ކުރީގެ ރައީސް ޔާމީން، ބިޝާމަށް ޕީޖީ ކަމުގެ ލިއުން ހަވާލުކޮށްދެއްވަނީ: ބިޝާމް ވަކިކުރަން ހުށަހެޅި މައްސަލަ އަނބުރާ ވަނީ ނަގާފައި. --ފޮޓޯ/މިހާރު
27 ފެބުރުއަރީ 2019 - 21:15
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ދެ ވަނަ ފަހަރަށް ނެގީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެ މައްސަލަ ކުރިއަށް ނުގެންދިއުމުން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ލީޑަރުންނަށް ސިޔާސީ ދައުވާ އުފުއްލެވި ކަަމަށް ތުހުމަތުކުރާ ޕީޖީ ބިޝާމް ވަކި ކުރަން އެންމެ ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އިތުރު ކަންތައްތަކެއް ފުރިހަމަ ކުރަން ކަމަށް ވިދާޅުވެ އޭރު އެ މައްސަލަ އަނބުރާ ނެގުމަށް ފަހު އަލުން ހުށަހެޅުއްވީ މި މަހުގެ 2 ވަނަ ދުވަހެވެ.
މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް މިއަދު ފޮނުއްވި ސިޓީގައި އަބުޅޯ ވިދާޅުވީ ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭނާ ހުށަހެޅުއްވިތާ އެތައް ދުވަހެއްވި އިރު ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެ މައްސަލަ ބާއްވާފައި، އެ ކޮމިޓީ އަށް ހުށަހަޅާފައި ހުރި އެހެން މައްސަލަތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބުޅޯ ވިދާޅުވި ގޮތުގައި ޕީޖީ ވަކިކުރަން އޭނާ ހުށަހެޅުއްވީ ކޯލިޝަން ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގައި ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިއަށް ނުދާތީ، ކޮމިޓީގެ މުގައްރިރާއި ޕާލަމެންޓް ގްރޫޕުގެ ލީޑަރުންނާ ވާހަކަ ދެއްކެވި ކަމަށާއި އަނބުރާ ގެނައީ ކުރިއަށް ނުގެންދާތީ ކަމަށް ވެސް އަބުޅޯ ވިދާޅުވި އެވެ.
ބިޝާމްގެ މައްސަލަ ހުށަހެޅުއްވި އިރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކީ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މުގައްރިރުގެ މަގާމުން ދުރުކުރަން ހުށަހެޅުމުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ ކޮމެޓީގެ އާ މުގައްރިރަކީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
ސިޔާސީ ކަންކަމާ ގުޅުވައި އެކި މީހުންނަށް އުފުލި ޓެރަރިޒަމްގެ ދައުވާތައް، ވެރިކަން ބަދަލުވުމާ އެކު ޕީޖީ ބިޝާމް ވަނީ އަނބުރާ ގެންނަވައިފި އެވެ. އެއާއެކު، އެ ދައުވާތަކުގެ ސަބަބުން ޖަލު ބަންދާއި ނުހައްގު އަނިޔާ ލިބުނު އެތައް ބަޔަކު ސަލާމަތް ވެއްޖެ އެވެ. ގާނޫނީ ބައެއް ބޭފުޅުން އެކަން މާނަކުރައްވަނީ، އެ ދައުވާ އުފުލީ ގޯސްކޮށް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އަމިއްލަ އަށް އިއުތިރާފްވެވަޑައިގަތުމެވެ.
ޕީޖީ މަގާމުން ވަކިކުރަން ހުށަހެޅީ ވެސް އެތައް ބަޔަކަށް ނުހައްގުން އަދަބު ލިބި ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނު މައްސަލައިގަ އެވެ. ގިނަ މީހުންނަށް ދައުވާ އުފުލައި އަދަބު ދީފައި ވަނީ ސިޔާސީ ބޭނުމެއްގައިކަން އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. އޭރު ބިޝާމް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ރައީސް އޮފީހުގަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު އެ ދައުވާތައް ކުރީ ރައީސް ޔާމީންގެ އެންގުމަށް ސިޔާސީ ބޭނުމުގައި ބިޝާމް ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތު ކުރި އެވެ. ގާނޫނު އަސާސީގައި ޕީޖީ އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
28 February 2019
ކޮންމެވެސް ޑީލެއް ހަދާލުމާ ވައްތަރީ
އެމްޑީޕީ.
