ހޯމް މިނިސްޓަރުގެ މަގާމުގެ ފަތްކޮޅު ރައީސް ޔާމީން، އަޒްލީނަށް އަރުވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
25 އޯގަސްޓް 2016 - 16:52
ޣައިރު ގާނޫނީ ހަރަކާތްތަކަކުން ރާއްޖޭގެ ވެރިކަން ވައްޓާލަން ފުރުސަތެއް ނެތް ކަމަށާއި އެފަދަ ކަމެއް ގައުމަށް ކުރިމަތިވިޔަ ނުދޭން ސަލާމަތީބާރުތަކުން ތިބީ ސާބިތުކަމާ އެކުގައި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެެއްޖެ އެވެ.
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ. ބީބީސީގައި ޝާއިއުކުރި ރިޕޯޓެއްގައި، އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ބުނި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުމުގެ "ފިޔަވަޅުތައް" ވަރަށް އަވަހަށް އަޅަން ވަނީ ރާވައިފަ އެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެކަން ފެންނާނެ ކަމަށާއި އެކަމަކު މި ރޭވުމުގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް މި ރިޕޯޓުގައި ބުންޏެވެ.
ރައްޔިތުންނަށް 100 ޕަސެންޓް ޔަގީންކަން އަޅުގަނޑުމެން ދެން، ސަރުކާރާ ތޮޅެން އަންނަ ބަޔަކަށް އެކަން ކާމިޔާބެއް ނުވާނެ. ސަރުކާރަށް ގުޑުންއަރުވާލެވޭނެ ބަޔަކު ނެތް. ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް. -- ހޯމް މިނިސްޓަރު
ހޯމް މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ ގާނޫނީ ވެރިކަމެއް ކަމަށެވެ. ޣައިރު ގާނޫނީ ހަރަކާތްތަކަކުން ވެރިކަން ވައްޓައިލަން މަސައްކަތް ކުރުމަކީ ގާނޫނުތަކާ ހިލާފު، އަދި ދުނިޔޭގެ އެއްވެސް ތަނަކުން ހަޖަމްކުރާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރު ވައްޓާލާނެ ކަމަށް ބުނާ ބުނުމަކީ ގާނޫނާ ހިލާފު ވާހަކަތަކެއް. ޑިމޮކްރަސީއާ ބީރައްޓެހި ނާތަހުޒީބު ވާހަކަތަކެއް. މިއީ އެއްވެސް މުޖުތަމައަކުން ބަލައިގަންނާނެ ކަމެއް ނޫން،" އަޒްލީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ވާހަކަތަކެއް ފަތުރަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށެވެ. އެފަދަ އުރައްޕެއް އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ދެ އަހަރުގެ ތެރޭގައި ގައުމަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދެއްވާފައިވާ ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އަޒްލީން ވިދާޅުވި އެވެ.
ހުރިހާ މުއައްސަސާތަކާ އެކު ސަރުކާރު އޮތީ، ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަރަށް ބަދަހިކޮށެވެ.
ހޯމް މިނިސްޓަރު އަޒްލީން ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ބައްދަލުކުރައްވަނީ. --ފައިލް ފޮޓޯ: ޕޮލިސް
"ރައްޔިތުންނަށް 100 ޕަސެންޓް ޔަގީންކަން އަޅުގަނޑުމެން ދެން، ސަރުކާރާ ތޮޅެން އަންނަ ބަޔަކަށް އެކަން ކާމިޔާބެއް ނުވާނެ. ސަރުކާރަށް ގުޑުންއަރުވާލެވޭނެ ބަޔަކު ނެތް. ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ޕްލޮޓްތަކެއް ރާވައި ނޮވެމްބަރު 3، 1988، ގައި ރާއްޖެ އަށް ދިން ކަހަލަ އުދުވާނީ ހަމަލާއެއް ކުރިމަތި ނުކުރެވޭނެ އެވެ. ގައުމަށް ކުރިމަތިކުރާ ކޮންމެ އުދުވާނީ ހަމަލާއަކުން ދިފާއުކޮށްދޭން ފުލުހުންނާއި ސިފައިން ތިބީ ހުށިޔާރުވެ ކަމަށް އަޒްލީން ވިދާޅުވި އެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރު ވައްޓައިލަން ރާވާފައިވާ ކަމަށް ބީބީސީން ބުނި އިރު، އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އިދިކޮޅު ލީޑަރުން ވަނީ އެއްގަލަކަށް އަރުއްވައި އިދިކޮޅު އިއްތިހާދެއް އުފައްދަވާފަ އެވެ. ސަރުކާރު ވައްޓާލައި އިންތިގާލީ ވެރިކަމެއް ގާއިމްކުރަން އުފެއްދި އެ އިއްތިހާދުގެ ބައެއް ލީޑަރުން ވަނީ އަވަށްޓެރި ސްރީ ލަންކާ އަށް އިއްޔެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިއްތިހާދުގެ ލީޑަރު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެނގިފައިވާ ގޮތުގައި އެ ބޭފުޅުން ލަންކާ އަށް ވަޑައިގަތީ "ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށެ"ވެ. އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގެ އިތުރަށް، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވެސް ވަނީ ބައިބައިވުން އުފެދިފަ އެވެ. އެ ގޮތުން، ރައީސް ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ވަނީ ވަރަށް ބޮޑު ކޯޅުންގަނޑެއް އުފެދިފަ އެވެ. އެ ކޯޅުމާ އެކު، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ދެ ބޭފުޅުންގެ ފެކްޝަން އުފެދި، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުލޫފު
28 August 2016
މުޅިދުނިޔެއާޢި ދިވެހިރައްޔިތުންގެ ކުރިމަތީ ރާްއްޖޭގެ ސަލާމަތީ ބާރު އެއީ ސުމެއް. ޢެކަމާ ވަޒީރު ކީކޭތޯވިދާޅުވާނީ؟
ލިލީ
28 August 2016
ތިބުނާ ފާގަތިކަން ލިބިފައިވަނީ ހަމައެކަނި ތިޕާޓީގެ މީހުންނަށް. ރައްޔިތުން ތިބީ ރާއްޖެ ވިއްކާލާތީ ކަންބޮޑުވެފައި. އަގުތަކާ ކުލިތައް ދުވަހުން ދުވަހަށް މައްޗަށް އަރައިންދާތީ ހަދާނެ ގޮތް ހުސްވެފަ. މަގުތަކުގައި ހިގާބިގާ އުޅެވޭނެގޮތް ނެތިފައި. ބައްޔެއްވެއްޖެއްޔާ މީހާއާއި މުޅި އާއިލާ ހުސްނުވެ ބޭސްކުރެވޭނެގޮތް ނެތިފައި. އަދިވެސް ކިޔާ ފާގަތިކަމޭ!
