އެމްޑީޕީ އާއި އަދާލަތު ޕާޓީން މިރޭ ބޭއްވި މަޝްވަރާތަކަށް ފަހު، އެ މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: އެމްޑީޕީ
03 ފެބުރުއަރީ 2019 - 23:19
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ މެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް، އެ ކޯލިޝަންގައި ހިމެނޭ އެެމްޑީޕީ އާއި އަދާލަތު ޕާޓީން މިރޭ ކުއްލި މަޝްވަރާތަކެއް ވަކިން ބާއްވައިފި އެވެ.
މިއީ، މަޖިލިހުގެ އިންތިޚާބާ ދިމާކޮށް ކޯލިޝަންގެ ތެރޭގައި ކޯޅުން ބޮޑުވި ފަހުން މި ދެ ޕާޓީ ވަކިން އެއްމޭޒަކަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި މި މަޝްވަރާތަކުގައި އެ ޕާޓީގެ ފަރާތުން އިސްވެ ބައިވެރިވެވަޑައިގަތީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދާލަތު ޕާޓީ ތަމްސީލް ކުރެއްވީ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އިމްރާން އަބްދުﷲ އެވެ. އޭނާގެ އިތުރުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ ދެ ބޭފުޅުން ކަމަށްވާ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން ވެސް މި މަޝްވަރާގައި ބައިވެރިވެވަޑައިގަތެވެ. ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ވެސް ތިއްބެވި އެވެ.
Majlis gondithakaa behey gothun MDP aai @AdhaalathOffice mashvaraa koffi pic.twitter.com/B3MkhR7SU2
— MDP Secretariat (@MDPSecretariat) February 3, 2019
މަޝްވަރާއަށް ފަހުގައި އެމްޑީޕީން ކުރި ޓްވީޓް--
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މިރޭ ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ބައްދަލުވުމުގައި، އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާނެ ގޮތަކާ މެދު ދެ ޕާޓީން މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު، އެއްވެސް ކަމަކަށް ދެ ޕާޓީ އަށް އެއްބަސްވެވުނު ކަމެއް ނުވަތަ ނޫން ކަމެއް އަފްޝަން ހާމައެއް ނުކުރައްވަ އެވެ.
"އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނީ. އަޅުގަނޑަށް ވެސް އަދި ތަފްސީލް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މަޖިލިސް އިންތިޚާބުގައި 86 ދާއިރާ އަކަށް ވާދަކުރުމަށް ނިންމުމުން ކޯލިޝަންގެ ތެރޭގައި ވަނީ ދެ ބަސްވުން އުފެދިފަ އެވެ. އަދާލަތު ޕާޓީން ނިންމާފައިވަނީ 13 ދާއިރާ އަކަށް ވާދަކުރުމަށެވެ. ކޯލިޝަންގެ އެއްބަސްވުމާ އެމްޑީޕީން ހިލާފު ވެފައިވާ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ އެމްޑީޕީ އަށް ހޫނު ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަން ޖެހޭނީ އެ ޕާޓީ އަށެވެ. އެކަމަކު ކޯލިޝަން ސަރުކާރެއް ދެމިއޮންނައިރު ވަކި ޕާޓީއަކަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތުމާ ޖޭޕީން ދެކޮޅެވެ. އެ ޕާޓީން ތާއީދު ކުރަނީ، ސަރުކާރުގައި ޕާޓީތައް ވެސް ހިއްސާވާ ނިސްބަތަށް މަޖިލީހުގެ ގޮނޑިތައް ވެސް ޕާޓީތަކަށް ބަހާލުމަށެވެ. އެއީ، އެމްޑީޕީ އަށް 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 17 ދާއިރާ އެވެ. މި ގޮތަށް އެއްބަސްނުވެވި ޕާޓީތަކުން ވަކިވަކިން ވާދަކުރަން މިހާރު އަންނަނީ ކެމްޕޭން ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބް
04 February 2019
ބަލަ އެމް ޑީ ޕީ އެކޭ އެއްފަދައިން ރައްޔިތުންނާ ކުރިމަތި ލާން ނުކެރިގެން ތި އުޅުއްވަނީ ކީއްވެގެންތޯ؟ ޢެފަދުގެ ޤާބިލިއްޔަތު ކަމެއް ނެތިއްރާ ގޭގެ މަޑުކޮށްލަންވީނުން!
ސާބަހޭ
04 February 2019
ސާބަހޭ އަންނި ތިއޭ މީހަކީ އަދު ލޮބުވެތި ޤަޢުމު ފަޚުރުވެރިވާ، ޤާރޫނު ވަރަށް މޭކަރާނެ..
ނަޑަރުބޭ
04 February 2019
އިމުރާނު ހިތައް އެއްޗެއް އަރާބާ
ކަތީއްބެ
04 February 2019
ކޮންގޮތަކަށް ކުރާ މަޝްވަރާއެއްތީ، 87 ދާއިރާއަށް ކެންޑިޑޭޓުން ނެރަން ޕްރައިމަރީތައް ބާއްވައި، ކެންޑިޑޭޓުންނަށް ޓިކެޓް ޙަވާލުކުރުމަށްފަހު ކުރަންޖެހޭ މަޝްވަރާއެއް އޮންނާނެ ކަމަކަށް ނުދެކެން، އަދާލަތުން ކިތަންމެވަރަކަށް އުޅުނަސް އެމްޑީޕީ ބޭނުންވާ ސިޔާސަތުތަކަށް އަދާލަތުން ދޫނުދޭނެކަން ޔަޤީންވާއިރު އެމީހުން މަޖިލީހުގެ މެޖޯރިޓީ ހޯދަންކުރާ މަސައްކަތަކަށް ކުޑަވެސް ދުލެއްނުދޭނެކަން ކަށަވަރު، ޢިމްރާނު ތިކުރާކަމަކީ ފޫނެތްފަޔަށް ފެންފުރުންފަދަ ކަމެއް.
ޢަހްމަދު
04 February 2019
ޢެމްޑީޕީއަކީ އަހްދު އުވާލާ ޕާޓީ..ތިމީހުންނާއެކު އެއްބަސްވުން ހަދާނީ މޮޔައިން.
ހަސަނު
04 February 2019
މަށަށް ވަރިހަމަ ކޮންމެ ޑީލެއް ހެދިއަސް.. މަށަށް މުހިންމީ މަ ބޭނޫންވާ މީހުން ނަށް މަށަށްވޯޓު ލެވެން ވާނެއޭ.. ޑީލެއް ހެދިގެން ނުވާނެ ވަކި މީހަކު ނޫނީ ވަކި ބަޔަކު އިންތިހާބުގާ ބައިވެރި ނުވާ ގޮތަކަށް... ކެމްޕޭނުގާ އެއްބަޔަކު އަނެއް ބަޔަކާ ދިމާލަށް އެއްޗެހި ނުކިޔަން ވައުދުވުން މަށަށް އޯކޭ...
އުނބުށެން
04 February 2019
ތިކަމުގައި މިހާރު ދެން ކުރަންއޮތީ ކޮން މަޝްވަރާއެއް ބާވައެވެ. މަޝްވަރާކުރާނީ އެމްޑީޕީ އިން ކުރިމަތިނުލާ އޮތް އެއް ދާއިރާއަށް އަދާލަތުން ކުރިމަތިލާފައި ބާކީ ހުރި ދާއިރާތަކަށް އެމްޑީޕީން ނުކުތް ކެންޑިޑޭޓުންނަށް އަދާލަތުން ތާއީދުކުރުމަށާއި އޭރުން އެމްޑީޕީން އަދާލަތުން ނެރޭ އެއް ކެންޑިޑޭޓަށް ތާއީދުކުރަން ބާވައެވެ. ކޮންމެގޮތެއްގައިވެސް ރައްޔިތުންނުކުމެ ވެރިކަމުން ދުރުކުރި މީހުންނާއި އެވެރިންނާ ގުޅިދާނެ ބަޔަކު މިފަހަރު ނުހޮވިއްޖިއްޔާ ރަނގަޅެވެ.
ޗިބޫ
04 February 2019
ހަހަހަ. އަދާލަތުން ލާދީނިއްޔަތަށް ދީން ވިއްކާލީތޯ؟ ނޫނީ އެމްޑީޕީއިން އެކްސްޓްރީމިޒަމަށް ބަދަލުވީތޯ؟
ބޭރުމީހާ
04 February 2019
ތިކަންވާނީ ތިހެންކަން މާކުރިންވެސް އެނގެއެވެ. މިހާރު އަދާލަތިޕާޓީގެ ނަމުގައި ވާ މަދުބައިގަނޑަކީ ވަޒީފާގެ ދިފާޢުގައި ތިބި، އެމްޑީޕީގެ ޕަޕެޑުން ތަކެކެވެ. އެމީހުންނަކަށް އެހެންގޮތެއް ނޯންނާނެއެވެ.
ޙަސަން އަޙްމަދު
04 February 2019
އެމްޑީޕީން އެއްބަސް ވުމެއް ވިޔަސް އެޔަކަށް އިހްތިރާމެއް ނުކުރާނެ. ބޭކާރު ކަމެއް. ލެވެން އޮތް ގޮނޑިއަކަށް ކުރިމަތިލައިގެން ކެންޕޭނު ފަށާ!