28 February 2019
ބިސާމުގެ މައްސަލަ ވެއްދީ ޔާމީނު ހައްޔަރުކުރުން ލަސްކުތީ މައްސަލަ އަނބުރައި ނެގީ އެދިފައިވާގޮތަށް ޔާމީނު ހައްޔަރުކޮށް ޖަލަށްފޮނުވުމަށް މަގުފަހިކޮށްދިނުމުން. މިޒަމާނުގައި ކަންކަން އޮޅުވައިނުލެވޭނެ. އަދުރޭމެންނަށް ގާސިމު އޮޅުވައިލިޔަސް އަހަރެމެންނަށް އޮޅުވައިނުލެވޭނެ މީ ވަރަށް ވަރަށް ވަރަށް ވާހަކަ.
ޖައިސާމް
28 February 2019
ގާސިމް ހުރި މަޖިލީހަކުން، ޖޭޕީއާއި ޕީޕީގެ މެޖޯރިޓީއެއް އޮތްހާ ހިނދަކު ދައުލަތް ޖަވާބު ދާރީ ކުރުމަށް ކުރާ ހުރިހާ މަސައްކަތެއް ފެއިލް ކޮށްލާނެ ކަމަށް ފެންނަނީ. ދެރައީ ގާސިމަށް ޔާމިނު ބިޝާމް ބޭނުންކޮށް ކުރި އަނިޔާ އެހާ އަވަހަށް ހަނދާން ނެތުނީމަ.
ކަތީއްބެ
28 February 2019
މައްސަލަ ހުށަހެޅީ ބިރުދައްކަން، އަނބުރާ ނެގީ ބިރުންގަނެ ބައެއް ދަޢުވާތައް އަނބުރާ ނަގައި އަނެއްބައި މީހުންގެ މައްޗަށް ދަޢުވާތައް އުފުލުމުން، ކޮންމެހެން ރޯމާދުވާލު އޮޅުވާލަން އުޅޭނެ ކަމެއްނެތް، ނުކުރަން ބުނި ހުރިހާ ކަމެއް ކޮށްނިމެނީ، ކުރިން ގޯސް ކަމަށް ބުނިހުރިހާ ކަމެއްވެސް ރަނގަޅުވެ ނިމިއްޖެ، ދެއިރު ދެއަނގައިން ވާހަކަދެއްކުމަކީ ސިޔާސީ މީހުންގެ އާދަ.
ވިސްނާލާ
28 February 2019
މީގަ ރައްޔިތުން ވިސްނަންވީ ސިޔާސީމީހުން ދައްކާހާ ވާހަކައަކީ ތެދުނޫންކަން ތިމާމެންނަ މޮޅުގޮތްވަންޏާ ހުރިހާކަމެ ރަގަޅުވާނެކަން ހުރިހާވެސް ކަމަކީ މަގާމާ ބާރުހޯދުންކަން. އިއްޔެ ކަމުނުދިޔަ ބިސާމް މިއަދު ރަގަޅުވީ އިއްޔެގަ މިމީހުން އެދުނު ހުރިހާކަމެ ބިސާމު ފުރިހަމަކޮއްފި. އިއްޔެ ގާނޫނާހިލާފަށް ދައުވާއުފުލިކަމަށް ބުނިމީހުން ބުނާގޮތަށް މިއަދު ރޔާމީނަށް ދައުވާއުފުލީ. ކަމުނުގޮސްގެން ބޭރުކުރަން ދެފަހަރު ކަންފަތުގަހިފި މިއަދު ރަގަޅުވެގެން ކަރުނަފޮހެދެނީ.
