މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
27 އޯގަސްޓް 2016 - 09:03
ޒިއުރިކް (އޮގަސްޓް 27) - ޔޫރަޕުގެ ބޮޑު ހަތަރު ލީގުގެ ގަދަ ހަތަރު ޓީމަށް 2018 އިން 2021 އަށް ޗެމްޕިއަންސް ލީގުން ސީދާ ޖާގަ ދޭން ޔުއެފާ އިން ނިންމައިފި އެވެ.
މި ނިންމުމާ ގުޅިގެން ޔޫރަޕްގެ ވަރުގަދަ ލީގުތައް ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގާއި ޖަރުމަން ލީގު އަދި އިޓާލިއަން ލީގުން، 2018 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް ކޮންމެ ޗެމްޕިއަންސް ލީގެއްގައި ވެސް ހަތަރު ޓީމު ކުޅޭނެ އެވެ.
މީގެ ކުރިން ވެސް ސްޕެއިން، ޖަރުމަން އަދި އިންގްލެންޑުގެ ގަދަ ތިން ޓީމަށް ޗެމްޕިއަންސް ލީގުގެ ސީދާ ޖާގައެއް ލިބެ އެވެ. ހަތަރު ވަނައަށް ދާ ޓީމު ޖެހެނީ ޕްލޭއޮފް ކުޅޭށެވެ. އިޓާލިއަން ލީގުގެ ގަދަ ދެ ޓީމަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭއިރު، ތިން ވަނަ ޖެހެނީ ޕްލޭއޮފް ކުޅޭށެވެ.
ޔުއެފާ އިން މި ގޮތަށް ނިންމުމާ ގުޅިގެން ޔޫރަޕްގެ ދަށް ފަންތީގެ ލީގުތަކުގެ ކްލަބްތަކަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުން މަދުވާނެ އެވެ. ޔުއެފާ އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި ނިންމުމާ އެކު ޗެމްޕިއަންސް ލީގުގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށާއި ކްލަބްތަށް މާލީގޮތުން ރަނގަޅުވެ، މުބާރާތުގެ އަގުބޮޑުވާނެ ކަމަށެވެ.
ޔުއެފާ އިން ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ބަދަލު ގެނެސްފައި މިވަނީ ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން ސުޕަ ލީގެއް ފެށުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy