްސޭނެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ޒުވާނުން ކުޅިވަރު ކުޅޭނެ ސަރަހައްދުތަކެއް ތަރައްގީކުރުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށާއި ޔޫތު ޕާކަކީ ރެޑްބުލްއާ އެކު ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު، ޕާކް ނުނިމި އޮތީ ސްކޭޓް ބޯޑިން އޭރިއާއަށް ބައެއް ކަހަލަ ބަދަލުތައް ގެންނާތީ އެވެ. އެ ތަން ހަދަނީ ބައިނަލްއަގުވާމީ ފެންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރެޑްބުލް ޕާކް ތަރައްގީ ކުރަމުން އަންނަ ސަރަހައްދު. އަންނަ އޮކްޓޯބަރު މަހު މި ތަނުގެ ބޭނުން ކުރަން ފެށޭނެ - ފޮޓޯ: އެޗްޑީސީ
"ޓެކްނިކަލް ކަމެއް ދިމާވެގެން ލަސްވީ، އެއީ އިންޓަނޭޝަނަލް ބޮޑެތި އިވެންޓްތައް ބޭއްވޭ ގޮތަށް ސްކޭޓް ބޯޑިން އޭރިއާ ހަދަން ޖެހުމުން، ރާއްޖޭގައި ވެސް މުޅިން އާ ކަމެއް ވީމަ،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނެއިބާހުޑް ދޭއްގެ ޗައިނާ ފްލެޓްތައް ކައިރީގައި ތަރައްގީ ކުރަމުން އަންނަ ޕާކްގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު ކުރިއަަށް ދާ ކަމަށެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ ގިނަ ތަންތަނުން ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ. އަދި ދާދި އަވަހަށް މިނީ މޯލް އާއި ސުޕާ މާކެޓާއި ސިނަމާއެއް ވެސް ހުޅުމާލޭގައި ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެޗްޑީސީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިމަން ވާހަކަ ދައްކަވަނީ. ޕާކްގައި ސްކޭޓް ބޯޑިން އޭރިއާ ހަދަނީ ބައިނަލްއަގުވާމީ ފެންވަރަށް ކަމަށް ވިދާޅުވި.. - ފޮޓޯ: މިހާރު
ހުޅުމާލޭގައި މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަ ގެންދެ އެވެ. އޭގެ ތެރޭގައި 90 މިލިއަން ޑޮލަރުގެ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މަސައްކަތާއި ފްލެޓް އަޅަން އެކި ކުންފުނިތަކުން ހިންގާ މަޝްރޫއުތައް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
06 January 2017
އެެކި އެނަޖީ ޑުރިންކަކީ ކޯޗެއްކަން އެންމެނަށް އެބައެނގޭ! ސްކޫލްތަކަށް އެތަކެތި ނުގެންދެވޭ! ހޮސްޕިޓާތަކުގެ ސަރަޙައްދުގައިވެސް އެމަނާ! ތިޕާކުގައި ރެޑުބުލްފަދަ އެއްވެސް އެނަޖީ ޑުރިންކެއް ބޮވިދާނެބާވައެވެ؟
މޫސަބެ
24 August 2016
ހުސްވާހަކަ! ހުޅުމާލެގައި ދުއްވަން މަނަކުރި 3 ފުރޮޅު ލީ ބައިސިކަލް އަދިވެސް ދުއްވާ.
އަލީ
26 October 2016
އަޅެ ބުނަލަދީބަލަ ކީއްވެގެންކަން 3 ފުރޮޅު ލީ ބައިސިކަލް ދުއްވުން މަނާކުރީ؟؟