ދޮންބީފާނު
27 February 2019
ބިސާމް ގެ ކެހިވެރިކަމުގެ ދަލުގަ މަޖިލީހުގެ 85 މެމްބަރުން ޖެހި ފިތި ބާރުވެ ނޭވާ ނުލެވޭހާ ވާން ކޮށްލީ 435000 މީހުނާއެކީ. ދެންހަމަ ބިސާމް ހެދިހާ ގޮތަކަށް ހެދިފަ ތިބެން ޖެހޭނީ..ބިސާމް އެއޮތީ މުޅި އާބާދީ އެއްކޮށް ކޮންޓްރޯލް ކޮށްފަ
ވަކަވަކަ
27 February 2019
މި ބިސާމް މީ ހާދަ ލަދެއް ހަޔާތެއްވެސް ނެތް މީހެކޭދޯ. މަހާ ގާބިލު މީހެއް ނެތް ކަމަށް ހިތާ އުޅުނެއް ކަމަކު މަގާމުގެ ޒިންމާ އުފުލަން ނޭގި އަދި ﷲ ގަންދީ ކުރި ހުވާ ބޮލާލާ ޖަހާފަ މިހުންނަނީ ފުފިފަ. މަންޖޭ އަދި އެބައޮތް ޔަގީން ދުވަހެއް އަންނަން
ކަރީމުއްދީން ބާޝާ
27 February 2019
މިބިސާމުދައްތައަކީ ހާދަ ވަރުގަދަ ކުއްޖެކޭދޯ.
ޕުއްޕު
27 February 2019
ޖާނުންވެސް
ބޯލްބޯއީ
27 February 2019
މަގާމަށްޓަކައި ކޮޅު ބަދަލު ކުރި ބިސާމްގެ ދަލުގަ މަޖިލީސް އެއްކޮށް ޖެހި ރާގު ބަދަލުވެއްޖެ. މިތާ ކޮމެންޓު ކުރާ އެމްޑީޕީ ކުދިންގެ އަނގައިގަ ޓޭޕްވެސް އަޅައިފި. ކޮބާ ދެއްކި ހާ ވާހަކަތައް؟ ޔާމީނު ބުނިހާ ބަޔަކަށް ދައުވާ ކޮށް އެތައް ބަޔަކަށް އަނިޔާދިން ބިސާމް މިއަދުވެސް ހުރީ.ތަފާތަކީ މަގާމަށްޓަކައި ޔާމިނަށް ދައުވާ ކުރިކަން. މިނިވަން ޕީޖީ އަކަށް އޭނަ ނުވާނެ. ޢިއްޔެވެސް އަޅު ޕީޖީ މިއަދުވެސް އަޅު ޕީޖީ. ބިސާމް އެހުރީ ކުރި ހުވާ ބޮލާލާ ޖަހާފަ.
މަވާސަލާމް
27 February 2019
ކޮބާ މެންބަރުންގެ އިޚްލާޞްތެރިކަން؟ ކޮބާ އިންސާފޭ ހަމައޭ ކީ އެންމެން.ކީ ހާ ޅެން ފަރިއްސަށް ވެ ނިމުނީ. ޔާމީނަށް ދައުވާ ކުރީމަ އެމްޑީޕީ މީހުނަށް ބިސާމް އަލިފަކަށް ވެއްޖެ. ގައުމަކީ ޔާމީނު އެކަންޔެއް ނޫން. ކޮބާ ބިސާމް އެހެން ރައްޔިތުންނަށް ކުރި އަނިޔާ. އޭސީސީ ރިޕޯޓް 2 އަހަރު އަޅާނުލާ ބޭއްވި ބޭއްވުން. މީގެން އިނގުނީ އިންސާފޭ ކިޔަނީ ރައްޔިތުންނަށް އޮޅުވާލަންކަން. ފަހަތުގަ އޮތީ ހަމައެކަނި ތިމާ އަމިއްލަ އެދުންކަން. ބިސާމް ވަރަަށް މަކަރުވެރި.