ސާހިބާ
28 August 2016
އަޒްލިން ތިޔަހެން ތި ވިދާޅުވަނީ މިއަދު ލިބިފައިވާ މަޤާމު ދިފާޢު ކުރުމުގެ ގޮތުން. އަމިއްލައަށް ވެސް ޤަބޫލު ކުރާނެ ސަރުކާރުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމާ މިގޮތަށް ކަންތައްތައް ދާ މަންޒަރު ބަލަން ރައްޔިތުން ނުތިބޭނެކަން. މަޤާމެއް ލިބުނީމަ ތިހާ އަވަހަށް މީހާއަށް މީހާ ނުފެނިބަލަ. މިހިނދުން މިހިނދަށްވެސް ތި މަޤާމު ގެއްލުމަކީ އެކަށީގެންވާ ކަމެއް އިނގޭތޯ....
ނުރަބޯ
27 August 2016
ގަދަބަސް ވިދާޅުނުވުން އެދެން. އިރާދަފުޅު ކުރެއްވިއްޔާ އޭ ވިދާޅުވޭ.....!!!
ޟޫދާން އިބުރާ
27 August 2016
ސަރުކާރަށް ގުޑުން އަރަނީ ސަރުކާރުގެ އިސްބޭފުޅުން ﷲއަށް ބިރުވެތިނުވެ ބުނާބަސްތަކުންނާއި އަމަލު ތަކުން ﷲ ކަމަކަށް އިރާދަ ކުރެއްވައިފިނަމަ އެކަމެއްވެދޭ
ފިޔާތޮށި ރީދޫ އަސުރުމާ
27 August 2016
ބަޔަކު ނެތަސް މާތްﷲ އެކަމަކަށް އިރާދަކުރެވުމުން އެކަމެއްވާނެ. ގަދަބަސް ނުބުނުން އެދެން
މުހަންމަދު
27 August 2016
ބަޔަކު ގުޑުގުޑުއަޅުވަންއުޅޭވަރަށްވުރެ، އަމިއްލަޔަށް ގުޑުވޭވަރު ކުޑައެއްނޫނެވެ. އެކަން ނުވިސްނެނީއެވެ. ދެންފެންނާނީ އަމިއްލައަށް ގުޑުގުޑުއަޅައި، ތެޅިގެންފައިބާތަން ނޫންކަން އެނގެނީ ކިހިނަކުންހެއްޔެވެ! އެބަ ފިސާރިހީވޭތާ!
އިބޫ
26 August 2016
އާދެ ސައްދާމް ހުސެއިން ގެ މިނިސްޓަރުންތައްވެސް 2003 ގައި ތިޔަ ބީދައިން ކަރަށް ނާރި ނަގައިގެން އަޑުގަދަކުރި... ވެދުން
ަސސ
26 August 2016
ގުޑުން އަރުވާލެވޭ ބަޔަކައް ﷲބާރުދެއްވައިފިނަމަ ތިފުލުންނާއި ސިފައިން ނުވާނެ އެކައްޗަކައްވެސް އެހެންވީމާ މިމީހާ ވިސްނަބަލަ
އަހުމަދު
26 August 2016
މަތީގައި އެވާ އާޓިކަލާއި ދެކޮޅައް ކޮމެންޓު މިކުރަނީ ދިވެހީންތޯ ނުވަތަ ބަނގުލާދޭޝް ރައްޔަތުންތޯ މިއަދު އަޅުގަނޑައް އޮޅިއްޖެއެވެ. %100 ރައްޔަތުންގެ ތާއިދު އޮތްކަމައް ބުނާނަމަ ފެންނަ ކޮމަންޓުތައް އެލިއަނީ ދިވެހީންކަމައް ގަބޫލުނުކުރެވޭ...
އިބިރިހިން ތައްކާނު
26 August 2016
100% އެއީ ހަމަލަފުޒެއް. އެ ލަފުޒުގެ މިއަދުގެ މައުނަޔަކީ ޑިމޮކްރެސީ ނުވަތަ %50 އަށްވުރެ މަތިވުން.
އަމީނާ
26 August 2016
މަށަށް މިހާރު އޮޅިއްޖެ. މަ ހީކުރީ ސަލާމަތީ ބާރުތައް އެއީ ރައްޔިތުން ހިމާޔަތް ކުރަން ތިބޭ ބައެއްކަމަށް. އަދި ކިރިޔާ މި އިގުނީ ރާއްޖޭގަ އެއީ ރައްޔިތުން ކިތަންމެ ނުރުހުނަސް އެއީ ބޮޑު މީހާގެ ވެރިކަން ހިމާޔަތް ކުރަން ތިބެން ޖެހޭ ބައެއްކަން.