އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ހަބީބް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
24 ފެބުރުއަރީ 2019 - 14:04
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު 16 މީހަކު ކުރިމަތިލާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކޮމިޝަންގެ މިހާރުގެ މެންބަރު އިސްމާއިލް ހަބީބްގެ މެމްބަރު ކަމުގެ ދައުރު ހަމަވާތީ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މެމްބަރުކަމަށް މިފަހަރު ވެސް ހަބީބު ކުރިމަތިލެއްވި އެވެ.
އީސީގެ މެމްބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ހަބީބުގެ ދައުރު ހަމަވާނީ، އަންނަ މަހު އެވެ. މެމްބަރުކަމުގައި ދެ ދައުރު ހުންނެވޭނެތީ، ހަބީބަށް އަލުން ކުރިމަތިލެއްވުމަށް ހުރަހެއް ނެތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މި ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަމަށެވެ. އެކަމަކު، މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކެއް އޭނާ ވިދާޅެއް ނުވެ އެވެ.
އީސީގެ މެމްބަރުކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މެމްބަރަކަށް ހުންނަ މުއްދަތުގައި އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ.
އިސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ހަބީބްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
24 February 2019
ބޮޑު މުސާރަ ލިބެންޏާ ކުރިމަތިލާ މީހުން ގިނަވާނެތާ!